[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަފްސު ޙިސާބުކުރާ ގޮތް

އެންމެ ފުރަތަމަ ތިބާގެ ނަފްސު ޙިސާބުކުރަންވީ ފަރުޟުކަންތައްތަކުގައެވެ. އެކަމުގައި އުނިކަމެއްވާކަން ހަނދާންވެއްޖެނަމަ އެކަމެއް އިޞްލާޙުކޮށްގެން ނުވަތަ އަލުންކޮށްގެންވިޔަސް އެކަން ރަނގަޅުކުރާނީއެވެ.

ދެން ޙިސާބުކުރާނީ ނަހީކުރައްވާފައިވާ ކަންކަމާ ގުޅޭގޮތުންނެވެ. އެއިންކަމަކަށް އަރައިގަނެވިފައިވާކަން އެނގިއްޖެނަމަ ތައުބާވެ ފާފަފުއްސެވުމަށް އެދިދަންނަވާ އަދި އެކަން ފޮހެލުމަށްޓަކައި ހެޔޮކަންތައްތަކެއް ކުރާނީއެވެ.

ދެން ޙިސާބުކުރާނީ ޣާފިލުކަމާ ގުޅޭގޮތުންނެވެ. ތިބާ އެކަމަކަށްޓަކައި ޚަލްޤުކުރެއްވިފައިވާ ކަންކަމާމެދު ޣާފިލުވެވިފައިވާނަމަ އެކަން ރަނގަޅުކުރާނީ ﷲ ހަނދުމަކޮށް އެއިލާހާ ކުއްތަންވެގެންނެވެ.

ދެން ޙިސާބުކުރާނީ ދެކެވިފައިހުރި ވާހަކަތަކާ ގުޅޭގޮތުންނެވެ. ނުވަތަ ހިނގާފައި ދިޔަ ތަންތަނާ ގުޅޭގޮތުންނެވެ. ނުވަތަ އަތުން ހިފި އެއްޗަކާ ގުޅޭގޮތުންނެވެ. ނުވަތަ ކަންފަތުން އެހި އަޑުތަކާ ގުޅޭގޮތުންނެވެ. އެއީ ކީއްކުރަން ކުރި ކަންތައްތަކެއް ހެއްޔެވެ؟ އެއީ ކޮން ފަރާތަކަށްޓަކައި ކުރި ކަންތައްތަކެއް ހެއްޔެވެ؟ އެއީ ކިހިނެތް ކުރި ކަންތައްތަކެއް ހެއްޔެވެ؟

އަދި ތިބާކުރި ކޮންމެ ޙަރަކާތަކަށް ދެ ފަތްފުށްވާނެކަން ދަންނާށެވެ. އެއީ އެކަން ކުރީ ކޮން ފަރާތަކަށްތޯ ބަޔާންކުރެވިފައިވާ ފަތްފުށާއި އެކަންކުރި ގޮތް ބަޔާންކުރެވިފައިވާ ފަތްފުށެވެ. ފުރަތަމަ ސުވާލަކީ އިޚްލާޞްތެރިކަމާމެދު ކުރެވޭ ސުވާލެވެ. ދެވަނަ ސުވާލަކީ (ނަބިއްޔާ صلى الله عليه وسلم އަށް) ތަބާވުމާމެދު ކުރެވޭ ސުވާލެވެ.

އެއިލާހު ވަޙީކުރެއްވިއެވެ.

فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ﴿٩٢﴾ عَمَّا كَانُوا يَعْمَلُونَ ﴿٩٣﴾ [ سورة الحجر]

މާނައީ: ” ފަހެ، ކަލޭގެފާނުގެ ރައްބު ގަންދެއްވައި ވަޙީކުރައްވަމެވެ. ތިމަންއިލާހު އެބައިމީހުން އެންމެންނާ ސުވާލުކުރައްވާ ހުށީމެވެ! [92] އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކާ މެދުގައެވެ. [93]”

އަދިވެސް ވަޙީކުރެއްވިއެވެ.

فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ ﴿٦﴾ فَلَنَقُصَّنَّ عَلَيْهِم بِعِلْمٍ وَمَا كُنَّا غَائِبِينَ ﴿٧﴾ [سورة الأعراف]

މާނައީ: “ހަމަށަވަރުން އެބައިމީހުންގެ ގާތަށް ރަސޫލުން ފޮނުއްވި މީހުންނާ ތިމަންއިލާހު ސުވާލުކުރައްވާ ހުށީމެވެ. އަދި ރަސޫލުންނާވެސް ހަމަކަށަވަރުން ތިމަންއިލާހު ސުވާލުކުރައްވާ ހުށީމެވެ .[6] އަދި (އެބައިމީހުން ކުރި ހުރިހާ ކަމެއް) ދެނެވޮޑިގެންވާ ޙާލު، ހަމަކަށަވަރުން ތިމަންއިލާހު އެބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ. އަދި (މި ކަމުގައި) ތިމަންއިލާހު ދުރުވެވޮޑިގެނެއް ނުވަމެވެ. [7]”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿لِّيَسْأَلَ الصَّادِقِينَ عَن صِدْقِهِمْ ﴾  [سورة الأحزاب ٨]

މާނައީ: “(އެއީ) ތެދުވެރިންގެ ކިބައިން، އެބޭކަލުންގެ ތެދުވެރިކަމާމެދު ސުވާލުކުރެއްވުމަށްޓަކައެވެ.”

ފަހެ ތެދުވެރިންގެ ތެދުވެރިކަމާމެދު އެބޭކަލުންނާ ސުވާލުކުރެވި ޙިސާބުބެއްލެވޭއިރު، ދޮގުވެރިންނަށް ވާނީ ކިހިނެތް ހެއްޔެވެ؟

_________________________________

މިއީ އިބްނުލް ޤައްޔިމް رحمه الله ލިޔުއްވާފައިވާ إغاثة اللهفان من مصائد الشيطان އިން ނަގާފައިވާ ލިޔުމެކެވެ.