[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 10

10ވަނަ ޤަވާޢިދު (ޖުމްލަ 60): الدَّلِيْلَانِ إِذَا كَانَ بَيْنَهُمَا عُمُومٌ وَخُصُوصٌ مِن وَجْهٍ فَالـمُعْتَبَرُ التَّرْجِيْحُ

މި ޤަވާޢިދުގެ ތަރުޖަމާ: {ދެ ދަލީލެއްގެ ދެމެދުގައި އެއްގޮތަކުން ޢާއްމުކަމަކާއި ޚާއްޞަކަމެއް ވާނަމަ، ބަރޯސާވެވޭނީ ތަރުޖީޙަށް}

މި ޤަވާޢިދުގެ މުރާދު: ދެ ދަލީލެއްގެ ދެމެދުގައި އެއް ނަޒަރަކުން ބަލާއިރު ޢާއްމުކަމަކާއި ޚާއްޞަކަމެއް ވާނަމަ، އެގޮތުން އެއް ނަޒަރަކުން ބެލުމުން އެ ތަނުން އެއް ދަލީލު އަނެއް ދަލީލަށްވުރެ ޢާއްމުވެފައި، އަދި އެހެން ނަޒަރަކުން ބެލުމުން އެ ދަލީލު އަނެއް ދަލީލަށްވުރެ ޚާއްޞަވާނަމަ، އަދި އެ ދެ ދަލީލު އެއް ސޫރައެއްގައި އެއްތަންވެފައި އެހެން ސޫރައެއްގައި އެ ތަނުން އެއް ދަލީލު އަނެއް ދަލީލާއި އެކަހެރިކޮށް އޮންނަނަމަ، އަދި އެ ދެ ދަލީލުގެ މެދުގައި ބޭރުފުށުން ތަޢާރުޟުވުމެއް ފާޅުވެއްޖެނަމަ، އެ ދެ ދަލީލުގެ މެދުގައި ތަރުޖީޙުދިނުމުގައި ޚާރިޖީ އެހެން ދަލީލަކަށް ބެލެވޭނެއެވެ. އެ ދެ ދަލީލަކީ ދެ ޤަޠުޢީ ދަލީލުކަމުގައި ވިޔަސް ނުވަތަ ދެ ޡައްނީ ދަލީލުކަމުގައި ވިޔަސް މެއެވެ. އެއީ ދެ ޤަޠުޢީ ދަލީލުނަމަ، ސަނަދުގެ ވަރުގަދަކަމުގެ މައްޗަށް ބިނާކޮށް ތަރުޖީޙެއް ނުދެވޭނެއެވެ. އޭގެ ބަދަލުގައި ތަރުޖީޙުދެވޭނީ އެހެން ކަންކަމުގެ މައްޗަށް ބިނާކޮށެވެ. މިސާލަކަށް، އެ ތަނުން އެއް ދަލީލުން ލިއްބައިދޭ ޙުކުމަކީ ޙަރާމް ކަމުގައިވެފައި، އަނެއް ދަލީލުން ލިއްބައިދޭ ޙުކުމަކީ މުބާޙު ކަމުގައިވުމެވެ. ނުވަތަ އެ ތަނުން އެއް ދަލީލަކީ ޝަރުޢީ ދަލީލެއް ކަމުގައިވެފައި، އަނެއް ދަލީލަކީ ބުއްދީގެ ދަލީލެއް ކަމުގައިވުމެވެ. ނުވަތަ އެ ތަނުން އެއް ދަލީލަކީ ކަމެއް ސާބިތުކޮށްދޭ ދަލީލެއް ކަމުގައިވެފައި، އަނެއް ދަލީލަކީ އެ ކަމެއް ނަފީކުރާ ދަލީލެއް ކަމުގައިވުމެވެ. މިއާ ޚިލާފަށް، އެއީ ދެ ޡައްނީ ދަލީލުނަމަ، ސަނަދުގެ ވަރުގަދަކަމުގެ މައްޗަށް ބިނާކޮށް ނުވަތަ ތަރުޖީޙުދެވޭ އެހެން ކަމެއްގެ މައްޗަށް ބިނާކޮށް ތަރުޖީޙުދެވޭނެއެވެ.

މި ޤަވާޢިދުގައިވާ ހާލަތުގައި ޚާރިޖީ ދަލީލަކުން ތަރުޖީޙުދޭނީއޭ އަޅުގަނޑުމެން މި ދެންނެވީ، އެ ދެ ދަލީލު ފުށުއެރުމުގައި ހަމަހަމަވެފައި އޮތީތީއެވެ. އަދި އެ ތަނުން އެއް ދަލީލުގައިވާ ޚާއްޞަކަން އަނެއް ދަލީލުގައިވާ ޢާއްމުކަމުގެ މައްޗަށް އިސްކުރުން އައުލާވެގެންވާނޭ، ނުވަތަ އެ ތަނުން އެއް ދަލީލުގައިވާ ޢާއްމުކަން އަނެއް ދަލީލުގައިވާ ޚާއްޞަކަމުގެ މައްޗަށް އިސްކުރުން އައުލާވެގެންވާނޭ ސަބަބެއް ނެތީތީއެވެ. އަދި އެއިން ކޮންމެ ދަލީލަކަށް ވެސް ވަކި ނަޒަރަކުން އަނެއް ދަލީލުގެ މައްޗަށް ޚާއްޞަކަމެއް ލިބިގެންވާތީ، އެއިން ލާޒިމުކުރަނީ އެ ތަނުން އެއް ދަލީލަށް ތަރުޖީޙުދިނުން ކަމުގައި ވާއިރު، އެއިން ކޮންމެ ދަލީލަކަށް ވެސް ލިބިގެންވާ ޚާއްޞަކަމުގެ މައްޗަށް ބިނާކޮށް އެއިން ކޮންމެ ދަލީލަކަށް ވެސް ތަރުޖީޙުދެވިދާނެތީއެވެ.

މި ޤަވާޢިދުގައި މިވާ ގޮތަށް، އަލްފަޚްރުއްރާޒީއާއި އަލްހިންދީއާއި އަލްއިސްނަވީއާއި އެހެން ބޭފުޅުން ވެސް ވިދާޅުވެއެވެ. އެހެންނަމަވެސް، އަލްއާމިދީ ވިދާޅުވެފައިވަނީ، މި ހާލަތުގައި އޮތީ އެހެންޏާ އެ ދެ ދަލީލަށް ވެސް ޢަމަލުނުކުރުމެވެ. ނުވަތަ ކުޅަދާނަކަން ލިބިގެންވާނަމަ، އެ ތަނުން އެއް ދަލީލު އިޚްތިޔާރުކުރުމެވެ.

އަދި މި ޤަވާޢިދަށް ޢަމަލުކުރުމުގައި ވެސް ތަރުޖީޙުދިނުމުގެ މުޢުތަބަރު ހުރިހާ ޝަރުޠަކަށް ރިޢާޔަތްކުރަން ވާނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ފިރިހެނާއަށް ކައިވެނި ޙަރާމް އަންހެނުން ބަޔާންކުރައްވާފައިވާ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅު، (وَأَن تَجْمَعُواْ بَيْنَ الأُخْتَيْنِ) (ސޫރަތުއްނިސާ: 23 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ދެ އުޚުތުން ދެމެދު އެއްކުރުން] އާއި އެ އިލާހުގެ ވަޙީބަސްފުޅު، (أَوْ مَا مَلَكَتْ أَيْمَانُكُمْ) (ސޫރަތުއްނިސާ: 24 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުން ފިޔަވައި] ގެ މެދުގައި ބޭރުފުށުން ފެންނަން އޮންނަ ތަޢާރުޟުވުމެވެ.

މި ތަނުން ފުރަތަމަ އާޔަތުގައި އެވަނީ، ދެ އުޚުތުންނަށް ޚާއްޞަކޮށެވެ. (އެބަހީ، ޚާއްޞަކޮށް ދެ އުޚުތުންނާ އެއްފަހަރާ ކައިވެނި ނުކުރެވޭނެކަން ބަޔާންކުރައްވާފައެވެ.) އަދި ކައިވެނީގެ ގޮތުންނާއި އަޅަކަށްވުމުގެ ގޮތުން ޢާއްމުކޮށެވެ. (އެބަހީ، އެ އާޔަތުން ދޭހަވަނީ، މީހަކު ދެ އުޚުތުންކުރެ އެއް އުޚުތަކާ ކައިވެނިކޮށްގެންހުރިއިރު، އެ އަންހެނާގެ އުޚުތެއް އޭނާގެ އެ ފިރިމީހާގެ އަޅަކުކަމުގައިވާނަމަ، އެ ފިރިހެންމީހާއަށް އޭނާއަށް މިލްކުވެގެންވާ އަޅުއަންހެނުންނާ ޖިންސީގުޅުން ހިންގުން ހުއްދަވިއެއްކަމަކު، އެ އަޅު އަންހެނާގެ އުޚުތާ ކައިވެނިކޮށްގެންހުރި ހާލު އެ އަޅު އަންހެނާއާ އެފަދަ ގުޅުމެއް ހިންގުން ހުއްދަނުވާނެކަމެވެ. އެއީ، ދެ އުޚުތުން ޖަމްޢުކުރުމުގެ ޢާއްމު މާނައިގެ ތެރެއަށް މި ގޮތް ވެސް ވަންނާތީއެވެ.)

މިއާ ޚިލާފަށް، މި ތަނުން ދެވަނަ އާޔަތުގައި އެވަނީ، އެ އުޚުތުންނާއި އެހެން އަންހެނުންނަށް ވެސް ޢާއްމުކޮށެވެ. (އެބަހީ، ފިރިހެނާއަށް އޭނާއަށް މިލްކުވެގެންވާ އަޅުއަންހެނުންނާ އެއް ދުވަސްވަރެއްގައި ޖިންސީގުޅުން ހިންގިދާނެއެވެ. އެ އަޅުންގެ ތެރޭގައި ދެ އުޚުތުން ތިބިކަމުގައި ވިޔަސް މެއެވެ.) އަދި އަޅުއަންހެނުންނަށް ޚާއްޞަކޮށެވެ. (އެބަހީ، އެ އާޔަތުގައި އިސްތިޘްނާކުރެވި ހުއްދަދެވިފައި އެވަނީ ޚާއްޞަކޮށް އެ އަންހެނުންނީ އަޅުއަންހެނުން ކަމުގައި ވާނަމައެވެ.)

އެހެންކަމުން، މި ދެ އާޔަތުގެ މެދުގައި ތަރުޖީޙުދިނުމުގައި ބަރޯސާކުރެވޭނީ، ހުއްދަކަމުގެ މައްޗަށް ޙަރާމްކަން އިސްކުރުމަށެވެ. ވީމާ، ޙުކުމަކަށް ވާނީ، މުޠުލަޤުކޮށް ހުރިހާ ހާލަތެއްގައި ވެސް ދެ އުޚުތުން ޖަމްޢުކުރުން ޙަރާމްވުމެވެ. އެ ދެ އުޚުތުންނާ ޖިންސީގުޅުން ހިންގުން ހުއްދަވެފައިވަނީ ކައިވެނީގެ ސަބަބުން ކަމުގައި ވިޔަސް ނުވަތަ އަޅަކުކަމުގައިވުމުން ކަމުގައި ވިޔަސް މެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =