[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 41

41ވަނަ ޤަވާޢިދު (ޖުމްލަ 60): التَّخْصِيْصُ أَوْلَى مِنَ الاِشْتِرَاكِ

މި ޤަވާޢިދުގެ ތަރުޖަމާ: {އިޝްތިރާކްކުރުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑު}

މި ޤަވާޢިދުގެ މުރާދު: ތަޚްޞީޞްކުރުމާއި އިޝްތިރާކްކުރުމުގައި ފުށުއެރުމެއް އުފެދިއްޖެނަމަ، އެބަހީ: ވަކި ލަފްޒަކާމެދު އެ ލަފްޒަކީ ޢާއްމުކަން ޚާއްޞަކުރާ އެއްޗަކަށްވުމާމެދު ނުވަތަ އެތަކެއް މާނަތަކެއްގެ ތެރޭގައި މުޝްތަރިކްވާ އެއްޗަކަށްވުމާމެދު ދެކޮޅަށް ކިރޭހާލު އިޙްތިމާލުއުފެދިއްޖެނަމަ، ތަޚްޞީޞްކުރާ އެއްޗަކަށް ވާނެކަމަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، އިޝްތިރާކުގެ މައްޗަށް ތަޚްޞީޞް އިސްކުރެވޭނެތީއެވެ.

އެހެންނަމަވެސް، މި ޤަވާޢިދުގައި ޤައިދެއް ވެއެވެ. އެއީ، ތަޚްޞީޞްކުރުން އޮތީ ޒާތުތަކާއި ހިފާގެންގުޅޭ ސާމާނުތަކުގައި ކަމަށް ވުމެވެ. ނަސްޚުވުން ލިއްބައިދޭ ވަގުތުތަކާއި ޒަމާންތަކުގައި ކަމަށް ނުވުމެވެ. ޒަމާންތަކުގައިނަމަ، ހެޔޮކަންބޮޑީ އަދި އިސްކުރެވޭހުށީ އިޝްތިރާކްއެވެ.

މި ތަނުގައި އިޝްތިރާކްގެ މުރާދަކީ، ދެ މާނަ ނުވަތަ އެއަށްވުރެ ގިނަ މާނަ ލިއްބައިދޭ ގޮތަށް ލަފްޒެއް ބޭނުންކުރުމެވެ. މިސާލަކަށް، ޤުރްއުއެވެ. ޤުރްއުއަކީ ޙައިޟުގެ ދުވަސްވަރާއި ޠާހިރުކަމުގެ ދުވަސްވަރުގެ މާނަ ވެސް ލިއްބައިދޭ ގޮތަށް ބޭނުންކުރެވޭ ލަފްޒެކެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَه) (ސޫރަތުލްބަޤަރާ: 144 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: ކަޢުބަތުﷲ ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެ ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!] މި އާޔަތުން މާލިކީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިން ދަލީލުނަންގަވައި ވިދާޅުވަނީ، ކަޢުބާގެ އެތެރޭގައި ފަރުޟު ނަމާދުކުރުން ހުއްދަވެގެން ނުވާކަމުގައެވެ. ސަބަބެއް ކަމުގައި ވިދާޅުވަނީ، މި އާޔަތުގައި އެވާ شَطْر ގެ މުރާދަކީ جِـهَـة (ފަރާތް) ކަމަށްވެފައި، ކަޢުބާގެ އެތެރޭގައި ނަމާދުކުރާމީހާ އެ ހުންނަނީ އެ މުޅި ފަރާތަށް ކުރިމަތިލުމުގެ ބަދަލުގައި އެ ފަރާތުގެ އެއް ބަޔަށް ކުރިމަތިލައިގެން ކަމުގައިވާތީ، އެއީ ނައްޞާ ޚިލާފު ކަމަކަށް ވާތީއެވެ. އެހެންނަމަވެސް، މިއާ ޚިލާފަށް، ޝާފިޢީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިންގެ އަރިހުގައި އޭނާގެ ނަމާދު ޞައްޙަވާނެއެވެ. ސަބަބަކީ، ލަފްޒު (شَطْر) ގައި މުޅި ފަރާތާއި ފަރާތުގެ އެއްބައި ވެސް އިޝްތިރާކުވާތީ ނުވަތަ ހިމެނޭތީއެވެ. ކޮންމެއަކަސް، މި ތަނުން މާލިކީންގެ ރައުޔުން ލާޒިމުކުރަނީ އެ ލަފްޒު ތަޚްޞީޞްކުރުމަށެވެ. އަދި ޝާފިޢީންގެ ރައުޔުން ލާޒިމުކުރަނީ އެ ލަފްޒު އިޝްތިރާކްކުރުމަށެވެ. އެހެންކަމުން، ރާޖިޙުކުރެވެނީ މާލިކީންގެ ރައުޔެވެ. ސަބަބަކީ، އިޝްތިރާކްކުރުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑުވީތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =