[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔަރަތު ފިލާވަޅު 2

ރަސޫލުﷲ صلى الله عليه و سلم ދުނިޔޭގެއަލިކަން ދެކެވަޑައިގަތުން:

އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މައްކާގައެވެ. އެއަހަރަކީ ޢާމުލް ފީލްއެވެ. ޙަބުޝްކަރައިގެ އަބުރަހާ ނަމަކަށްކިޔުނު ވެރިޔަކު މާއްކާގައިވާ ގެފުޅު ތަޅާލަން އައި އަހަރެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ ރަބީޢުލް އައްވަލްމަހެއެއްގެ ހޯމަ ދުވަހެއްގައެވެ. އެއީ ރަބީޢުލް އައްވަލްމަހުގެ 2 ވަނަ ދުވަސްކަމުގައި ބުނެވެއެވެ. އަދި 8 ވަނަ ދުވަސަކަމުގައިވެއް ބުނެވެއެވެ. އަދި 10 ވަނަ ދުވަސްކަމުގައިވެސް ބުނެވެއެވެ. އަދި 12 ވަނަ ދުވަސްކަމުގައިވެސް ބުނެވެއެވެ. އިލްމުވެރިން ވަނީ ދުވަސްކަނޑައެޅުމުގައި ޚިލާފުވެވަޑައިގެންފައެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަސް ސީދާ އެނގޭކަށްނެތެވެ. އަދި އެދުވަހާއި ދިމާވަނީ މީލާދީ ގޮތުން571 ވަނަ އަހަރުގެ އެޕްރީލް 20 ނުވަތަ 22 ވަނަ ދުވަހެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަންދެކެވަޑައިގަތުމުން ދުނިޔޭގެ ތަންތާނގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވެއެވެ.

އިމާމް އަޙްމަދާއި އެހެނިހެން ބޭކަލުން ޢިރްބާޟު ބިން ސާރިޔާގެ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. (( إِنِّي عَبْدُ اللَّهِ فِي أُمِّ الْكِتَابِ لَخَاتَمُ النَّبِيِّينَ ، وَإِنَّ آدَمَ لَمُنْجَدِلٌ فِي طِينَتِهِ ، وَسَأُنَبِّئُكُمْ بِتَأْوِيلِ ذَلِكَ ، دَعْوَةُ أَبِي إِبْرَاهِيمَ ، وَبِشَارَةُ عِيسَى قَوْمَهُ ، وَرُؤْيَا أُمِّي ، ألَّتِيْ رَأَتْ أَنَّهَ خرج منها نُورًا أَضَاءَتْ لَهُ قُصُورُ الشَّامِ وَ كَذَالِكَ تَرَى أُمَّهَاةُ النَّبِيِّيْنَ صَلَوَاةُ اللهِ عَلَيْهِمْ  )) މާނައީ: ”  (އާދަމްގެފާނު ޚަލްޤުކުރެއްވުމުގެ ކުރިން) ބިމުގައިވާ މަށިކަމުގައި އާދަމްގެފާނު ވީއިރުވެސް ﷲ ގެ ހަޟުރަތުގައި ނަބީކަން ޚަތިމްކުރައްވާ ﷲ ގެ އަޅާކަމުގައި ތިމަންކަލޭގެފާނު ލިޔެވިގެންވެއެވެ. އަދި ތިމަންކަލޭގެފާނު ތިޔަބޭކަލުންނަށް ޚަބަރުދެއްވަމެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމްގެފާނުގެ ދުޢާއެވެ. (އެބަހީ: ދުޢާގެ ނަތީޖާއެވެ.) އަދި ޢީސާގެފާނު އެކަލޭގެފާނުގެ ޤައުމަށް ދެއްވި އުފާވެރިކަމުގެ ޚަބަރެވެ. އަދި ތިމަންކަލޭގެފާނުގެ މަންމައަށް، ތިމަންކަލޭގެފަނު އުފަންވެވަޑައިގެންނެވި ވަގުތު ޝާމްގެ ގަނޑުވަރުތަކަށް ވިދުންގެނުވި އަލިގަދަ ނޫރެއް އެކަމަނާގެ ހަށިކޮޅުން ނުކުމެގެންދާތީ ހުވަފެނުގައި ފެނުނެވެ. މިގޮތަށް މާތްﷲ ޞަލަވާތްލެއްވި ހުރިހާ ނަބީބޭކަލުންގެ މަންމާފުޅުންނަށްވެސް ފެނިވަޑައިގަންނަވައެވެ.” މިޙާދީޘްގައިވާ އިބްރާހީމްގެފާނު ކުރެއްވި ދުޢާ ސޫރަތުލް ބަޤަރާގެ 129 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( رَبَّنَا وَابْعَثْ فِيهِمْ رَسُولا مِنْهُمْ ) މާނައީ: ” އޭ އަޅަމެންގެވެރި ރައްބެވެ! އެބައިމީހުންގެ ތެރެއިން އެބައިމީހުންގެ ގާތަށް ރަސޫލަކު ފޮނުއްވާނދޭވެ. “ އަދި ޢީސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދެއްވި އުފާވެރިކަމުގެ ޚަބަރު ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ( وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ ) الصف 6 މާނައީ: ” އަދި ތިމަންކަލޭގެފާނަށްފަހު އަޙްމަދު އެވެ ނަމަކަށް ކިއުނު ރަސޫލަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. “

އަދި ﷲ ބަރަކާތްލައްވާފައިވާ އެ މާތް ދަރިކަލުން ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه و سلم އެކަލޭގެފާނުގެ މަންމާފުޅުގެ ބެލުމުގެދަށުގައި ލޯތްބާއި އަޅާލުމުގައި މަދުދުވަސްކޮޅަކު އޮންނެވިއެވެ. އަދި އެކަމަނާ މަދުދުވަސްކޮޅަކަށް އެކަލޭގެފާނަށް ކިރުފޮދުއެރުއްވިއެވެ. އެއަށްފަހު ޠާއިފްގެ ބޭކަނބަލެއްކަމުގައިވާ ޙަލީމަތު ބިންތި ސަޢުދަށް އެކަލޭގެފާނަށް ކިރުފޮދުއެރުވުން ޙަވާލުކުރެވުނެވެ. ޤުރައިޝުންގެ އާދަކާދައިގެ މަތިންނެވެ. އެމީހުން އެމީހުންގެ ދަރިން ކިރުމައިންނާއިއެކީ ރަށްފުށު ހިސާބަށް ފޮނުވާލައެވެ. މިގޮތުން ލޮބުވެތި ނަބިއްޔާ صلى الله عليه و سلم ގެންދެވުނީ ބާދިޔަތު ބަނީ ސަޢުދަށެވެ. ރަށްފުށު ހިސާބުތަކަށް މިގޮތަށް ފޮނުވުމުގެ ބޭނުންތައް ވަރަށްގިނައެވެ. ރަށުގައި އޮންނަ ބަލިމަޑުކަމުން ކުދިން ސަލާމަތްކުރުމާއި ކުދިންގެ ހެދިބޮޑުވުމުގައި ހަށިގަނޑު ވަރުދަގަވުމާއި އެކުދިންނަށް ޢަރަބި ބަސް ރަނގަޅަށް ދަސްކޮށްދިނުމަށްޓަކައެވެ. ރަށްފުށުމީހުން ނުވަތަ ބާދިޔާގެ އަލުހުވެރިންގެ ބަސްމަގަށް އަޖްނަބީ ބަސްތައްވަދެ ބަސް ފަސާދަވެފައި ނުހުރެއެވެ.

ރަސޫލުﷲ صلى الله عليه و سلمގެ ކިރުމައިކަނބަލުންނާއި ޅައުމުރުފުރާގައި ބެލެހެއްޓެވި ބޭކަނބަލުން:

ރަސޫލުﷲ صلى الله عليه و سلم ގެ ޅަދުވަސްވަރުގައި އެކަލޭގެފާނުގެ މަންމާފުޅުގެ އިތުރުން 2 ބޭކަނބަލަކު އެކަލޭގެފާނަށް ކިރުފޮދުއެރުއްވިއެވެ. އެ ދެ ބޭކަނބަލުންނަކީ އަބޫ ލަހަބުގެ އަޅު ޘުވައިބަތުގެފާނާއި، ޙަލީމަތުއް ސަޢްދިއްޔާ އެވެ.

އެކަލޭގެފާނު ޅައުމުރުފުރާގައި ބެލެހެއްޓެވި ބޭކަނބަލުންގެ ތެރޭގައި އެކަލޭގެފާނުގެ އަސްލު މަންމާފުޅު އާމިނަތުގެފާނާއި، ކިރުމައިކަމަނާ ޘުވައިބަތުގެފާނާއި ކިރުމައިކަމަނާ ޙަލީމަތުއް ސަޢްދިއްޔާއާއި އެކަމަނާގެ ދަރިކަނބަލުން އައްޝައިމާގެފާނުވެސް ހިމެނިވަޑައިގަންނަވައެވެ.

އަދި ޙަބަޝާގެ ބޭކަނބަލެއްކަމުގައިވާ އުއްމު އައިމަން ވެސް އެކަލޭގެފާނު ޅައުމުރުފުރާގައި ބެލެހެއްޓެވި ބޭކަނބަލުންގެ ތެރޭގައިހިމެނެއެވެ. އުއްމު އައިމަން އަކީ އެކަލޭގެފާނުގެ ބައްޕާފުޅު އަބްދުﷲގެފާނުގެ އަޅުބޭކަނބަލެކެވެ. އެކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްއަށް އަމިލްލަފުޅު ދަރިއެއްގެ ލޯބިދެއްވިއެވެ. އަދި އެގޮތަށް ޢަމަލުފުޅު ބެހެއްޓެވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް އެކަމަނާ އާއިމެދު މަންމައެއްގެ މުޢާމަލާތުން މުޢާމަލާތްކުރެއްވިއެވެ. އެކަމަނާއަށް ހެޔޮކޮށްހިއްތެވިއެވެ. އަދި އެކަމަނާއަށް އޯގާތެރިވެވަޑައިގެންނެވިއެވެ. އަދި އެކަމަނާއަށް ލޯބިދެއްވިއެވެ.

 

މިފިލާވަޅުގެ ސުވާލުތައް:

1-       ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގެންނެވި ދުވަހެއް ސީދާ އެނގެން އެބައޮތްތޯއެވެ؟

2-       ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކިރުމައިކަނބަލުންގެ ޢަދަދު ކިހާވަރެއްތޯއެވެ. އަދި އެ ބޭކަނަބަލުންގެ ނަންތަކަކީ ކޮބާ؟

3-       ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޅައުމުރުފުރާގައި ބެލެހެއްޓެވީ ކިތައް ބޭކަނބަލުންތޯއެވެ. އަދި އެ ބޭބޭކަނބަލުންގެ ނަންތަކަކީ ކޮބާ؟

4-       ޤުރައިޝުން އެމީހުންގެ ދަރިންގެ ޅައުމުރުފުރާގައި ރަށްފުށު ހިސާބުގައި ދިރިއުޅުން ހޭދަކުރުމަށް ފޮނުވާ ސަބަބުތައް ބަޔާންކުރޭ!

5-       އުއްމު އައިމަން އަކީ ކޮންބޭކަނބަލެއް؟

މފިލާވަޅުގެ  އެހެން ބައިތައް ބެއްލެވުމަށް