އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ الَّذِينَ ءَامَنُواْ وَعَمِلُواْ الصَّلِحَتِ أُوْلَئِكَ هُمْ خَيْرُ الْبَرِيَّةِ﴾
މާނައީ: “ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނައެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ”.
ކީރިތި ޤުރުއާނަކީ މަޘާނީގެ ނަމުން ނަންދެވިފައިވާ ފޮތެކެވެ. އެފަދައިން ނަން ދެވުނީ ކަމެއްގެ ވާހަކަދެއްކުމަށްފަހު އޭގެ އަނެއްކޮޅުގެ ވާހަކަވެސް ބަޔާންކުރައްވާތީއެވެ. ނަރަކައިގެ އަހަލުވެރިންގެ ވާހަކަދެއްކެވުމަށްފަހު ސުވަރުގޭގެ އަހަލުވެރިންގެ ވާހަކަ ބަޔާންކުރައްވައެވެ. ބިރުވެރިކަމުގެ އާޔަތްތައް ބަޔާންކުރެއްވުމަށްފަހު އުންމީދުގެ އާޔަތްތައްވެސް ބަޔާންކުރައްވައެވެ. އެހެނިހެން ކަންކަމުގައިވެސް މިފަދައިންނެވެ. އެކަމުގެ ބޭނުމަކީ އުންމީދާ ބިރުވެރިކަމުގެ މަތީގައި ﷲ ގެ ޙަޟްރަތަށް އިންސާނާ ދަތުރުކުރުމެވެ. އޭގެ ސަބަބަކީ އިންސާނާ ފޫހިނުވުމެވެ. ފަހެ ހަމަކަށަވަރުން އުސްލޫބުތަފާތުވެ އެކިތަންތަނުގައި ތަފާތު ގޮތްތަކަށް ގެނައުމަކީ ނަފްސަށް ބާރާއި އާރޯކަން ލިއްބައިދޭނެ ކަމެކެވެ. އެއާ ޚިލާފަށް އެއްހަމައެއްގައި އަބަދު ވާހަކަދެއްކޭނަމަ އޭގެ ސަބަބުން އިންސާނާ ފޫހިވެސް ވެދާނެއެވެ. އަދި އޭނާގެ ނަފްސަށް އޭގެ ސަބަބުން އެއްވެސް އަޘަރެއް ނުކޮށްފާނެއެވެ.
ފަހެ އަޅުތަކުންކުރެ އެންމެ ހެޔޮ މީހުންނަކީ އީމާންވެ ޞާލިޙު ޢަމަލުކުރި މީހުންނެވެ. އެބައިމީހުންވަނީ ހަތަރު ދަރަޖައެއްގައެވެ. އެކަންވަނީ ﷲ ތަޢާލާ ބަޔާންކުރައްވާފައެވެ. ވަޙީކުރެއްވިއެވެ.
﴿وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ﴾ [النساء: 69]
މާނައީ: ” ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނައެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ.”
މިއީ މުއުމިނުންގެ ހަތަރު ދަރަޖައެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ ނަބީކަމެވެ. އަދި ނަބީ ކަމުގެ އެންމެ މަތީ ދަރަޖައަކީ ރަސޫލުކަމެވެ.
ދެން އެއަށްފަހުގައިވަނީ ޞިއްދީޤުންނެވެ. ޞިއްދީޤުންގެ އެންމެ މަތީ ދަރަޖައިގައިވަނީ އަބޫ ބަކުރު އައްޞިއްދީޤު رضي الله عنه އެވެ.
ތިންވަނަ ދަރަޖައިގައިވަނީ الشهداء އިންނެވެ. އެއީ ޢިލްމުވެރިންކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ﷲ ގެ މަގުގައި ހަނގުރާމަކޮށް މަރުވި ބޭކަލުންކަމުގައިވެސް ބުނެވެއެވެ. މިދެމާނައަށްވެސް މިއާޔަތުން އިޙްތިމާލު އެބައޮތެވެ. އަދި އެދެމާނައިގައި ފުށުއެރުމެއް ނެތެވެ. ފުށުއެރުމެއް ނެތި އާޔަތަކުން ދެމާނަ ނެގޭނަމަ ތަފްސީރު ޢިލްމުވެރިންނަށް އެންމެ އެކަށީގެންވަނީ އެ މާނަވެސް ނެގުމެވެ. އެހެންކަމުން މިތަނުގައި الشهداء އިންނަކީ ޢިލްމުވެރިންނާއި ﷲ ގެ މަގުގައި ޤަތުލުވެގެން ދިޔަ ބޭކަލުންނެވެ. ނަބީ ބޭކަލުންނަށް ތަބާވީ ބޭކަލުންގެ ތެރެއިން މިބޭކަލުންވަނީ ދަރަޖައިގެ ގޮތުން އެންމެ މަތީގައެވެ. އެއީ ޞިއްދީޤުން ފިޔަވައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الصَّالِحِينَ﴾
އެއީ މިދަރަޖަތަކުގެ ތެރެއިން އެންމެ ތިރި ދަރަޖައެވެ.
ފަހެ އީމާންވެ ޞާލިޙުޢަމަލުކުރި މީހުންގެ ދަރަޖަތައް ތަފާތުވިޔަސް އެއެންމެންވެސްވަނި އެންމެ ހެޔޮ މަޚްލޫޤުންގެ ތެރެއިންނެވެ. ދެން އެއަށްފަހުން އެބައިމީހުންގެ ޖަޒާ ﷲ ތަޢާލާ ބަޔާންކުރެއްވިއެވެ.
= ނުނިމޭ =
_________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة البينة ގެ ތަފްސީރުގެ ތަރުޖަމާއެވެ.