އެކަން މަނާކުރެވުނު ސަބަބު ވަރަށް ސާފެވެ. އެއީ ޝަހުވަތްތެރިކަން ގެނުވާދޭ ކަމެކެވެ. އޭގެ މާނައިގައިވާ ބައެއް އެހެން ތަކެތިވެސް ޢިލްމުވެރިންވަނީ އޭގެ ތެރޭގައި ހިމަނާފައެވެ. އެގޮތުން ހެދުންތައް ޖަރީކުރުމާއި ފެންނާނެހެންއަޅާ ގަހަނާއާއި ޒީނަތްތެރިކަން ފާޅުކުރުމާއި އަދި ފިރިހެނުންނާއި މަސްހުނިވުންވެސް މިކަމުގައި ހިމެނެއެވެ. (انظر: فتح الباري / 2/279)
އަބޫހުރައިރާގެ އަރިހުން އިސްވެ ބަޔާންކުރެވުނު ޙަދީޘްއާމެދު އިބްނު ދަޤީޤުއަލްޢީދު ވިދާޅުވިއެވެ.
“މިސްކިތަށް ދާންބޭނުންވާ އަންހެނާ، މީރުވަސްފާޅުވާނެފަދަ އެއްޗެއް ބޭނުންކުރުން ޙަރާމްވެގެންވާކަން މިޙަދީޘުން އެނގިގެންދެއެވެ. އެއީ ފިރިހެނުންގެ އެދުންވެރިކަމާ ގުޅިފައިވާކަމެކެވެ. ( نقله المناوي في “فيض القدير” في شرح حديث أبي هريرة الأول )
ޞައްޙަ ޝަރުޢީ ދަލީލުތައް އެނގި ބަޔާންވުމުން އެކަމުގައި ޚިލާފުވެ ޖަދަލުކުރާނެ އެއްވެސް ފުރުޞަތެއް ނެތެވެ. މިކަމުގެ ނުރައްކާތެރިކަމާއި މިޝަރުޢީ ޙުކުމާ ޚިލާފުވުމުގެ ސަބަބުން ފާފަ ލިބޭ މިންވަރާމެދު މުސްލިމު އަންހެނުން ވިސްނާ ފިކުރުކުރަންޖެހެއެވެ. އަދި ދަންނަން ޖެހޭކަމަކީ އެކަނބަލުން އެނުކުންނަނީ އަޖުރު ޙާޞިލުކުރުމުގެ ނިޔަތުގައެވެ. އޭގެ ބަދަލުގައި ފާފަތަކެއް ހޯދާކަށް ނޫނެވެ. نسأل الله السلامة والعافية
މިކަމާ ގުޅުންހުރި އެހެން ވާހަކައެއްވެސް ދަންނަވާލާނަމެވެ. ފަހުގެ ޢިލްމީ ހޯދުންތަކާ ގުޅުން ހުރި ޚަބަރުތަކުގައިވާ ގޮތުން ބަޔޮލޮޖީގެ ޢިލްމުވެރިން ވިދާޅުވަނީ ޖިންސީ ކަންކަމާ ގުޅުން ހުރި ގްލޭންޑެއް އިންސާނާގެ ނޭފަތުގައިވާކަމަށެވެ. އޭގެ މާނައަކީ އެދުންވެރިކަމާއި ނޭފަތުންދުވާ ވަހާމެދުގައި ސީދާ ގުޅުންތަކެއްވާކަމެވެ.
މިއީ ތެދު ޚަބަރެއްކަމުގައިވާނަމަ، މިކަން ވެގެންދާނީ ﷲ ތަޢާލާގެ ހެކިތަކުގެ ތެރެއިން ހެއްކަކަށެވެ. އެއީ ބަރަކާތްތެރިވެގެންވާ އިސްލާމީ ޝަރީޢަތުގައިވާ ޙުކުމްތަކުގެ ސީދާކަން ކާފިރުންނަށްވެސް އެނގިގެންދާނެކަމެކެވެ. މިޝަރީޢަތް އައިސްފައިވަނީ ޢިއްފަތްތެރިކަމާއިގެންނެވެ. އަދި ފާޙިޝް ޢަމަލުތަކަށް މަގުފަހިވާ އެންމެހާ ދޮރެއް ބަންދު ކުރުމަށެވެ.
=ނިމުނީ =
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ދެއްވާފައިވާ ފަތުވާއެއްގެ ތަރުޖަމާއެކެވެ.