އިސްލާމްދީނުގައި ހަމައެކަނި ބަލާމިންގަނޑަކީ ޢަމަލުތައް އިތުރުކުރުމެއް ނޫނެވެ. ނަމަވެސް ވާޖިބުވެގެންވަނީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއެކު، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާ އެއްގޮތްވާގޮތަށް ޢަމަލުތައްކުރުމެވެ. އެގޮތުން އަޅުގަނޑުމެންގެ ވެރިރައްބުވަނީ އެއިލާހުގެ ވަޙީބަސްފުޅުގައި މިކަން ޖަމާކުރައްވާފައެވެ. ވަޙީކުރެއްވިއެވެ.
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾ [البينة: ٥]
މާނައީ: “ކިޔަމަންތެރިކަން ﷲއަށް ޚާލިޞްކުރާޙާލު ޙުނަފާއިންގެ ގޮތުގައި (އެބަހީ: ތައުޙީދުގެ މަގަށް ލެނބިހުރެ) ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.”
އެގޮތުން މިއާޔަތުގައި މިވަނީ އިޚްލާޞްތެރިކަމާއި ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުން ޖަމާކުރައްވާފައެވެ.
ގިނައިން ޢަމަލުކުރިޔަސް ޞައްޙަ އިޢުތިޤާދެއް ނުވާނަމަ އެކަން ކުރިމީހާ ވަންނަހުށީ ނަރަކައަށެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا ﴾ [سورة الفرقان ٢٣]
މާނައީ: “އަދި ޢަމަލުގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންއިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.”
އަދި ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅާމެދު ފުޟައިލް ބުން ޢިޔާޟް ވިދާޅުވިއެވެ.
﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ﴾ [ سورة الملك ٢ ]
މާނައީ: “އެއިލާހީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލުރަނގަޅީ ކާކުތޯ އިމްތިޙާނުކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި އިލާހެވެ. އަދި އެއިލާހީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.”
އެބަހީ: އެންމެ އިޚްލާޞްތެރި އަދި އެންމެ ރަނގަޅުގޮތަށް ކުރާ ޢަމަލެވެ. އެބޭކަލުން ދެންނެވިއެވެ. އޭ އަބޫ ޢަލީއެވެ. (އެބަހީ: ފުޟައިލުއެވެ.) އެންމެ އިޚްލާޞްތެރި އަދި އެންމެ ރަނގަޅުގޮތަށްކުރާ ޢަމަލަކީ ކޮބާ ހެއްޔެވެ. ފަހެ ވިދާޅުވިއެވެ. ޢަމަލު ޚާލިޞްކޮށް ކުރިޔަސް ރަނގަޅުގޮތަށް ނުކުރާނަމަ ޤަބޫލުނުކުރެއްވޭނެއެވެ. އަދި އެންމެ ރަނގަޅުގޮތަށް ކުރާ ޢަމަލުވެސް އިޚްލާޞްތެރިކަމާއެކީ ނުކުރާނަމަ، އެދެކަން ހަމަވެއްޖައުމަށް ދާންދެން ޤަބޫލުނުކުރެއްވޭނެއެވެ. ޚާލިޞްކޮށް ކުރުމަކީ (ހަމައެކަނި) ﷲ އަށްޓަކައި އަދާކުރުމެވެ. އަދި ރަނގަޅުގޮތުގައި ކުރުމަކީ ސުންނަތާ އެއްގޮތަށްކުރުމެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.