އިމްތިޙާނުކުރެއްވުމުގެ ސަބަބުން ހެޔޮލަފާމީހުންގެ ދަރަޖަ އުފުލިގެންދެއެވެ. އަދި އެބައިމީހުންގެ އަޖުރު މަތިވެރިވެގެންދެއެވެ.
ސަޢުދު ބުން ވައްޤާޞް رضي الله عنه ވިދާޅުވިއެވެ.
އޭ ﷲ ގެ ރަސޫލާއެވެ. އެންމެ ބޮޑެތި އިމްތިޙާނުތައް މެދުވެރިވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ.
((الْأَنْبِيَاءُ، ثُمَّ الصَّالِحُونَ، ثُمَّ الْأَمْثَلُ، فَالْأَمْثَلُ مِنَ النَّاسِ، يُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ، فَإِنْ كَانَ فِي دِينِهِ صَلابَةٌ زِيدَ فِي بَلائِهِ، وَإِنْ كَانَ فِي دِينِهِ رِقَّةٌ خُفِّفَ عَنْهُ، وَمَا يَزَالُ الْبَلاءُ بِالْعَبْدِ حَتَّى يَمْشِيَ عَلَى ظَهْرِ الْأَرْضِ لَيْسَ عَلَيْهِ خَطِيئَةٌ))
“ނަބީބޭކަލުންނަށެވެ. ދެން ޞާލިޙު ބޭކަލުންނަށެވެ. ދެން އެއާ ޖެހިގެން އެންމެ ރަނގަޅު މީހުންނަށެވެ. ކޮންމެ މީހަކުވެސް އިމްތިޙާނުކުރެއްވޭނީ އޭނާގެ ދީންވެރިކަން ހުރި މިންވަރަކަށެވެ. އޭނާގެ ދީންވެރިކަމުގައި ހަރުދަނާކަން ހުރިނަމަ އޭނާއަށް އިމްތިޙާނުތައް އިތުރުކުރެއްވެއެވެ. އަދި އޭނާގެ ދީންވެރިކަމުގައި ބަލިކަށިކަމެއްވާނަމަ އިމްތިޙާނުތައް މަދުކުރެވެއެވެ. މިބިންމަތީގައި އެއްވެސް ފާފައެއްނެތް މީހެއްގެގޮތުގައި ހިނގައްޖައުމަށްދާންދެން އަޅާއަށް އިމްތިޙާނުތައް ކުރިމަތިވަމުންދާނެއެވެ.” [ رواه أحمد بسند حسن]
އިމްތިޙާނުގެ މަގަކީ އުނދަގޫމަގެކެވެ. އެމަގުގައި އާދަމުގެފާނުވަނީ ވަރުބަލިވެވަޑައިގެންފައެވެ. އަދި އެމަގުގައި އިބްރާހީމް އަލްޚަލީލް އަލިފާނަށް އެއްލަވާލެވުނެވެ. އަދި އިސްމާޢީލުގެފާނު ޛަބަހަވުމަށްވެސް އޮށޯވެވަޑައިގަތީ ހަމަ އެމަގުގައެވެ. އަދި ޔޫނުސްގެފާނު އެމަގުގައި މަހުގެ ބަނޑުގައިވިއެވެ. އަދި ބަލިމަޑުކަމުގައި އައްޔޫބުގެފާނު ވެވަޑައިގަތެވެ. އަދި ކުޑައަގެއްގައި ޔޫސުފުގެފާނުވެސް ވިއްކާލެވުނެވެ. އަދި ދޮގުތަކެއްގެ ތެރެއިން އެކަލޭގެފާނު ވަޅަށް އެއްލައިލެވި އަނިޔާވެރިކަމާއެކު ޖަލަށްލެވުނެވެ. އަދި އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލައްވާފައެވެ.
ތިބާ ތިޔަދަތުރުކުރަނީ އިމްތިޙާނުވުމުގެ ސުންނަތުގެ މަތީގައެވެ. މުއުމިނުން އިމްތިޙާނުކުރެއްވެނީ ޢަޛާބުދެއްވުމަކަށް ނޫނެވެ. ނަމަވެސް ތަހުޛީބުކުރެއްވުމަށެވެ. ޙަޤީޤީ މުޞީބާތަކީ ދީނީ ގޮތުންކުރިމަތިވާ މުޞީބާތެވެ. އެނޫން ކޮންމެ މުޞީބާތަކީ ޢާފިޔަތެކެވެ. އޭގެ ސަބަބުން ދަރަޖަ އުފުލި ނުބައިކަން ފޮހެވިގެންދެއެވެ.
ފަހެ ދުނިޔެއިން ފާއިތުވި އެއްޗަކާމެދު ހިތާމަނުކުރާށެވެ…
ދެންފަހެ ނަބީބޭކަލުން އިމްތިޙާނުކުރެއްވުމުން އެބޭކަލުން ކެތްތެރިވެވަޑައިގަތެވެ. އެހެންކަމުން މީސްތަކުންގެ ތެރޭގައިވި އެންމެ މަތިވެތި ބޭކަލުން عليهم الصلاة والسلام ކެތްތެރިވެވަޑައިގެންނެވި ފަދައިން ތިބާވެސް ކެތްތެރިވާށެވެ. އުންމީދަކީ އެބޭކަލުންނާއެކު އާޚިރަތްދުވަހު ތިބާވެސް މަޙުޝަރުކުރެއްވުމެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.