1. ޒިޔާރަތޭ ކިޔަނީ ކޮން ތަންތަނަކަށް ހެއްޔެވެ؟
ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން ދިވެހި ބަހުން “ޒިޔާރަތެއް”ކަމަށް ކިޔަނީ: ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންނާއި ވަލީވެރިންނާއި ރަސްރަސްކަލުންގެ ބިސްތާނަށެވެ. (ބިސްތާނަކީ: މަހާނަ ވަށައިގެން ރާނައިފައި ހުންނަ ފާރާއި އޭގެ އެތެރެއެވެ.) [1]
ޢަރަބި ބަހުގައި އެފަދަ ތަންތަނަށް مَشْهَد ނުވަތަ ضَرِيْح ވެސް ކިޔާ އުޅެއެވެ.
2. ޒިޔާރަތްތައް ހަދަން ފެށިފައިވަނީ ކޮން އިރަކު ހެއްޔެވެ؟
ޒިޔާރަތްތަކަކީ ޖާހިލިއްޔަ ޒަމާނުގައިވެސް ހުރިތަންތަނެވެ. ނަމަވެސް ރަސޫލާ صلى الله عليه وسلم ރަސޫލުކަމައިގެން ފޮނުއްވުމުން އެފަދަ ތަންތަން އިސްލާމީ ޢަޤީދާއާ ފުށުއަރާތީވެ އެކަލޭގެފާނުވަނީ އެފަދަ ތަންތަން ހަލާކުކޮށްލެއްވުމަށް ޞަހާބީ ބޭކަލުން ފޮނުއްވާފައެވެ. ވާރިދުވެގެން އައިސްފައިވެއެވެ.
عَنْ أَبِى الْهَيَّاجِ الأَسَدِىِّ قَالَ قَالَ لِى عَلِىُّ بْنُ أَبِى طَالِبٍ أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِى عَلَيْهِ رَسُولُ اللَّهِ -صلى الله عليه وسلم- أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ. [رواه مسلم]
މާނައީ: ” އަބުލް ހައްޔާޖު އަލްއަސަދީ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި ޢަލީގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނު ފޮނުއްވި މަސައްކަތުގައި، ތިމަންކަލޭގެފާނު ކަލޭގެފާނު ފޮނުއްވަން ހެއްޔެވެ؟ އެއީ އަޅުކަންކުރެވޭ ކޮންމެ އެއްޗެއް ހަލާކު ކުރެއްވުމަށެވެ. އަދި އުފުލާފައިވާ ކޮންމެ ޤަބުރެއް ބިމާ ހަމަކުރެއްވުމަށެވެ.”
މިގޮތުން ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމަށްފަހު ދެން މިފަދަ ތަންތަން ހަދަންފަށާފައިވަނީ ޝީޢީ ޢަޤީދާއަށް ނިސްބަތްވާ ބައެކެވެ. އެގޮތުން އެކަލޭގެފާނުގެ ގާތްތިމާގެ ބޭކަލުންގެ ޤަބުރުތަކުގައި މިފަދަ ޒިޔާރަތްތައް އެބައިމީހުން ހެދިއެވެ. އަދި ޢާމްދަނީ ހޯދަން ކޮށްއުޅުނުކަމެއްކަމުގައި އެބައިމީހުން އެފަދަ ތަންތަން ހެދިއެވެ. މިކަން ބޮޑަށް ހިނގާފައިވަނީ ހިޖުރައިން ތިންވަނަ ޤަރުނުގެ ކުރީކޮޅުއެވެ. ނަމަވެސް ޢައްބާސީ ދައުލަތުގެ ބައެއް ޚަލީފާއިން މިކަމަށް ދެކޮޅު ހައްދަވާ މިފަދަ ތަންތަން ހަލާކުކޮށްލެއްވިއެވެ. ދެން އަނެއްކާވެސް ޞޫފީ ޢަޤީދާއަށް ނިސްބަތްވާ ބަޔަކު މިފަދަ ތަންތަން ހަދަން ފެށިއެވެ. އަދި އެފަދަ ތަންތަނުން ބަރަކާތް ޙާޞިލުކޮށް އެތަންތަނަށް އައުމަށް މީސްތަކުންނަށް ދަޢުވަތު ދިނެވެ. އަދި އެތަންތަނުގެ ވަށައިގެން ޠަވާފުވެސްކުރިއެވެ. އަދި އެތަންތަނުގައި ﷲ ނޫން އެހެން ފަރާތްތަކަށް ދުޢާވެސް ކުރަންފެށިއެވެ. [2]
3. ޒިޔާރަތްތައް ހެދުމަކީ ހުއްދަކަމެއް ހެއްޔެވެ؟
ޒިޔާރަތްތައް ހެދުމަކީ ޝަރުޢީ ގޮތުން ހުއްދަކަމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ އިސްލާމްދީނުގައި ނަހީކުރެވިފައިވާ ކަމެކެވެ. އެކަލޭގެފާނު ނަހީކުރެއްވި ކަންތައްތަކެއް ބަޔާންކުރައްވާފައިވާ ޙަދީޘްއެއްގައިވެއެވެ.
((…وَأَنْ يُبْنَى عَلَيْهِ)) [رواه مسلم]
މާނައީ: “… އަދި ޤަބުރެއްގެ މަތީ ބިނާއެއް ހެދުންވެސްވަނީ ނަހީކުރައްވާފައެވެ.”
4. އެފަދަ ތަންތަން ހެދުން މަނާކުރެވިފައިވާ ސަބަބަކީ ކޮބާ ހެއްޔެވެ؟
އެފަދަ ތަންތަން ހެދުން މަނާކުރެވިފައިވާ މައިގަނޑު ސަބަބަކީ އެއީ ޝިރުކުކުރުމަށް މަގުފަހިވާ ވަސީލަތަކަށް ވާތީއެވެ. އެގޮތުން މިއަދުވެސް އެކިއެކި މުސްލިމު ޤައުމުތަކަށް ބަލާލުމުން މިފަދަ ތަންތަނުގެ ސަބަބުން ވަރަށް ގިނަ ޝިރުކުގެ ޢަމަލުތައް މީހުން ކުރަމުން ދެއެވެ. އެގޮތުން އެތަނުގައިވާ މީހާގެ ކިބައިން މަދަދަށް އެދުމާ އެމީހަކަށް ނަދުރުބުނުމަކީ ޢާންމުކަންކަމެވެ. މިއީ ކަނޑައެޅިގެން ޝިރުކުގެ ޢަމަލުތަކެވެ. އެއީ ﷲ ނޫން އެހެން ފަރާތަކަށް އަޅުކަމެއް އަދާކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ﴾ [الزمر 2 ]
މާނައީ: “އަދި އެއިލާހު ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުންޏެވެ. ﷲގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެބައިމީހުންނަށް އަޅުކަމެއް ނުކުރަމުއެވެ. “
އަދި މިބިންމަތީގައި ޝިރުކުކުރަން ފެށިފައިވަނީވެސް ޞާލިޙުބޭކަލުންނަށް މާތްކޮށް ހިތުމުގައި ހައްދުފަހަނައަޅާ ދިޔުމުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدّاً وَلا سُوَاعاً وَلا يَغُوثَ وَيَعُوقَ وَنَسْراً ﴾ [سورة نوح ٢٣]
މާނައީ: “އަދި އެބައިމީހުން ބުންޏެވެ. (އެބަހީ: ނޫޙުގެފާނުގެ ޤައުމުގެ މީހުން ބުންޏެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި ދޫކޮށްނުލާހުށިކަމެވެ.”
ކީރިތި ޤުރުއާނުގެ މި އާޔަތްތަފްސީރުކޮށްދެއްވަމުން އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.
“މި ބުދުތަކަކީ ނޫޙް عليه السلام ގެ ގައުމުގެ މީހުންގެ ބުދުތަކެވެ. ޒަމާންތައް ފާއިތުވަމުންގޮސް އެންމެ ފަހުން ޢަރަބީންގެ ތެރެއަށް މިތަކެތި އައީއެވެ. ދައުމަތުލް ޖަންދަލް ސަރަހައްދުގެ ކަލްބު ޤަބީލާގެ ކަލާނގެއަށްވީ ވައްދުއެވެ. ހުދައިލް ޤަބީލާގެ މީހުން އިޚްތިޔާރު ކުރީ ސުވާޢުއެވެ. ސަބާ ކައިރީގައި އޮންނަ ޖުރްފުގެ ޣުތައިފް ޤަބީލާ އިޚްތިޔާރުކުރީ ޔަޣޫސްއެވެ. ޔަޢޫޤް ނެގީ ހަމްދާން ޤަބީލާއިންނެވެ. އަދި ނަސްރުވީ ހިމްޔާރު ޤަބީލާގެ ޛުލްކަލާ ދަރިކޮޅުގެ ކަލާނގެއަށެވެ.
މި ބުދުތަކަށް ނަންދެވިފައިވަނީ ނޫޙް عليه السلام ގެ ގައުމުގައި އުޅުނު ޞާލިޙު ބޭކަލުންތަކެއްގެ ނަމުންނެވެ. މިބޭކަލުން މަރުވުމުން ޝައިޠާނާ މީސްތަކުންނަށް ވަސްވާސް ދިނީ މިބޭކަލުންގެ ޞޫރަ ހަދާ، އެބުދުތަކަށް އެބޭކަލުންގެ ނަން ދިނުމަށެވެ. ޞާލިޙު ބޭކަލުންގެ ހަނދާނުގައި ކަމަށް ބުނެ އެބޭކަލުން މަޖްލިސްކުރުމަށް އެންމެ ލޯބިކޮށްއުޅުނު ތަންތަނުގައި މި ބުދުތައް ބެހެއްޓުނެވެ. އަދި އެޖީލުގެ އެއްވެސް މީހަކު މިތަކެއްޗަށް އަޅުކަމެއް ނުކުރެއެވެ.
ނަމަވެސް އެޖީލު މަރުވެ ދިއުމުން އެ ބުދުތަކުގެ މަޤުޞަދު ހަނދާންނެތުނެވެ. އޭގެފަހުން އައި މީހުންގެ ގާތަށް ޝައިޠާނާ އައެވެ. އަދި ވާރޭވެހެނީ އެބުދުތަކުގެ ސަބަބުންކަމަށްވީތީ، އެމީހުންގެ ކުރިން އުޅުނު މީހުން އެތަކެއްޗަށް އަޅުކަން ކޮށް އުޅުނުކަމުގައި ބުންޏެވެ. ފަހުގެ ޖީލުގެ މީހުން ޝައިޠާނާއަށް ހެއްލުނެވެ. އަދި ބުދުތަކަށް އަޅުކަންކުރަންފެށިއެވެ. އޭގެ ފަހުން އައި ޖީލުގެ މީހުންވެސް އެތަކެއްޗަށް އަޅުކަންކުރަމުން ގެންދިޔައެވެ.”[3]
އެހެންކަމުން ހަމަމިފަދައިން އެކި ރަށްރަށުގައި ޒިޔާރަތްތައް ހުންނަނަމަ ޖީލުތަކެއް ފާއިތުވުމަށްފަހު ދެން އަންނަ ބަޔަކު އެފަދަ ތަންތަނަށް އަޅުކަންކުރުމީވެސް އެކަށީގެންވާކަމެކެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިފަދަ ކަންކަންވަނީ މީގެ ކުރިން ވަރަށް ފުޅާކޮށް ހިނގާފައެވެ.
5. އެފަދަ ތަނަކަށް ޒިޔާރަތްކުރުމަކީ ރަނގަޅުކަމެއް ހެއްޔެވެ؟
އެފަދަ ތަންތަނަކީ ޢާންމުގޮތެއްގައި ވަރަށް ގިނަ ދީނާ ޚިލާފުކަންތައްތައް ހިނގާ ތަންތަނެވެ. އެހެންކަމުން ރަނގަޅު ގޮތަކީ އެފަދަ ތަންތަނަށް ޒިޔާރަތް ނުކުރުމެވެ. އެފަދަ ތަނެއްކައިރިން ދާއިރު އެފަދަ ނޭދެވޭ ކަންކަން ބަޔަކު ކުރާތަން ފެނިއްޖެނަމަ ލާޒިމުވެގެންވަނީ އެމީހަކަށް ވީވަރަކުން އެކަން ހުއްޓުވުމެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ) ( [رواه مسلم]
މާނައީ: “ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރެއް(ނުބައިކަމެއް) ފެނިއްޖެނަމަ އެމީހެއްގެ އަތުން އެކަމެއް މަނާކުރާހުށިކަމެވެ. ފަހެ އެކަމަށް ކުޅަދާނަނުވެއްޖެނަމަ އެމީހެއްގެ ދުލުންނެވެ. (އެބަހީ: ދުލުން މަނާކުރާށެވެ.) އަދި އެކަމަށް ކުޅަދާނަ ނުވިނަމަ އެމީހެއްގެ ހިތުންނެވެ. (އެބަހީ: ހިތުން މަނާކުރާށެވެ.) އަދި އެއީ އީމާންކަމުގެ އެންމެ ދެރަމިންވަރެވެ.”
ހިތުން ކުށްވެރިކުރާމީހާއަށް އޮތީ ކުށްވެރުކުރާޙާލު އެފަދަ ތަނެއްގައި ނުހުރުމެވެ.
6. އެފަދަ ތަންތަނާމެދު ސަރުކާރާއި ވެރިންނާ އަދި ބާރުވެރި ފަރާތްތަކުން ޢަމަލުކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟
އެފަދަ ތަންތަނާމެދު ލާޒިމުވެގެންވަނީ އެތަންތަން ހުންނަން ޖެހޭ އަޞްލުގޮތަށް ބަދަލުކުރުމެވެ. އެއީ ރަސޫލާ صلى الله عليه وسلم އާއި އަޞްޙާބު ބޭކަލުންގެ ޒަމާނުގައި އެފަދަ ތަންތަން ހުރިގޮތަށް ބަދަލުކުރުމެވެ. އެއީ އެތަނުގައި ހުރި ބޮޑެތި މަހާނަގާތަކާއި އަދި ބިނާތައް ނެގުމެވެ. އަދި އެތަނުގައި މީހަކު ވަޅުލާފައިވާކަން އެންގުމަށްޓަކައިވެސް ކައިވަތަކަށްވުރެ އުސް މަހާނައެއް ބޭނުންނުކުރުމެވެ. [4]
_____________________________________
[1] http://radheef.mv/index.php?do=view&id=30985
[2] الفكر الصوفي في ضوء الكتاب والسنة / ص: 403-404
[3] މިރިވާޔަތުގެ އަޞްލުވަނީ ޞަޙީޙް ބުޚާރީގައެވެ. އަދި އެހެން ރިވާޔަތްތަކުގައި ތަފްޞީލު އައިސްފައިވެއެވެ.