[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 6

ޤަވާޢިދު: نَسْخُ السُّنَّةِ بِالقُرْآنِ جَائِزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާނުން ސުންނަތް ނަސްޚުވުން ޖާއިޒު}

މި ޤަވާޢިދުގެ މުރާދު: ޤުރުއާނުން ސުންނަތް ނަސްޚުކުރެވުމީ ވެދާނެކަމެކެވެ. އެއީ މުތަވާތިރު ސުންނަތެއް ކަމުގައިވިޔަސް ނުވަތަ މަޝްހޫރު ސުންނަތެއް ކަމުގައިވިޔަސް ނުވަތަ އާޙާދު ސުންނަތެއް ކަމުގައިވިޔަސް މެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

މިއާ ޚިލާފަށް، ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ޤުރުއާނުން ސުންނަތް ނަސްޚެއް ނުކުރެވޭނެއެވެ. އެ ބޭފުޅުން ވިދާޅުވަނީ ނަސްޚަކީ ބަޔާންކުރުމެއްކަމަށާއި، ޤުރުއާނުގައިވާ އެއްޗެއް ބަޔާންކުރެވޭނީ ހަމައެކަނި ޤުރުއާނުންކަމުގައި އަންނަނިވި އާޔަތުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ކަމުގައެވެ. (وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ) (ސޫރަތުއްނަޙްލު: 44 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ.]

ވީއިރު، ސުންނަތުގައިވާ ކަމެއް ޤުރުއާނުން ބަޔާންކޮށްދިނުން އެކަށީގެންނުވާ ކަމުގައެވެ. އަދި އެހެންކަމުން، ޤުރުއާނުން ސުންނަތް ނަސްޚުވުން އެކަށީގެންނުވާ ކަމުގައެވެ.

އެހެންނަމަވެސް، މި ވާހަކައިގެ ރައްދުގައި ދެންނެވެނީ، އެ އާޔަތުގައި އެވާ [ޛިކުރު] ގެ ތެރެއަށް ޤުރުއާނާއި ސުންނަތް ވެސް ވަންނަކަމުގައެވެ. އެހެންކަމުން، ޤުރުއާނުގައިވާ އެއްޗެއް ބަޔާންކުރެވޭނީ ހަމައެކަނި ޤުރުއާނުންކަމުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައި ނުވާކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =