45ވަނަ ޤަވާޢިދު (ޖުމްލަ 60): الـمَجَازُ وَالإِضْمَارُ أَوْلَى مِنَ النَّقْلِ
މި ޤަވާޢިދުގެ ތަރުޖަމާ: {ނަޤްލުކުރުމަށްވުރެ މަޖާޒުކަމަށް ކަނޑައެޅުމާއި އިޟްމާރުކުރުން އައުލާކަން ބޮޑު}
މި ޤަވާޢިދުގެ މުރާދު: ލަފްޒެއް އަޑުއަހާމީހާއަށް އެ ލަފްޒުގެ މުރާދަކީ ނަޤްލުކުރެވޭ މާނަތޯ ނުވަތަ މަޖާޒީ މާނަތޯ ކަނޑައެޅުމުގައި ތަޢާރުޟުވުން އުފެދި ދެކޮޅަށްކިރޭނަމަ، ނަޤްލުކުރެވޭ މާނައިގެ މައްޗަށް މަޖާޒީ މާނަ އިސްކުރެވޭނެއެވެ. ސަބަބަކީ، މަޖާޒުގެ ސަބަބުން އޭގެ އަސާސީ މާނަ މަންސޫޚުވުން ލާޒިމުނުކުރާއިރު، ނަޤްލުގެ ސަބަބުން އެގޮތަށް ލާޒިމުކުރާތީ، ނަޤްލަށްވުރެ މަޖާޒުގެ ހެޔޮކަން ބޮޑުވީތީއެވެ. އެހެންކަމުން، ނަޤްލަށްވުރެ މަޖާޒު އައުލާކަން ބޮޑެވެ.
އަދި ހަމައެފަދައިން، ލަފްޒަކުން ލިއްބައިދެނީ އިޟްމާރުކުރެވޭ މާނަތޯ ނުވަތަ ނަޤްލުކުރެވޭ މާނަތޯ ކަނޑައެޅުމުގައި އިޙްތިމާލުއުފެދި ދެކޮޅަށްކިރޭނަމަ، ނަޤްލުކުރެވޭ މާނައިގެ މައްޗަށް އިޟްމާރުކުރެވޭ މާނަ އިސްކުރެވޭނެއެވެ. ސަބަބަކީ، ވާހަކައިގައި އިޟްމާރުއޮތުން ޖާއިޒުކަމާމެދު އިޖުމާޢުވެވިފައިވާތީއެވެ. އަދި ނަޤްލުކުރެވިފައިވުމާމެދު އިޚްތިލާފުވުން އުފެދިފައިވާތީއެވެ. އިޚްތިލާފުއުފެދިފައިވާ ކަމަކަށްވުރެ އިޖުމާޢުވެވިފައިވާ ކަމެއް އައުލާކަން ބޮޑެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ވަރަށް މަދު ބޭފުޅުންކޮޅެއްގެ ނަޒަރުގައި، މި ހާލަތުގައި ނަޤްލުކުރެވޭ މާނަ އިސްކުރެވޭނެއެވެ. ސަބަބެއް ކަމުގައި ވިދާޅުވަނީ، ނަޤްލުކުރެވޭ މާނައަށް ޤަރީނާއެއް ބޭނުންނުވާއިރު، އިޟްމާރުކުރެވޭ މާނައަށް ޤަރީނާއެއް ބޭނުންވާތީއެވެ. އަދި އެ ބޭފުޅުން ވިދާޅުވަނީ ބޭނުންޖެހޭ އެތީގެ މައްޗަށް ބޭނުންނުޖެހޭ އެތި އިސްކުރެވޭނެ ކަމުގައެވެ.
މި ޤަވާޢިދުގައިވާ ނަޤްލުކުރުމާއި މަޖާޒާގުޅޭ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު [بين العبد وبين الكفر ترك الصلاة، فمن تركها فقد كفر] (އަޅާއާ ކުފްރާ ދެމެދު ވަނީ الصَّلَاةُ އެވެ. އެ ދޫކޮށްލައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާ ކާފިރުވެއްޖެކަން ކަށަވަރެވެ.) ގައިވާ [الصَّلَاةُ] ގެ މުރާދެވެ. މާލިކީން އެ ޙަދީޘްގައިވާ [الصَّلَاةُ] މާނަކުރުމުގައި އޭގެ ނަޤްލުކުރެވޭ މާނަކަމުގައިވާ ޝަރުޢީ މާނައިގެ މައްޗަށް (އެބަހީ، ނަމާދުގެ މައްޗަށް) އިސްކޮށްފައިވަނީ އޭގެ ބަހުގެ މާނައެވެ. އޭގެ ބަހުގެ މާނައަކީ، ދުޢާކުރުން ނުވަތަ ކަމަކަށް އެދުމެވެ. އެހެންކަމުން، އެ ބޭފުޅުންގެ އަރިހުގައި އެ ޙަދީޘުގެ މުރާދަކީ، ﷲ ތަޢާލާއަށް ދުޢާކުރުމުން އެއްކިބާވެއްޖެމީހާއީ ނުވަތަ އެ އިލާހުގެ ޙަޟްރަތުން ކަންކަމުއެދުމުން އެއްކިބާވެއްޖެމީހާއީ ކާފިރެކެވެ. އެ ބޭފުޅުން އެ ޙަދީޘުން [ނަމާދުއަޅާމީހާއީ ކާފިރެއް] ކަމަކަށް ދަލީލެއް ނުނަންގަވައެވެ. އެ ގޮތަށް އެ ބޭފުޅުން ދެކިވަޑައިގެންނެވި ސަބަބަކީ، އެ ބޭފުޅުންގެ އަރިހުގައި ދުޢާއަކީ މަޖާޒީ ލަފްޒަކަށްވެފައި، ދުޢާއަކީ [الصَّلَاةُ] ގެ ބަޔަކަށްވެފައި އޭގައި ޝާމިލުވާ ކަމަކަށްވާތީ، ނަޤްލުކުރެވޭ މާނައަށްވުރެ މަޖާޒީ މާނަ އައުލާކަން ބޮޑުވީތީއެވެ.
އަދި މި ޤަވާޢިދުގައިވާ ނަޤްލުކުރުމާއި އިޟްމާރުއާގުޅޭ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَحَرَّمَ الرِّبَا) (ސޫރަތުލްބަޤަރާ: 275 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ރިބާ ޙަރާމްކުރެއްވިއެވެ.] މި އާޔަތުގައިވާ ރިބާގެ ބަހުގެ މާނައަކީ، އިތުރުވުމެވެ. އިތުރުވުމީ އޭގެ ޒާތުގައި ޙަލާލުކަމަށް ނުވަތަ ޙަރާމްކަމަށް ސިފަކުރެވޭނޭ އެއްޗެއް ނޫނެވެ. އެހެންކަމުން، ކޮންމެހެންވެސް ތައުވީލެއް ކުރަންޖެހެއެވެ. ޙަނަފީން އިޟްމާރެއްގެ ގޮތުން [الأَخْذُ] (ހިފުން/ނެގުން) ބޭނުންކޮށް ވިދާޅުވަނީ، އެ އާޔަތުގައިވާ ޢިބާރާތްކޮޅު ހަމަޖައްސާނީ [حَرَّمَ أَخْذَ الرِّبَا] (ރިބާ ނެގުން ޙަރާމްކުރެއްވި) މިފަދައިންނެވެ. މިއާ ޚިލާފަށް، ޝާފިޢީން ވިދާޅުވަނީ އެ އާޔަތުގައިވާ [ރިބާ] އެ ވަނީ އޭގެ ބަހުގެ މާނަކަމުގައިވާ [އިތުރުވުން] ދޫކޮށް، [ރިބާ] ގެ ޝަރުޢީ މާނަކަމުގައިވާ ވަކި ޚާއްޞަ އިތުރުވުމެއް އޮންނަ ޢަޤްދެއްގެ މާނައަށް ނަޤްލުވެފައި ކަމުގައެވެ. އެހެންކަމުން، ޝާފިޢީންގެ އަރިހުގައި ނަހީކުރެވިފައި އެވަނީ އެ ގޮތަށް އިތުރުވުން އޮންނަ ޢަޤްދެވެ. ވީމާ، ޙަނަފީން ހިފައިފައި އެވަނީ އިޟްމާރުކުރެވޭ މާނައެއްގައެވެ. ޝާފިޢީން ހިފައިފައި އެވަނީ ނަޤްލުކުރެވޭ މާނައެއްގައެވެ. މި ޤަވާޢިދަށް ބިނާކޮށް މި ތަނުން އިސްކުރެވޭނީ ޙަނަފީންގެ ބަހެވެ. ސަބަބަކީ، ނަޤްލުކުރެވޭ މާނައަށްވުރެ އިޟްމާރުކުރެވޭ މާނަ އައުލާކަން ބޮޑުވީތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =