[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 17

17ވަނަ ޤަވާޢިދު (ޖުމްލަ 60): فِقْهُ الرَّاوِيِّ مِنَ الـمُرَجِّحَاتِ فِي السُّنَنِ

މި ޤަވާޢިދުގެ ތަރުޖަމާ: {ރާވީގެ ފިޤުހަކީ، ސުންނަތްތަކުގެ މެދުގައި ތަރުޖީޙުދެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް}

މި ޤަވާޢިދުގެ މުރާދު: މިއީ، ދެ ރިވާޔަތެއްގެ މެދުގައި ތަޢާރުޟުވެއްޖެހިނދު، ސަނަދަށް ބަލައިގެން އެ ތަނުން އެއް ރިވާޔަތަށް ތަރުޖީޙުދިނުމުގެ ގޮތްތަކުގެ ތެރެއިން ގޮތަކާ ގުޅޭ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ފިޤުހުވެރިކަން ކުޑަ ރާވީއަކު ރިވާކޮށްފައިވާ ރިވާޔަތުގެ މައްޗަށް، ފިޤުހުވެރިކަން ބޮޑު ރާވީއަކު ރިވާކޮށްފައިވާ ރިވާޔަތަށް ތަރުޖީޙުދެވޭނެ ވާހަކައެވެ. ސަބަބަކީ، އޭނާ އެ ރިވާކުރި ރިވާޔަތް އޭނާއަށް ބޮޑަށް ވިސްނިފައި އޮންނާނެތީ، އެ ރިވާޔަތުގައި ކުށްޖެހުމުގެ ފުރުސަތު ކުޑަވާނެތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ އެތަކެއް ބޭފުޅުންނެއްގެ ރައުޔެވެ.

މި މައްސަލައިގައި އެތަކެއް ނަޒަރަކުން އެ ބޭފުޅުން ބައްލަވަތެވެ. އޭގެ ތެރެއިން އެންމެ މުހިއްމުކަން ބޮޑު ދެ ނަޒަރަކީ:

  1. ފުށުއަރާ ދެ ރިވާޔަތް ވެސް ރިވާކޮށްފައިވަނީ ދެ ފިޤުހުވެރިންކަމުގައި ވާނަމަ، އަދި އެ ތަނުން އެއް ރާވީއަކީ އެ ރިވާޔަތާ ގުޅޭ ބާބުގައި އަނެއް ރާވީއަށްވުރެ ފިޤުހުވެރިކަން ބޮޑު ރާވީއަކު ކަމުގައި ވާނަމަ، ފިޤުހުވެރިކަން ބޮޑު ރާވީގެ ރިވާޔަތް އިސްކުރެވޭނެއެވެ. ސަބަބަކީ، އެ ބާބުގައި އޭނާގެ ޢިލްމުވެރިކަން ބޮޑުވީމައެވެ. އެގޮތުން، މިސާލަކަށް، ޙައްޖާ ގުޅޭގޮތުން އިބްނުލްޤާސިމް ރިވާކުރައްވާފައިވާ ރިވާޔަތްތަކުގެ މައްޗަށް، އިބްނު ވަހްބު ރިވާކުރައްވާފައިވާ ރިވާޔަތްތައް އިސްކުރެވޭނެއެވެ. ސަބަބަކީ، ޙައްޖާ ގުޅޭ މައުޟޫޢުގައި އިބްނު ވަހްބުގެ ޢިލްމުވެރިކަން ބޮޑުވީމައެވެ. އެހެން މައުޟޫޢުތަކުގައި އިބްނުލްޤާސިމުގެ ޢިލްމުވެރިކަން އިބްނު ވަހްބަށްވުރެ ބޮޑުވިޔަސް މެއެވެ.
  2. ރިވާޔަތް ލިބިގަތް ވަގުތާއި ފޯރުކޮށްދިން ވަގުތުގައި ވެސް ފިޤުހުވެރިޔަކަށްވެ ހުންނެވި ބޭފުޅާއާއި، ރިވާޔަތް ފޯރުކޮށްދިން ވަގުތު އެކަނި ފިޤުހުވެރިޔަކަށްވެ ހުންނެވި ބޭފުޅާއާ ތަފާތުކުރަންޖެހޭނެއެވެ. އެގޮތުން، އެ ދެ ހާލަތުގައި ވެސް ފިޤުހުވެރިޔެއްގެ ގޮތުގައި ހުންނެވި ބޭފުޅާގެ ރިވާޔަތް، އަނެއް ބޭފުޅާގެ ރިވާޔަތުގެ މައްޗަށް އިސްކުރެވޭނެއެވެ.

ދެން ފަހެ، ނަން ބަޔާންކުރުމެއްނެތި ޢިލްމުވެރިންތަކެއް ވިދާޅުވާ ކަމަށް ވިދާޅުވެ އައްޒަރުކަޝީ ވިދާޅުވެފައިވަނީ، ފުށުއަރާ ދެ ރިވާޔަތް ރިވާކުރެވިފައިވަނީ މާނައިގެ ބަދަލުގައި ލަފްޒުން ކަމުގައި ވާނަމަ، އެ ރިވާކުރި ރާވީގެ ފިޤުހުވެރިކަމަށް ބަލާފައި އެއިން ރިވާޔަތަކަށް ތަރުޖީޙުދިނުމެއް ނުވާ ކަމުގައެވެ. އެހެންނަމަވެސް، އެއަށްފަހު މި ޤަވާޢިދުގައި މަތީގައި ބަޔާންކުރެވިފައިވާ ގޮތަކީ ޞައްޙަ ގޮތްކަމަށް އައްޒަރުކަޝީ ވިދާޅުވެފައި ވެއެވެ.

އަދި އިބްނު ދަޤީޤުލްޢީދުފަދަ ބައެއް ޢިލްމުވެރިން، މި ޤަވާޢިދުން އަޞްޙާބު ބޭކަލުން އިސްތިޘްނާކުރައްވައެވެ. އެއީ، އެ ބޭފުޅުންނީ ޞަޙާބީންކަމުގައިވާތީ، އެ ދަރަޖައަށް މާތްކޮށް ހިތުމުގެ ގޮތުންނެވެ. މާނައަކީ، މި ބޭފުޅުންގެ ނަޒަރުގައި، ދެ ޞަޙާބީއެއްގެ ދެމެދުގައި ފިޤުހުވެރިކަމަށް ބަލާފައި އެއް ބޭފުޅެއްގެ ރިވާޔަތަށް ތަރުޖީޙުދިނުމެއް ނުވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، އަބޫޙަނީފާއާއި އައްޘައުރީގެ ނަޒަރުގައި، ނަމާދުކުރާމީހާ ދެ އަތް އުފުލުން އޮތީ ހަށަންބަން ތަކުބީރު ކިޔާއިރު އެކަންޏެވެ. އެއީ، ޙަންމާދު، އިބްރާހީމްގެ އަރިހުން، (އިބްރާހީމް) ޢަލްޤަމާގެ އަރިހުން، (ޢަލްޤަމާ) އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައިވާ އަންނަނިވި ރިވާޔަތާ ގުޅިގެންނެވެ. އިބްނު މަސްޢޫދު ވިދާޅުވެފައި ވެއެވެ: [صليت مع النبي صلى الله عليه وسلم وأبي بكر وعمر فلم يرفعوا أيديهم إلا عند الاستفتاح]. މާނައީ: [އަޅުގަނޑު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައްޔާއި އަބޫބަކުރުގެ އަރިހުގައްޔާއި ޢުމަރުގެ އަރިހުގައި ނަމާދުކުރީމެވެ. ފަހެ، އެ ބޭފުޅުން ނަމާދު ފައްޓަވާހިނދު ފިޔަވައި ނަމާދުގެ އެހެން އެއްވެސް ވަގުތެއްގައި އެ ބޭފުޅުންގެ އަތްޕުޅުތަކެއް ނުއުފުއްލަވަތެވެ.] އަދި އައްޒުހުރީ، ސާލިމުގެ އަރިހުން، (ސާލިމު) އިބްނު ޢުމަރުގެ އަރިހުން އިބްނު ޢުމަރު ވިދާޅުވިކަމަށް ރިވާކުރައްވާފައިވާ އަންނަނިވި ރިވާޔަތް އެ ދެ ބޭފުޅުން ރައްދުކުރައްވަތެވެ. އިބްނު ޢުމަރު ވިދާޅުވިއެވެ: [أن النبي صلى الله عليه وسلم كان يرفع يديه إذا افتتح وإذا ركع وإذا رفع رأسه ولا يجاوز بهما أذنيه]. މާނައީ: [ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ފައްޓަވާހިނދުގައްޔާއި ރުކޫޢު ކުރައްވާހިނދުގައްޔާއި ރުކޫޢުން ތެދުވާހިނދު އެ ކަލޭގެފާނުގެ ދެ އަތްޕުޅު އުފުއްލަވަތެވެ. އަދި އެ ކަލޭގެފާނުގެ ދެ ކަންފަތްޕުޅަށްވުރެ މައްޗަކަށް ނުއުފުއްލަވަތެވެ.] މި ރިވާޔަތް އެ ބޭފުޅުން ރައްދުކުރައްވާ ސަބަބަކީ، އިބްނު ޢުމަރުގެ ފަރާތްޕުޅުން މި ރިވާޔަތް ރިވާކުރައްވާފައިވާ ރާވީންގެ ފިޤުހުވެރިކަން، އިބްނު މަސްޢޫދުގެ ފަރާތްޕުޅުން އެ ރިވާޔަތް ރިވާކުރެއްވި ބޭފުޅުންގެ ފިޤުހުވެރިކަމަށްވުރެ ދެރަވީމައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =