27ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ إِذَا كَانَ مُوَافِقًا لِدَلِيْلٍ آخَرَ يُقَوِّيْهِ يُقَدَّمُ عَلَى غَيْرِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {ޚަބަރު އެހެން ދަލީލަކާ އެއްބަސްވާނަމަ، އެ ދަލީލުން އޭގެ ބާރުގަދަކޮށްދޭނެ، އަދި އެ ޚަބަރު އެހެން ޚަބަރުތަކުގެ މައްޗަށް އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއްގެ މެދުގައި ތަޢާރުޟުވާހިނދު، އެ ތަނުން އެއް ޚަބަރަށް ތަރުޖީޙުދެވޭ ގޮތްތަކުގެ ތެރެއިން އެއް ގޮތަކީ، އެ ތަނުން އެއް ޚަބަރު އެހެން ދަލީލަކާ އެއްބަސްވުމެވެ. އެއީ، ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނުވަތަ އިޖުމާޢުގެ ނުވަތަ ޤިޔާސްގެ ނުވަތަ ބުއްދީގެ ނުވަތަ ހިއްސުގެ ނުވަތަ އެހެންވެސް ދަލީލެއްކަމުގައި ވިޔަސް މެއެވެ. އަދި ފުށުއަރާ އަނެއް ޚަބަރު އެފަދަ އެއްވެސް ދަލީލަކާ އެއްބަސްވެފައި ނުވުމެވެ. މިފަދަ ގޮތަކަށް އޮތްނަމަ، އެހެން ދަލީލަކާ އެއްބަސްވާ ދަލީލުގެ ބާރުގެގޮތުން ވަރުގަދަވެއެވެ. އަދި ތަޢާރުޟުވާހިނދު ބާރުދެރަ ދަލީލުގެ މައްޗަށް ބާރުގަދަ ދަލީލު އިސްކުރެވޭނެތީ، އެހެން ދަލީލަކާ އެއްބަސްވާ ދަލީލަށް ތަރުޖީޙުދެވި އެ އިސްކުރެވޭނެއެވެ.
މިސާލަކަށް، ޢަބްދުﷲ ބްނު ޢުމަރު ރަޟިޔަ ﷲ ޢަންހުމާގެ ޙަދީޘުގެ މައްޗަށް ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ޙަދީޘް ބައެއް ޢިލްމުވެރިން ރާޖިޙުކުރައްވަތެވެ. ޢަބްދުﷲ ބްނު ޢުމަރު ރަޟިޔަ ﷲ ޢަންހުމާގެ ފަރާތްޕުޅުން ރިވާވެފައިވާ ޙަދީޘުގައިވަނީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަންނަނިވިފަދައިން ޙަދީޘްކުރެއްވި ކަމުގައެވެ. ((إن الميت ليعذب ببكاء أهله عليه)) މާނައީ: [ހަމަކަށަވަރުން، މައްޔިތާގެ އަހުލުން އޭނާގެ މައްޗަށް ރޮއިހޭރިހަދާހެދުމުން އޭނާއަށް އަޒާބުލިބެތެވެ.] އެހެންނަމަވެސް، މި ޙަދީޘުގެ ވާހަކަ އަޑުއިވިވަޑައިގަތުމުން، ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވީ، ﷲ ގަންދީ ބުނަމޭ، ތިޔަބައިމީހުން ތިޔަ ރިވާކުރަނީ ދޮގުވެރިންތަކެއްގެ ފަރާތަކުންނެއް ނޫނޭ، އެހެންނަމަވެސް އިވުމުގައި ކުށެއް ޖެހިފައި އޮވެދާނޭ، ތިޔަބައިމީހުންނަށް ތިކަމުގައި ޤުރުއާނުގައިވާ އަންނަނިވި އާޔަތުން ހައްލު ލިއްބައިދޭކަމުގައެވެ. (وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى) (ސޫރަތުލްއަންޢާމް: 164 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ.] އަދި އެހެނެއްކަމަކު، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ، ((إن الكافر يزيده الله ببكاء أهله عذابا)) (ކާފިރުމީހާގެ އަހުލުން އޭނާގެ މައްޗަށް ރޮއިހޭރިހަދާހެދުމުން އޭނާގެ އަޒާބު އިތުރުވެއެވެ) މިފަދައިން ކަމުގައެވެ. މި ތަނުގައި މިވާ ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ޚަބަރު އެ ވަނީ، ދަލީލަކާ އެއްބަސްވާ ގޮތަށެވެ. އެހެންކަމުން، އިބްނު ޢުމަރު ރަޟިޔަ ﷲ ޢަންހުމާގެ ޚަބަރުގެ މައްޗަށް ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ޚަބަރު ބައެއް ޢިލްމުވެރިން އިސްކުރައްވަނީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =