﴿ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴾
މާނައީ: “އަދި ފަޤީރަކުކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.“
އެއްވެސް އެއްޗެއް މިލްކުގައި ނެތް ފަޤީރެއްކަމުގައި ކަލޭގެފާނު ވަނިކޮށް ތިމަން ﷲ ދެކެވޮޑިގެންނެވީމުއެވެ.
﴿فَأَغْنَىٰ ﴾ ދެން ތިމަން ﷲ ކަލޭގެފާނު މުއްސަންދިކޮށްދެއްވީމެވެ. އަދި ކަލޭގެފާނު އެއިން މުއްސަންދިވިއެވެ. ﷲ ވަޙީކުރެއްވިއެވެ.
﴿وَعَدَكُمُ اللَّـهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا﴾ [سورة الفتح 20]
މާނައީ:”ތިޔަބައިމީހުންނަށް ލިބޭނެ ގިނަ ޣަނީމާ މުދާތަކެއް، ތިޔަބައިމީހުންނަށް اللَّه ވަޢުދުކުރައްވާފައިވެެއެވެ.”
މުސްލިމުން ކާފަރުންގެ ކިބައިން ކަނޑީގެ ހިޔަލުގެ ދަށުގައި ގިނަގުނަ ޣަނީމާތަކެއް ޣަނީމާކޮށްފައިވެއެވެ. މިމާތްވެގެންވާ ގިނަގުނަ ޣަނީމާ މުދާތަކެއް ލިބުމުގެ ސަބަބަކީ އޯގާތެރި ރަސޫލުﷲ ޞައްލައްﷲ ޢަލައހި ވަސައްލަމް އެދެއްކެވި ހިދާޔަތުގައި ހިފި ހިފުމެވެ. އެކަލޭގެފާނުގެ ސުންނަތުގައި ހިފުމުން ﷲ އެބައިމީހުނަށް އެކަމުގެ މައްޗަށް ނަޞްރު ދެއްވައި އަދި ދުނިޔޭގެ އިރުމައްޗާއި ހުޅަނގުން އެބައިމީހުން ޣަނީމާކުރެތެވެ. އިސްލާމީ އުންމަތް ސަލަފުއްޞާލިހުންގެ ގޮތަށް ރުޖޫޢަވެއްޖެނަމަ ނަޞްރުވެސް އަދި ތަނަވަސްކަމާއި ޢިއްޒަތާއި ބާރުވެސް އެބައިމހުންނަށް އިޢާދަވާނެތެވެ. އެހެނެއްކަމަކު ހިތާމަޔަކީ މިއަދު މުސްލިމް އުންމަތުގައި އިސްލާމީ އުންމަތައް ނަޞްރުލިބުމަށް އޮތް ގޮތްތައް ދޫކޮށްލައި އޭގެ ބަދަލުގައި އެމީހެއްގެ އަމިއްލަ ނަފްސުގެ އެދުންނަތައް އިސްކުރުމެވެ.
އިސްލާމް ދީން ކުރިއެރުމުވުމުގެ ބޭނުމުގައި ކަމަށްބުނެ ބައެއް މީހުން ކޮށްފައިވާ ކަންތައްތަކުން ޙަޤީގަތުގައި އެއީ މުސްލިމުންގެ އަގު ވައްޓާލުމަށްޓަކައި ކޮށްފައިވާ ކަންތައްތަކެއްކަން އަހަރުމެންނަށް އޮޅިފައެއް ނުވެއެވެ. އަދި އެއީ އެފަދަ ކަންކަމުގެ ފަހަތުގައިވާ ނުރައްކާތެރި ބޮޑެތި ގެއްލުންތަކުގެ ސަބަބެވެ.
ޚާއްޞަކޮށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިންތަކެއް ކަމުގައިވާ ޔަހޫދީންނާއިި ނަޞާރާއިންނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَۘ بَعْضُهُمْ أَوْلِيَاءُ بَعْض﴾ (سورة المائدة : 51)
މާނައީ:” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ.”
އެހެނީ ޔަހޫދީންނާއި ނަޞާރާއިން ވަނީ މުސްލިމުންނާއި ޢަދާވާތްތެރިވުމުގައި އެއްބައިވެގެން ވެއެވެ. އޭގެން އެންމެވެސް އިސްލާމްދީނެއް ބޭނުމެއް ނުވެތެވެ. އަދި އެމީހުން އިސްލާމްދީނުގެ އަހުވެރިންވެސް ބޭނުމެއްނުވެއެވެ. އަދި އިސްލާމްދީނަށް ޢިއްޒަތެއް ލިބުމަކަށް ނޭދޭނެތެވެ. އެހެނެއްކަމަކު ކޮންމެ ޙަލަތެއްގައި އޮތްނަމަވެސް އިސްލާމްދީނަށް ﷲ ނަޞްރުދެއްވާނެތެވެ. ﷲ އީ އެކަލާނގެ ދީނަށާއި ފޮތަށް ނަޞްރުދެއްވާ ފަރާތެވެ. ހަމަކަށަވަރުން ﷲ ވަޙީކުރައްވާފައިވެއެވެ.
﴿ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ﴾ [سورة آل عمران١٤٠]
މާނައީ:” އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. “
(ޙަދީޘްގައިވެއެވެ.) “އަދި މުސްލިމުންނާއި ޔަހޫދީން ހަނގުރާމަކުރާނެ ދުވަހެއް އަންނާނެތެވެ. ޔަހޫދީން ގަހުގެ ނިވަލުގައި ފިލައްޖައުމަށް ދާންދެން ހަނގުރާމަކުރާނެއެވެ. އަދި އެގަސް ގޮވާ ބުނާނެތެވެ. އޭ މުސްލިމުމީހާއެވެ. އޭ ﷲގެ އަޅާއެވެ. އަހަރެންގެ ފަހަތުގައި ނުވަތަ ދަށުގައި މިހުރީ ޔަހޫދީއެކެވެ. ދެން މުސްލިމުމީހާ އައިސް އޭނާ ޤަތުލުކުރާނެތެވެ.”[1]
އަދި އެކަންތައް ﷲ އަށް އުނދަގޫކަމަކަށް ނުވެތެވެ. އެހެންނަމަވެސް ކޮންމެ ކަމެއްގެ ކުރިން ޙިކްމަތްތެރިކަމާއި ޝަރީޢަތުގެ ޢިލްމު ދަންނަ ޤާއިދަކަށް މުސްލިމުން ބޭނުންވެއެވެ. އެހެނީ ޝަރީޢަތުގެ ނޫރުން ފައިދާ ޙާޞިލްނުކުރާ ޤިޔާދަތެއްގެ ނިމުން ނުރައްކާތެރިވެގެންދާނެއެވެ. އެ ވިސްނުމަކީ ކިތަންމެ ފުރިހަމަ ވިސްނުމެއް ނަމަވެސް އަދި އޭގެ ދަރަޖަ ކިތަންމެ މައްޗަށް އުފުލުނު ނަމަވެސް، ހަމަޔަޤީނުންވެސް އެވިސްނުން ތަޅުމުގެ އެންމެ ފުލަށް ވެއްޓިގެންދާނެއެވެ. ހިދާޔަތުވަނީ އިސްލާމްދީނުގައެވެ. އަދި އެދީނުގެ ނޫރުގައެވެ. އެއީ ޤައުމިއްޔަތާއި ޢަޞަބިއްޔަތާއި ވަޠަނިއްޔަތާ އަދި އެނޫން އެފަދަކަންކަމުގައިވެސްވާ އެއްޗެއް ނޫނެވެ. އެކަންވަނީ ހަމައެކަނި އިސްލާމްދީނުގައެވެ.
އުއްމަތުގެ ޢިއްޒަތް ޔަޤީންކޮށްދޭ އެއްޗަކީ ހަމައެކަނި އިސްލާމްކަމެވެ. އެހެނެއްކަމަކު ކަންކަން އޭގެ އަސްލު ތަންނަށް ލުމަށްޓަކައި ޙިކުމަތްތެރި ޤިޔާދަތަކަށް ބޭނުންޖެހެއެވެ. އަދި ކަންކަން ކުރުމުގައި ބަލައިގެންކުރާ، އަވަސްއަރުވާނުލާ ކުރާނެ ފަރާތެކެވެ.
އެންމެ ރެޔަކާއި ދުވާލެއްގެ ދެމެދުގައި މީސްތަކުން އިޞްލާޙުކުރުމަކީ ވާނެކަމެއް ނޫނެވެ. އަދި އެފަދައިން އެކަންވާން އެދޭ މީހާ ހަމަކަށަވަރުންވެސް އެއެދެނީ، ﷲ އެކަލާނގެ ކައުނީ ސުންނަތް ބަދަލުކުރުމަށެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ސުންނަތް ބަދަލެއް ނުކުރައްވާނެތެވެ. އެފަދައިން ﷲ ގެ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް މައްކާގައި 13 އަހަރު ވަޙީބާވައިލެއްވޭ ބޭކަލެއްގެ ގޮތުގައި ހުންނެވިއެވެ. އަދި އެންމެ ރިވެތި ގޮތްތަކުން މީސްތަކުންނަށް ﷲ ގެ މަގަށް ދަޢުވަތު ދެއްވިއެވެ. އެއާއެކުވެސް އެކަލޭގެފާނަށްވެސް ޖެހިވަޑައިގަތީ މައްކާގައި އެދަޢުވަތު ފޯރުކޮށްދިނުމުގެ ކަންކަން ނުނިންމެވި ބިރުފުޅުގެން އެންމެފަހުން މައްކާއިން ނުކުމެވަޑައިގަތެވެ.
އެހެންވީއިރު ޣާފިލުކަމުގައި އެތައް ޤަރުނެއް ފާއިތުވެފައިވާ މިއުންމަތް، އެންމެ ރެޔަކާއި ދުވާލަކުން އެޣާފިލުކަމުން ނެރެން ބޭނުންވަނީ ކީއްވެ ހެއްޔެވެ. މިއީ ހަމަޖެހޭކަމެއް ނޫނެވެ. އުންމަތަށް ބޭނުންޖެހިފައިވަނީ މަޑުމައިތިރިކަމާއެކީ ހެޔޮގޮތުގައި ދަޢުވަތުދީގެން އުންމަތަށް ފަރުވާކުރާށެވެ. އިސްލާމީ އުންމަތަށް ބޭނުން ޖެހިގެންވަނީ ﷲގެ ދީނުގެ ފިޤުހުވެރިކަމާއި ﷲ ގެ މަގަށް ދަޢުވަތުދިނުމުގައި ޙިކުމަތެވެ. ބޭނުންވަނީ ކަންހިނގާގޮތް ދެނެގަތުމަށާއި ތޫނުފިލިކަމާއި ކަންކަން އެކަމުގެ ޙަޤީޤީ ސޫރައިގައި ދެނެގަތުމަށެވެ. އަދި ދުރުވިސްނުން ބޭނުންވާކަންކަމުގައި ދުރަށް ވިސްނުމަށެވެ. އެހެނީ ނަތީޖާއަކީ މަހަކުން ނުވަތަ ދެމަހުން ނުވަތަ އަހަރަކުން ނުވަތަ ދެއަހަރުން ނެރިވިދާނެ އެއްޗެއް ނޫނެވެ. ނަމަވެސް ބުއްދިވެރިންގެ ގޮތަކީ ކެތްތެރިވުމެވެ. އަދި ސާފުކޮސް އެނގިއްޖައުމަށް ދާންދެން ބަލައި ވިސްނާފިކުރުކުރުމެވެ. ކަންކަމަށް ބޭނުންވަނީ މަތިތެރި ޢަޒުމާއި ރޭވުންތެރިކަމާއި ކެތްތެރިކަމެވެ. މިއީ ކޮންމެހެންވެސް ބޭނުންވާކަންކަމެވެ. މަތިތެރި ޢަޒުމަކަށް ބޭނުންވަނީ އިންސާނާ އެކަންކުރުވުމަށެވެ. އަދި ކެތްތެރިކަމަށް ބޭނުންވަނީ އިންސާނާ ޘާބިތުވުމަށެވެ. ނޫންނަމަ އޭނާގެ ކިބައިން ހުރިހާކަމެއް ނުވަތަ ވަރަށް ގިނަކަންކަން ކިބައިން ފާއިތުވެ ހިނގައިދާނެއެވެ. والله المستعان.
= ނުނިމޭ =
މިސޫރަތުގެ އެހެނިހެން ބައިތައް
[1] صحيح مسلم , كتاب الفتن، باب لا تقوم الساعة حتى يمر الرجل بقبر الرجل