40ވަނަ ޤަވާޢިދު (ޖުމްލަ 60): الأَقْوَى مِنْ صِيَغِ العُمُومِ يُقَدَّمُ عَلَى مَا هُوَ دُونَهُ
މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުކަމުގެ ޞީޣާތަކުގެ ތެރެއިން ބާރުގަދަ ޞީޣާ، އެއަށްވުރެ ބާރުދެރަ ޞީޣާގެ މައްޗަށް އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ޢާއްމުކަން ލިއްބައިދޭ ޞީޣާތަކުގެ (ލަފްޒުތަކާއި ޢިބާރާތްތަކުގެ) ތެރޭގައި ދަރަޖައިގެ ގޮތުން ތަފާތު ޞީޣާތައް ހުރެއެވެ. ތަޢާރުޟުވާހިނދު، އެ ތަނުން ބާރުގަދަ ޞީޣާ، އެއަށްވުރެ ބާރުދެރަ ޞީޣާގެ މައްޗަށް އިސްކުރެވޭނެއެވެ.
އެހެންނަމަވެސް، ޢާއްމުކަމުގެ ޞީޣާތަކުގެ ތެރެއިން އެންމެ ބާރުގަދަ ޞީޣާ ކަނޑައެޅުމުގައި އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އެގޮތުން:
- އިމާމުލްޙަރަމައިނިގެ އަރިހުގައި އޭގެ ތެރެއިން އެންމެ އުހުގައިވަނީ، ޝަރުޠުކުރުމުގެ ގޮތުން ޢަރަބިބަހުގައި ބޭނުންކުރެވޭ ނަންތަކެވެ. އަދި މި ކަމުގައި އިމާމުލްޙަރަމައިނިގެ ރައުޔަށް އަލްމަޖިދު އިބްނު ތައިމިއްޔާ ވެސް ތަބާވެވަޑައިގެންނެވިއެވެ. އަދި އަލްމަޖިދު އިބްނު ތައިމިއްޔާ މީގެ ތެރެއަށް كُلُّ ވެސް އިތުރުކުރެއްވިއެވެ.
- އައްޒަރުކަޝީ ވިދާޅުވެފައިވަނީ، އައްރާޒީއާއި އައްރާޒީއަށް ތަބާވި ބޭފުޅުންގެ ނަޒަރުގައި ޢާއްމުކަން ލިއްބައިދޭ ޞީޣާތަކުގެ ތެރެއިން އެންމެ އުހުގައި އުޅެނީ، ޝަރުޠުކުރުމުގެ ގޮތުން ޢަރަބިބަހުގައި ބޭނުންކުރެވޭ ނަންތަކާއި ސުއާލުކުރުމުގެ ގޮތުން ޢަރަބިބަހުގައި ބޭނުންކުރެވޭ ނަންތައް ކަމަށާއި، ދެން އެއަށްފަހު، النَّكِرَةُ الـمَنْفِيَّةُ لِدَلَالَتِهَا بِالقَرِيْنَةِ لَا بِالوَضْعِ ކަމަށާއި، އެހެންނަމަވެސް، އަލްހިންދީގެ އަރިހުގައި މިއާ އިދިކޮޅަށް ހުރިހާ ޞީޣާއެއްގެ މައްޗަށް ވެސް النَّكِرَةُ الـمَنْفِيَّةُ އިސްކުރެވޭނެ ކަމަށް އައްރާޒީއާއި އަލްހިންދީ ޞަރީޙަކޮށް ވިދާޅުވެފައިވާ ކަމުގައެވެ. އެހެންނަމަވެސް، އައްރާޒީގެ ވާހަކަފުޅުތަކުން އެ ގޮތަށް ދޭހަވިއެއްކަމަކު އެ ގޮތަށް ޞަރީޙަކޮށް ވިދާޅުވެފައިވާކަމަށް ބުނުމީ ވަހުމެކެވެ. އެހެނީ، އެ ބޭފުޅާ އަދި އެ ބޭފުޅާއަށް ތަބާވީ ބޭފުޅުން އެ ގޮތަށް ޞަރީޙަކޮށް ވިދާޅުވެފައެއް ނުވެއެވެ. އަދި التَّحْصِيْلُ ފޮތް ލިޔުއްވި ބޭފުޅާ ވެސް މިފަދަ ގޮތަކަށް ދަލީލުކޮށްދޭފަދަ ގޮތަކަށް ކަންކުރައްވާފައިވެއެވެ. އެގޮތުން، އެ ބޭފުޅާގެ އަރިހުގައި ޢާއްމުކަމުގެ ޞީޣާތަކުގެ ތެރެއިން އެންމެ އުހުގައިވާ ޞީޣާތަކަކީ كُلُّ އާއި جَمِيْعُ އާއި مَتَى އާއި أَيْنَ އަދި حَيْثُ އެވެ.
- އިބްނުއްސަމްޢާނީގެ އަރިހުގައި އެންމެ އުހުގައިވަނީ أَسْمَاءُ الـجُمُوع އެވެ. އެއާ ޖެހިގެން الـمُعَرَّفُ بِالأَلْفِ وَاللَّامِ الـجِنْسِيَّةِ އެވެ.
- ޖަމާޢަތެއްގެ ބޭފުޅުންގެ އަރިހުގައި كُلُّ އަކީ، ދަލީލުކޮށްދިނުމުގައި އެންމެ ބާރުގަދަ ޢާއްމުކަމުގެ ޞީޣާއެވެ. މި ވާހަކަ އަލްޤާޟީ ޢަބްދުލްވައްހާބުގެ އަރިހުން އައްޒަރުކަޝީއާއި އިބްނުއްނައްޖާރުއާއި އައްޝައުކާނީ ނަޤުލުކުރައްވާފައިވެއެވެ.
އަދި މި ނޫން ވެސް ރައުޔުތައް މި މައްސަލައިގައި ވާރިދުވެފައިވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =