9ވަނަ ޤަވާޢިދު (ޖުމްލަ 60): الدَّلِيْلَانِ إِذَا تَعَارَضَا قُدِّمَ مَا كَانَ مِنْهُمَا أَقْرَبَ إِلَى الاِحْتِيَاطِ
މި ޤަވާޢިދުގެ ތަރުޖަމާ: {ދެ ދަލީލު ތަޢާރުޟުވެއްޖެނަމަ، އެ ތަނުން ރައްކާތެރިކަންބޮޑު ގޮތާ ގާތްކަންބޮޑު ދަލީލު އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ދެ ދަލީލު ތަޢާރުޟުވިއިރު، އެ ދޭތި ޖަމްޢުކުރަން ނުވަތަ އެ ތަނުން ވަރުގަދަ ދަލީލަށް ތަރުޖީޙުދިނުމަށް ނުކުޅެދިފައި، އެ ތަނުން އެއް ދަލީލުން ލިއްބައިދެނީ ދީނީގޮތުން ރައްކާތެރިކަންބޮޑު ގޮތާ ގާތްގޮތެއް ކަމުގައި ވާނަމަ، ޝަރުޢީ ގޮތުން އިޤުރާރުވެވިފައިވާ އިޙްތިޔާޠުގެ އަސާސަށް (ރައްކާތެރިކަންބޮޑު ގޮތަށް ޢަމަލުކުރުމުގެ އަސާސަށް) ބިނާކޮށް އެ ދަލީލަށް ތަރުޖީޙުދޭންޖެހޭނެއެވެ.
ރައްކާތެރިކަންބޮޑު ގޮތޭ ބުނެވޭ ބަހުގެ މުރާދަކީ، މިސާލަކަށް، އެއް ދަލީލުން ކަމެއް ޙަރާމްކަމަށް ދަލީލުކޮށްދިނުމެވެ. އަދި އެހެން ދަލީލަކުން އެއީ މަކުރޫހުކަމެއް ކަމަށް ދަލީލުކޮށްދިނުމެވެ. މި ހާލަތުގައި، ރައްކާތެރިކަންބޮޑު ގޮތަކީ އެއީ ޙަރާމްކަމެއް ކަމުގައި ދެކުމެވެ.
ދެން ފަހެ، ތަރުޖީޙުދިނުން ބިނާވެފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށެވެ. ފުރަތަމަ އަސާސަކީ، ބުރަވެވޭ ހީ ލިއްބައިދިނުމުގައި ދަލީލު ސާބިތުވާ ބުރަވެވޭ ހީގެ ދަރަޖައަށް ބިނާކޮށް ތަރުޖީޙުދިނުމެވެ. ދެވަނަ އަސާސަކީ، ލަފްޒުތަކުން ލިއްބައިދޭ ދަލީލުކުރުންތަކުގެ ވަރުގަދަކަމާއި ބަލިކަށިކަމުގެ އަދި ސާފުކަމާއި ނުސާފުކަމުގެ ދަރަޖައަށް ބިނާކޮށް ތަރުޖީޙުދިނުމެވެ. ތިންވަނަ އަސާސަކީ، ލަފްޒުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމަށް ބިނާކޮށް ތަރުޖީޙުދިނުމެވެ. ފަހުން މި ދެންނެވި އަސާސް ގިނަ ފަހަރަށް ރުޖޫޢަވަނީ، މާނަތަކަށާއި މަޤްޞަދުތަކަށެވެ. އަދި މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، މި ގޮތަށް ތަރުޖީޙުދިނުމުގެ ސޫރަތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ސޫރައިގެ ވާހަކައެވެ.
ކޮންމެއަކަސް، މުޖުތަހިދު ޢިލްމުވެރިޔާ ރައްކާތެރިކަންބޮޑު ގޮތުގެ އަސާސަކީ ތަރުޖީޙުދެވޭ އެއްޗެއްގެ ގޮތުގައި ބެލުމުގައި ބައެއް ޢާއްމު މިންގަނޑުތަކަށް ޢަމަލުކުރަންޖެހޭނެއެވެ. އެގޮތުން، ދެ ދަލީލުގެ މެދުގައި ޖަމްޢުކުރަން ނުކުޅެދުމާއި، ތަރުޖީޙުދެވޭ ކަންކަމާއި އެއްޗެހީގެ ތެރެއިން ރައްކާތެރިކަންބޮޑު ގޮތަށްވުރެ މަތީ ދަރަޖައެއްގެ އެއްޗެއް ނުވަތަ ކަމެއް ފެންނަން ނެތުން ހިމެނެއެވެ. އެހެނީ، ދަލީލުތަކުގެ މެދުގައި ތަރުޖީޙުދެވޭ ކަންކަމުގައި ވެސް ދަރަޖައިގެ ގޮތުން ތަފާތުތަކެއް ވެއެވެ. މިސާލަކަށް، މުޖުތަހިދުގެ ނަޒަރުގައި ދެ ޚަބަރެއް ތަޢާރުޟުވިއިރު، އެ ތަނުން އެއް ޚަބަރުން ވާޖިބުކަން އަދި އަނެއް ޚަބަރުން މަންދޫބުކަން ލިއްބައިދޭއިރު، އެ ތަނުން މަންދޫބުގެ ޙުކުމް ލިއްބައިދޭ ދަލީލު ސަނަދުގެ ގޮތުން މާ ބާރުގަދަނަމަ، މި ހާލަތުގައި ރައްކާތެރިކަންބޮޑު ގޮތަށް ޢަމަލުކުރުމާ ގުޅޭ ޤަވާޢިދަށް ޢަމަލުކުރުމެއް ނުވެއެވެ. އަދި މި ހާލަތުގައި ތަރުޖީޙުދޭނީ ސަނަދުގެ ބާރުގަދަކަމާއި ބަލިކަށިކަމަށް ބިނާކޮށެވެ. މި ސަބަބަށްޓަކައި، ވިތުރިކުރުން ވާޖިބުކަމަށް ދަލީލުކޮށްދޭ ޙަދީޘްތަކާއި ވިތުރިކުރުން މުސްތަޙައްބުކަމަށް ދަލީލުކޮށްދޭ ޙަދީޘްތައް ފުށުއެރުމުން، ޙަނަފީންނާއި ޚިލާފަށް ގިނަ ޢިލްމުވެރިން ވާޖިބުކަމުގެ ދަލީލުތައް ރާޖިޙެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެ ދަލީލުތަކުގެ ސަނަދުތައް ވަރުގަދަވީތީ އެ ބޭފުޅުން ރާޖިޙުކުރެއްވީ މަންދޫބުކަމަށް (ނުވަތަ މުސްތަޙައްބުކަމަށް) އޮންނަ ދަލީލުތަކެވެ. އެހެންކަމުން، މިއިން އެނގެނީ، ދަލީލުތައް އެއިން ދަލީލުކޮށްދޭ ކަންކަމުގެ މައްޗަށް ބިނާކޮށް ތަރުޖީޙުދިނުމީ މުޠުލަޤުކޮށް އޮތް ކަމެއް ނޫންކަމެވެ.
މި ޤަވާޢިދުގައި ބަޔާންވެފައިވާ އަސާސުގައި ހިފާހިފުމުން، އާޚިރުގައި ގެންގޮސްދެނީ ޙުކުމްތަކުގެ ޝަރުޢީ މަޤްޞަދުތަކަށް ނަޒަރުހިންގުމަށެވެ. މި ކަމަށް އަލްއާމިދީއާއި އައްޒަރުކަޝީއާއި އަދި އެހެންވެސް އުޞޫލީ ޢިލްމުވެރިން އިޝާރާތްކުރައްވާފައި ވެއެވެ.
އަދި މި ތަނުގައި ސަމާލުކަމަށް ގެންނަން ބޭނުންވާ އެއް ކަމަކީ، ތަޢާރުޟުވާހިނދު ރައްކާތެރިކަންބޮޑު ގޮތުގެ އަސާސުގައި ހިފުމާއި ބުރަ ތަކުލީފުގެ މައްޗަށް ލުއި ތަކުލީފަށް އިސްކަންދިނުމާ ދެމެދު އެއްވެސް ތަޢާރުޟުވުމެއް ނުވާ ކަމެވެ. އެހެނީ، މި ކަންތައް ރުޖޫޢަވަނީ މަޞްލަޙަތުތަކާއި ފަސާދަތައް ވަޒަންކުރުމަށް ކަމުގައިވެފައި، ފަހަރުގައި ފަސާދައެއް ދުރުކުރުމަށް ނުވަތަ މަޞްލަޙަތެއް ލިބިގަތުމަށް ލުއި ތަކުލީފު ވެސް އިސްކުރަން ޖެހިދާނެތީއެވެ. ކޮންމެއަކަސް، ޖުމްލަގޮތެއްގައި ދަންނަވަނީނަމަ، ހުރިހާ ޙުކުމްތަކެއްގައި ރައްކާތެރިކަންބޮޑު ގޮތުގައި ހިފުން ވާޖިބެއް ނޫނެވެ. އަދި ހުރިހާ ޙުކުމްތަކަކީ އޭގައި އޮންނަ އެންމެ ލުއި ގޮތުގައި ހިފޭނޭ ޙުކުމްތަކެއް ވެސް ނުމެނޫންމެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =