[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޑިޕްރެޝަންއަށް ފަރުވާކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިދުނިޔޭގެ ދިރިއުޅުމުގައި ދަތި އުނދަގޫ ކަންކަމާ ކުރިމަތި ނުވެ ނުދާނެއެވެ. އެއީ ﷲ ތަޢާލާ އެކަން ލައްވާފައިވާ ގޮތެވެ. އެހެނީ މިއީ އިމްތިހާނުގެ ގޯއްޗެވެ. އަދި އާޚިރަތާ ދެމެދުވާ ފާލަމެކެވެ. އެންމެ ހެޔޮ މަޚްލޫޤުން ކަމުގައިވާ ނަބީބޭކަލުންވެސް މިކަމުން އިސްތިޘްނާ ނުވެއެވެ. ދިރިއުޅުމަކީ އެއްވެސް މީހަކަށް ފަސޭހަ ދަތުރެއް ނޫނެވެ. ކުޑަކުއްޖަކު ނުވަތަ ބޮޑުމީހަކު ކަމުގައިވިޔަސްމެއެވެ. އެއް ދުވަސް ތިބާއަށް އުފާވެރި ދުވަހަކަށްވާއިރު ދެން އަންނަ ދުވަސްތަކަކީ ހިތާމަވެރި ދުވަސްތަކަކަށް ވެދާނެއެވެ. މިއީ އަބަދުވެސް މިކަން އޮންނަގޮތެވެ. އަދި މިއީ މީސްތަކުންގެ ދިރިއުޅުމުގެ ކަންކަން އޮތް ގޮތެވެ.

ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުންދާއިރު މުސްލިމުންނަށް ކުރިމަތިވަމުން މިދާ މުސީބާތްތަކާ އަދި މުސްލިމުންގެ ޙާލާމެދު އަޘަރުކޮށް ހިތާމަ ނުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ފަހެ ކާކު ހެއްޔެވެ؟ ފެންނަކަމަކުން ނުވަތަ އިވޭ އަޑަކުން ދުނިޔޭގެ ދިރިއުޅުމާމެދު މާޔޫސް ނުވަނީ އަޅުގަނޑުމެންގެ ތެރެއިން ފަހެ ކާކު ހެއްޔެވެ؟

ނަމަވެސް އެކަނިވެރިކަމާއި ހިތާމައިގެ މިފަދަ ޝުޢޫރުތައް ދާއިމީކަމަކަށްވެ ނުވަތަ ނަފްސާނީ ބަލިމަޑުކަމަކަށްވެ، އާންމު ދިރިއުޅުމުގައި ކަންކަން ކުރިއަށް ގެންދިއުމަށް ބުރޫއަރާ ހިސާބަށް ކަންކަން ގޮސް، އެހެން މީހުންނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް އަދާކޮށް ނުދެވި، ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތްތަކުގެ މަތިން ޣާފިލުވެ، އެކަމަށް ޝުކުރުވެރިވާންޖެހޭ ގޮތަށް ޝުކުރުވެރި ނުވެވޭނަމަ، އެޙާލަތުގައި ހިތާމަވެރިކަން އެވަނީ އެކަމަށް ފަރުވާ ކުރަންޖެހިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައެވެ!!

އެގޮތުން އެންމެ މަތިވެރި ފަރުވާއަކީ ކެތްތެރިކަމާއި، ތަޤުވާވެރިކަމާއި، ޢާލަމުތަކުގެ ވެރި ރައްބާ މެދު ހެޔޮކޮން ދެކުމާއި، އެންމެހާ ކަމެއްގައި އެއިލާހަށް ވަކީލުކުރުމާއި، ކޮންމެ މުސީބާތެއްގައި ފުރިހަމަ އިތުބާރާއެކު އެފަރާތަށް ދެންނެވުމެވެ.

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.

“ގިނަ މީހުން މުންކަރާތެއް ފެނުމުން ނުވަތަ އިސްލާމީ އުންމަތަށް ޖެހިފައިވާ ޙާލު ފެނުމުން، މުސީބާތެއް ޖެހިފައިވާ މީހަކުޢަމަލުކުރާ ފަދައިން، އެކަމާ ދެރަވެ ހިތާމަކޮށް އުންމީދު ކަނޑާލައެވެ. ނަމަވެސް މިއީ ރަނގަޅުގޮތެއް ނޫނެވެ. އެހެނެއްކަމަކު އޭނާގެ މައްޗަށްވަނީ ކެތްތެރިވެ، ﷲއަށް ވަކީލުކޮށް އިސްލާމްދީނުގެ މަތީގައި ޘާބިތުވުމެވެ. އަދި ﷲ ތަޢާލާވަނީ ތަޤުވަވެރިންނާއި އިޙްސާންތެރިންނާއެކު ކަމާއި، އެންމެ ހެޔޮ ނިމުންވަނީ ތަޤުވާވެރިންނަށް ކަމާއި، އޭނާއަށް ޖެހިފައި އެވާ މުސީބާތަކީ އޭނާގެ ފާފަތަކުގެ ސަބަބުން ޖެހިފައިވާ ކަމެއްކަމަށް އީމާންވުމެވެ. ފަހެ، ކެތްތެރިވާށެވެ. އެހެނީ ﷲ ތަޢާލާގެ ވަޢުދަކީ ޙައްޤެވެ. އަދި އޭނާގެ ފާފަތައް ފުއްސެވުންއެދި ދަންނަވާށެވެ. އަދި ހެނދުނާއި ހަވީރު އޭނާގެ ރައްބަށް ތަސްބީޙަ ކިޔާ ޙަމްދު ކުރާށެވެ.”

[مجموع الفتاوى(18/295) ]

މާޔޫސްކަމުގެ ހާލަތު ޑިޕްރެޝަން (depression) އަށް ބަދަލުވުމުން، އީމާންކަމުގެ ފަރުވާތައްކަމުގައިވާ ކެތްތެރިކަމާއި ﷲ އަށް ވަކީލުކުރުމާއި ޛިކުރުކުރުގައި ދެމިހުރުމާއެކު ޢިލްމާއި އަމާނާތްތެރިކަމުގައި އިތުބާރުކުރެވޭ، ކަމުގެ މާހިރެއްގެ ޑޮކްޓަރީ ފަރުވާއަށްވެސް ބޭނުންޖެހިދާނެއެވެ.

ޑިޕްރެޝަންގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

* އަބަދުވެސް ހިތާމައާއި، ފިކުރު ބޮޑުވުމާ އަދި ޠަބީޢަތް ގޯސްވުމުގެ ޝުޢޫރުތައް ދެމިހުރުން.

* އާންމުކޮށް ލޯބިކޮށް އުޅޭ ކަންކަން މަތިން ފޫހިވެ އެކަންކަމަށް ޝައުޤުވެރިކަން ނެތުން.

* އަބަދުވެސް ކަންކަމާމެދު ނުރަނގަޅު ގޮތަށް ދެކުމާއި، ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ނުކުޅެދުން.

* ކުށްވެރިއެއްކަމުގެ އިހްސާސްކުރެވި، އަގެއްނެތް، މުޖުތަމައުގައި ބާކީވެފައިވާ މީހެއްކަމުގައި ދެކުން.

* އަމިއްލަ އިހްސާސްތައް ފާޅު ނުކުރެވުން ނުވަތަ އެހެންމީހުންގެ އިހްސާސްތައް ބަލައިނުގަނެވުން.

* ނިދަން އުނދަގޫވުން ނުވަތަ ގިނައިރު ނިދުން ނުވަތަ އަވަހަށް ހޭލެވުން.

* ކެއިންބުއިމުގެ މައްސަލަތައް. (ގިނައިން ކެއުން ނުވަތަ ކާ ހިތްނުވުން)

* ހަށިގަނޑުގައި ހުންނަ ތަދުތައް އެއްވެސް ފަރުވާއަކުން ފައިދާއެއް ނުކޮށް ދިގުލައިގެން ދިއުން.

* ގިނައިން ރުޔުން.

* އަވަހަށް ކަންތައްބޮޑުވެ، ހަރަކާތްތައް އަވަސްވެ، މަޑުން ހުންނަށް އުނދަގޫވެ، ހަމަޖެހުމެއް ނުލިބުން.

* އަބަދުވެސް ވަރުބަލިކަމުގެ އިހްސާސްކުރެވި، ހެލިފެލިވެ އުޅެން އުނދަގޫވުން.

* ކަންކަމަށް ފަރުވާބެހެއްޓުމަށާއި ކަންކަން ހަނދާން ކުރުމަށް އުނދަގޫވެ، ރަނގަޅު ނިންމުންތައް ނިންމަން ނޭނގުން.

މަތީގައި ބަޔާންކުރެވުނު އަލާމާތްތަކުގެ ތެރެއިން ހަތަރު އަލާމާތަށްވުރެ ގިނަ އަލާމާތް ތިބާގެ ކިބައިން ފާހަގަކުރެވޭނަމަ، އިސްވެ ދެންނެވުނުފަދައިން ޢިލްމާއި އަމާނާތްތެރިކަމުގައި އިތުބާރުކުރެވޭ، ކަމުގެ މާހިރެއްގެ ޑޮކްޓަރީ  ލަފާހޯދުން މުހިންމެވެ.

ފަރުވާ ހޯދުމާއެކު ފައިދާހުރި ކަންކަމުގައި ތިބާގެ ނަފްސު މަޝްޣޫލު ކުރާށެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި، ތިބާ ކުރާހިތްވާފަދަ ކަންކަންތައް (hobby) ކުރުމުގައި ވަގުތު ހޭދަކުރާށެވެ. ތިބާގެ ހަށިގަނޑާ ސިކުނޑިއަށް ތާޒާކަން ލިބޭ، މާމުޔާއި މޭވާފަދަ ޠަބީޢީ ތަކެތީގެ މަތިން ހަނދާން ނައްތާނުލާށެވެ.

އިހުގައި މިފަދަ ކަންކަމަށް ފަރުވާއެއްގެގޮތުގައި ބޭނުންކޮށް އުޅުނު އެކައްޗަކީ “ތަލްބީނާ”އެވެ. ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުން ޞައްޙަ ސަނަދުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ.

((التَّلْبِينَةُ مَجَمَّةٌ لِفُؤَادِ الْمَرِيضِ ، تَذْهَبُ بِبَعْضِ الْحُزْنِ)) [رواه البخاري (5101) ، ومسلم (2216)]

މާނައީ: “ތަލްބީނާއަކީ ބަލިމީހާގެ ހިތަށް ހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. އަދި ހިތާމައިގެ ބައެއް ފިލުވާލާ އެއްޗެކެވެ.”

زاد المعاد ގައި އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

“މިއީ ބަނޑާއި ގޮހޮރު ސާފުކޮށްދޭ އެއްޗެކެވެ. އަދި ބަނޑަށް ފަސޭހަ ކޮށްދޭ އެއްޗެކެވެ. ޚާއްޞަކޮށް އާދަކޮށް ހިމަ ގޮދަނުގެ ރޮށި ކައި އުޅޭ މީހުންނަށެވެ. މަދީނާގެ އަހުލުވެރިންގެ ތެރޭގައި ގޮދަނަކީ ތަދުއެއްޗަކަށްވެފައިވާތީ، ކެއުމުގައި އެބައިމީހުން އާންމުކޮށް ބޭނުން ކުރީ ހިމަ ގޮދަނެވެ. والله أعلم.”

ތަލްބީނާއަކީ ހިމަ ގޮދަން (barley) ފުށުގައި ހަދާ އެއްޗެކެވެ. މި ތައްޔާރު ކުރަނީ ބާރލީގެ ތެރެއަށް ޖޯޑެއްހާ ފެން އެޅުމަށްފަހު މަޑު ގިނީގައި ފަސް ވަރަކަށް މިނެޓު ކައްކައިގެންނެވެ. އެއަށްފަހު އޭގެތެރެއަށް ކިރުފޮދަކާއި މާމުއި ސަމުސަލެއް އަޅާނީއެވެ.

 والله أعلم .

_____________________________

މަޞްދަރު: އިނގިރޭސި ބަހުން / ޢަރަބި ބަހުން