48ވަނަ ޤަވާޢިދު (ޖުމްލަ 60): الإِضْمَارُ أَوْلَى مِنَ الاِشْتِرَاكِ
މި ޤަވާޢިދުގެ ތަރުޖަމާ: {އިޝްތިރާކްކުރުމަށްވުރެ އިޟްމާރުކުރުން އައުލާކަން ބޮޑު}
މި ޤަވާޢިދުގެ މުރާދު: ނައްޞެއްގެ މުރާދު ވިސްނައިގަތުމުގައި ތަޢާރުޟުވާ ދެ އިޙްތިމާލެއް އުފެދިއްޖެ ހާލަތުގައި، އެ ތަނުން އެއް އިޙްތިމާލު އުފެދުނީ އެ ނައްޞުގައިވާ އެތަކެއް މާނައެއް އެކުލެވޭ މުޝްތަރަކު ލަފްޒަކުން ކަމަށްވެފައި، އަނެއް އިޙްތިމާލު އުފެދުނީ އެ ނައްޞުގައިވާ ވާހަކަ ޝަރުޢީގޮތުން ނުވަތަ ބުއްދީގެގޮތުން ޞައްޙަކަމާއެކު ހަމަޖެއްސުމުގެގޮތުން އިޟްމާރެއްގެގޮތުން ބޭނުންކުރާ ލަފްޒެއް ނުވަތަ ޖުމްލައަކުން ކަމުގައިވާނަމަ، އެ ތަނުން އިސްކުރެވޭހުށީ އިޟްމާރުކުރުމެވެ. ސަބަބަކީ، އިޟްމާރުކުރެވޭ ލަފްޒު ނުވަތަ ޖުމްލައަށް ތަރުޖީޙުދިނުމަށް ބޭނުންވާ ޤަރީނާތަކުގެ މިންވަރު، މުޝްތަރަކްއަށް ބޭނުންވާ ޤަރީނާތަކަށްވުރެ މަދުވީތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ބުނެވޭގޮތުން އައުލާކަން ބޮޑީ އިޝްތިރާކްކުރުމެވެ. ސަބަބަކީ، އިޟްމާރުއަށް ތިން ޤަރީނާއެއް ބޭނުންވާތީއެވެ. އެއީ، އިޟްމާރުގެ އަޞްލަށް ދަލީލުކޮށްދޭ ޤަރީނާއަކާއި، އިޟްމާރު އޮންނަ ތަނަށް ޤަރީނާއަކާއި، މުޟްމަރުގެ ނަފްސަށް ދަލީލުކޮށްދޭ ޤަރީނާއެކެވެ. އެހެންނަމަވެސް، މުޝްތަރަކްއަށް ބޭނުންވަނީ ދެ ޤަރީނާކަމުގައި ވާތީއެވެ. އެހެންކަމުން، ވިސްނައިގަތުމުގައި އިޟްމާރުގެ އުނދަގޫ މާ ބޮޑެވެ. ދެން ފަހެ، މި ވާހަކައިގެ ޖަވާބުގައި ބުނެވެނީ، އިޟްމާރު އެ ތިން ޤަރީނާއަށް ބޭނުންޖެހުނުކަމުގައިވިޔަސް، އޭގެ ބޭނުންޖެހޭނީ އެންމެ ޞޫރައެއްގައެވެ. މިއާ ޚިލާފަށް، މުޝްތަރަކްގައި އެއް ޞޫރައަށްވުރެ ގިނަ ޞޫރައިގައި (އެބަހީ، އޭގެ ދެ މާނައިގައި ނުވަތަ މާނަތަކުގައި) ދެ ޤަރީނާއަށް ބޭނުންޖެހެއެވެ. އެހެންކަމުން، ވިސްނައިގަތުމުގައި މުޝްތަރަކްގެ އުނދަގޫ މާ ބޮޑެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَامْسَحُوا بِرُءُوسِكُمْ) (ސޫރަތުލްމާއިދާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ!] މި އާޔަތުގައިވާ [بِرُءُوسِكُمْ] ލަފްޒުން ޖަމްޢުނުކުރެވޭނޭ ދެ އިޙްތިމާލެއް ނުވަތަ ދެ ފުށުއެރުމެއް އުފެދެއެވެ. ފުރަތަމަ އިޙްތިމާލަކީ، އިޝްތިރާކްއެވެ. އިޝްތިރާކްކޮށްފިނަމަ، އެ އާޔަތުގެ މުރާދަކީ ބޮލުން ބައެއް ފުހުމެވެ. އެހެނީ، އެ ލަފްޒާއެކު ބޭނުންކުރެވިފައިވާ [البَاء] ޙަރްފަކީ الإِلْصَاقُ އާއި التَّبْعِيْضُ ގެ މާނަ ވެސް ހިމެނޭ (އެބަހީ، އެ ދެ މާނަ ވެސް މުޝްތަރަކްވާ) ޙަރްފެކެވެ. ވީއިރު، ވުޟޫކުރާއިރު ބޮލުން ބައެއް ފުހުމުން ވާޖިބު އަދާކުރެވުނީ ކަމުގައި ބެލެވޭނެތެވެ. ދެވަނަ އިޙްތިމާލަކީ، އިޟްމާރުއެވެ. އެގޮތުން، އެ އާޔަތުގެ މާނަ ހަމަޖައްސާނީ [امسحوا ماءَ أيديكم برؤوسكم] (ތިޔަބައިމީހުންގެ ބޯތަކުގައި ތިޔަބައިމީހުންގެ އަތުގައިވާ ފެނުން ފުހޭށޭ) މިފަދައިންނެވެ. އެބަހީ، އެ ލަފްޒާއެކު ބޭނުންކުރެވިފައިވާ [البَاء] ޙަރްފު ބޭނުންކުރެވިފައި އެވަނީ التَّعْدِيَة ގެ ގޮތުންނެވެ. ވީއިރު، ވުޟޫކުރާއިރު މުޅި ބޮލުގައި ފެންފުހުން ވާޖިބުވާނެއެވެ. އަދި ފަހުން މި ބަޔާންކުރެވުނީ އެންމެ އައުލާވެގެންވާ ގޮތެވެ. ސަބަބަކީ، ތަޢާރުޟުވާހިނދު އިޝްތިރާކްކުރުމަށްވުރެ އިޟްމާރުކުރުން އައުލާކަން ބޮޑުވީތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =