6ވަނަ ޤަވާޢިދު (ޖުމްލަ 60): التَّرْجِيْحُ بَيْنَ الدَّلِيْلَيْنِ بِلَا مُرَجِّحٍ بَاطِلٌ، وَالعَمَلُ بِالرَّاجِحِ مِنْهُمَا وَاجِبٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ރާޖިޙުދޭނޭކަމެއްނެތި ދެ ދަލީލެއް ދެމެދު ތަރުޖީޙުދިނުމީ ބާޠިލުކަމެއް، އަދި އެ ތަނުން ރާޖިޙު ދަލީލަށް ޢަމަލުކުރުމީ ވާޖިބެއް}
މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި ދެ ބަޔެއް އެބަ ހިމެނެއެވެ. ފުރަތަމަ ބައިގައި ބަޔާންވެފައި އެވަނީ، ފުށުއަރާ ދެ ދަލީލަކުންކުރެ ދަލީލަކަށް ތަރުޖީޙުދިނުމުގައި، ތަރުޖީޙުދޭނޭ އެއްޗަކަށް ބިނާކުރުމެއްނެތި ނުވަތަ އެފަދަ އެއްޗެއް ނެތް ހާލު އެ ތަނުން ވަކި ދަލީލަކަށް ތަރުޖީޙުދިނުމީ ޝަރުޢީގޮތުން ހުއްދަކަމެއް ނޫންކަމުގައެވެ. މި ކަމާމެދު އުޞޫލީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ. ވީއިރު، ދަލީލެއްގެ މައްޗަށް އެހެން ދަލީލަކަށް ތަރުޖީޙުދޭނަމަ، އެ ގޮތަށް ތަރުޖީޙުދޭނޭ ކަމެއް އޮންނަންވާނެއެވެ.
އެހެނީ، އެ ގޮތަށް ނުވާނަމަ، އެ ތަރުޖީޙުދިނުމީ، ހަވާނަފްސަށް ތަބާވެފައިވާ، ޝަރުޢީ އިޖުތިހާދާއި ޚިލާފު ކަމެއް ކަމުގައި ވާނެތެވެ. ޝަރުޢީ އިޖުތިހާދު ބިނާވެފައިވަނީ، ހޯދައިބެލުމުގެ ކުޅަދާނަކަމާއި، ޙުކުމްތަކާގުޅޭ ދަލީލުތަކުގެ ޤަވާޢިދުތައް ބޭނުންކޮށްގެން އިސްތިދުލާލުކުރުމާއި، އަދި ޙުއްޖަތް ދެއްކުމުގެ ގޮތްތަކަށެވެ. ރާޖިޙުކޮޅަށް ދަލީލުކޮށްދޭނަމަ އެވީއެވެ. އެ ގޮތަށް ދަލީލުކޮށްދެނީ ޤަޠުޢީ ދަލީލަކުން ކަމުގައި ވިޔަސް ނުވަތަ ޡައްނީ ދަލީލަކުން ކަމުގައި ވިޔަސް މެއެވެ. ނުވަތަ މުސްތަޤިއްލު ދަލީލަކުން ކަމުގައި ވިޔަސް ނުވަތަ ތަބަޢަވާ ދަލީލަކުން ކަމުގައި ވިޔަސް މެއެވެ. ޝަރުޠަކީ، ދެ ދަލީލުގެ މެދުގައި އޮތް ފުށުއެރުން ނައްތައިލައި ޖަމްޢު ނުކުރެވުމެވެ.
މި ޤަވާޢިދުގެ ދެވަނަ ބައިގައި ބަޔާންވެފައި އެވަނީ، ތަރުޖީޙުދޭނޭ ކަމެއް ފެނިއްޖެނަމަ، އެއަށް ބަރޯސާވެ، އެއާ އެއްގޮތަށް ޢަމަލުކުރުން ވާޖިބުވެގެންވާ ކަމުގައެވެ. މިއީ، ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ. އަދި މި ކަމާމެދު އިޖުމާޢުވެވިފައިވާކަމަށް ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވެފައިވެއެވެ.
މި ޤަވާޢިދަށް ޢަމަލުކުރެވޭހުށީ، ޡައްނީ ދަލީލުތަކާގުޅޭ ކަންކަމުގައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =