﴿وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴾
މާނައީ: “އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރައްބު، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ”.
﴿وَلَسَوْفَ﴾ މިވާ ލާމަކީވެސް ޔަޤީންކަމާއި ކަށަވަރުކޮށްދިނުމުގެ ލާމެކެވެ. މިއަށް ޢަރަބިން ކިޔަނީ موطئة للقسم އެވެ. އަދި سَوْفَ ދަލީލުކޮށްދެނީ މުސްތަޤްބަލުގެ ކޮންމެވެސް ވަޤުތެއްގައި ނުވަތަ ޒަމާނެއްގައި ވާނެކަމެކެވެ.
﴿يُعْطِيكَ﴾ އެއީ: ކަލޭގެފާނު ރުހިވަޑައިގަންނަވާނެ އެއްޗެއް ކަލޭގެފާނަށް ދެއްވާނެކަމެވެ. އަދި އެއަށް ކަލޭގެފާނު ރުހޭނެތެވެ. އެފަދައިން ﷲ تعالى މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް އެކަލޭގެފާނު ރުހިވަޑައިގަންނަވާ ތަކެތި ދެއްވިއެވެ.
ހަމަކަށަވަރުން ޤިޔާމަތް ދުވަހު އެކަލޭގެފާނު ޙަމްދު ލިބިވޮޑިގެންވާ މަޤާމަށް ފޮނުއްވޭނެތެވެ. އެންމެ ކުރީންނާއި ފަހުންވެސް އެތަނަކަށް ޙަމްދު ލިބިގެންވާ ތަނެވެ. އެކަލޭގެފާނު ވާޞިލްވީ ތަނަށް ނަބީންނާއި އަދި ރަސޫލުންކުރެ އުލުލް ޢަޒްމުގެ ބޭކަލުންނަށްވެސް ވާޞިލްނުވެވޭނެތެވެ. ޤިޔާމަތްދުވަހުގައި މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ދަތިވެ އުނދަގޫވުމުން އެކަކު އަނެކަކުގެ ގާތަށް ﷲ ގެ ކިބައިން ޝަފާޢަތަށް އެދުމަށް އެދި ދާނެތެވެ. އެގޮތުން އާދަމްގެފާނު، އެއަށްފަހު ނޫޙުގެފާނު، އެއަށްފަހު އިބްރާހީމުގެފާނު، އެއަށްފަހު މޫސާގެފާނު، އެއަށްފަހު ޢީސާގެފާނުގެ އަރިހަށް ދާނެއެވެ. ފުރަތަމައީ އެންމެހައި ދަރިންގެ ބައްޕައެވެ. އަދި ނޫޙް އިބްރާހީމް މޫސާ ޢީސާ މިހަތަރު ބޭކަލުންނީ އުލުލް ޢަޒުމްގެ ބޭކަލުންނެވެ. – އެބޭކަލުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. – ހުރިހާ ބޭކަލުންވެސް މީސްތަކުންނަށްޓަކައި ޝަފާޢަތްތެރިވުމަށް ޢުޛުރުވެރިވެވަޑައިގަންނަވާނެތެވެ. މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް އާއި ހަމައަށް ވާޞިލްވުމުން އެކަލޭގެފާނު ތެދުވެވަޑައިގެން ޝަފާޢަތްތެރިވެވަޑައިގަންނަވާނެއެވެ. ހަމަކަށަވަރުންވެސް މިދެއްވެވި ދެއްވުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއްވެސް ޚަލްޤަކަށް ދެއްވާފައިނުވާ މަތިވެރި ދެއްވުމެކެވެ. އެއަށްފަހު ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ކުރިން ދެއްވެވި ނިޢުމަތްތަކާއި ފަހުން ދެއްވާނެ ނިޢުމަތްތައް ބަޔާންކޮށްދެއްވިއެވެ.
= ނުނިމޭ =