5ވަނަ ޤަވާޢިދު (ޖުމްލަ 189): أَلْفَاظُ التَّأْكِيْدِ تَدُلُّ عَلَى العُمُومِ
މި ޤަވާޢިދުގެ ތަރުޖަމާ: {ކަށަވަރުކޮށްދިނުމުގެ ގޮތުން ބޭނުންކުރެވޭ ލަފްޒުތަކުން عُمُومُ އަށް ދަލީލުކޮށްދޭ}
މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ލަޒްފުތަކުގެ ތެރޭގައި، أَلْفَاظُ التَّأْكِيْدِ (ކަށަވަރުކޮށްދިނުމުގެ ގޮތުން ބޭނުންކުރެވޭ ލަފްޒުތައް) ހިމެނެއެވެ. އެއީ، كُلُّ (ހުރިހާ/އެންމެހާ) އާއި جَمِيْعُ (ހުރިހާ/އެންމެހާ) އަދި އެ ދޭތީގެ މާނައިގައި ބޭނުންކުރެވޭ مَعْشَرُ އާއި مَعَاشِرُ އާއި عَامَّةُ އާއި كَافَّةُ އާއި قَاطِبَةُ އާއި سَائِـرُ އާއި أَجْمَعُ އަދި أَجْمَعِـيْنَ ފަދަ ލަފްޒުތަކެވެ.
މިސާލަކަށް، ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ) (ސޫރަތު ޞާދު: 73) މާނައީ: [ފަހެ، މަލާއިކަތުން، އެ އެންމެން އެކުގައި ސަޖިދަކުރައްވައިފޫއެވެ.] މި އާޔަތުގައި كُلُّ (ހުރިހާ/އެންމެހާ) ބޭނުންކުރެވިފައިވުމުން އެނގިގެންދަނީ، ހުރިހާ މަލާއިކަތުން ސަޖިދަކުރެއްވިކަމެވެ. އަދި އެއްވެސް މަލާއިކަތަކު ސަޖިދަ ނުކުރައްވައި ނުހުންނެވިކަމެވެ.
6ވަނަ ޤަވާޢިދު (ޖުމްލަ 189): النَّكِرَةُ فِي سِيَاقِ النَّفْيِ أَوْ فِي مَعْنَاهُ تُفِيْدُ العُمُومَ
މި ޤަވާޢިދުގެ ތަރުޖަމާ: {ނަފީއެއް ނުވަތަ ނަފީގެ މާނައިގައި އޮތް ތަނެއްގައި އޮންނަ نَـكِـرَة އިން عُمُومُ ލިއްބައިދޭ}
މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމަށް ދަލީލުކޮށްދޭ ޢިބާރާތްތަކުގެ ތެރޭގައި، އޭގެ ޒާތުގައި ވެސް ޢާއްމުކަމަށް ދަލީލުކޮށްދޭ ޢިބާރާތްތަކާއި، އެހެން ޤަރީނާއެއް އެކުލެވިފައިވުމުން ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޢިބާރާތްތައް ހިމެނެއެވެ. އެހެން ޤަރީނާއެއް އެކުލެވިފައިވުމުން ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޢިބާރާތްތަކުގެ މިސާލަކީ، ނަފީއެއް ނުވަތަ ނަފީގެ މާނައިގައި އޮތް ތަނެއްގައި އޮންނަ نَـكِـرَة އެވެ. نَـكِـرَة އަކީ، ޢާއްމު ނަމެވެ.
މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، މުފްރަދުކޮށް އޮތް نَـكِـرَة، ނަފީއެއް އޮތް ތަނެއްގައި ނުވަތަ އެ މާނައިގައި އޮތް ތަނެއްގައި އަތުވެއްޖެނަމަ، ނަފީގެ ދަށަށް ވަންނަ އެންމެހައި ބައިތަކެއްގެ މައްޗަށް އެ ނަފީ ޢާއްމުވެގެންވާކަމުގައެވެ.
މިސާލަކަށް، ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا) (ސޫރަތުއްނިސާ: 36 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ!] މި އާޔަތުގައި އެވާ (شَيْئًا) (އެއްޗެއް) އަކީ نَـكِـرَة އެކެވެ. އެ نَـكِـرَة އައިސްފައި އެ ވަނީ، ޝިރުކުކުރުން ނަހީކުރެވިފައިވާ ތަނެއްގައެވެ. އެހެންކަމުން، ޝިރުކުގެ އެންމެހާ ޞޫރަތަކަކަށް ވެސް އެ نَـكِـرَة ޢާއްމުވާނެއެވެ. ނިޔަތުން ކުރެވޭ ޝިރުކެއް ކަމުގައި ވިޔަސް، ނުވަތަ ބަހަކުން ކުރެވޭ ޝިރުކެއް ކަމުގައި ވިޔަސް، ނުވަތަ ޢަމަލުން ކުރެވޭ ޝިރުކެއް ކަމުގައި ވިޔަސް މެއެވެ. އަދި ހަމައެހެންމެ، ބޮޑު ޝިރުކެއް ކަމުގައި ވިޔަސް، ކުޑަ ޝިރުކެއް ކަމުގައި ވިޔަސް، ނުވަތަ ފޮރުވިގެންވާ ޝިރުކެއް ކަމުގައި ވިޔަސް މެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =