ވުޟޫ ބާޠިލުވެއްޖެކަމާމެދު ވަސްވާހެއް މެދުވެރިވިޔަސް އެކަމާ އަޅާލާކަށް ނުޖެހޭނެއެވެ.
ޞަޙީޙު މުސްލިމުގައި އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((إِذَا وَجَدَ أَحَدُكُمْ فِي بَطْنِهِ شَيْئًا، فَأَشْكَلَ عَلَيْهِ أَخَرَجَ مِنْهُ شَيْءٌ أَمْ لَا، فَلَا يَخْرُجَنَّ مِنَ الْمَسْجِدِ حَتَّى يَسْمَعَ صَوْتًا، أَوْ يَجِدَ رِيحًا)) [رواه البخاري]
މާނައީ: “ތިޔަބައިމީހުންކުރެ މީހަކު އޭނާގެ ބަނޑަށް އުނދަގޫވެ، އެއްޗެއް ނުކުމެއްޖެ ތޯ (އެބަހީ: ވަޔެއް ނުކުމެއްޖެ ތޯ) ނުވަތަ ނޫން ތޯ ޝައްކުވެއްޖެނަމަ ދަންނައެވެ. އޭނާއަށް އަޑެއް އިވިއްޖައުމަށް ދާންދެން ނުވަތަ ވަހެއް ދުވައިފުމަށް ދާންދެން (އެބަހީ: އެކަން ޔަޤީންވެއްޖައުމަށް ދާންދެން) މިސްކިތުން ނުނުކުންނަ ހުށިކަމެވެ.”
އަދި ޞަޙީޙު ބުޚާރީއާއި މުސްލިމުގައި ޢަބްދުﷲ ބުން ޒައިދު رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ.
ނަމާދަށް ހުއްޓާ އެއްޗެއް (އެބަހީ: ވަޔެއްފަދަ އެއްޗެއް) ބޭރުވާހެން ހީވާކަމުގެ ޝަކުވާތައް ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ހުށަހެޅުނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((لاَ يَنْصَرِفْ حَتَّى يَسْمَعَ صَوْتًا أَوْ يَجِدَ رِيحًا))
މާނައީ: “އަޑެއް އިވިގެން ނުވަތަ ވަހެއް ދުވައިފުމަށް ދާންދެން (އެބަހީ: އެކަން ޔަޤީންވެއްޖައުމަށް ދާންދެން) ނަމާދު ދޫކޮށްލާފައި ނުދާށެވެ.” [رواه البخاري ومسلم] …
އެގޮތުން ޝައިޠާނާގެ ބަސް ތެދަކަށް ވުމުގެ ފުރުޞަތުއޮތް ކަންކަމުގައިވެސް އޭނާގެ ބަސް ދޮގުކުރުމަށް ﷲ ގެ ރަސޫލާ صلى الله عليه وسلم މިވަނީ އަމުރުކުރައްވާފައެވެ. ދެންފަހެ އޭނާ ކަނޑައެޅިގެން ދޮގުހަދަނީކަން ޔަޤީންވާ ޙާލަތްތައް އަދި ކޮބާ ހެއްޔެވެ؟ އެގޮތުން އޭނާ އައިސް ވަސްވާސްޖެހިފައިވާ މީހާ ކަމެއްކުރާއިރަށް އެކަމާ ބެހޭގޮތުން ބުނެއެވެ.
އަދި މިވެނި ކަމެއް ނުކުރަމު ނޫން ހެއްޔެވެ؟
އައްޝައިޚް އަބޫ މުޙައްމަދު ވިދާޅުވިއެވެ.
ކުޑަކަމުދިޔުމަށް ފަހު ލަދުވެތިގުނަވަނަށާއި ޖަނގިޔާއަށް ކުޑަފެންފޮދެއް ބުރުވާލުން ސުންނަތްވެގެންވެއެވެ. އެއީ ވަސްވާސްތައް ދުރުކުރުމަށެވެ. އޭރުން (ފަހުން) ތެތްކަމެއްފެނިއްޖެނަމަ ބުނާށެވެ. މިއީ އަހަރެން ބުރުވާލި ފެންފޮދެވެ…
އެގޮތުން އިބްނު ޢުމަރު އެކަލޭގެފާނުގެ ލަދުވެތި ގުނަވަނަށް ފެންފޮދެއް ބުރުވާލައްވައެވެ. އޭގެ އަޘަރު ތިރިންލާ ހެދުމުން (ބައެއްފަހަރު) ފެނެއެވެ. [ عبدالرزاق في مصنفه وابن أبي شيبة]
ވުޟޫކުރުމަށްފަހު (ކުޑަކަމުދާތަކެތީގެ) ތެތްކަމެއް އިޙުސާސްވާކަމަށް އިމާމު އަޙުމަދާއެކު އުޅުއްވި ބައެއް ބޭކަލުން އެކަލޭގެފާނަށް ޝަކުވާދެންނެވިއެވެ. އެފަދަ މީހުން ކުޑަކަމުދިޔުމަށްފަހު ލަދުވެތިގުނަވަނަށް ފެންފޮދެއް ބުރުވާލުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ވިދާޅުވިއެވެ. “އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭށެވެ. އަދި އެކަމާ އަޅާނުލާށެވެ.”
އަދި ޙަސަނުލް ބަޞަރީ ނުވަތަ އެހެން ބޭކަލަކާ މިފަދަކަމަކާ ބެހޭގޮތުން ސުވާލުދެންނެވުމުން ވިދާޅުވިއެވެ.
“އެކަމާ އަޅާ ނުލާށެވެ.”
އަނެއްކާވެސް ތަކުރާރުކޮށް ސުވާލުދެންނެވުމުން ވިދާޅުވިއެވެ.
“ތިބާ އޭގެން ކުޑަކަމުދާ ތަކެތި ނެރުމަށް އަތްލަނީ ހެއްޔެވެ؟! އެކަމާ އަޅާނުލާ ދޫކޮށްލާށެވެ.” [ابن أبي شيبة]
____________________________
މިއީ އިބްނުލް ޤައްޔިމް رحمه الله ލިޔުއްވާފައިވާ إغاثة اللهفان من مصائد الشيطان އިން ނަގާފައިވާ ލިޔުމެކެވެ.