ޤަވާޢިދު: النَّسْخُ جَائِزٌ عَقْلًا، وَوَاقِعٌ سَمْعًا
މި ޤަވާޢިދުގެ ތަރުޖަމާ: {ނަސްޚުވުމީ ބުއްދީގެ ގޮތުން ބަލާއިރު ވުން އެކަށީގެންވާ ކަމެއް، އަދި ސަމްޢީ ގޮތުން ބަލާއިރު ހިނގާ ކަމެއް}
މި ޤަވާޢިދުގެ މުރާދު: ނަސްޚުވުމަކީ، ޝަރުޢީ ޙުކުމަކަށް ޝަރުޢީ ގޮތަކުން ނިމުން އަތުވުމެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޝަރުޢީ ޙުކުމްތައް ނަސްޚުވުމީ، ބުއްދީގެ ނަޒަރުން ބަލާއިރު ވުން އެކަށީގެންވާ ކަމެއް ކަމުގައެވެ. އެ ކަން ހިނގުން ބުއްދީގެ ގޮތުން ބަލާއިރު މަނައެއް ނޫނެވެ. އަދި ހަމައެހެންމެ، ނަސްޚުވުމީ، އަޅުގަނޑުމެންގެ ޝަރީޢަތުގައި ހިނގާފައިވާ ކަމެއް ކަމުގައެވެ. ކަމެއް ހިނގުމީ ހިނގުމުގެ ފުރުޞަތު އޮތްކަމުގެ ދަލީލެކެވެ. އަދި ހިނގުމުގެ ފުރުޞަތު އޮތުމީ، ކަމެއް ހިނގުމަށްޓަކައި ލާޒިމު ކަމެކެވެ. މި ކަމާ މެދު މުޅި އުއްމަތް އިއްތިފާޤުވެފައިވެއެވެ. މި ކަމާ ޚިލާފުވާކަމަށް ރިވާވެފައިވަނީ އަބޫ މުސްލިމް އަލްއަޞްފަހާނީއެވެ. އެ ބޭފުޅާގެ ފަރާތްޕުޅުން އެ ބޭފުޅާ ނަސްޚުވުން ޝަރުޢީ ގޮތުން މަނާކުރައްވާކަމުގައި އަދި ބުއްދީގެ ގޮތުން އެ ކަން ހިނގުން އެކަށީގެންވާ ކަމަށް ވިދާޅުވާކަމަށް ރިވާވެގެންވެއެވެ. އެހެންނަމަވެސް، ޖަމާޢަތެއްގެ ބޭފުޅުން ދެކެވަޑައިގަންނަވަނީ، އެ ބޭފުޅާގެ އެ ރައުޔުތަފާތުވުމަކީ ހަމައެކަނި ލަފްޒީ ތަފާތެއް ކަމުގައެވެ. އަދި މުޢުތަޒިލާއިން ދެކޭ ގޮތުގައި ބަދަލެއް ނެތި ނަސްޚުވުން ހުއްދަވެގެނެއް ނުވެއެވެ. އެހެންނަމަވެސް، އެ ބޭފުޅުންގެ ރައުޔާ ޚިލާފަށް ކަން ހިނގާފައިވުމުން، އެ ރައުޔު އެ ބޭފުޅުންނަށް ރައްދުވެގެންވެއެވެ.
މިސާލަކަށް، އެންމެ ފުރަތަމަ ނަމާދުކުރުން ވާޖިބުވެގެންވީ ބައިތުލްމަޤްދިސްއާ ދިމާޔަށް ކުރިމަތިލައިގެން ތިބެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (سَيَقُولُ السُّفَهَاءُ مِنَ النَّاسِ مَا وَلَّاهُمْ عَن قِبْلَتِهِمُ الَّتِي كَانُوا عَلَيْهَا) (ސޫރަތުލްބަޤަރާ: 142 ވަނަ އާޔަތުގެ އެއްބައި) މާނައީ: [މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި ޤިބުލަ ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއް ހެއްޔެވެ؟] ދެން އެއަށްފަހު، ބައިތުލްމަޤްދިސްއާ ދިމާޔަށް ކުރިމަތިލުމުގެ ޙުކުމް ނަސްޚުކުރެވި، އަލްބައިތުލްޙަރާމްއާ ދިމާޔަށް ކުރިމަތިލުން ވާޖިބުކުރެވުނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ) (ސޫރަތުލްބަޤަރާ: 149 ވަނަ އާޔަތުގެ އެއްބައި) މާނައީ: [(ނަމާދު ކުރައްވާއިރު) ޙުރުމަތްތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ!].
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =