[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 46

46ވަނަ ޤަވާޢިދު (ޖުމްލަ 60): الـمَجَازُ أَوْلَى مِنَ الاِشْتِرَاكِ

މި ޤަވާޢިދުގެ ތަރުޖަމާ: {އިޝްތިރާކްކުރުމަށްވުރެ މަޖާޒުކަމަށް ކަނޑައެޅުން އައުލާކަން ބޮޑު}

މި ޤަވާޢިދުގެ މުރާދު: ލަފްޒެއްގެ ދެ މާނަ އޮވެފައި، އެ ތަނުން އެއް މާނައަކީ މަޖާޒީ މާނައަކަށްވެފައި، އަދި އަނެއް މާނައަކީ މުޝްތަރަކް މާނައަކަށްވެފައި، އަދި އެ ދެ މާނައިގެ މެދުގައި ބާވަތެއްގެ ތަޢާރުޟުވުމެއް އުފެދުމުގެ ސަބަބުން، ވާހަކަދައްކާމީހާ އެ ލަފްޒު ބޭނުންކުރީ އެ ތަނުން ކޮން މާނައެއްގައި ކަމާމެދު އަޑުއެހިމީހާއަށް އޮޅުންއަރައިފިނަމަ، މުޝްތަރަކު މާނައިގެ މައްޗަށް މަޖާޒީ މާނަ އިސްކުރެވޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި، މަޖާޒީ މާނައިގެ މައްޗަށް މުޝްތަރަކު މާނަ އިސްކުރެވޭނެއެވެ. ދަލީލެއްގެ ގޮތުން އެ ބޭފުޅުން ވިދާޅުވަނީ، މަޖާޒުގައި ނުވާ އެތަކެއް ފައިދާތަކެއް މުޝްތަރަކުގައި އޮންނަކަމުގައެވެ. އަދި މުޝްތަރަކުގައި ނޯންނަ ފަސާދަތަކެއް މަޖާޒުގައި އޮންނަކަމުގައެވެ. އެގޮތުން މުޝްތަރަކުގެ ފައިދާތަކުގެ ތެރޭގައި:

  1. މުޝްތަރަކު އޮންނާނީ އެއްގޮތަކަށެވެ. އެއަށް އެކިގޮތްގޮތަށް ބަދަލު އައުމެއް ނުވެއެވެ. މިއާ ޚިލާފަށް، މަޖާޒަކީ ވަކި ގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. އެހެންކަމުން، އެކިގޮތްގޮތަށް ބަދަލުއައިސް، ފަހުމްވުމުގައި އޮޅުންބޮޅުންއަރައެވެ.
  2. މުޝްތަރަކުގައި ހިމެނޭ ދެ މާނައިން ވެސް އިޝްތިޤާޤުތަކެއް ނެރެވިދާނެއެވެ. މިއާ ޚިލާފަށް، މަޖާޒުން އިޝްތިޤާޤެއް ނުނެރެވޭނެއެވެ. އޭގެ ޙަޤީޤީ މާނައިން ކަމުގައި ވިޔަސް މެއެވެ.

އަދި މަޖާޒުގެ ފަސާދަތަކުގެ ތެރޭގައި:

  1. ޤަރީނާއެއް ނެތް ހާލަތުގައި މަޖާޒުގެ ސަބަބުން ކުށެއް ޖެހިދާނެއެވެ. އެހެންކަމުން، އެ ހާލަތުގައި ބެލެވޭނީ އޭގެ ޙަޤީޤީ މާނައަށެވެ. އެހެންނަމަވެސް، މުޝްތަރަކުގައި އޭގެ ހުރިހާ މާނައަކީ ވެސް ޙަޤީޤީ މާނަތަކެކެވެ.
  2. ލަފްޒު އޭގެ މަޖާޒީ މާނައިގައި ބޭނުންކުރުމީ ޡާހިރުއާ (ބޭރުފުށާ) ފުށުއަރާ ކަމެކެވެ. އެހެނީ، ލަފްޒުގެ ބޭރުފުށުން ފެންނަނީ އެ ލަފްޒު އޭގެ ޙަޤީޤީ މާނައިގައި ބޭނުންކުރެވިފައިވާ ތަނެވެ. އެހެންނަމަވެސް، މުޝްތަރަކުގައި އޭގެ ހުރިހާ މާނައަކީ ވެސް ޡާހިރީ (ބޭރުފުށުގެ) މާނަތަކެކެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅު (وَلَا تَنْكِحُوا مَا نَكَحَ آَبَاؤُكُمْ مِنَ النِّسَاءِ) (ސޫރަތުއްނިސާ: 2 ވަނަ އާޔަތުގެ އެއްބައި) ގައިވާ الـنِّكَاحُ ގެ ލަފްޒެވެ. ޝާފިޢީންގެ އަރިހުގައި އެ ލަފްޒަކީ އޭގެ ޙަޤީޤީ މާނައިގައި ކައިވެނީގެ ޢަޤްދަށް އަދި އޭގެ މަޖާޒީ މާނައިގައި ޖިންސީ ގުޅުން ހިންގުމަށް (ވަޠުއުކުރުމަށް) ބޭނުންކުރެވިފައިވާ ލަފްޒެއްތޯ، ނުވަތަ ޖިންސީގުޅުން ހިންގުމަށާއި ކައިވެނީގެ ޢަޤްދަށް މުޝްތަރަކުކޮށް ބޭނުންކުރެވިފައިވާ ލަފްޒެއްތޯ ކަނޑައެޅުމުގައި ދެކޮޅަށްކިރޭ ލަފްޒެކެވެ. މި ތަނުން ފުރަތަމަ ގޮތަށް ބޭނުންކުރެވިފައިވާނަމަ، ޝާފިޢީންގެ ނަޒަރުގައި ބައްޕަ ޒިނޭކޮށްފައިވާ އަންހެނާއާ ކައިވެނިކުރުން ދަރިފުޅަށް ހުއްދަވާނެއެވެ. އަދި މި ތަނުން ދެވަނަ ގޮތަށް ބޭނުންކުރެވިފައިވާނަމަ، އެ ބޭފުޅުންގެ ނަޒަރުގައި އެ އަންހެނާއާ ކައިވެނިކުރުން ދަރިފުޅަށް ހުއްދައެއް ނުވާނެއެވެ. ކޮންމެއަކަސް، އިޝްތިރާކްކުރުމަށްވުރެ މަޖާޒްކަމަށް ކަނޑައެޅުން އައުލާކަން ބޮޑުވީތީ، އެ ބޭފުޅުން ކަނޑައަޅުއްވާފައިވަނީ، އެ ހާލަތުގައި އެ އަންހެނާއާ ކައިވެނިކުރުން ދަރިފުޅަށް ހުއްދަވާނެ ކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =