މުހިންމު ޤަވާއިދުތަކެއް
ޤުރުއާނުން އެންމެ ފުރިހަމަ ފައިދާ ލިބިގަންނަން ތިބާ ބޭނުންނަމަ، ޤުރުއާން ކިޔެވޭހިނދު ތިބާގެ ހިތާއި ކަންފަތް އެކަމަށް އެއްކޮށް ޙާޟިރުކުރާށެވެ. އަދި ﷲތަޢާލާ އެމީހަކަށް ޚިޠާބު ކުރައްވާ ބަސްވަޙީކުރައްވާ މީހެއްފަދައިން ތިބާ ހާޟިރުވާށެވެ. ފަހެ ހަމަކަށަވަރުން އެއީ އެއިލާހުގެ ޙަޟުރަތުން، އެއިލާހުގެ ރަސޫލާގެ ދޫފުޅުމައްޗަށް ބާވާލެއްވިގެންވާ، ތިބާއަށްވާ ޚިޠާބެކެވެ.
ﷲ ވަޙީކުރައްވައިފައި ވެއެވެ.
“إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ ﴿ق: ٣٧﴾”
މާނައީ: “ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ ޙާޟިރުވެހުރެ ކަނުލައި އަހާމީހަކަށް، އެކަންތައްތަކުގައި ޢިބުރަތެއް ވާކަން ކަށަވަރެވެ.”
އެހެންކަމުން ކަމެއްގެ އަޘަރު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވުން ބިނާވެގެން ވަނީ އަޘަރު ކުރުވައިދޭ އެއްޗަކާއި، އަޘަރު ކުރުވައިދޭ ތަނަކާއި، އަޘަރު ހާސިލްވުމަށް ބޭނުންވާ ޝަރުތުތަކާއި އަދި އަޘަރު ޙާސިލްވުމަށް ހުރަސްއަޅާ އެންމެހައި ކަންތައް މަނާ ކުރުމުގެ މައްޗަށެވެ. މިބަޔާންވި ހުރިހާކަމެއް އިސްވެދިޔަ އާޔަތުން ކުރުކޮށް މާފުރިހަމަކޮށް ބަޔާންވެފައިވެއެވެ.
އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ. “”إِنَّ فِي ذَٰلِكَ لَذِكْرَىٰ ﴿ق: ٣٧﴾”
މާނައީ: “ހަމަކަށަވަރުން އެކަންތައްތަކުގައި ޢިބުރަތެއް ވާކަން ކަށަވަރެވެ.”
މިތަނުގައި އިޝާރަތްކުރައްވައިފައި މިވަނީ ސޫރަތުގެ ފެށިގެން މިއާޔަތާއި ހަމައަށް ގެނެސްފައިވާ ވާހަކަތަކެވެ. އެއީ އަޘަރު ކުރުވާދޭ އެއްޗެވެ.
(މުތަރުޖިމުގެ ބަސް: މިއާޔަތުގެ ކުރީގެ އާޔަތް ތަކުގައި ބަޔާންވެފައި ވަނީ، ޤިޔާމަތުގެ ވާހަކައާއި، ޤިޔާމަތް ދުވަހު އަލުން ދިރުއްވާނެ ވާހަކައާއި އަދި އެކަމަށް ﷲތަޢާލާ ކުޅަދުނވަންތަ ކަމުގެ ވާހަކައާއި އަދި އެކަމަކީ އެއިލާހަށް މާބޮޑުކަމެއް ނޫންކަމަށާއި އިންސާނުން ބުނާ ބަހާއި ކުރާކަންތައްތައް ލިޔުއްވާކަމާއި މަރުގެ ސަކަރާތުގެ ވާހަކައާއި އަދި ސުވަރުގެ އާއި ނަރަކާގެ ވާހަކައާއި އަދި ވެސް މިފަދަ ޚަބަރުތަކުގެ ވާހަކައެވެ. މި ވާހަކަތަކަކީ އަޘަރު ކުރުވައިދޭއެއްޗެވެ. މި ފޮތުގައި އެއާޔަތްތަކުގެ ތަފްސީރަށް އަލިއަޅުވާލެވޭނެއެވެ. އިންޝާ ﷲ.)
އަދި އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.
” لِمَن كَانَ لَهُ قَلْبٌ ﴿ق: ٣٧﴾”
މާނައީ: “(އެކަމުގައި ޢިބުރަތްވަނީ) ހިތެއްވާ މީހަކަށެވެ.
މިއީ އަޘަރު ވަންނަންޖެހޭ މަހައްލެވެ. މިތަނުގައި ހިތުގެ މުރާދަކީ ﷲއާއިމެދު ވިސްނާ ފިކުރުކުރާ ދިރިހުރި ހިތެވެ.
އެއިލާހު ވަޙީކުރައްވައިފައިވާ ފަދައިންނެވެ.
“إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُّبِينٌ ﴿٦٩﴾ لِّيُنذِرَ مَن كَانَ حَيًّا ﴿٧٠﴾” ﴿سورة يس﴾
މާނައީ:”އެއީ ހަނދާންކޮށްދެނިވި ފޮތެއް ކަމުގައްޔާއި، ބަޔާންވެގެންވާ ޤުރުއާން ކަމުގައި މެނުވީ ނުވެއެވެ. އެއީ ދިރިހުރި މީހަކަށް އިންޒާރު ކުރެއްވުމަށްޓަކައެވެ.” އެބަޙީ ދިރިހުރި ހިތަކަށް އިންޒާރު ކުރެއްވުމަށްޓަކައެވެ.
އަދި އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.
” أَوْ أَلْقَى السَّمْعَ ﴿ق: ٣٧﴾”
މާނައީ: ” ނުވަތަ ކަނުލައި އަހާމީހަކަށެވެ.“
އެބަހީ އޭނާއަށް އެ ބުނެވޭ އެއްޗަކާއި މެދު ކަނުލައި އަޑުއަހާ މީހަކަށެވެ. ވާހަކައެއްގެ ހަޤީޤީ އަޘަރު ކުރުމުގެ ޝަރުތަކީ މިއީއެވެ.
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
“وَهُوَ شَهِيدٌ ﴿ق: ٣٧﴾”س
މާނައީ: “އަދި އޭނާ ހާޟިރުވެގެންވާ ހާލުއެވެ.”
އެބަހީ އޭނާގެ ހިތް ހާޟިރުކޮށްފައިވާ ހާލުއެވެ. ޣާފިޟުވެގެންވާ ހާލަކުނޫނެވެ.
އިބްނު ޤުތައިބާ ވިދާޅުވިއެވެ.
“ޣާފިލުކަމެއް ނެތި އޭނާ އޭނާގެ ހިތް ހާޟިރުކޮށްފައިވާ ހާލު އަދި ފަހުމްވާ ހާލު ﷲ ގެ ފޮތް ކިޔެވޭހިނދު ކަނުލައި އަޑުއަހާށެވެ.”[1]
މިތަނުގައި އިޝާރާތް ކުރެވިފައިމިވަނީ އަޘަރު ކުރުވުން މަނާކުރާ ކަންތައްތަކަށެވެ. އެއީ އޭނާއަށް ބުނެވުނު ބަހަކާއިމެދު ވިސްނާ ފިކުރު ކުރުމުން ހިތް ޣާފިލުކޮށްލުމެވެ.
ފަހެ އަޘަރު ކުރުވާދޭ އެއްޗަކީ ޤުރުއާނެވެ. އަދި އަޘަރު ކުރުވާ ތަނަކީ ދިރިހުރި ހިތެވެ. އަދި އަޘަރު ހާސިލްވުމަށް ބޭނުންވާ ޝަރުތުތަކީ ކަނުލައި އަޑުއެހުމެވެ. އަޘަރު ޙާސިލްވުމަށް ހުރަސްއަޅާ ކަންތައްތައް ނަފީކުރުމަކީ މުޚާޠަބުކުރެވޭ އެއްޗަކާމެދު ޣާފިލުވުމާއި އެނޫން އެހެން ކަމަކަށް އޭނާގެ ސިކުނޑި މަޝްޣޫލު ކޮއްލަނިވި ކަންކަން ނަފީކުރުމެވެ. ފަހެ މިކަންކަން ހޯދައިގެންފި މީހަކަށް އަޘަރު ޙާޞިލުކުރެވޭނެއެވެ. އެމީހަކަށް (ޤުރުއާނުން) މަންފާ ކުރާނެއެވެ. އަދި ޢިބުރަތް ޙާޞިލުކުރާނެއެވެ.
ފަހަރެއްގައި ބުނެފާނެއެވެ. އަޘަރު ޙާސިލްކުރެވޭނީ މިހުރިހާކަމެއް އެކުވެގެން ކަމުގައި ވާނަމަ އެތާނގައި (އެބަހީ އިސްވެދިއަ އާޔަތުގައި) (و)” އަދި” ގެނައުމުގެ ބަދަލުގައި (أو) “ނުވަތަ” (” أَوْ أَلْقَى السَّمْعَ ﴿ق: ٣٧﴾” މާނައީ:” ނުވަތަ ކަނުލައި އަހާމީހަކަށެވެ.”) ގެނެވިފައި އެވަނީ ކޮންގޮތަކުން ހެއްޔެވެ؟ މިތަނުގައި (أو) “ނުވަތަ” ގެ މުރާދަކީ ހުރިހާ އެއްޗެއް އެކުލެވިގެންވުން ހެއްޔެވެ؟ ނުވަތަ ދޭތިންކުރެއް އެއްކަމަކަށް އިޝާރާތް ކުރުންހެއްޔެވެ؟
ބުނެވެއެވެ. “މިއީ ވަރަށް ރަނގަޅު ސުވާލެކެވެ. އަދި މިފަދައިން ޖަވާބު ވެއެވެ. މިއާޔަތުގައި “ނުވަތަ” ހިމެނިފައި މިވަނީ މުޚާތަބް ކުރެވޭ މީހާގެ ހާލަތައް ރިޢާޔަތް ކޮށެވެ.
ފަހެ މީސްތަކުންގެ ތެރޭގައި ދިރިހުރި ހިތްލިބިގެންވާ މީހުންވެއެވެ. އަދި ހޭލުންތެރި މީހުންވެއެވެ. އަދި ފިޠުރަތު ފުރިހަމަ މީހުންވެއެވެ. ފަހެ އެފަދަމީހުން ވިސްނާ ފިކުރު ހިންގައިފިނަމަ، އެމީހެއްގެ ހިތާއި ސިކުންޑި، ޤުރުއާނުގެ ތެދުކަމަށް ދަލީލުކޮށްދޭނެއެވެ. އަދި އެއީ ޙައްޤުކަން އޭނާއަށް އެނގިގެންދާނެއެވެ. އަދި ޤުރުއާނުގައި ޚަބަރުދެއްވާފައި ކަންތައްތައް އޭނާގެ ހިތް ތެދުކުރާނެއެވެ. ޤުރުއާން އޭނާގެ ހިތުތެރެއަށް ވަދެގެންދިއުމުން ފިޠުރަތުގެ ނޫރުގެމައްޗަށް ނޫރު އިތުރުވެގެންދެއެވެ. ﷲތަޢާލާ މިފަދައިން (އަންނަނިވި އާޔަތުގައި) ވަހީކުރެއްވިފައިވާ މީހުންގެ ސިފައަކީ މިއީއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
“وَيَرَى الَّذِينَ أُوتُوا الْعِلْمَ الَّذِي أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ الْحَقَّ ﴿سبإ: ٦﴾”
މާނައީ: “ކަލޭގެފާނުގެ ވެރިއިލާހުގެ ޙަޟުރަތުން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ ޙައްޤު ބަސްފުޅު ކަމުގައި، އެއުރެންނަށް ޢިލްމު ލިބިގެންވާ މީހުން ދެކޭނެތެވެ.”
އަދި އެބައި މީހުންގެ ޙައްޤުގައި އެއިލާހު ވަޙީކުރެއްވިއެވެ.
” اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ الْمِصْبَاحُ فِي زُجَاجَةٍ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ نُّورٌ عَلَىٰ نُورٍ يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ ﴿النور: ٣٥﴾”
މާނައީ: “ﷲއީ، އުޑުތަކާއި، ބިމުގެ ނޫރެވެ. އެއިލާހުގެ ނޫރުފުުގެ މިޘާލަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ މިޘާލެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި، ﷲ އެއިލާހު އިރާދަކުރެއްވި މީހަކަށް، އެއިލާހުގެ ނޫރުފުޅަށް މަގުދައްކަވަތެވެ. އަދި ﷲ، މީސްތަކުންނަށް މިޘާލުތައް ޖައްސަވައިދެއްވަތެވެ. ﷲއީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.”
ވަޙީގެ މައްޗައް ބިނާވެފައިވާ ނޫރަކީ މިއެވެ. މިއީ ހޭލުންތެރި، ދިރިހުރި ހިތުގެ އަހުލުވެރިޔާގެ ޙާލެވެ. މިއާޔަތުގައި އެކުލެވިގެންވާ ސިއްރުތަކާއި އިބްރަތްތައް “اجتماع الجيوش الإسلامية علي غزو المعطلة والجهمية” މިފޮތުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެއެވެ.
ހިތުގެ ވެރިޔާ އޭނާގެ ހިތާއި ޤުރުޢާނުގެ މާނަ އެއްކޮށް ޖަމަޢަކުރާނެއެވެ. ފަހެ އޭނާގެ ހިތުގައި އެ ޤުރުއާން ލިޔެވިފައިވާ ފަދައިން އޭނާއަށް ފެންނާނެއެވެ. ފަހެ އޭނާ ކިޔަވަމުންދަނީ ޤުރުއާން އޭނާގެ ހިތުތެރެއިން ފާޅުވެގެންދާ ފަދަ ގޮތަކަށެވެ. (އެބަހީ އޭނަ ކިޔަވަމުންދާއިރު ޤުރުޢާނުގެ މާނަ އެނގިގެންވާ ހާލު އޭގެ އަޘަރު އޭނާއަށް ކުރަމުންދާހާލު ކިޔަވާނެއެވެ.)
(ފަހުމްވުމާއި ވިސްނާ ފިކުރުކުރުމަށް) މީސްތަކުންގެ ތެރެއިން ބައެއް މީހުންގެ ހިތްތަކަކީ ފުރިހަމައަށް ތައްޔާރުވެ ހޭލުންތެރިވެފައިވާ، އަދި ފުރިހަމައަށް ދިރިވެގެންވާ ހިތްތަކެއް ނޫނެވެ. އެފަދަ ހިތްތަކަށް ޙައްޤާއި ބާތިލް ވަކިކޮށްދެނިވި ހެއްކެއް ބޭނުންވެގެން ވެއެވެ. މިފަދަ ހިތެއްގެ ދިރުމާއި އަލިކަމާއި ފިތުރަތުގެ ސާފުކަން ކުރިން ބަޔާންވެދިޔަ ދިރިހުރި ހިތުގެ ވެރިޔާއާއި އެއްވަރަށް ފޯރާފައެއް ނުވެއެވެ. މިދެންނެވި މީހުން ހިދާޔަތާއި ހަމައަށް ވާސިލްވެވެން އޮތް މަގަކީ ޤުރުއާން ކަނުލައި އަޑުއެހުމަށް ހުސްވެގަތުމެވެ. އަދި އޭނާގެ ހިތުން ޤުރުޢާނުގެ އާޔަތްތަކާއި އޭގެ މާނައާއި މެދު ފުންކޮށް ވިސްނާ ފިކުރުކުރުމެވެ. އެހާރުން އޭނާއަށް ޤުރުޢާނަކީ ޙައްޤުކަން އެނގިގެންދާނެއެވެ.
އެންމެ ފުރަތަމަ ބަޔާންކުރެވުނު (ދިރިހުރި ހިތުގެ ވެރިޔާ) ވަނީ އޭނައަށް ގޮވައިލެވުނު ކަންތައްތަކާއި އަދި ޚަބަރުދެވިގެންވާ ކަންތައްތައް ލޮލަށް ފެންނަފަދަ ހާލުގައެވެ.
ދެވަނަ މީހާ ވަނީ، އޭނާއަށް ޙަބަރު ގެނެސްދިން މީހާގެ ތެދުވެތިކަމާއި މެދު ޔަޤީންކުރާ ހާލުގައެވެ. އަދި ބުނެއެވެ. “އޭނާ ގެނެސްދިން ޙަބަރު ތިމަންނައަށް ފުދެއެވެ.” ފަހެ އޭނާ ވަނީ އީމާންކަމުގެ ދަރަޖައިގައެވެ. ފުރަތަމަ ބަޔާންކުރެވުނު މީހާ ވަނީ އިޙްސާންކަމުގެ ދަރަޖައިގައެވެ. އަދި މިފަދަ މީހާ ވަނީ (علم اليقين) ޔަޤީންކަމުގެ އިލްމާއި ހަމައަށް ފޯރާފައެވެ. އަދި އޭނާގެ ހިތްވަނީ عين اليقين (ޔަޤީން ކަމުގެ ދުށުމާއި) ހަމައަށް ފޯރާފައެވެ. ފަހެ އޭނާވަނީ ގަދަވެގެންވާ ތެދުކުރުމަކުން ތެދުކޮށްފައެވެ. މި ތެދުކުރުން އޭނާ ކުފުރުން ނެރެ އިސްލާމްދީނަށް ވެއްދިއެވެ.
عين اليقين (ޔަޤީން ކަމުގެ ދުށުން) ދެބަޔަކަށް ބެހިގެންވެއެވެ. ދުނިޔޭގެ ޔަޤީން ކަމުގެ ދުށުމާއި، އާޚިރަތުގެ ޔަޤީން ކަމުގެ ދުށުމެވެ. ދުނިޔޭގެ ޔަޤީންކަމުގެ ދުށުން ލޮލަށް ފެންނަ ފަދައިން ހިތުން އޭނާ ދެކެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣައިބުގެ ގޮތުގައި ދެއްވާފައިވާ ޚަބަރުތައް އާޚިރަތުގައި އޭނާއަށް ހަމަލޮލުން ފެންނާނެއެވެ. ދުނިޔޭގައި އެކަންތައްތައް ފެންނާނީ ހިތުގެ ފެނުމަކުންނެވެ.
الإمام ابن القيمގެ الفوائدގެ ދިވެހި ތަރުޖަމާ
[1] تفسير غريب القرآن ص 419