[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 1

1ވަނަ ޤަވާޢިދު (ޖުމްލަ 189): العُمُومُ مِن عَوَارِضِ الأَلْفَاظِ وَالـمَعَانِي

މި ޤަވާޢިދުގެ ތަރުޖަމާ: {عُمُومُ އަކީ، ލަފްޒުތަކާއި މާނަތަކަށް ހުށަހެޅިގަންނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް}

މި ޤަވާޢިދުގެ މުރާދު: ބައެއް ލަފްޒުތަކަކީ ޙަޤީޤީ ގޮތުން عُمُومُ (ޢާއްމުކަން) އެކުލެވިގެންވާ އެއްޗެއްގެ ގޮތުގައި ސިފަކުރުމާ މެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި އެއްވެސް ރައުޔުތަފާތުވުމެއް ނެތެވެ. މިސާލަކަށް، الـمُسْلِمُونَ (މުސްލިމުން) އަކީ ޢާއްމު ލަފްޒެއްގެ ގޮތުގައި، އަދި كُلُّ الرِّجَالِ (ހުރިހާ ފިރިހެނުން) އަކީ ޢާއްމު ލަފްޒެއްގެ ގޮތުގައި ސިފަކުރުމާ މެދުގައެވެ. އެހެންނަމަވެސް، عُمُومُ އެއްޗެއްގެ ގޮތުގައި الـمَعَانِي (މާނަތައް) ސިފަކުރުމާ މެދު އެ ބޭފުޅުންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. މިސާލަކަށް، عُمُومُ އެއްޗެހިތަކެއްގެ ގޮތުގައި الـخَيْرُ (ހެޔޮކަން) އާއި الشَّرُّ (ނުބައިކަން) އާއި النَّفَعُ (މަންފާ) އާއި الضَّرَرُ (ގެއްލުން) ފަދަ مَعَانِي ތައް ސިފަކުރުމާ މެދުގައެވެ.

މި ތަނުގައި الـمَعَانِي ގެ މުރާދަކީ، މުސްތަޤިއްލު މާނަތަކެވެ. ޢިލްމުވެރިން އެއީ الـمَفْهُومُ (ލަފްޒުތަކުން ވިސްނޭ ވިސްނުން) އާއި الـمُقْتَضَى (ލަފްޒުތަކުން ލާޒިމުކުރާ ލާޒިމުކުރުން) ގެ ގޮތުގައި މިސާލު ޖައްސަވާފައި ވަނީ އެހެންވެއެވެ. އަދި الـمَعَانِي التَّابِعَةُ لِلْأَلْفَاظِ (ލަފްޒުތަކަށް ތަބާވާ މާނަތައް) ގެ ގޮތުގައި މިސާލު ޖައްސަވާފައި ނުވަނީ އެހެންވެއެވެ. އެ ތަކެތީގެ (އެބަހީ، ލަފްޒުތަކަށް ތަބާވާ މާނަތަކުގެ) عُمُومُ ކަމާ މެދު އެއްވެސް ރައުޔުތަފާތުވުމެއް ނެތެވެ. ސަބަބަކީ، އޭގެ ލަފްޒު ޢާއްމު ލަފްޒަކަށް ވީތީއެވެ.

މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ލަފްޒުތައް عُمُومُ އެއްޗެހިތަކެއްގެ ގޮތުގައި ސިފަކުރެވޭހެން، މާނަތަކަކީ އޭގެ ޙަޤީޤަތުގައި ވެސް عُمُومُ އެއްޗެހިތަކެއްގެ ގޮތުގައި ސިފަކުރެވޭނެ ކަމުގައެވެ. މިއީ، އަބޫ ޔަޢުލާއާއި އަލްމަޖިދު އިބްނު ތައިމިއްޔާއާއި، އަލްއާމިދީއާއި އިބްނުލްޙާޖިބާއި އަލްޤަރާފީއާއި އަލްއިސްނަވީއާއި އަލްޖައްޞާޞުއާއި އިބްނުލްހުމާމާއި އިބްނު ނުޖައިމާއި އިބްނު ޢަބްދިއްޝަކޫރުފަދަ މުޙައްޤިޤުންގެ ޖަމާޢަތެއް އިޚްތިޔާރުކުރައްވާ ގޮތެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި، عُمُومُ ކަމަކީ މަޖާޒީ ގޮތެއްގައި މާނަތަކަށް ހުށަހެޅިގަންނަ ކަމެކެވެ. އެއީ ޙަޤީޤީ ގޮތެއްގައި މާނަތަކަށް ހުށަހެޅިގަންނަ ކަމެއް ނޫނެވެ. އަދި އަބުލްޙުސައިންއާއި އައްސަރަޚްސީއާއި އަލްބަޒްދަވީއާއި އިބްނު ޤުދާމާއާއި އިބްނުއްސުބުކީ މި ރައުޔު އިޚްތިޔާރުކުރައްވަތެވެ.

އަދި ބުނެވެއޭ ވިދާޅުވެ އިބްނުލްޙާޖިބު ޛިކުރުކުރައްވާފައިވާ އެހެން ރައުޔެއްގައިވަނީ، عُمُومُ ކަމަކީ ޚާއްޞަކޮށް ލަފްޒުތަކަށް ހުށަހެޅިގަންނަ ކަމެއް ކަމުގައެވެ. އަދި މާނަތައް ޙަޤީޤީ ގޮތެއްގައި ވެސް އަދި މަޖާޒީ ގޮތެއްގައި ވެސް عُمُومُ އެއްޗެހިތަކެއްގެ ގޮތުގައި ސިފަ ނުކުރެވޭނެ ކަމުގައެވެ. އަދި ޞަފިއްޔުލްހިންދީ ތަފްޞީލީ ރައުޔެއް ހިއްޕަވައި ވިދާޅުވަނީ، ބުއްދިން ވިސްނޭ މައިގަނޑު މާނަތަކަކީ ޢާއްމު އެއްޗެހިތަކެކެވެ. ބުއްދީގެ ވިސްނުމުން ބޭރުވާ މާނަތަކަކީ ޢާއްމު އެއްޗެހިތަކެއް ނޫނެވެ. ކޮންމެއަކަސް، މި މައްސަލާގައި މިވާ ރައުޔުތަފާތުވުން ބިނާވަނީ، عُمُومُ މާނަކުރުމުގައި ވެވިފައިވާ ރައުޔުތަފާތުވުމަށެވެ.

މިސާލަކަށް، عُمُومُ الـمَفْهُومِ އާ މެދު (ލަފްޒުތަކުން ވިސްނޭ ވިސްނުމަކީ، ޢާއްމުކަން ދޭހަކޮށްދޭ އެއްޗަކަށްވުމާ މެދު) އުފެދިފައިވާ ރައުޔުތަފާތުވުމެވެ. މަފްހޫމުން ވެސް ޢާއްމުކަން ދޭހަވާކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން، އެ ރައުޔު ބިނާކުރައްވަނީ، ޢާއްމުކަމަކީ ލަފްޒުތަކަށް ހުށަހެޅޭ ކަމަކަށްވާ ފަދައިން، އެއީ މާނަތަކަށް ވެސް ހުށަހެޅޭ ކަމެއްކަމުގެ މައްޗަށެވެ. މަފްހޫމުން ޢާއްމުކަން ދޭހަނުވާކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން، އެ ރައުޔު ބިނާކުރައްވަނީ، މަފްހޫމަކީ ލަފްޒެއް ނޫންކަމުގެ މައްޗަށާއި، ޢާއްމުކަމަކީ ހަމައެކަނި ލަފްޒުތަކަށް ހުށަހެޅޭ ކަމެއްކަމުގެ މައްޗަށެވެ. އެގޮތުން، މިސާލަކަށް، ދެ ޤުއްލަ ހަމަނުވާ ފެނަށް ނަޖިސް އެއްޗެއް ވެއްޓިއްޖެ ޙާލަތެއްގައި، އެ ފެނުގެ އެއްވެސް ސިފައެއް ތަޣައްޔަރުނުވެއްޖެނަމަ، އެ ފެނަކީ ނަޖިސް ފެނަކަށް ވާނެތޯ ނުވަތަ ނުވާނެތޯ ކަނޑައެޅުއްވުމުގައި ޢިލްމުވެރިންގެ ތެރޭގައި އުފެދިފައިވާ ރައުޔުތަފާތުވުން ބިނާވަނީ عُمُومُ الـمَفْهُومِ ގެ މައްޗަށެވެ. މަފްހޫމަށް ޢާއްމުކަމެއް ލިބިގެން ވެއޭ ބުނެވިއްޖެނަމަ، ބުނެވޭނީ އެ ފެން ޠާހިރުނުވާނެ ކަމުގައެވެ. އަދި މި ރައުޔަކީ ފާޅުކަންބޮޑު ޞައްޙަ ރައުޔެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅު ((إِذَا بَلَغَ الْمَاءُ قُلَّتَيْنِ لَمْ يُنَجِّسْهُ شَيْءٌ)) (ދެ ޤުއްލައަށްވުރެ ފެން ގިނަވެއްޖެނަމަ، އެއްވެސް އެއްޗަކުން އެ ނަޖިހެއް ނުވާނެ) ގެ މަފްހޫމުން (ވިސްނޭ ވިސްނުމުން) ދަލީލުކޮށްދެނީ، ދެ ޤުއްލައަށްވުރެ މަދު ފެނުގެ ތެރެއަށް ނަޖިހެއް ވެއްޓިއްޖެނަމަ، އޭގެ ސަބަބުން އެ ފެން ތަޣައްޔަރުވިޔަސް ނުވަތަ ނުވިޔަސް، އަދި އޭގެ ޠާހިރުފެން ގިނަވިޔަސް ނުވަތަ ނުވިޔަސް ނަޖިސްވާނެ ކަމަށެވެ. މިއާ ޚިލާފަށް، މަފްހޫމަށް ޢާއްމުކަމެއް ލިބިގެން ނުވެއޭ ބުނެވިއްޖެނަމަ، ބުނެވޭނީ އެ ޙަދީޘުން މި ޙާލަތުގައި (އެބަހީ، އެ ފެން ތަޣައްޔަރުނުވާ ޙާލަތުގައި) އެ ފެން ނަޖިސްވުން ލާޒިމުނުކުރާ ކަމަށެވެ. މި ސަބަބަށްޓަކައި، މި ޙާލަތުގައި އެ ފެން ނަޖިސް ވާނެ ކަމުގައި އައްޝާފިޢީގެ ޖަދީދު (ފަހުގެ) ބަސްފުޅުގައިވެއެވެ. ޤަދީމު (ކުރީގެ) ބަސްފުޅުގައި އޮންނަނީ ނަޖިސް ނުވާނެ ކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =