38ވަނަ ޤަވާޢިދު (ޖުމްލަ 60): يُرَجَّحُ تَخْصِيْصُ العَامِّ عَلَى تَأْوِيْلِ الخَاصِّ
މި ޤަވާޢިދުގެ ތަރުޖަމާ: {ޚާއްޞަގެ ތައުވީލުގެ މައްޗަށް ޢާއްމުގެ ތަޚްޞީޞަށް ތަރުޖީޙުދެވޭނެ}
މި ޤަވާޢިދުގެ މުރާދު: ދެ ނައްޞުގެ މެދުގައި ނުވަތަ ނައްޞެއްގައިވާ ދެ ޙުކުމެއްގެ މެދުގައި ތަޢާރުޟުވެ، ޢާއްމު ކަންތައް ތަޚްޞީޞްކޮށްގެން ނޫނީ ނުވަތަ ޚާއްޞަ ކަންތައް ތައުވީލުކޮށްގެން ނޫނީ އެ ތަޢާރުޟުވުން ފިލުވައިލެވެން ނެތްނަމަ، އެ ހާލަތުގައި ޚާއްޞަ ކަންތައް ތައުވީލުކުރުމުގެ މައްޗަށް ޢާއްމު ކަންތައް ތަޚްޞީޞްކުރުން އިސްކުރެވޭނެއެވެ. ސަބަބަކީ، ނައްޞުތަކުގައި ޢާއްމު ކަންތައް ތަޚްޞީޞުކުރުމީ ނުހަނު ގިނައިން އޮންނަ ކަމެއްކަމުގައި ވާތީއާއި، ޚާއްޞަ ކަންތައް ތައުވީލުކުރުމީ އެހާ ގިނައިން އޮންނަ ކަމެއްކަމުގައި ނުވާތީއެވެ. އަދި ހަމައެހެންމެ، ދަލީލުގައި ހިމެނޭ އެއްބައި އެއީ މުރާދު ނޫންކަމަށް ދަލީލު ލިބިއްޖެނަމަ، އޭގެ ބާކީބައި އެއީ މުރާދުކަމުގައި ކަނޑައެޅިގެންދާތީއާއި، ޚާއްޞަ ކަންތަކުގެ ބޭރުފުށުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމުގެ ބާރުގަދަވާނެތީ، އެ އިސްކުރެވޭނެތީއެވެ.
މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ) (ސޫރަތުލްއަންޢާމް: 121 ވަނަ އާޔަތުގެ އެއްބައި) މާނައީ: [(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، ﷲ ގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ!] މި އާޔަތުން ތަޚްޞީޞްގެ އިޙްތިމާލު ވެސް އުފެދެއެވެ. އެބަހީ، ޙަނަފީންނާއި ބައެއް ޙަންބަލީންގެ އަރިހުގައި އޮންނަ ގޮތަށް، ހަނދާންނެތިގެން ﷲ ގެ އިސްމުފުޅު ނަންނުގަތް މީހާ އެއިން އިސްތިޘްނާކުރެވިގެން ވެއެވެ. އަދި އޭނާ ކަތިލިއެތި ހުއްދަވެގެން ވެއެވެ. އެއީ، ހަނދާންނެތި ކުރާ ކަންކަމަށް ޢުޤޫބާތް ނުދެވޭނެކަމަށް ދަލީލުކޮށްދޭ ޢާއްމު ދަލީލުތަކުންނެވެ. އަދި ހަމައެހެންމެ، މި އާޔަތުން ތައުވީލުގެ އިޙްތިމާލު ވެސް އުފެދެއެވެ. އެބަހީ، ޝާފިޢީންގެ އަރިހުގައި އޮންނަ ގޮތަށް، މި އާޔަތުގައި ނަންގަތުމުގެ މުރާދަކީ ޛަބަޙަކުރުމެވެ. އެހެންކަމުން، އާޔަތުގެ މުރާދަކަށްވާނީ، ކަތިނުލެވޭ އެއްޗެއް ތިޔަބައިމީހުން ނުކާށޭ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ޤަޞްދުގައި ﷲ ގެ އިސްމުފުޅު ނަންނުގެން ކަތިލާއެތި ވެސް ހުއްދަވާނެއެވެ. އަޅުގަނޑުމެން މި ވާހަކަދައްކާ ޤަވާޢިދުގެ މައްޗަށް މި ތަނުން ތައުވީލުގެ މައްޗަށް އިސްކުރެވޭނީ ތަޚްޞީޞެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =