[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އަށްޓަކައި އިޚްލާޞްތެރިވުމަކީ ބާއްޖަވެރިކަމުގެ މަގު

އަޅާ އޭނާގެ ވެރިރައްބަށް ކިޔަމަން ގަތުމާއި އެއިލާހާ ކުއްތަންވުމާއި ޢަމަލުތައް އެއިލާހަށް ޚާލިޞްކުރުމަކީ ދީނުގެ އަޞްލެވެ. އަދި އެއީ ޢަމަލުގެ ޒީނަތްތެރިކަމާއި މަޑުމޮޅިކަމުގެ އަސާސާއި ހިތްމަތްތެރިކަމުގެ މަތިވެރިކަމާއި ބުއްދިފުރިހަމަވެގެންވާކަމުގެ ޢަލާމާތާ އަދި ބާއްޖަވެރިކަމުގެ މަގެވެ. ނިޔަތާއި ޤަޞްދު ރަނގަޅުނުވެ އެއްވެސް ކަމެއް ފުރިހަމަވެ، އެކަމުގެ ބަރަކާތް ނުލިބޭނެއެވެ. އެތައް އާޔަތެއްގައި ﷲ ތަޢާލާވަނީ އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އިޚްލާޞްތެރިވުމަށް އަމުރުކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿فَاعْبُدِ اللَّـهَ مُخْلِصًا لَّهُ الدِّينَ﴾  [ سورة الزمر ٢]

މާނައީ: ” ފަހެ، ﷲ އަށް ދީން ޚާލިޞުކުރާ ޙާލު، ކަލޭގެފާނު އެއިލާހަށް އަޅުކަން ކުރައްވާށެވެ! “

އަދިވެސް އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ.

﴿قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّـهَ مُخْلِصًا لَّهُ الدِّينَ﴾ [ سورة الزمر ١١]

މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، ﷲ އަށް ދީން ޚާލިޞުކުރާ ޙާލު، އެއިލާހަށް އަޅުކަންކުރުމަށެވެ. “

އަދިވެސް ވަޙީކުރެއްވިއެވެ.

﴿قُلِ اللَّـهَ أَعْبُدُ مُخْلِصًا لَّهُ دِينِي﴾  [سورة الزمر ١٤]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއިލާހަށް ތިމަންކަލޭގެފާނުގެ ދީން ޚާލިޞްކުރާ ޙާލު ތިމަންކަލޭގެފާނު އަޅުކަންކުރައްވަނީ، ހަމައެކަނި ﷲ އަށެވެ.”

ފަހެ ޢަމަލު ރަނގަޅުވުން ބިނާވަނީ ނިޔަތް ރަނގަޅުވުމުގެ މައްޗަށެވެ. އަދި ނިޔަތް ރަނގަޅުވާނީ ހިތް ރަނގަޅުވެގެންނެވެ.

ﷲ ގެ ޙަޟްރަތުގައި ޢަމަލު ޤަބޫލުވެގެންވަނީ އިޚްލާޞްތެރިކަމާއެކު (ރަސޫލާ صلى الله عليه وسلم އަށް) ތަބާވުމުންނެވެ.

އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ.

“ނިޔަތަކާ ނުލާ ބަހާއި ޢަމަލުން ފައިދާއެއް ނުކުރާނެއެވެ. އަދި ސުންނަތުގައިވާ ގޮތަށްކޮށްގެން މެނުވީ ބަހާއި ޢަމަލާއި ނިޔަތުން ފައިދާ ނުކުރާނެއެވެ.”

އަޅުކަންތައް އަދާކުރުމަކީ އިޚްލާޞްތެރިވުމަކީ ދަތިކަމެކެވެ. އިބްނުލް ޖައުޒީ ވިދާޅުވިއެވެ.

” ﷲ ތަޢާލާ އަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހުންގެ މަދުކަމާއެވެ. އެހެނީ ގިނަ މީހުން އެބައިމީހުންގެ އަޅުކަންތައް ފާޅުކުރުމަށް ލޯބިކުރެއެވެ.” [صيد الخاطر / ص: 251 ]

އަދި އިބްނު ރަޖަބު ވިދާޅުވިއެވެ.

“ހަމައެކަނި މީސްތަކުންނަށް ދެއްކުމަށްޓަކައި ފަރުޟުނަމާދާއި ރޯދަ، މުއުމިނަކު އަދާކުރުމަކީ ވަރަށް މަދުން ނޫނީ ނުފެނިދާނެކަމެކެވެ. ނަމަވެސް ވާޖިބު ޞަދަޤާތްތަކާއި ޙައްޖާއި އެނޫނަސް ފާޅުކޮށް ފެންނަން ހުންނަ ޢަމަލުތަކާ އަދި މީސްތަކުންނަށް އޭގެން ފައިދާކުރާނެ ޢަމަލުތަކުގައި އެކަން ހިނގާފާނެއެވެ. އެކަންކަމުގައި އިޚްލާޞްތެރިވުމަކީ އުނދަގޫކަމެކެވެ. މިފަދަ ޢަމަލެއްކޮށްފިނަމަ އެކަން ބާޠިލުވެގެންދާނެކަމާމެދު މުއުމިނަކު ޝައްކެތް ނުކުރާނެއެވެ. އަދި ﷲ ގެ ޙަޟްރަތުން އެފަދަ މީހަކަށް ކޯފާއާ ޢުޤޫބާތް ޙައްޤުވެގެންވެއެވެ.” [جامع العلوم والحكم / (1/79)]

އެގޮތުން ބައެއް ޢިލްމުވެރިން އެބޭކަލުންގެ ފޮތްތަކުގައި އެންމެ ފުރަތަމަ ހިމަނުއްވަނީ: ((إِنَّمَا الأَعْمَالُ بالنِّيَّاتِ)) [متفق عليه]   މިޙަދީޘްއެވެ.

މާނައީ: “ނިޔަތްތަކުގެ މައްޗަށް މެނުވީ ޢަމަލުތައް ނުވެއެވެ.”

އެގޮތުން އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައްޔާއި މަޤްދިސީ އެކަލޭގެފާނުގެ ޢުމްދަތުލް ޢަޙްކާމުގައްޔާއި ބަޣަވީ އެކަލޭގެފާނުގެ ޝަރްޙުއްސުންނާގައްޔާއި މަޞާބީޙުއްސުންނާގައްޔާ އަދި ނަވަވީ އަލްއަރްބަޢޫން އަންނަވަވީ އެފަދައިން ޢަމަލުކޮށްފައިވއެވެ. އެބޭކަލުން އެކަމުން އިޝާރާތްއެކުރައްވަނީ ޢަމަލުތައް ކުރުމުގައި އިޚްލާޞްތެރިވުމުގެ މުހިންމުކަމަށެވެ.

ސުފްޔާނުއް ޘައުރީ ވިދާޅުވިއެވެ.

“ނިޔަތަށް ވުރެ އުނދަގޫކަމަކަށް ތިމަންކަލޭގެފާނު ފަރުވާ ނުކުރައްވަމެއެވެ. އެހެނީ އެއީ ބަދަލުވާ އެއްޗެކެވެ.”

ﷲގެ ވަޖުހުފުޅު އަދައިގެން ޚާލިޞް ނިޔަތެއްގައި ކުރާކަމެއް މެނުވީ ވާހުށީ ބޭކާރު ހިތްވަރަކަށެވެ. އަދި ވިއްސިވިހާލެވިގެންދާ މަސައްކަތަކަށެވެ. އަދި އެކަމެއް ކުރި މީހަކަށް އެކަން ރައްދުކުރެވޭނެއެވެ. ﷲ ތަޢާލާއީ ޙަމްދުލިބިވޮޑިގެންވާ އަދި ފުދިވޮޑިގެންވާ އިލާހެވެ. އެއިލާހަށްޓަކައި ޚާލިޞްކޮށް ކުރާކަމެއް މެނުވީ އެއިލާހު ޤަބޫލުނުކުރައްވާނެއެވެ.

އަބޫ އުމާމާ އަލްބާހިލީ ވިދާޅުވިއެވެ.

މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އަޖުރުހޯދުމަށާއި ނަންވުމަށްޓަކައި ހަނގުރާމަކޮށްފިމީހަކާމެދު ކަލޭގެފާނު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯއެވެ. އޭނާއަށް ވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لاَ شَيْءَ لَهُ))

“އޭނާއަށް ހަމައެކައްޗެއްވެސް ނުވެއެވެ.”

އެމީހާ ތަކުރާރުކޮށް ތިންފަހަރު އެސުވާލު ދެންނެވިއެވެ. ޖަވާބުގައި ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައެވެ.

((لاَ شَيْءَ لَهُ))

“އޭނާއަށް ހަމައެކައްޗެއްވެސް ނުވެއެވެ.”

ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ.

إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا ، وَابْتُغِيَ بِهِ وَجْهُهُ.

“ﷲ އަށްޓަކައި ޚާލިޞްކޮށް، އެއިލާހުގެ ވަޖުހުފުޅު އަދައިގެން ކުރި ޢަމަލެއް މެނުވީ ހަމަކަށަވެރުން އެއިލާހު ޤަބޫލުނުކުރައްވާނެތެވެ.”  ”  [رواه أبو داود والنسائي]

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

((أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِى غَيْرِى تَرَكْتُهُ وَشِرْكَهُ)) [رواه مسلم]

މާނައީ: “ތިމަންއިލާހީ ބައިވެރިވާނެ އެއްވެސްފަރާތަކާނުލައި ފުދިވޮޑިގެންވާއިލާހެވެ. ޢަމަލެއްކުރާމީހާ، އޭނާ އެކުރާޢަމަލުގައި، ތިމަންއިލާހާއި އެހެންފަރާތެއް ބައިވެރިކޮށްފިކަމުގައި ވަނީނަމަ (ދަންނައެވެ.) އެމީހާއާއި، އެމީހާ ކުރި ޝިރުކާއި ތިމަން އިލާހު ދޫކޮށްލައްވާހުށީމެވެ.”

 

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް