ޤަވާޢިދު: الـمُجْتَهِدُ إِذَا رَجَعَ عَن قَوْلٍ لَا يَجُوزُ الأَخَذُ بِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޖުތަހިދު ޢިލްމުވެރިޔާ އެ ބޭފުޅާގެ ބަސްފުޅަކުން ރުޖޫޢަވެއްޖެނަމަ އޭގައި ހިފުން ހުއްދަވެގެން ނުވޭ}
މި ޤަވާޢިދުގެ މުރާދު: ދިމާވި މައްސަލައަކާ ގުޅޭގޮތުން މުޖުތަހިދު ޢިލްމުވެރިޔަކު އިޖުތިހާދުކުރައްވައި ޙުކުމަކާ ހަމައަށް ވާޞިލުވެވަޑައިގެންފައި، ދެން މާފަހުން އެ ބޭފުޅާގެ ކުރީގެ އިޖުތިހާދު ބަދަލުކުރައްވައި ކުރިން ވާޞިލުވެވަޑައިގެންނެވި ޙުކުމް ދޫކުރައްވައި އެހެން ޙުކުމެއްގައި ހިއްޕަވައިފިނަމަ، ކުރިން އެ ބޭފުޅާއަށް ވާޞިލުވެވަޑައިގެންނެވުނު ޙުކުމް ވާހުށީ މަންސޫޚުވެފައިވާ ޙުކުމެއްފަދަ ޙުކުމަކަށެވެ. އަދި އެ ހާލަތުގައި އެ ބޭފުޅާއަށް ތަޤުލީދުކުރުމުގެ ގޮތުން ކުރީގެ އެ ރައުޔަށް ޢަމަލުކުރުމާއި އެ ރައުޔުގައި ހިފުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ، އެހާރުން އެއީ އެ ބޭފުޅާގެ މަޒުހަބުކަމުގައި ނުވާތީއެވެ. އެހެނެއްކަމަކު، ހިފޭނީ އެ ބޭފުޅާއަށް ފަހުން ވާޞިލުވެވަޑައިގެންނެވުނު ރައުޔުގައެވެ. މި ގޮތަށް އެތަކެއް ބޭފުޅުންނެއް ވިދާޅުވެފައިވެއެވެ. އަދި އައްނަވަވީއާއި އެހެން ބައެއް ބޭފުޅުން މި ރައުޔު މުޙައްޤިޤުންނަށް ނިސްބަތްކުރައްވަތެވެ.
އެހެންނަމަވެސް، މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، މުޖުތަހިދު ޢިލްމުވެރިޔަކު ކުރިން އެ ބޭފުޅާ ދެކެވަޑައިގެންނެވި ގޮތާ ޚިލާފަށް ވިދާޅުވުމަކުން، އެއީ ކުރިން އެ ބޭފުޅާ ދެކެވަޑައިގެންނެވި ރައުޔު ދޫކޮށްލެއްވީ ކަމުގައެއް ނުވާނެއެވެ. އެހެނެއްކަމަކު، ބެލެވޭހުށީ އެ މައްސަލާގައި އެ ބޭފުޅާގެ ދެ ރައުޔު އޮންނަނީކަމުގައެވެ. އަދި އެހެންކަމުން، ތަޤުލީދުކުރާ އާންމުމީހާއަށް އެ ބޭފުޅާއަށް ތަޤުލީދުކުރުމުގެ ގޮތުން އެ ބޭފުޅާ ކުރިން ވިދާޅުވި ގޮތާ އެއްގޮތަށް ޢަމަލުކުރެވިދާނެއެވެ. އެ ބޭފުޅާގެ ކުރީގެ ރައުޔަކީ ކުށަކުން ވިދާޅުވެވިފައިވާ ރައުޔެއް ކަމުގައި ނުވާނަމައެވެ.
މިއީ، މުޖުތަހިދު ޢިލްމުވެރިޔެއްގެ ދެ ރައުޔު ނުވަތަ އެއަށްވުރެ ގިނަ އޮވެފައި، އެ ތަނުން އެއް ރައުޔު ނުވަތަ ރައުޔުތައް ދޫކޮށްލެއްވިކަން އެނގޭނަމަ ކަންތައް އޮންނާނެ ގޮތެވެ. މިއާ ޚިލާފަށް، މުޖުތަހިދު ޢިލްމުވެރިޔާގެ ފަރާތްޕުޅުން ދެ ރައުޔެއް ވާރިދުވެފައި، އެ ތަނުން އެއްވެސް ރައުޔަކުން އެ ބޭފުޅާ ރުޖޫޢަވެވަޑައިގެންނެވިކަން ނޭނގޭނަމަ، އެއަށް ނަޒަރުހިންގާނީއެވެ. އެ ތަނުން ކުރީގެ ރައުޔަކީ އަދި ފަހުގެ ރައުޔަކީ ކޮބައިކަން އެނގިއްޖެނަމަ، ފަހުގެ ރައުޔަކީ ކުރީގެ ރައުޔު ނަސްޚުކުރާ އެއްޗެއްކަމުގައި ބަލާނީއެވެ. މިއީ، ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި، އެހާރުން ވެސް ވާހުށީ އެ ބޭފުޅާގެ ދެ ރައުޔު އޮންނަނީކަމުގައެވެ.
މިއާ ޚިލާފަށް، މުޖުތަހިދު ޢިލްމުވެރިޔާގެ ދެ ރައުޔު އޮވެފައި، އެ ތަނުން ކުރީގެ ރައުޔާއި ފަހުގެ ރައުޔަކީ ކޮބައިކަން ނޭނގޭނަމަ، ތަރުޖީޙުދިނުމުގެ މުޢުތަބަރު ގޮތްތަކުގައި ހިފައިގެން އެ ތަނުން ރައުޔަކަށް ތަރުޖީޙުދޭނީއެވެ. ބުނެވޭގޮތުން، އެ ތަނުން ކޮންމެ ރައުޔަކަށް ވެސް ޢަމަލުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =