[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 1

ފުރަތަމަ ޤަވާޢިދު (ޖުމްލަ 60): التَّرْجِيْحُ فَرْعُ التَّعَارُضِ

މި ޤަވާޢިދުގެ ތަރުޖަމާ: {ތަރުޖީޙަކީ ތަޢާރުޟުގެ ދަށަށް ވަންނަ ކަމެއް}

މި ޤަވާޢިދުގެ މުރާދު: އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި ތަޢާރުޟުއޭ ބުނެވެނީ، ދެ ދަލީލެއް އެކަތި އަނެކައްޗާ ފުށުއެރުމަށެވެ. ގިނަ އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި ތަރުޖީޙުއޭ ބުނެވެނީ، އެއް ޢަލާމާތުގެ (ދަލީލުގެ) މައްޗަށް އަނެއް ޢަލާމާތް (ދަލީލު) ބާރުގަދަކުރުމަށެވެ. އެއީ، އެ ތަނުން ބާރުގަދަ އެއްޗަށް ޢަމަލުކުރުމުގެ ގޮތުންނެވެ.

މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ދަލީލުތަކުގެ މެދުގައި ތަރުޖީޙު ދިނުމަށްޓަކައި ފުރަތަމަ ކަމަކަށް އެ ދަލީލުތަކަކީ ތަޢާރުޟުވާން (އެބަހީ، ފުށުއަރާން) އެކަށޭނަ އެކަމަށް ޤާބިލު އެއްޗެހިތަކަކަށް ވާންޖެހޭނެ ކަމުގައެވެ. ދެން އަނެއް ކަމަކަށް، ޢަމަލީ ގޮތުން އެ ތަޢާރުޟުވުން އޮންނަންޖެހޭނެ ކަމުގައެވެ. ދެ ދަލީލެއްގެ މެދުގައި ތަޢާރުޟުވުމުގެ ޤާބިލިއްޔަތުކަން ނެތްނަމަ، އެ ތަނުން އެއް ދަލީލަށް ތަރުޖީޙު ދިނުމެއް ނުވެއެވެ. މިސާލަކަށް، އެ ދެ ދަލީލަކީ ދެ ޤަޠުޢީ ދަލީލު ކަމުގައިވުމެވެ. އަދި ހަމަމިގޮތަށް، ދެ ދަލީލެއްގެ މެދުގައި ޢަމަލީ ގޮތުން ތަޢާރުޟުވުމެއް ނެތްނަމަ ވެސް، އެ ތަނުން އެއް ދަލީލަށް ތަރުޖީޙު ދިނުމެއް ނުވެއެވެ. މިއީ، ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ.

މިއާ ޚިލާފަށް، ބައެއް އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، ތަރުޖީޙު ދިނުމަކީ ތަޢާރުޟުވުމުގެ މައްޗަށް ބިނާވާ ކަމެއް ނޫނެވެ. އަދި ކިޔެއްތަ! ތަޢާރުޟުވާނަމަ، ތަރުޖީޙު ދިނުމެއް ވެސް ނުވެއެވެ. ކޮންމެއަކަސް، މި ރައުޔަކީ ފުށުއެރުން ހައްލުނުކުރެވުނު ތަޢާރުޟާގުޅޭ ރައުޔެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ދެން ފަހެ، ތަރުޖީޙު ދެވޭނީ އިތުރު ކަންތައްތަކެއް ވެސް ފުރިހަމަވާނަމައެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ދެ ކަމަކީ:

  • ފުރަތަމަ ކަންތައް: ތަރުޖީޙު ދެނީ ދެ ޡައްނީ ދަލީލަކުންކުރެ ދަލީލަކަށް ކަމުގައިވުމެވެ. ޤަޠުޢީ ދަލީލުތައް އެއް ދަލީލުގެ މައްޗަށް އަނެއް ދަލީލަށް ތަރުޖީޙެއް ނުދެވޭނެއެވެ. އެއީ، ޢަޤްލީ ދަލީލުތަކަކަށް ވިޔަސް ނުވަތަ ނަޤްލީ ދަލީލުތަކަކަށް ވިޔަސް މެއެވެ.
  • ދެވަނަ ކަންތައް: ތަޢާރުޟުވާ ދެ ދަލީލު ޖަމްޢުކުރަން (އެބަހީ، އެ ދެ ދަލީލުގެ މެދުގައިވާ ފުށުއެރުން ނައްތައިލަން ނުވަތަ ހައްލުކުރަން) ނުކުޅެދުމެވެ. އެހެންނަމަވެސް، އެ ދެ ދަލީލު ޖަމްޢުކުރުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، އެ ދެ ދަލީލު އެކަތި އަނެކަތީގެ މައްޗަށް ތަރުޖީޙު ދިނުމެއް ނުވެއެވެ.

އެގޮތުން، ދެ ޚަބަރެއް ވާރިދުވެގެން އައިސްފައިވާއިރު، އެ ތަނުން އެއް ޚަބަރުގައި އަނެއް ޚަބަރުގައިނުވާ އިތުރުވުމެއް އޮވެފައި، އެ އިތުރުވުމަކީ އަނެއް ޚަބަރުގެ ކަމެއް ނަފީކުރާ އިތުރުކުރުމެއް ކަމުގައި ނުވާނަމަ، އެ އިތުރުކުރުމަށް ވެސް ޢަމަލުކުރެވޭނެއެވެ. އަދި ބެލެވޭނީ އެ އިތުރުވުމަކީ އަނެއް ރިވާޔަތް ފުރިހަމަކޮށްދޭ ކަމެއްގެ ގޮތުގައެވެ. މި ހާލަތުގައި، އިތުރު ވާހަކައެއް އޮތް ޚަބަރާއި އެ އިތުރު ވާހަކަ ނެތް ޚަބަރު އެކަތި އަނެކަތީގެ މައްޗަށް ތަރުޖީޙު ދޭނީއެކޭއެއް ނުބުނެވޭނެއެވެ. ސަބަބަކީ، އެ ދެ ރިވާޔަތް އެކަތި އަނެކަތި ނަފީ ނުކުރާތީއެވެ. އަދި އެ ދޭތީގެ ދެމެދު ތަޢާރުޟުވުމެއް ނުވާތީއެވެ. މިއީ، މި މައްސަލައިގައި އޮންނަ އެންމެ ޞައްޙަ ރައުޔެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =