8ވަނަ ޤަވާޢިދު (ޖުމްލަ 60): الدَّلِيْلُ النَّاقِلُ عَنِ البَرَاءَةِ الأَصْلِيَّةِ مُرَجَّحٌ عَلَى الـمُقَرِّرِ لَهَا
މި ޤަވާޢިދުގެ ތަރުޖަމާ: {البَرَاءَةُ الأَصْلِيَّة ދޫކޮށް އެހެން ޙުކުމަކަށް ގެންގޮސްދޭ ދަލީލަކީ، އެއަށް އިޤުރާރުވާ ދަލީލުގެ މައްޗަށް ތަރުޖީޙުދެވޭނޭ އެއްޗެއް}
މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި އިޝާރާތްކުރެވެނީ، ދަލީލުކޮށްދޭ ކަންތަކުގެ މައްޗަށް ބިނާކޮށް ޝަރުޢީ ދަލީލުތަކުގެ މެދުގައި ތަރުޖީޙުދެވޭ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. އެއީ، البَرَاءَةُ الأَصْلِيَّة އާ އެއްބަސްވެ އޭގައިވާ ޙުކުމަށް އިޤުރާރުވާ ދަލީލުގެ މައްޗަށް، البَرَاءَةُ الأَصْلِيَّة ދޫކޮށް އެހެން ޙުކުމަކަށް ނަޤުލުކޮށްދޭ ދަލީލަށް ތަރުޖީޙުދިނުމެވެ. އެގޮތުން، މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ދެ ދަލީލެއް ތަޢާރުޟުވީއިރު، އެ ތަނުން އެއް ދަލީލުން البَرَاءَةُ الأَصْلِيَّة އިން ލިއްބައިދޭ ޙުކުމަށް އިޤުރާރުވެ ކަށަވަރުކުރުން ލާޒިމުކުރާއިރު، އަނެއް ދަލީލުން البَرَاءَةُ الأَصْلِيَّة އިން ލިއްބައިދޭ ޙުކުމް ދޫކޮށް އައު ޙުކުމެއް ގެނައުން ލާޒިމުކުރާނަމަ، البَرَاءَةُ الأَصْلِيَّة އަށް އިޤުރާރުވާ ދަލީލުގެ މައްޗަށް، البَرَاءَةُ الأَصْلِيَّة ދޫކޮށް އެހެން ޙުކުމަކަށް ގެންގޮސްދޭ ދަލީލަށް ތަރުޖީޙުދެވޭނެއެވެ. މިއީ، ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ.
މިސާލަކަށް، ކާތަކެތީގެ އަޞްލަކީ ހުއްދަވުމެވެ. އެގޮތުން، ހިޔަޅު ކެއުން ހުއްދަކަމަށް ދަލީލެއް ވާރިދުވެފައި، އެ ޙަރާމްކަމަށް އެހެން ދަލީލެއްގައި ވާރިދުވެއްޖެނަމަ، އަޅުގަނޑުމެން އަތުގައި ތަޢާރުޟުވާ ދެ ދަލީލު އޮންނާނެއެވެ. އެ ތަނުން އެއް ދަލީލު البَرَاءَةُ الأَصْلِيَّة އާ އެއްބަސްވެ އެއަށް އިޤުރާރުވެއެވެ. އެއީ، ހުއްދަކަމަށް އޮންނަ ދަލީލެވެ. އެހެނީ، އެފަދަ ތަކެތީގެ އަޞްލަކީ ހުއްދަވުން ކަމުގައި ވާތީއެވެ. މިއާ ޚިލާފަށް، އަނެއް ދަލީލުން البَرَاءَةُ الأَصْلِيَّة އިން ލިއްބައިދޭ ޙުކުމް ނައްތައިލައި ބާޠިލުކޮށްލައެވެ. އެއީ، ޙަރާމްކަމަށް އޮންނަ ދަލީލެވެ. އެހެނީ، البَرَاءَةُ الأَصْلِيَّة ގެ ދަށުން އެފަދަ ތަކެތީގެ އަޞްލަކީ ހުއްދަވުން ކަމުގައި ވާއިރު، އެއާ ޚިލާފަށް ޙަރާމްކަމަށް އެ ދަލީލުގައި ވާރިދުވެފައި ވާތީއެވެ. އެހެންކަމުން، ޙަރާމްކަމަށް އޮންނަ ދަލީލަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، އެއީ އަޞްލު ޙުކުމް އެހެން ޙުކުމަކަށް ގެންގޮސްދޭ، އަދި އިތުރު ފައިދާއެއް ލިއްބައިދޭ ދަލީލަކަށް ވާތީއެވެ.
އެހެންނަމަވެސް، އައްރާޒީއާއި އަލްބައިޟާވީފަދަ އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި ތަޢާރުޟުވާހިނދު އަޞްލު ޙުކުމް ދޫކޮށް އެހެން ޙުކުމަކަށް ގެންގޮސްދޭ ދަލީލުގެ މައްޗަށް ތަރުޖީޙުދެވޭނީ އަޞްލު ޙުކުމަށް އިޤުރާރުވާ ދަލީލަށެވެ. އެއީ، އިޤުރާރުވާ ދަލީލަށް البَرَاءَةُ الأَصْلِيَّة އިން ބާރުލިބޭތީއެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، ބެލެވޭނީ ޤުރުއާނާއި ސުންނަތްފަދަ ޝަރުޢީ ދަލީލަކުން އެއަށް ބާރުލިބެނީކަމުގައެވެ. މި ބޭފުޅުންނަށް ރައްދުދެއްވައި އެހެން ޢިލްމުވެރިން ވިދާޅުވަނީ، البَرَاءَةُ الأَصْلِيَّة އަކީ ބުއްދީގެ ޙުކުމެއް ކަމަށާއި، ބުއްދީގެ ޙުކުމަކީ ޝަރުޢީ ދަލީލެއް ނޫން ކަމުގައެވެ. އޭގައި ހިފޭނީ އެއާ ޚިލާފަށް ޝަރުޢީ ދަލީލެއް ވާރިދުވެފައި ނުވާނަމަ ކަމުގައެވެ. އެއާ ޚިލާފަށް ޝަރުޢީ ދަލީލެއް ވާރިދުވެއްޖެނަމަ، އެއީ ނުވާފަދަ ކަމެއްކަމަށް ބެލެވޭނެއެވެ. ސަބަބަކީ، ބުއްދިން ލާޒިމުކުރި ކަންތައް، އެ ކަންތައް އެހެން ގޮތަކަށް ގެންގޮސްދޭ ދަލީލެއް ވާރިދުވުމުން ފިލައިގެންގޮސްފައި ވާތީއެވެ.
އަދި ބައެއް އުޞޫލީ ޢިލްމުވެރިންގެ އަރިހުން އަލްމަރުދާވީއާއި އިބްނުއްނައްޖާރު އިތުރު ތަފްސީލެއް ގެންނަވާފައިވެއެވެ. އެ ތަފްސީލުގައިވަނީ މި މައްސަލައިގައި ދެ ސޫރައެއް ވާކަމެވެ. ފުރަތަމަ ސޫރައަކީ، މުޖުތަހިދު ޢިލްމުވެރިޔާއަށް އެންމެ ފުރަތަމަ ވެސް البَرَاءَةُ الأَصْلِيَّة ދޫކޮށް އެހެން ޙުކުމަށް ގެންގޮސްދޭ ދަލީލު ލިބުމެވެ. އެހިނދު، މުއްދަތެއް ވާންދެން އެއިން ލާޒިމުކުރާ ގޮތަށް އެ ބޭފުޅާ ޢަމަލުކުރެތެވެ. ދެން އެއަށްފަހު، البَرَاءَةُ الأَصْلِيَّة އަށް އިޤުރާރުވާ ދަލީލު ލިބުމެވެ. އަދި ދެ ދަލީލުގެ ތާރީޚު ނޭނގުމެވެ. މި ހާލަތުގައި، البَرَاءَةُ الأَصْلِيَّة އަށް އިޤުރާރުވާ ދަލީލަށް ތަރުޖީޙުދިނުން މުޖުތަހިދު ޢިލްމުވެރިޔާއަށް ވާޖިބުވާނެއެވެ.
ދެވަނަ ސޫރައަކީ، البَرَاءَةُ الأَصْلِيَّة ގައި އޮންނަ ޙުކުމް ފުރަތަމަ ސާބިތުވުމެވެ. ދެން، އެއް ވަގުތެއްގައި ތަޢާރުޟުވާ ދެ ދަލީލު ފެނުމެވެ. އެ ތަނުން އެއް ދަލީލަކީ البَرَاءَةُ الأَصْلِيَّة ގެ ޙުކުމަށް އިޤުރާރުވާ ދަލީލެވެ. އަދި އަނެއް ދަލީލަކީ، البَرَاءَةُ الأَصْلِيَّة ގެ ޙުކުމް ދޫކޮށް އެހެން ޙުކުމަކަށް ގެންގޮސްދޭ ދަލީލެވެ. މި ހާލަތުގައި އެ ދެ ދަލީލު ތަޢާރުޟުވާތީ، އެ ދޭތި ވެސް ޙުއްޖަތެއްގެ ގޮތުގައި ބޭނުންނުކުރެވި ދޫކޮށްލެވޭނެއެވެ. އެހެންކަމުން، އާޚިރުގައި ރުޖޫޢަވެވޭނީ البَرَاءَةُ الأَصْلِيَّة އަށެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =