18ވަނަ ޤަވާޢިދު (ޖުމްލަ 60): إِذَا تَعَارَضَ قَوْلُ الـنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَفِعْلُهُ، قُدِّمَ قَوْلُهُ
މި ޤަވާޢިދުގެ ތަރުޖަމާ: {ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅާއި ޢަމަލުފުޅު ތަޢާރުޟުވެއްޖެނަމަ، ބަސްފުޅު އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ބަސްފުޅަކާއި ޢަމަލުފުޅެއް ވާރިދުވެގެން އައިސްފައިވާއިރު، އެ ތަނުން ފަހުގެ އެއްޗަކީ ބަސްފުޅުކަމެއް ނުވަތަ ޢަމަލުފުޅުކަމެއް އެނގެން ނެތިފައި، އެ ދޭތިންކުރެ ބަސްފުޅުން ނިޔާކުރާ ގޮތް، ޢަމަލުފުޅުން ނިޔާކުރާ ގޮތާ ތަފާތުވާނަމަ، އަދި އެ ބަސްފުޅާއި ޢަމަލުފުޅު އެއްވެސް ގޮތަކުން ޖަމްޢު ނުކުރެވި، އެ ދޭތީގެ މެދުގައިވާ ފުށުއެރުން ހައްލުނުކުރެވިއްޖެނަމަ، އެ ތަނުން ޢަމަލުފުޅުގެ މައްޗަށް ބަސްފުޅު އިސްކުރެވޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލައިލާއިރު މީގައި ތިން ހާލަތެއް އެބަ ވެއެވެ.
- ފުރަތަމަ ހާލަތަކީ، ޢަމަލުފުޅަށްވުރެ ބަސްފުޅު އިސްވުމެވެ. އެބަހީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅެއް ކުރެއްވުމެވެ. އަދި އެ ޢަމަލުފުޅުގައި އަޅުގަނޑުމެން އެ ކަލޭގެފާނާ ތަބަޢަވާން ޖެހޭނެކަން ދަލީލަކުން އެނގުމެވެ. މި ހާލަތުގައި އެ ޢަމަލުފުޅުގެ ކުރިން އެ ކަލޭގެފާނު ޙަދީޘްފުޅުކުރައްވާފައިވާ އެ ޢަމަލުފުޅާ ފުށުއަރާ ބަސްފުޅަކީ، އެ ޢަމަލުފުޅުގެ ސަބަބުން މަންސޫޚުވެގެންދާނޭ އެއްޗަކަށް ވާނެއެވެ. އެ ބަސްފުޅަކީ ޢާއްމު ބަސްފުޅެއް ކަމުގައި ވިޔަސްމެއެވެ. ނުވަތަ އެ ބަސްފުޅަކީ އެ ކަލޭގެފާނަށް ޚާއްޞަ ނުވަތަ އަޅުގަނޑުމެންނަށް ޚާއްޞަ ބަސްފުޅެއް ކަމުގައި ވިޔަސްމެއެވެ. މިއިން އިސްތިޘްނާވަނީ، ކުރިން ޙަދީޘްފުޅުކުރެއްވި ބަސްފުޅަކީ ޢާއްމު ބަސްފުޅަކަށްވެފައި އެ ކަލޭގެފާނު ކުރެއްވި ޢަމަލުފުޅަކީ އެ ބަސްފުޅާ ގުޅިގެން އެ ބަސްފުޅުން ލާޒިމުކުރާތީ ކުރެއްވި ޢަމަލުފުޅެއް ކަމުގައި ނުވާ ހާލަތެވެ. އެހެނީ، އެ ބަސްފުޅު ނަސްޚުވެގެންދިޔައީހީ، އެ ޢަމަލުފުޅަކީ އެ ބަސްފުޅުން ލާޒިމުކުރާތީ ކުރެއްވި އަމަލުފުޅެއް ކަމުގައިވާނަމަ ނުވަތަ އެ ޢަމަލުފުޅަކީ އެ ކަލޭގެފާނަށް ޚާއްޞަ ޢަމަލުފުޅަކަށްވާތީ ކުރެއްވި ޢަމަލުފުޅެއް ކަމުގައިވާނަމައެވެ. އެހެންނަމަވެސް، އެ ޢަމަލުފުޅަކީ އެ ކަލޭގެފާނު ފިޔަވައި އަޅުގަނޑުމެންނަށް ޚާއްޞަ ޢަމަލެއް ކަމުގައިވާނަމަ، ޙަޤީޤަތުގައި އެއްވެސް ފުށުއެރުމެއް ވެސް ނެތެވެ.
- ދެވަނަ ހާލަތަކީ، ބަސްފުޅަށްވުރެ ޢަމަލުފުޅު އިސްވުމެވެ. އެބަހީ، އެކަލޭގެފާނުގެ އެ ބަސްފުޅަކީ އެ ޢަމަލުފުޅު ކުރެއްވުމުގެ ފަހުން ކޮންމެވެސް އިރެއްގައި ޙަދީޘްކުރެއްވި ބަސްފުޅަކަށްވުމެވެ. އަދި އަޅުގަނޑުމެން އެ ބަސްފުޅަށް ތަބަޢަވާންޖެހޭނެކަން ދަލީލަކުން އެނގުމެވެ. އެ ޢަމަލުފުޅު ތަކުރާރުކުރުން ވާޖިބުކަމަށް ދަލީލަކުން ދަލީލުކޮށް ނުދޭނަމަ، ފަހުން އެ އޮތް ބަސްފުޅާ އެ ޢަމަލުފުޅާ ދެމެދު ޙަޤީޤަތުގައި ތަޢާރުޟުވުމެއް ނެތެވެ. މިއާ ޚިލާފަށް، އެ ޢަމަލުފުޅު ތަކުރާރުކުރުން އެ ކަލޭގެފާނަށާއި އުއްމަތަށް ވާޖިބުކަމަށް ދަލީލަކުން ދަލީލުކޮށްދޭނަމަ، އޭގައި ތިން ގޮތަކަށް އޮވެދާނެއެވެ.
ފުރަތަމަ ގޮތަކީ، ފަހުގެ ބަސްފުޅު އޮތީ ޢާއްމުކޮށް ކަމުގައި ވުމެވެ. އެބަހީ، އެ ކަލޭގެފާނަށާއި އުއްމަތަށް ވެސް ޢާއްމުވެގެންވާ ގޮތަށް އޮތުމެވެ. މި ގޮތަށް އޮތްނަމަ، އެ ބަސްފުޅަކީ އެ ޢަމަލުފުޅު ނަސްޚުކުރާ އެއްޗެއް ކަމުގައި ޥާނެތެވެ. މިސާލަކަށް، އެ ކަލޭގެފާނު ޢާޝޫރާ ދުވަހުގެ ރޯދަ ހިއްޕެވުމެވެ. އަދި އެ ދުވަހުގެ ރޯދަ ތަކުރާރުކޮށް ކުރުން ވާޖިބުކަމަށާއި އެ ކަމުގެ ތަކުލީފު އަޅުގަނޑުމެންނަށް ޖެއްސެވިގެންވާކަމަށް ދަލީލަކުން ދަލީލުލިބިފައިވަނިކޮށް، އެ ރޯދަ އަޅުގަނޑުމެން ހިފުން ވާޖިބުވެގެން ނުވާކަމަށް ޙަދީޘްކުރައްވައިފިނަމައެވެ.
ދެވަނަ ގޮތަކީ، ފަހުގެ ބަސްފުޅު އޮތީ އެ ކަލޭގެފާނަށް ޚާއްޞަކޮށް ކަމުގައި ވުމެވެ. މިސާލަކަށް، ޢާޝޫރާ ދުވަހު ރޯދަހިފުމީ ތިމަންކަލޭގެފާނަށް ވާޖިބުކަމެއް ނޫނޭ ޙަދީޘްކުރެއްވުމެވެ. މި ހާލަތުގައި، އެ ޢަމަލުފުޅާ އެ ބަސްފުޅާ ދެމެދު ތަޢާރުޟުވުމެއް ނުވެއެވެ. ސަބަބަކީ، އެ ބަސްފުޅަކީ އުއްމަތުގެ މީސްތަކުންނަށް އަމާޒުކޮށް ޙަދީޘްކުރެއްވި ބަސްފުޅެއް ކަމުގައި ނުވާތީއެވެ. އެހެންކަމުން، އެ ޢަމަލުފުޅަށް ޢަމަލުކުރުމުގެ ތަކުލީފުޖެއްސެވިގެންވާ ބަޔެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިއޮންނާނެއެވެ. އެހެންނަމަވެސް، އެ ކަލޭގެފާނަށް އެ ބަސްފުޅަކީ އެ ޢަމަލުފުޅު ނަސްޚުކުރާ އެއްޗަކަށް ވާނެއެވެ.
ތިންވަނަ ގޮތަކީ، ފަހުގެ ބަސްފުޅު އޮތީ އަޅުގަނޑުމެންނަށް ޚާއްޞަކޮށް ކަމުގައި ވުމެވެ. އެ ގޮތުން، މިސާލަކަށް އާޝޫރާ ދުވަހު ރޯދަހިފުން ތިޔަބައިމީހުންނަށް ވާޖިބެއް ނޫނޭ ޙަދީޘްކުރައްވައިފިނަމަ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ނިސްބަތުން އެ ބަސްފުޅާއި ޢަމަލުފުޅުގައި ތަޢާރުޟުވުމެއް ނުވެއެވެ. އެހެންކަމުން، ކުރިން ކުރެއްވި ޢަމަލުފުޅުގައިވާ ޙުކުމް އެ ކަލޭގެފާނަށް އޮންނާނެއެވެ. އެހެންނަމަވެސް، އެ ޢަމަލުކުރުމުގެ ތަކުލީފު އަޅުގަނޑުމެންނަށް ޖެއްސެވިގެން ނުވާކަން އެއިން ދަލީލުކޮށްދެއެވެ.
ދެން ފަހެ، އެ ބަސްފުޅު ޙަދީޘްކުރެއްވީ އަޅުގަނޑުމެން އެ ޢަމަލުކުރުމުގެ ކުރިން ކަމުގައި ވާނަމަ، އެ ބަސްފުޅު ވާހުށީ ޚާއްޞަކޮށްދޭ އެއްޗަކަށެވެ. އެބަހީ، އެ ޢަމަލުކުރުން ވާޖިބު ނޫންކަން ބަޔާންކޮށްދޭ އެއްޗަކަށެވެ. މިއާ ޚިލާފަށް، އެ ބަސްފުޅު ޙަދީޘްކުރެއްވީ އަޅުގަނޑުމެން އެ ޢަމަލުކުރުމުގެ ފަހުން ކަމުގައި ވާނަމަ، އެ ބަސްފުޅަކީ ޚާއްޞަކުރާ އެއްޗެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ. އެބަހީ، އެ ބަސްފުޅު ވާހުށީ އެ ޢަމަލުފުޅުގެ ޙުކުމް ނަސްޚުކުރާ އެއްޗަކަށެވެ.
މި ތަފްސީލު އަންނަހުށީ، އެ ޢަމަލުފުޅަށް ތަބަޢަވުން ވާޖިބުކަމަށް ދަލީލުކޮށްދޭ ދަލީލުން އެ ކަމަށް ދަލީލުކޮށްދެނީ ބޭރުފުށުން ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް ކަމުގައި ވާނަމައެވެ. މިސާލަކަށް، މި ޢަމަލަކީ އަޅުގަނޑުމެންގެ މައްޗަށް ނުވަތަ މުކައްލަފުންގެ މައްޗަށް ވާޖިބު ކަމެކޭ ޙަދީޘްކުރެއްވުމެވެ. މިއާ ޚިލާފަށް، އެ ކަމަށް ދަލީލުކޮށްދެނީ ޤަޠުޢީކޮށް ކަމުގައި ވާނަމަ، މިސާލަކަށް އެއީ ތިމަން ކަލޭގެފާނަށާއި ތިޔަބައިމީހުންނަށް ވާޖިބުކަމެކޭ ޙަދީޘްކުރައްވައިފިނަމަ، ފަހުގެ އެ ބަސްފުޅަކީ ޚާއްޞަކުރާ އެއްޗެއް ކަމުގައެއް ނުބެލެވޭނެއެވެ. އެހެނެއްކަމަކު، އެ ވާހުށީ މުޠުލަޤުކޮށް މަންސޫޚުކުރާ އެއްޗެއް ކަމުގައެވެ.
އަދި ހަމައެހެންމެ، މި ވާހަކަތައް އަންނަހުށީ، އެ ޢަމަލުފުޅަކީ އެއަށް ތަބަޢަވުން ވާޖިބު ކަމެއް ކަމުގައި ވާނަމައެވެ.
- ތިންވަނަ ހާލަތަކީ، އެ ބަސްފުޅާއި ޢަމަލުފުޅުގެ ތެރެއިން ފަހުގެ އެއްޗަކީ ކޮބައިކަން ނޭނގުމެވެ. ތަޚްޞީޞްކޮށްގެން ނުވަތަ އެހެންވެސް ގޮތަކުން އެ ދޭތީގެ މެދުގައި ޖަމްޢުކުރަން ކުޅަދާނަކަން ލިބުނުނަމަ، އެ ގޮތަށް ކަންކުރަންވާނެއެވެ. އެ ގޮތަށް ޖަމްޢު ނުކުރެވުނުނަމަ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި އެ ބަސްފުޅު އިސްކުރެވޭނެއެވެ.
ދެން ފަހެ، މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ބަސްފުޅުގެ މައްޗަށް އެ ޢަމަލުފުޅު އިސްކުރެވޭނެއެވެ.
އަދި އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި، ބުރަވާންވީ ވަކި ކޮޅެއް ފާޅުވަންދެން ވަކި ކޮޅެއް އިޚްތިޔާރުނުކޮށް (ތަވައްޤުފުކޮށް) ހުއްޓިހުންނާނީއެވެ. މިއީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ނިސްބަތުން އިބްނުލްޙާޖިބު އިޚްތިޔާރުކުރެއްވި ރައުޔެވެ. އެ ބޭފުޅާގެ ނަޒަރުގައި، މިއާ ޚިލާފަށް، އުއްމަތުގެ މީސްތަކުން އެ ބަސްފުޅުގައި ހިފާނީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =