ޤަވާޢިދު: الفَتْوَى تَخْتَلِفُ بِاخْتِلَافِ الأَشْخَاصِ وَالأَحْوَالِ وَالأَمَاكِنِ وَالأَزْمَانِ
މި ޤަވާޢިދުގެ ތަރުޖަމާ: {މީހުންނާއި ހާލަތްތަކާއި ތަންތަނާއި ޒަމާންތައް ތަފާތުވުމުން ފަތުވާ ތަފާތުވޭ}
މި ޤަވާޢިދުގެ މުރާދު: ފަތުވާއަކީ، ޢަމަލުކުރަން މަޖުބޫރުކުރުމެއްނެތި، ޝަރުޢީ ޙުކުމެއްގެ ޚަބަރުދިނުމެވެ. ފަތުވާ ބަރޯސާވަނީ ކަންކަން ހިނގަމުންދާ ގޮތުގެ މައްޗަށް ޝަރުޢީ ޙުކުމް ކަނޑައެޅުމަށްކަމުގައިވާއިރު، އެއިން ލާޒިމުކުރަނީ، ކަމެއް ހިނގާ ގޮތް ބަދަލުވުމުން ނުވަތަ ފަތުވާ ނެރުނުއިރު ބެލި ކަންކަން ތަފާތުވުމުން ފަތުވާ ވެސް ބަދަލުވުމަށެވެ.
މި ޤަވާޢިދުގައި އެ ހަތަރު ކަމެއް ތަފާތުވުމުން ފަތުވާ ތަފާތުވާނެކަމަށް ބުނެފައިވާ ހަތަރު ކަންތަކުގެ ތެރެއިން، ޒަމާންތަކާއި ތަންތަނާއި މީހުންނަކީ، ފަތުވާ ލިބިގަންނަ ފަރާތާއި އެ މާޙައުލާ ގުޅިފައިވާ ކަންކަމެވެ. އަދި އޭގެ ތެރެއިން، ހާލަތްތަކަކީ، ފަތުވާނެރޭ ފަރާތާއި ފަތުވާ ލިބިގަންނަ ފަރާތާއި ވެސް ގުޅިފައިވާ ކަމެކެވެ.
މުފްތީ ނުވަތަ ފަތުވާނެރޭ ފަރާތުގެ ހާލަތް ބަދަލުވުމުގެ މިސާލަކީ، މުފްތީ އެ ފަތުވާ ބިނާކުރި ދަލީލަށް ބަދަލުއައުމެވެ. އެގޮތުން، ފަތުވާ ނެރުނުއިރު، މުފްތީގެ ނަޒަރުގައި ޞައްޙަކަމަށް ހީވާ ޙަދީޘަކަށް އެ ފަތުވާ ބިނާކޮށްފައި އޮވެދާނެއެވެ. އެހެންނަމަވެސް، ފަހުން އެ ޙަދީޘަކީ ޟަޢީފު ޙަދީޘެއްކަން އެ ބޭފުޅާއަށް ބަޔާންވެދާނެއެވެ. ނުވަތަ މީގެ އިދިކޮޅަށް ކަންތައް ހިނގައިދާނެއެވެ. މި ޙާލަތުގައި މުފްތީއަށް އޭނާގެ ފަތުވާ ބަދަލުކުރަންޖެހިދާނެއެވެ.
ޒަމާން ބަދަލުވެ މަޢުލޫމާތު ބަދަލުވުމުން ފަތުވާ ބަދަލުވުމުގެ މިސާލަކަށް، ސިނގިރޭޓު ބުއިމުގެ ޙުކުމެވެ. ސިނގިރޭޓު އުފެދިގެންއައިއިރު ފިޤުހު ޢިލްމުވެރިންގެ ތެރެއިން އެއްބައި ބޭފުޅުން އެ ބުއިން ޙަރާމްކަމަށް އަދި އަނެއްބައި ބޭފުޅުން އެ ބުއިން މަކުރޫހުކަމަށް ވިދާޅުވެ އުޅުއްވިއެވެ. އޭރު ސިނގިރޭޓުގެ ގެއްލުން އެހާ ރަނގަޅަށް ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް، ޒަމާން ބަދަލުވެ ކުރެވުނު ތަޙުލީލުތަކާއި ފެންނަމުންދާ އަސަރުތަކަށް ބިނާކޮށް ސިނގިރޭޓުން ނުހަނު ބޮޑު ގެއްލުމެއް ލިބޭކަމާ މެދު ހުރިހާ ޑޮކްޓަރުންނަށް ވެސް އިޤުރާރުވެވިފައިވާތީ، ކުރިން ސިނގިރޭޓު ބުއިން މަކުރޫހުކަމަށް ދެކެވަޑައިގެންނެވި ބޭފުޅުންނަށް ވެސް އެ ބޭފުޅުންގެ ފަތުވާ ބަދަލުކޮށް، ސިނގިރޭޓު ބުއިން ޙަރާމްކަމަށް ބުނަންޖެހިފައިވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =