7ވަނަ ޤަވާޢިދު (ޖުމްލަ 60): الأَدِلَّةُ العَدَمِيَّةُ لَا تُعَارِضُ الأَدِلَّةَ الوُجُودِيَّةَ
މި ޤަވާޢިދުގެ ތަރުޖަމާ: {ޢަދަމީ ދަލީލުތައް ވުޖޫދީ ދަލީލުތަކާ ފުށުނާރާނެ}
މި ޤަވާޢިދުގެ މުރާދު: ވުޖޫދީ ދަލީލުތަކަކީ ޢަދަމީ ދަލީލުތަކުގެ މައްޗަށް އަބަދުވެސް އިސްކުރެވޭނެ، އެއަށް ތަރުޖީޙުދެވޭނެ އެއްޗެކެވެ. އެއީ، ދަލީލުތައް ތަރުތީބުކުރުމުގައި ކަމަށް ވިޔަސް، ނުވަތަ ދަލީލުތައް އެކަތި އަނެކައްޗާ ތަޢާރުޟުވާ ހާލަތުގައި ކަމަށް ވިޔަސް މެއެވެ.
އެހެނީ، ވުޖޫދީ ދަލީލުތަކުން ދިމާސީދަލަށް ޝަރުޢީ ޙުކުމްފުޅު ލިއްބައިދޭތީއެވެ. އަދި އެއިން އިސްތިދުލާލުކުރުމުގެ ކުރިން އެނގެން ނެތް އައު ޙުކުމެއް އެއިން ލިއްބައިދޭތީއެވެ. މިއާ ޚިލާފަށް، ޢަދަމީ ދަލީލުތަކަކީ، الإِبَاحَةُ الأَصْلِيَّة އަށާއި البَرَاءَةُ الأَصْلِيَّة އަށާއި އެ ދެ ކަންތަކުގެ ދަށުން އަންނަ އުޞޫލުތަކާއި ޤަވާޢިދުތަކަށް ބިނާކުރެވިފައިވާ ނެތުމަށް ބަރޯސާވާ އުޞޫލުތަކެކެވެ. އަދި އެއިން އިސްތިދުލާލުކުރުމަކުން އައު ޙުކުމެއް ލިއްބައެއް ނުދޭނެއެވެ. އެހެންކަމުން، ޢަދަމީ ދަލީލުތަކާ ޚިލާފަށް ވުޖޫދީ ދަލީލުތަކުން އިތުރު ޢިލްމު ލިއްބައިދެއެވެ.
ދެން ފަހެ، ވުޖޫދީ ދަލީލުތަކޭ ކިޔޭ ދަލީލުތަކުގެ ތެރެއަށް ނަޤްލީ ހުރިހާ ދަލީލެއް ވަދެގެންދެއެވެ. އޭގެ ތެރޭގައި، ޤުރުއާނާއި ސުންނަތާއި އިޖުމާޢު ހިމެނެއެވެ. އަދި ޞަޙާބީންގެ ބަސްފުޅާއި ކުރީގެ ޝަރީޢަތްތަކަކީ ޙުއްޖަތެއް ކަމަށް ދެކިވަޑައިގަންނަވާ ބޭފުޅުންގެ އަރިހުގައި އެ ދޭތި ވެސް ވަދެއެވެ. އަދި ޢަޤްލީ ދަލީލުތަކުގެ ތެރެއިން، ފިޤުހީ ޤިޔާސްއާއި އިސްތިޤްރާއުއާއި ޢަޤްލީ މަޞްލަޙީ ޤިޔާސްފަދަ އެހެން ބައެއް ދަލީލުތައް ވެސް ވަދެއެވެ.
ޢަދަމީ ދަލީލުތަކަކީ، އިސްތިޞްޙާބުއާއި البَرَاءَةُ الأَصْلِيَّة ފަދަ العَدَمُ الأَصْلِـي (އަޞްލުގައި ނެތުން) ގެ އަސާސަށް ބަރޯސާވުމުގެ މައްޗަށް ބިނާވާ ދަލީލުތަކެވެ. މި ވައްތަރުގެ ދަލީލުތަކުގެ ތެރެއަށް، މި އަސްލަށް ބިނާވާ އެތަކެއް ޢާއްމު އުޞޫލަކާއި މައިގަނޑު ޤަވާޢިދެއް ވަދެގެންދެއެވެ. އޭގެ ތެރޭގައި، الأصل عدم الوجوب حتى يرد الشرع (ޝަރުޢުގައި ވާރިދުވުމުގެ ކުރިން އަޞްލަކީ ވާޖިބުނުވުން) އާއި، الأصل عدم الدليل (އަޞްލަކީ ދަލީލު ނެތުން) އާއި، الأصل في الأفعال والعادات الإباحة وعدم الحظر (ކަންކަމާއި އާދަކާދަތަކުގައި އަޞްލަކީ ހުއްދަކަން، ޙަރާމް ނުވުން) އާއި، الأصل عدم المانع (އަޞްލަކީ މަނާކުރާ ހުރަހެއް ނެތުން) އާއި، الأصل العدالة وعدم الـجَرح (އަޞްލަކީ ޢަދުލުވެރިކަން، އަދި ޖަރްޙުކުރެވިފައި ނުވުން) އާއި، الأصل عدم المجاز (އަޞްލަކީ މަޖާޒީ ނުވުން) އާއި، الأصل عدم الاِشتراك (އަޞްލަކީ މުޝްތަރިކު ނުވުން) އާއި، الأصل عدم القرينة الصارفة للأمر عن الوجوب (އަޞްލަކީ އަމުރުގެ ވާޖިބުކަން އެއްކިބާކުރާނޭ ޤަރީނާއެއް ނެތުން) އާއި، الأصل عدم التخصيص (އަޞްލަކީ ތަޚްޞީޞްއެއް ނެތުން) އާއި، الأصل عدم التقييد (އަޞްލަކީ ޤައިދެއް ނެތުން) އާއި، الأصل عدم النسخ (އަޞްލަކީ ނަސްޚުވެފައި ނުވުން) އާއި، الأصل عدم الإجمال (އަޞްލަކީ މުޖުމަލުކޮށް ނުއޮތުން) އާއި، الأصل عدم الترادف (އަޞްލަކީ އެއްވަރު/ހަމަހަމަ ނުވުން) އާއި، الأصل عدم المعارض (އަޞްލަކީ ތަޢާރުޟުވާ އެއްޗެއް ނެތުން) ހިމެނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =