ޤަވާޢިދު: صَرِيْحُ التَّأْبِيْدِ مَانِعٌ مِن احْتِمَالِ النَّسْخِ
މި ޤަވާޢިދުގެ ތަރުޖަމާ: {ދާއިމީކޮށްކަން ޞަރީޙަކޮށްފައިވުމީ ނަސްޚުވެފައިވާކަމުގެ އިޙްތިމާލުއުފެދުން މަނާކުރާ ހުރަހެއް}
މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ސާފުސީދާ ޢިބާރާތަކުން ދާއިމީކޮށް ބާވައިލެއްވުނު ކަމެއްކަން ބަޔާންކުރައްވާފައިވާ އެންގެވުން ނަސްޚުވުން އެކަށީގެނެއް ނުވެއެވެ. އަދި އެ އެންގެވުން ބާޠިލުވެގެނެއް ނުދާނެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَجَاعِلُ الَّذِيْنَ اتَّبَعُوْكَ فَوْقَ الَّذِيْنَ كَفَرُوْا إِلَى يَوْمِ الْقِيَامَةِ) (ސޫރަތު އާލު ޢިމްރާން: 55 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ކާފިރުވި މީހުންނަށްވުރެ ކަލޭގެފާނަށް ތަބަޢަވި މީހުން ޤިޔާމަތްދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ.] އަދި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. [الـجِهَادُ مَاضٍ إِلَى يَومِ القِيَامَةِ] މާނައީ: [ޤިޔާމަތްދުވަހާ ޖެހެންދެން ޖިހާދުކުރުން ދެމިއޮންނާނެއެވެ.]
ސަބަބަކީ، ދާއިމީކުރެއްވުމުން ލާޒިމުކުރަނީ އެ ކަން އެ ގޮތުގައި ދާއިމަށް ދެމިއޮތުން ކަމުގައިވެފައި، ނަސްޚުވުމަކީ ދާއިމަށް ދެމިއޮތުމާ ފުށުއަރާކަމެއް ކަމުގައިވާތީއެވެ. އަދި ހަމައެހެންމެ، ދާއިމީކޮށްކަމަށް ސިފަކުރައްވާފައިވާ އެންގެވުން ބެލެވޭހުށީ މުޙުކަމް (އެބަހީ، އޭގެ މާނައިގެ މައްޗަށް އެއިން ދަލީލުކޮށްދޭ ދަލީލުކޮށްދިނުން ފާޅުކޮށް ފެންނަންހުންނަ) އެއްޗެއްގެ ގޮތުގައި ކަމަށްވެފައި، މުޙްކަމް އެއްޗަކުން އިތުރު ތައުވީލަކަށް ނުވަތަ ޚާއްޞަކުރުމަށް ނުވަތަ ނަސްޚުވުމަކަށް ފުރުޞަތު ނޯންނާނެތީއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ކަމަށްވިޔަސް ނުވަތަ އެ ނަބިއްޔާ ސުވަރުގެވަޑައިގަތުމަށްފަހު ކަމަށްވިޔަސް މެއެވެ. މިއީ، މުތަކައްލިމުންކުރެ ބައެއް ބޭފުޅުންނާއި، އަލްޖައްޞާޞްއާއި އައްދައްބޫސީއާއި އަލްބަޒްދަވީއާއި އައްސަރަޚްސީފަދަ ޢާއްމުކޮށް ހުރިހާ ޙަނަފީންގެ ވެސް ރައުޔެވެ.
މިއާ ޚިލާފަށް، މުތަކައްލިމުންކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، ދާއިމީކޮށްކަން ދޭހަކޮށްދޭ ޢިބާރާތަކުން އައިސްފައިވާ ނައްޞުތަކާއި ޙުކުމްތައް ވެސް ނަސްޚުވުން އެކަށީގެންވެއެވެ. ސަބަބަކީ، އާދަކާދައިގެ ގޮތުން އެފަދަ ލަފްޒުތައް ބޭނުންކޮށް އުޅެވެނީ މުބާލަޣާކުރުމުގެ (އެބަހީ، ކަމެއްގެ މުހިއްމުކަމާހުރެ އެ ކަމެއް މާ މައްޗަށް ގެންދިޔުމުގެ) ގޮތުން ކަމުގައި ވާތީއެވެ. އެހެންނަމަވެސް، މި ވާހަކައިގެ ރައްދުގައި ބުނެވެނީ، ތިޔަ އާދަކާދަ ހިނގާކަމަށް ބެލެވޭނީ މީސްތަކުން ދައްކާއުޅޭ ވާހަކަތަކަށް ކަމުގައެވެ. ޝަރުޢުކުރައްވާ ފަރާތުގެ ނިސްބަތުން އެ ގޮތަށް މާނަނެގުން މުސްތަޙީލުވެގެންވާ ކަމުގައެވެ. އެއީ، ދެ ކަމަކާހުރެއެވެ.
- ފުރަތަމަ ކަމަކީ: އެފަދަ ޙުކުމެއް ބާޠިލުކުރެވޭނަމަ، ދާއިމީކޮށް ބާވައިލެއްވުނު ޙުކުމެއްކަމަށް ކުރިން ބަޔާންކުރެއްވުމުގައި އެއްވެސް ފައިދާއެއް ނެތެވެ. ސަބަބަކީ، ދާއިމީކޮށް ބާވައިލެއްވުނުކަމަށް ބަޔާންނުކުރައްވައި އޮތްނަމަ، ނަސްޚުވުމުގެ އިޙްތިމާލު އޮންނާނެތީއެވެ. އެގޮތަށް ބަޔާންވެފައި އޮވެ ވެސް ނަސްޚުވުމުގެ ފުރުޞަތު އޮންނަނަމަ، އެއީ ކުޅިވަރެއްކަމުގައި ވާނޭތީއެވެ. ކުޅިވަރަށް ކަންކުރުމީ ޝަރުޢުކުރައްވާ ފަރާތުގެ ނިސްބަތުން މުސްތަޙީލުކަމެކެވެ.
- ދެވަނަ ކަމަކީ: ދާއިމީކޮށް ބާވައިލެއްވުނު ޙުކުމެއްކަމަށް ކަނޑައަޅުއްވާފައި، އެ ޙުކުމް ބާޠިލުކުރައްވައިފިނަމަ، އޭގެ ސަބަބުން ޝަރުޢުކުރައްވާ ފަރާތުގެ ބަސްފުޅުތަކުގެ އިތުބާރު ގެއްލޭނެއެވެ. އެހެނީ، އެހާރުން މިވެނި ޙުކުމެއް ނަސްޚުނުވާނެއޭ ބަޔާންކުރެވިފައިވިއެއްކަމަކު ވެސް، އެ ނަސްޚު ނުވާނެކަމާމެދު އިތުބާރު ނުކުރެވޭނެތީއެވެ. މިގޮތަށް ޝަރުޢުކުރައްވާ ފަރާތުގެ ބަސްފުޅުތަކަށް އޮންނަ އިތުބާރު ގެއްލޭފަދައިން ކަންތައްވުމީ ބުއްދީގެ ގޮތުން ބަލާއިރު ވާނޭކަމެއް ނޫނެވެ. އެހެންކަމުން، މިއިން ލާޒިމުކުރަނީ އެފަދަ ހާލަތެއްގައި ނަސްޚުވުން މުސްތަޙީލުވުމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =