[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإيمان ( އީމާންކަން ) – 1

ބަހުގެ ގޮތުން އީމާނުގެ މާނައަކީ : ހިތުން ތެދުކުރުމެވެ.

ޝަރުޢީ އިސްތިލާޙުގައި އީމާނުގެ މާނައަކީ : ހިތުން ތެދުކޮށް ޤަބޫލުކުރުމާއި އެކު ދުލުން އިޤުރާރުވެ ގުނަވަންތަކުން ޢަމަލުކުރުމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދިޘްކުރައްވާފައިވެއެވެ. ” (( الإيمان بضع وستون أو وسبعون شعبة ، أعلاها قول لاإله إلا الله وأدناها إماطة الأذى عن الطريق ، والحياء شعبة من الإيمان))  މާނަ : ” އީމާންކަން ފަސްދޮޅަސް ނުވަތަ ހަތްދިހަ އެތައްބަޔަކަށް ބެހިގެން ވެއެވެ. އޭގެ އެންމެމަތީ ދަރަޖައަކީ لاإله إلا الله ކިޔުމެވެ. އޭގެ އެންމެދަށު ދަރަޖައަކީ މަގުމަތީގައި މީހުނަށް އުނދަގޫވާގޮތައްހުންނަށް ތަކެތި އެއްފަރާތްކޮށްލުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ތެެރއިންވާ ކަމެކެވެ. “

އަދި ސުއްނަތް ޖަމާޢަތުގެ ޢަޤީދާގައި އީމާން ކަމަކީ އިތުރުވެ ، އުނިވާ އެއްޗެކެވެ. ހެޔޮ ޢަމަލުކުރުމުން އިތުރުވެއެވެ. އަދި ހޮޔޮ ޢަމަލުތަކާއި ދުރުވުމުން ނުވަތަ އުރެދުންތަކަށް އަރާގަންނަ ކަމުގައިވާނަމަ އީމާންކަން ދައްވެއެވެ. ﷲ ތަޢާލާ ގެ ވަޙީބަސްފުޅުގައިވެއެވެ.

”  وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ  ” – الأنفال 2 –  މާނަ : ” އަދި  ( އެބައިމީހުންނަކީ ) އެ އިލާހު ބާވާލެއްވި އާޔަތްތައް ކިޔެވިއްޖެ ހިދަކު އެބައިމީހުންގެ އީމާންކަން އިތުރުވެގެންދާ މީހުންނެވެ. “

ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ. : ” قَالَتِ الأَعْرَابُ آمَنَّا قُل لَّمْ تُؤْمِنُوا وَلَكِن قُولُوا أَسْلَمْنَا وَلَمَّا يَدْخُلِ الإِيمَانُ فِي قُلُوبِكُمْ ” – الحجرات 14 – މާނަ : ” އަޢުރާބީންގެ ބަޔަކުބުންޏެވެ. ތިމަންނާމެން އީމާންވެއްޖައީމެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އަދި ތިޔަބައިމީހުން އީމާނެއްނުވެއެވެ. އެހެނެއްކަމަކު ތިމަންމެން އިސްލާމްވެއްޖައީމޭބުނާށެވެ. ތިޔަބައިމީހުންގެ ހިތްތަކަކަށް އީމާންކަމެއް އަދި ނުވަދެއެވެ “

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. : ” الإِيمَانُ أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ ” – رواه الشيخان – މާނަ : ” އީމާންކަމަކީ ތިބާ ﷲ އަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވާލެއްވި ފޮތްތަކަށާއި އެއިލާހު ފޮނުއްވި ރަސޫލުންނަށާއި އާޚިރަތްދުވަހަށާއި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. “

ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (( އީމާންކަމަކީ ކުރެވޭ އުއްމީދުތަކެއް ނުވަތަ ދަޢުވާތަކެއްނޫނެވެ. އެހެނެއްކަމަކު އެއީ ހިތުގައި ބިންވަޅުނެގޭ ބިންވަޅުނެގުމެކެވެ. އަދި އެއީ ތެދެއްކަން ހާމަކޮށްދެނީ މީހާގެ ޢަމަލުތަކެވެ. ))

ޝަރުޢީ ނައްސެއްގައި (ޤުރުއާނުގެ އާޔަތެއްގައި ނުވަތަ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ހަދީޘެއްގައި ) إِسْلامُ އާއި إِيْمَان މި ދެ ލަފްޒު އެއްތަނެއްގައި އެއްކޮށް އައިސްފައިވާނަމަ އިސްލާމުކަން މާނަކުރާނީ ބޭރުފުށުންކުރެވޭ ޢަމަލުތަކުގެ ގޮތުގައެވެ. އަދި އީމާންކަން މާނަކުރާނީ ހިތުގެ ޢަމަލުތަކުގެ ގޮތުގައެވެ. ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ ޤަބޫލުކުރުންތަކުގެ ގޮތުގައެވެ.

އަދި ޝަރުޢީ ނައްސެއްގައި (ޤުރުއާނުގެ އާޔަތެއްގައި ނުވަތަ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ހަދީޘެއްގައި ) إِسْلامُ  މި ލަފްޒު إِيْمَان މި ލަފްޒާއި ނުލައި އައިސްފައިވާނަމަ އެލަފުޒުގައި އިސްލާމްކަމާއި އީމާންކަމުގެ މާނަވެސް ހިމެނިގެންވެއެވެ.

ހަމައެފަދައިން إِيْمَان  މި ލަފްޒު إِسْلامُ ގެ ލަފްޒާއި ނުގުޅުވައި ވަކީން  އައިސްފައިވާނަމަ އެލަފުޒުގައި އިސްލާމްކަމާއި އީމާންކަމުގެ މާނަވެސް ހިމެނިގެންވެއެވެ. ދެލަފުޒު އެއްކޮށް އެއްތަނެއްގައި އައިސްފައިވާނަމަ ކޮންމެ ލަފްޒަކުންވެސް ކުރެވޭނީ ވަކިމާނައެކެވެ. ކޮންމެ ލަފުޒެއްވެސް ވަކިން މުސްތަޤިއްލު ގޮތެއްގައި އައިސްފައިވާނަމަ އެ ލަފުޒަކުން ދެމާނަވެސް ( އީމާންކަމާއި އިސްލާމު ކަމުގެ މާނަވެސް) ކުރެވޭނެއެވެ. والله أعلم

އީމާންކަމުގެ އަޞްލުތައް ނުވަތަ ރުކުންތައް :

ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ  ޞައްޙަ ހަދީޘް ތަކުން ދަލީލު ލިބޭގޮތުގައި އީމާންކަމުގެ ރުކުންތައް 6 ކެވެ.

ﷲ ތަޢާލާގެ ވަޙިބަސްފުޅުގައިވެއެވެ. : ” لَّيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَالْمَلآئِكَةِ وَالْكِتَابِ وَالنَّبِيِّينَ  ” – البقرة 177 – މާނަ : ” ހެޔޮކަމަކީ ހަމައެކަނި އިރުމަތީފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރުމެއްނޫނެވެ. ނަމަވެސް ހެޔޮކަންތައްކުރާ މީހަކީ ﷲ އަށާއި ، އާޚިރަތްދުވަހަށާއި މަލާއިކަތުންނަށާއި ބާވާލެއްވި ފޮތްތަކަށާއި ނަބީންނަށާއި ، މި އެންމެހާ ފަރާތްތަކަށް އީމާންވެއްޖެމީހާއެވެ. “

މި އާޔަތުގައި އީމާންކަމުގެ ރުކުންތަކުގެ ތެރެއިން 5 ކަމެއް ބަޔާންވެފައިވެއެވެ. އެއީ :

1 – ﷲ ތަޢާލާއަށް އީމާންވުން.

2- ޤިޔާމަތްދުވަހަށް އީމާންވުން.

3- މަލާއިކަތުންނަށް އީމާންވުން.

4 – ފޮތްތަކަށް އީމާންވުން.

5 – ރަސޫލުބޭކަލުންނަށް އީމާންވުން.

6 –  ބާކީ އޮތީ މިންވަރަށް އީމާންވުމެވެ. މިކަން ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުގައި ބަޔާންކުރައްވާފައިވެއެވެ.  ” إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ  ” – القمر 49 – މާނަ : ” ތިމަން އިލާހު ކޮންމެ އެއްޗެއްވެސް ޚަލްޤުކުރެއްވީ ކަނޑައެޅިފައިވާ މިންވަރުކުރެއްވުމެއްގެތެރޭގައެވެ. “

އީމާންކަމުގެ 6 ރުކުނަށް ދަލީލު ލިބޭ ޞައްޙަަ ޙަދީޘްތައް ވަރަށްގިނައެވެ. އެގޮތުން މަޝްހޫރު ޙަދީޘް ޖިބްރީލުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  ” الإِيمَانُ أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ ” – رواه البخاري – މާނަ : ” އީމާންކަމަކީ ތިބާ ﷲ އަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވާލެއްވި ފޮތްތަކަށާއި އެއިލާހު ފޮނުއްވި ރަސޫލުންނަށާއި އާޚިރަތްދުވަހަށާއި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. “

މިއީ އީމާންކަމުގެ ހަ ރުކުނެވެ. މިރުކުންތަކުގެ ތަފްޞީލު ހުށަހަޅައިދެވޭތޯ މަސައްކަތްކުރާނަމެވެ.

–   ނުނިމޭ –