[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިސްކިތްތަކުގައި ނަމާދު ކުރާ ޖާގަ ރިޒާވުކުރުމުގެ (ހިފުމުގެ) ޙުކުމް – 1

الحمد لله والصلاة والصلاة والسلام على رسولله.

ފަހެ ހަމަކަށަވަރުން އިސްލާމްދީނަކީ ހުރިހާ ކަމެއް އެ ދީނުގައި އެންމެ ފުރިހަމައަށް އެކުލެވިގެންވާ  ދީނެކެވެ. އެއީ ހެޔޮ ކަމެއްނަމަ އެކަމަކަށް މަގު ދައްކަވާއި ދެއްވައި، އެ ކަން ކުރުމުގެ މައްޗަށް އަޖުރާއި ޘަވާބު ކަނޑަ އަޅުއްވާފައި ނުވާ އެއްވެސް ހެޔޮ ކަމެއް އެދީނުގައި ނުވެއެވެ. އަދި އެއީ ނުބައި ކަމެއް ނަމަ އެކަމާއިމެދު  އިންޒާރު ދެއްވައި، އެކަން ކުރުމުގެ މައްޗަށް ފާފައާއި ޢިޤާބު ކަނޑަ އަޅުއްވާފައި ނުވާ އެއްވެސް ނުބައިކަމެއްވެސް އެ ދީނުގައި ނުވެއެވެ.

އިސްލާމް ދީނުގެ ޝާމިލްކަމާއި ފުރިހަމަކަމާއި ޢަދުލުވެރިކަމާއި އިންސާފްވެރިކަމުގެ ތެރޭގައި، އެ ދީނުގައި އެންމެހައި ޙައްޤުތައް ހިމާޔަތްކުރުމަށް ދެއްވާފައިވާ އަހައްމިއްޔަތުކަން ހިމެނިގެން ދެއެވެ. އެ ހައްޤު ތަކުގެ ތެރެއިން އެންމެ މަތިވެރި ހައްޤަކީ މާތް ﷲ ތަޢާލާގެ ހައްޤެވެ. އެއީ އަޅުކަމުގައި އެ އިލާހު ތަޢާލާ އެއްކައުވަންތަ ކުރުމެވެ. އަދި ޝިރުކު ނުކުރުމެވެ.

އޭގެ އިތުރުން ނަބީބޭކަލުންގެ ހައްޤުތަކާއި، މައިންބަފައިންގެ ހައްޤުތަކާއި، އަވައްޓެރިޔާގެ ހައްޤުތައްވެސް ހިމެނެއެވެ. އަދިކިއެއްތަ މީސްތަކުން ހިނގާބިނގާވާ މަގުތަކަށްވެސް، އިސްލާމް ދީނުގައި ހައްޤުތަކެއް ލައްވާފައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސް ބަސްފުޅުގައި ވެއެވެ. ((…..)) މާނަ: ތިޔަމައިމީހުން މަގުތަކަށް، އޭގެ ހައްޤު ދޭށެވެ؟ އެ ބޭކަލުން ދެއްނެވިއެވެ. މަގުތަކުގެ ހައްޤަކީ ކޮބައި ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ބެލުން ތިރި ކުރުމެވެ. އަދި މީސްތަކުންނަށް އުނދަގޫ ނުކުރުމެވެ. އަދި ( މީހަކު ސަލާމް ގޮވައިލުމުން) ސަލާމް ރައްދުކުރުމެވެ.))

އަދި ހަމަ އެފަދައިން ހައްޤުތައް އަދާކުރުމުގައި ފަރުވާކުޑަ ނުކޮށް އެންމެހައި ހައްޤުތަކަށް އަހަންމިއްޔަތުކަންދީ ރިޢާޔަތް ކުރުމަށް މުސްލިމުންނަށް އަމުރުވެވިގެން ވެއެވެ.

އިސްލާމް ދީނުގައި އަހަންމިއްޔަތުކަން ދެވިވިފައިވާ ހައްޤުތަކުގެ ތެރޭގައި މިސްކިތްތަކާއި ގުޅިފައިވާ ހައްޤުތައް ހިމެނެއެވެ. އެގޮތުން ޙިއްސީގޮތުން މިސްކިތްތައް ބިނާކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. (( ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން މިސްކިތެއް ބިނާކޮށްފި މީހަކަށް ﷲ ތަޢާލާ އެފަދަ އެއްޗެއް އޭނާއަށްޓަކައި ސުވަރުގޭގައި ބިނާކުރައްވައެވެ. )) – متفق عليه –

އަދި މަޢުނަވީ ގޮތުން މިސްކިތްތައް ޢިމާރާތް ކުރުމަށްވެސް އިސްލާމް ދީނުގައި ބާރުއަޅުއްވާފައި ވެއެވެ. (إِنَّمَا يَعْمُرُ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ) التوبة: ١٨ މާނަ: ((  ﷲ ގެ މިސްކިތްތައް ޢިމާރާތް ކުރާކަން ކަށަވަރީ ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނެވެ. )) އަދި ޙަދީޘްގައި ވެއެވެ. ((سَبْعَةٌ يُظِلُّهة اللهُ فِيْ ظِلِّه يَومَ لا ظِلَّ إِلّا ظِلّه … – وَمِنْه رَجلٌ قَلبه معلّقٌ بِالمساجد )) – متفق عليه – މާނަ: ﷲ ގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހި ކަމެއް ނުވާ ދުވަހުގައި ހަތް ބަޔަކަށް އެ އިލާހު ހިޔާވަހިކަން ދެއްވައެވެ. )) އޭގެތެރޭގައި އެއް ބައެއް ކަމުގައި ހިމެނެނީ ((އެމީހާގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާއެވެ.))

ފަހެ މިސްކިތްތަކަށް އިސްލާމް ދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައި ވެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ.

(( މިސްކިތްތައް ވެފައިވަނީ އިސްލާމް ދީނުގެ ބޮޑަތި އިމާމުން އެތަންތަނުގައި ތިއްބެވި ތަންތަން ކަމުގައެވެ. އަދި އުއްމަތުގެ މައްސަލަތަކާއި މެދު ފައިޞަލާކުރުމަށް ޖަމާވެވުނު ތަންތަން ކަމުގައެވެ. ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަލޭގެފާނުގެ ބަރަކާތްތެރި މިސްކިތްކޮޅު ތަޤުވާގެ ބިންގަލުގެ މަތީގައި ބިނާކުރައްވާފައެވެ. ފަހެ، އެ މިސްކިތް ކޮޅުގައި ނަމާދުކުރެވެއެވެ. ޤުރުއާން ކިޔެވެއެވެ. ޛިކުރު ކުރެވެއެވެ. ޢިލްމު އުންގަންނައި ދެވެއެވެ. ޚުޠުބާ ދެވެއެވެ. އަދި އެތަނުގައި ސިޔާސަތުތައް ކަނޑައަޅުއްވައި ހިންގަވައެވެ. އަދި ( ހަނގުރާމައިގެ)ދިދަތައް ތައްޔާރު ކުރެވެއެވެ. އަމީރުން އައްޔަން ކުރުމާއި ޤަބީލާތަކާއި ޖަމާޢަތްތަކުގެ ކަންކަން ބެއްލެވުމުގައި އިސްކޮށް ހުންނާނެ ނައިބުން ކަނޑައެޅެނީވެސް މިސްކިތްތަކުގައެވެ. އަދި މުސްލިމުންނަށް އެމީހުންގެ ދީނީ އަދި ދުނިޔެވީ ކަމެއް ބޮޑުވެއްޖެ ނަމަވެސް އެމީހުން އެކަލޭގެފާނުގެ އަރިހަށް އެ މިސްކިތްކޮޅަށް ޖަމާވެއެވެ.))

  • ނުނިމޭ –-

މަޞްދަރު: د.عبد العزيز بن محمد بن عبدالله السدحان ގެ ” حكم حجز المكان في المساجد “

މިލިޔުމުގެ އެހެނިހެން ބައިތައް