[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 2

2ވަނަ ޤަވާޢިދު (ޖުމްލަ 60): العَمَلُ بِأَرْجَحِ الظَّنَّيْنِ عِنْدَ التَّعَارُضِ وَاجِبٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާ ހާލަތުގައި ދެ ޡައްނުގެ ތެރެއިން ރާޖިޙު ޡައްނަށް ޢަމަލުކުރުމީ ވާޖިބެއް}

މި ޤަވާޢިދުގެ މުރާދު: ޡައްނީ ދަލީލުތަކުގެ މެދުގައި ތަޢާރުޟުވާހިނދު، އެ ތަނުން އެއް ދަލީލަށް ތަރުޖީޙުދިނުމުގެ ޢަމަލު ބިނާވަނީ غَلَبَةُ الـظَّنِّ (ހީއަށް ބުރަވެވުން، ނުވަތަ ބުރަވެވޭ ހީ) އަށެވެ. ތަޢާރުޟުވާ ދެ ދަލީލުގެ ތެރެއިން އެއް ދަލީލު އަނެއް ދަލީލަށްވުރެ، އެ ދަލީލުތަކުން ލިއްބައިދޭ ޡައްނުގައި މާ ބާރުގަދަކަމަށް މުޖުތަހިދު ޢިލްމުވެރިޔާއަށް ޤަބޫލުކުރެވިއްޖެނަމަ، ޡައްނުގައި ބާރުގަދަ ދަލީލު އަނެއް ދަލީލުގެ މައްޗަށް އިސްކޮށް އެއަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ. ޢިލްމުވެރިން މިކަމާމެދު އިއްތިފާޤުވެވަޑައިގަންނަވައެވެ.

{މުތަރުޖިމު: ޡައްނުއަކީ ހީއެވެ. ޡައްނުއާއި ޝައްކުގައި އެއްގޮތްކަމަކާއި ތަފާތެއް ވެއެވެ. އެ ދޭތީގެ އެއްގޮތްކަމަކީ، ދޭތީގައި ވެސް ދެކޮޅަށް ކިރިކިރި ހުރުމެވެ. ކަމަކާމެދު ހީވާ މީހާ ވެސް އަދި ޝައްކުވާ މީހާ ވެސް އެ ކަންތަކާމެދު ހުންނަނީ ދެކޮޅަށް ކިރިކިރިއެވެ. އެ ދޭތީގެ ތަފާތަކީ، ޝައްކުގައިނަމަ، ދެކޮޅަށް ކިރޭ ކަންތައްތަކުގެ ތެރެއިން ވަކިކޮޅަކަށް ކިރިޔާ ވެސް ބުރަވާނޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނުވަތަ ސަބަބެއް ނޯންނާނެއެވެ. އެހެންނަމަވެސް، ޡައްނުގައިނަމަ، ދެކޮޅަށް ކިރޭ ކަންތައްތަކުގެ ތެރެއިން ވަކިކޮޅަކަށް ކޮންމެވެސް ވަރަކަށް ބުރަވާނޭ ހެއްކެއް ނުވަތަ ޤަރީނާއެއް ނުވަތަ ސަބަބެއް އޮންނާނެއެވެ. އެހެންކަމުން، ޝަރުޢީ ދަލީލުތަކުގެ ތެރެއިން ބައެއް ދަލީލުތަކަށް ޡައްނީ ދަލީލުތަކޭ ކިޔެނީ، އެ ދަލީލުތަކަކީ ދަލީލުތަކެއްކަން ޔަޤީނީ ދަރަޖައިގައި ނޭނގުނުކަމުގައި ވިޔަސް، އެއީ ދަލީލުތަކެއްކަމަށް ބޮޑަށް ހީކުރެވޭތީ ނުވަތަ ހީގެ ދަރަޖައިގައި ބޮޑަށް ބުރަވެވޭތީއެވެ. އަދި ޝަރުޢީ ޙުކުމްތަކުގެ ތެރެއިން ޡައްނީ ޙުކުމްތަކޭ ކިޔެނީ ވެސް މި ނަޒަރަކުން ބަލައިގެންނެވެ. ޝަރުޢީ ދަލީލުތަކާއި ޙުކުމްތައް ޡައްނުގެ ދަރަޖައިގައި ސާބިތުވުމުން އެ ޤަބޫލުކޮށް އެއަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. އެ ކަންކަން ޔަޤީނީ ދަރަޖައިގައި ސާބިތުވާކަށް ކޮންމެހެން ލާޒިމެއް ނޫނެވެ.}

މި ތަނުގައި ޡައްނުއަކީ، ބުރެވެވޭ ކޮޅު، ނުވަތަ ހީތަކުގެ ތެރެއިން ރާޖިޙު ހީއެވެ. ރާޖިޙު ޡައްނަކީ، ބުރަވެވޭ ހީތަކުގެ ތެރެއިން އެންމެ ބޮޑަށް ބުރަވެވޭ ހީއެވެ.

މި ޤަވާޢިދުގައި ބަޔާންވެފައި އެވާ ކަންތަކުގެ މައްޗަށް ބިނާކޮށް އުޞޫލީ ޢިލްމުވެރިން، މަންޠޫޤުއާއި މަފްހޫމު ތަޢާރުޟުވާހިނދު، މަފްހޫމުގެ މައްޗަށް މަންޠޫޤު އިސްކުރައްވަތެވެ. އެހެނީ، غَلَبَةُ الـظَّنّ ލިއްބައިދިނުމުގައި މަންޠޫޤު މާ ބާރުގަދައެވެ. ސަބަބަކީ، މަންޠޫޤުއަކީ ބޭރުފުށުން ދަލީލުކޮށްދޭ އެއްޗަކަށް ވާތީއެވެ. އަދި މިއާ ޚިލާފަށް، މަފްހޫމަކީ، އެއިން ވިސްނޭ ވިސްނުން ކަމުގައިވާތީ، އެއިން އެކި ގޮތްގޮތަށް ދަލީލުކޮށްދޭތީއެވެ.

ހަމައެފަދައިން، ތަޢާރުޟުވާ ދަލީލުތަކުގެ ތެރެއިން ގިނަ އިޙްތިމާލުތައް ލިއްބައިދޭ ދަލީލުގެ މައްޗަށް މަދު އިޙްތިމާލުތަކެއް ލިއްބައިދޭ ދަލީލު އެ ބޭފުޅުން އިސްކުރައްވަތެވެ. ސަބަބަކީ، އިޙްތިމާލުތައް ގިނަވުމީ ދަލީލުން ލިއްބައިދޭ ޡައްނުގެ ދަރަޖަ ބަލިކަށިކޮށް ދައްކޮށްލާ ކަމެއް ކަމުގައިވާތީއެވެ. އެހެންކަމުން، އިޙްތިމާލުތައް މަދު ދަލީލަކީ ޡައްނުގެ ގޮތުން ބާރުގަދަ ނުވަތަ ބުރަވެވޭ ޡައްނަށް ވެގެންދާނެއެވެ. އަދި އެހެންކަމުން، ޢަމަލުކުރެވޭނީ ވެސް އެއަށެވެ.

އަދި ހަމައެގޮތަށް، ތަޢާރުޟުވާ ދެ ކަމެއްގެ ތެރެއިން އެއް ކަމަކަށް މާ ގިނަ ދަލީލު ލިބިފައިވާނަމަ، މަދު ދަލީލު ލިބިފައިވާ ކަންތަކުގެ މައްޗަށް އެ ކަންތައް އިސްކުރެވޭނޭ ކަމުގައި ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަތެވެ. ސަބަބަކީ، މަދު ދަލީލުތަކަކަށް ބިނާވާ ޡައްނަށްވުރެ، ގިނަ ދަލީލުތަކަކަށް ބިނާވާ ޡައްނު މާ ބާރުގަދަވާނެތީއެވެ. އަދި އެހެންކަމުން، ޢަމަލުކުރެވޭނީ ވެސް ޡައްނުގެ ބާރު ގަދަވެއްޖެ ކަންތަކަށެވެ.

އަދި ހަމައެހެންމެ، ތަޢާރުޟުވާ ދެ ޚަބަރުގެ ތެރެއިން ޚަބަރު ވާރިދުވީ ސަބަބާއެކު އޮންނަ ޚަބަރު، ޚަބަރު ވާރިދުވީ ސަބަބުނެތި އޮންނަ ޚަބަރުގެ މައްޗަށް އެ ބޭފުޅުން އިސްކުރައްވަތެވެ. ސަބަބަކީ، ޙަދީޘް ވާރިދުވީ ސަބަބު ރާވީ ބަޔާންކޮށްފައިވުމީ، އެ ރިވާޔަތަށް އޭނާ ފަރުވާތެރިވެފައިވާކަމާއި އެ ރިވާޔަތް އޭނާގެ ހަނދާނުގައި ރަނގަޅަށް ހަރުލާފައިވާކަން ދަލީލުކޮށްދޭ ކަމެއްކަމުގައި ވާތީއެވެ. އޭގެ ސަބަބުން، ވާރިދުވީ ސަބަބު އޮތް ރިވާޔަތުގެ ސަލާމަތްތެރިކަން ބޮޑުކަމަށާއި ޞައްޙަ ގޮތާއި އެންމެ ގާތްކަންބޮޑީ އެ ރިވާޔަތްކަމަށް ކުރެވޭ ހީ ބޮޑުވެގެންދެއެވެ. އެހެންކަމުން، އެ ވާހުށީ އެ ދެ ޚަބަރުންކުރެ އެންމެ ބޮޑަށް ރާޖިޙު ނުވަތަ ބުރެވެވޭ ޚަބަރުކަމުގައެވެ.

އަދި ތަޢާރުޟުވާ ޤިޔާސްތަކުގެ ތެރެއިން އޭގެ ޢިއްލަތު އެންމެހައި މުކައްލަފުންނަށް ޢާއްމުވެގެންވާ ޤިޔާސް، އޭގެ ޢިއްލަތު ވަކި ބަޔަކަށް ޚާއްޞަވެގެންވާ ޤިޔާސްގެ މައްޗަށް އެ ބޭފުޅުން އިސްކުރައްވަތެވެ. ސަބަބަކީ، ޙުކުމުގެ ޡައްނު ލިއްބައިދިނުމުގައި މި ބާވަތުގެ ޢިއްލަތުގެ ހާލަތު މާ ބާރުގަދަވެފައި، ދެ ޡައްނުގެ ތެރެއިން އެންމެ ރާޖިޙު ޡައްނަށް ޢަމަލުކުރުން ވާޖިބުވާތީއެވެ.

އަދި ހަމައެފަދައިން، ތަޢާރުޟުވާ ޤިޔާސްތަކުގެ ތެރެއިން ހަމައެކަނި الـمُـنَـاسَبَـة ގެ ޛަރީޢާއިން ޢިއްލަތު ސާބިތުވެފައިވާ ޤިޔާސްގެ މައްޗަށް الـسِبْـرُ ގެ ޛަރީޢާއިން ޢިއްލަތު ސާބިތުވެފައިވާ ޤިޔާސް އެ ބޭފުޅުން އިސްކުރައްވަތެވެ. ސަބަބަކީ، الـمُـنَـاسَبَـة އިން ޢިއްލަތުކަމުގެ ޡައްނު ލިއްބައިދޭތީއެވެ. އަދި އިދިކޮޅުހަދާ ފަރާތުގެ ވާހަކަ ނަފީކުރާނޭފަދަ ދަލީލުކޮށްދިނުމެއް އޭގައި ނުވާތީއެވެ. މިއާ ޚިލާފަށް، الـسِبْـرُ އިން ސިފައިގެ ޢިއްލަތުކަމުގެ ޡައްނު ލިއްބައިދޭތީއެވެ. އަދި އެ ސިފައަށް އިންކާރުކުރާ ނުވަތަ އިދިކޮޅުހަދާ ފަރާތުގެ ވާހަކަ އެއިން ނަފީކޮށްދޭތީއެވެ. އެހެންކަމުން، الـسِبْـرُ ގެ ޛަރީޢާއިން ސާބިތުވެފައިވާ ޢިއްލަތު އޮންނަ ޤިޔާސް غَلَبَةُ الـظَّنّ ލިއްބައިދިނުމުގައި މާ ބާރުގަދައެވެ. ވުމާއެކު، ޢަމަލުކުރެވޭނީ ވެސް އެއަށެވެ.

މިސާލަކަށް، އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ޚަބަރު [مَنْ أَصْبَحَ جُنُبًا فَلَا صِيَامَ لَه] (މާނައީ: ޖުނުބުވެރި ހާލުގައި ހެނދުންކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަކަށް ރޯދައެއް ނުވެއެވެ.) ގެ މައްޗަށް، ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ޚަބަރު [أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصْبِحُ جُنُبًا مِنْ غَيْرِ احْتِلَامٍ ثُـمَّ يَصُوم] (މާނައީ: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިޙްތިލާމުވުމަކަށް ނުވާގޮތުން ޖުނުބުވެރިވެފައިވާ ހާލުގައި ހެނދުންކުރައްވާފައި (މުތަރުޖިމު: އެބަހީ، ފަތިސްވެއްޖައުމަށްދާންދެން ހުންނަވާފައި) ދެން ރޯދައަށް ހުންނަވާކަމުގައި ވެއެވެ.) ޢިލްމުވެރިން އިސްކުރައްވަތެވެ. އެ ގޮތަށް އިސްކޮށް ތަރުޖީޙުދެއްވާ ސަބަބަކީ، ޢާއިލީ ކަންކަމުގައި އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުއަށްވުރެ ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ފިޤުހުވެރިކަމާއި އެނގޭ އެނގުންތައް މާ ބޮޑުވާނެތީއެވެ. އެހެންކަމުން، މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމުގެ ޡައްނު ލިއްބައިދިނުމުގައި، ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ މި ޚަބަރު މާ ބާރުގަދައެވެ. ވީއިރު، ޡައްނުގެ ގޮތުން ރާޖިޙު ޡައްނަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =