16ވަނަ ޤަވާޢިދު (ޖުމްލަ 189): العَامُّ يُطلَقُ وَيُرَادُ بِهِ الخَاصُّ
މި ޤަވާޢިދުގެ ތަރުޖަމާ: {ޚާއްޞަގެ މުރާދުގައި ޢާއްމު ބޭނުންކުރެވޭ}
މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއް ބޭނުންކުރެވިފައިވާއިރު، ބައެއް ފަހަރު އެ ބޭނުންކުރެވިފައިވަނީ ޢާއްމުކަމުގެ މާނައިގައި ކަމަށް ނުވެދާނެއެވެ. މިއާ ޚިލާފަށް، އެ ބޭނުންކުރެވިފައިވަނީ ޚާއްޞަ މާނައެއްގައި ކަމަށް ވެދާނެއެވެ. އެ ގޮތަށް ބޭނުންކުރެވިފައިވާކަން އެނގޭނީ، އެ ޢާއްމު ލަފްޒުން ޢާއްމުކަމަށް ދަލީލު ނުކޮށްދޭ ކަމަށް އޮތް ޤަރީނާއަކުންނެވެ. ނުވަތަ އެ ޢާއްމު ލަފްޒުގެ މުރާދަކީ ޚާއްޞަ މާނައެއްކަން ދަލީލުކޮށްދޭ ޤަރީނާއަކުންނެވެ.
ދެން ފަހެ، މި ވައްތަރުގެ ޢާއްމުއަކީ، ޢާއްމުކަންމަތީ އޮތުން ނަފީކުރާ ނުވަތަ އެ ޢާއްމުގެ މުރާދަކީ އޭގެ ބައެއް އަފުރާދުންކަމަށް ދަލީލުކޮށްދޭ ޤަރީނާއެއް އެއާއެކުގައި އޮންނަ ޢާއްމުއެކެވެ. އެގޮތުން، ޢާއްމުކޮށް ޞީޣާ އަތުވެފައި އޮތަސް، ޝަރުޢީ މަޤްޞަދުން ދަލީލުކޮށްދެނީ އޭގެ މުރާދަކީ އެންމެ ފަރުދެއް ނުވަތަ ޚާއްޞަ ކަމެއް ކަމުގައި ވެދާނެއެވެ. އަދި އެ ޢާއްމުގެ ދަށަށް ވަނުން އެކަށީގެންވާ ހުރިހާ އަފުރާދުން އޭގައި ހިމެނި ޝާމިލުވުމީ އެ ޞީޣާގެ ބޭނުމެއް ކަމުގައި ނުވާކަމަށް ދަލީލުކޮށްފާނެއެވެ. އެކަން އެނގޭނީ، ނައްޞުގެ ސިޔާޤުންނާއި، އަސްބާބުއްނުޒޫލްފަދަ އޭގެ ވަށައިގެންވާ އެހެނިހެން ޤަރީނާތަކުންނެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ ) (ސޫރަތު އާލު ޢިމްރާން: 173 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (ލަޝްކަރު) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ!] މި އާޔަތުގައި ފުރަތަމައަށް އެވާ النَّاسُ (މީސްތަކުން) ގެ މުރާދަކީ، ނުޢައިމު ބްނު މަސްޢޫދެވެ. ނުވަތަ ޝާފިޢީ ވިދާޅުވެފައިވާ ގޮތުންނަމަ، ހަތަރު މީހެކެވެ. އަދި ދެވަނައަށް އެވާ النَّاسُ (މީސްތަކުން) ގެ މުރާދަކީ، އަބޫ ސުފްޔާން އިބްނު ޙަރްބުއެވެ. އެންމެހައި މީސްތަކުންނެއް ނޫނެވެ. އެ ކަމަށް ދަލީލުކޮށްދެނީ، އެ އާޔަތުގެ ފަހުން، މުފްރަދަށް އިޝާރާތްކުރުމުގެ ގޮތުން [إنما ذلكم] އޭ އޮތުމުންނެވެ. ޢާއްމުގެ މުރާދުގައި ބޭނުންކުރެވިފައިވީނަމަ އޮތީހީ [إنما أولئكم] އޭ އެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =