[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 5

7ވަނަ ޤަވާޢިދު (ޖުމްލަ 189): النَّكِرَةُ فِي سِيَاقِ الاِمْتِنَانِ تَعُمُّ

މި ޤަވާޢިދުގެ ތަރުޖަމާ: {ނިޢުމަތްދެއްވިކަމަށް ބަޔާންވެގެންވާ ތަނެއްގައި އޮންނަ نَـكِـرَة ޢާއްމުވެގެންވޭ}

މި ޤަވާޢިދުގެ މުރާދު: ޖުމްލަގޮތެއްގައި نَـكِـرَة އިން ޢާއްމުކަމުގެ މާނަ ލިއްބައިނުދިނަސް، ނިޢުމަތްދެއްވިކަމަށް ބަޔާންވެގެންވާ، ކަމެއް ސާބިތުކޮށްދޭ ތަނެއްގައި އެ نَـكِـرَة އޮތްނަމަ، އެ ޙާލަތުގައި އެ نَـكِـرَة އިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. އަދި ހަމައެފަދައިން މި ނޫނަސް ބައެއް އެހެން ޙާލަތްތަކުގައި އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. އެގޮތުން، ކަމެއް ނަފީކުރާ ތަނެއްގައި ނުވަތަ ކަމެއް ޝަރުޠުކުރާ ތަނެއްގައި ނުވަތަ އިންކާރުކުރުމުގެ ގޮތުން ބޭނުންކުރެވޭ ސުވާލެއް އައިސްފައިވާ ތަނެއްގައި އެ نَـكِـرَة އޮތްނަމަ ވެސް، އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. މިއީ، އަބުއްޠައްޔިބު އައްޠަބަރީފަދަ ޖަމާޢަތެއްގެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތް ކަމަށް އަލްއިސްނަވީ ވިދާޅުވި އަދި އެ ބޭފުޅާ ވެސް އިޚްތިޔާރުކުރެއްވި ރައުޔެވެ. އަދި އެހެން ބޭފުޅުން މި ގޮތަށް ދެކިވަޑައިގަންނަވާކަމަށް އައްޒަރުކަޝީއާއި އިބްނުއް ނައްޖާރު ވިދާޅުވެފައިވެއެވެ.

މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورًا) (ސޫރަތުލްފުރްޤާން: 48 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ޠާހިރުކުރަނިވި ފެނެއް ތިމަން ﷲ އުޑުން ބާވައިލެއްވީމެވެ.] މި އާޔަތުގައިވާ مَاءً (ފެނެއް) އަކީ ކަމެއް ސާބިތުކޮށްދޭ ތަނެއްގައި އައިސްފައިވާ نَـكِـرَة އެކެވެ. އަދި އެ نَـكِـرَة އެ ވަނީ ﷲ ތަޢާލާ އެ އިލާހުގެ ޚަލްޤުތަކުންނަށް ދެއްވި ނިޢުމަތެއްގެ ވާހަކަ ޛިކުރުކުރެވިފައިވާ ތަނެއްގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =