
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ކަރާމާތަށް ބާރުއަޅާ ދީނެވެ. ދިރިއުޅުމުގެ ހުރިހާ މުޢާމަލާތެއް ކުރަންވީ ރިވެތި ގޮތްތަކާއި އުޞޫލުތައް، މިމަތިވެރި ދީނުގައި ހިމެނިފައިވުމީ މިދީނުގެ ފުރިހަމަކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ފަހެ، މީސްތަކުންނާ މުޢާމަލާތްކުރާއިރު ބަސްމަގު ބޭނުންކުރަންވީ ގޮތާއި ވާހަކަދެއްކުމުގައި ހިފަހައްޓަންވީ މިންގަނޑުތައް މިދީނުގައިވަނީ ބަޔާންކުރެވިގެންނެއެވެ.
އެގޮތުން މީސްތަކުންގެ ދިރިއުޅުމާ ގުޅުން ހުރިގިނަ ޙުކުމްތަކެއް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު، ބައެއް ޙުކުމްތަކުގައި ޞަރީޙަ ޢިބާރާތްތަކުގެ ބަދަލުގައި “ކިނާޔާ” ނުވަތަ ޞަރީޙަ ނޫން ޢިބާރާތްތައް ގެންނަވާފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ބައެއް ކަންކަމަކީ މީސްތަކުންގެ މެދުގައި ޞަރީޙަ ބަހުން ބުނުން ލަދުވެތި ކަންކަމަށް ބެލެވޭނެފަދަ ކަންކަމެވެ.
މިޘާލެއްގެ ގޮތުން އެއްދާންކުރުމުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވާއިރު ބަޤަރާ ސޫރަތުގައި އެއްއާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
﴿نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ﴾ [سورو البقرة ٢٢٣]
މާނައީ: “ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ، ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ. ) އެބަހީ: ނަސްލުއުފެދުމުގެ މަގު ޚިޔާރުކުރާށެވެ.)”
އެގޮތުން ނަބިއްޔާ صلى الله عليه وسلم ގެ ޞިފަފުޅުތަކުގެ ތެރެއިން ހިމެނޭ ޞިފައެއް ބަޔާންކުރައްވަމުން ޢަބްދުﷲ ބުން ޢަމްރު رضي الله عنهما ވިދާޅުވިއެވެ.
((لَمْ يَكُنْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَاحِشًا وَلَا مُتَفَحِّشًا)) [رواه البخاري]
މާނައީ: ” ނަބިއްޔާ صلى الله عليه وسلم އަކީ ފާޙިޝް ބޭކަލެއް ނޫނެވެ. އަދި އެފަދަ ކަންކަމީ އެކަލޭގެފާނު އެއްގޮތަކަށްވެސް ކުރެއްވިކަންކަމެއް ނޫނެވެ.”
މިޙަދީޘް ޝަރަޙަކުރައްވަމުން އިބްނު ޙަޖަރު رحمه الله ބަޔާންކުރައްވާފައިވަނީ އެކަލޭގެފާނީ ހުތުރު ބަސްތަކާއި ޢަމަލުތަކާއި ޞިފަތަކުން ދުރުހެލިވެވަޑައިގެންވާ ބޭކަލެއްކަމެވެ. [1]
އަދިވެސް ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ.
((أنَّ امرأة سألت النَّبيَّ صلى الله عليه وسلم عن غسلها مِن المحيض، فأمرها كيف تغتسل، ثمَّ قال: خذي فرصة مِن مسك فتطهَّري بها. قالت: كيف أتطهر بها؟ قالت: فستر وجهه بطرف ثوبه، وقال: سبحان الله! تطهَّري بها. قالت عائشة: فاجتذبت المرأة فقلت: تتبَّعي بها أثر الدم)) [رواه البخاري]
ޙައިޟުން ޠާހިރުވާނެ ގޮތާމެދު ނަބިއްޔާ صلى الله عليه وسلم އަށް އަންހެންކަނބަލަކު ސުވާލުދެންނެވިއެވެ. ފަހެ، ހިނައިގަތުމަށް އެކަލޭގެފާނު އެކަނބުލޭގެއަށް އަމުރުކުރެއްވިއެވެ. ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ.
“ކަފަގަނޑެއްފަދަ އެއްޗެއްގައި ގޮމަކަސްތޫރި(ފަދަ) މީރުވަސްދުވާ އެއްޗެއްލައިގެން ސާފުކުރާނީއެވެ.”
އެކަނބުލޭގެ ސުވާލުދެންނެވިއެވެ.
“ތިމަން އޭގެން ޠާހިރުވާނީ ކިހިނަކުން ހެއްޔެވެ؟”
ފަހެ އެކަމާ ލަދުވެތިވެވަޑައިގެން އެކަލޭގެފާނުގެ މޫނުނިވާކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.
“سبحان الله! ކަނބުލޭގެ އޭގެން ޠާހިރުވާށެވެ.”
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. “ދެން ތިމަން، އެއަންހެންކަނބުލޭގެ އެއްފަރާތަށް ގެންދިޔައީމެވެ. އަދި ލޭގެ އަސަރުހުރިތަންތަން ކަފަގަނޑުން ސާފުކުރާނީކަމަށް ކިޔައިދިނީމެވެ.”
މިޙަދީޘުގައި ކަންހިނގާފައިވާގޮތް ވިސްނަވާށެވެ.
– އެކަލޭގެފާނުގެ އެކަމުގެ ތަފްޞީލުތަކެއް އެފަދަ މަޖްލިސެއްގައި ޙަދީޘް ނުކުރައްވައެވެ. އެހެންކަމުން އޭގެން ދޭހަވެގެންދަނީ ޝަރުޢީ ޙުކުމްތައް ބަޔާންކުރުމުގައިވެސް މިފަދަ ކަންކަމުގެ ތަފްޞީލަށް ނުގޮސް ޢާންމުކޮށް ގިނަ މީހުންނަށް ވިސްނޭނެކަމެވެ. އަދި މީސްތަކުންނަށް ވިސްނޭނަމަ ރަނގަޅުގޮތަކީވެސް އެފަދަ ކަންކަމުގެ ތަފްޞީލަށް ނުދިޔުންކަމުގައެވެ.
– މިޙާދިޘާއާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެކަނބުލޭގެއަށް ފުރަތަމަ ނުވިސްނުނީކަމަށެވެ. ނުވަތަ މުޅިން ޔަޤީންނުވެ، ޝައްކުވީކަމުގައެވެ. [2]
– މީހަކަށް އެފަދަކަމެއް ނުވިސްނުމުން އެމީހަކަށް ވަކިން އެކަމުގެ ތަފްޞީލު އެވަނީ ކިޔައިދެވިފައެވެ. އަދި އަންހެންކަނބަލަކަށް އެކަމުގެ ތަފްޞީލު އެކިޔައިދެއްވީވެސް ހަމަ އަންހެން ކަނބަލެކެވެ.
ދަންނައެވެ. ޞަރީޙަ ނޫންގޮތަކަށް ބުނެގެން މީހަކަށް އެކަން ނުވިސްނޭނަމަ އެފަދަ ޙާލަތެއްގައި ރިވެތި ގޮތެއްގައި ވިސްނޭނެފަދަ ގޮތަކަށް ކިޔައިދެވިދާނެއެވެ. މިޘާލަކަށް ޑޮކްޓަރެއްގެ ގާތުގައި މީހަކަށް ޖެހިފައިވާ ބައްޔެއް ކިޔައިދޭއިރު ނުވަތަ މައްސަލަތަކުގައި ކޯޓުގައި އެކަން ޘާބިތުކުރުމަށްޓަކައިވެސް ތަފްޞީލުކޮށް އެކަންކަން ބަޔާންކުރުމުގެ ޙާޖަތެއް އޮވެއްޖެނަމަ އެފަދައިން ޢަމަލުކުރެވިދާނެއެވެ.
ވުމާއެކު މީސްތަކުންގެ މެދުގައި ޞަރީޙަބަހުން ބައެއް ވާހަކަތައް ދެއްކުމަކީ ޢައިބުކަމެކެވެ. އެއީ މީސްތަކުންގެ ޢައުރައާއި ގުޅުންހުރި ވާހަކަތަކާއި ތިބާގެ މައިންބަފައިން ނުވަތަ ދަރީންނާ އެއްމަޖިލީހެއްގައި ތިބޭއިރުވެސް ތިބާއަށް އިވުމަށް ނޭދޭނޭފަދަ އެކިއެކި އެފަދަ ވާހަކަތަކެވެ. އެފަދަ ވާހަކަ ދައްކާއިރު ނުވަތަ ބަޔާންކުރާއިރު އެފަދަ ވާހަކަތަކުގެ ތަފްޞީލަށް ނުގޮސް ހުތުރުނުވާނޭހެން ބަޔާންކޮށްދެވިދާނެއެވެ. ‘ބުއްދިވެރިންނަށް އިޝާރާތެއް ފުދޭނެއެވެ.’ އަދި ފާޙިޝް ވާހަކަތަކާއި ޢައުރަ ގުނަވަންތަކުގެ ވާހަކަތަކުގެ ތަފްޞީލުތައް ޙާޖަތެއް ނެތި ބަޔާންކުރުމީ އިސްލާމީ އުޞޫލުތަކާ ޚިލާފުކަންކަމެވެ. އަދި އެއީ މީސްތަކުންގެ ލަދުޙަޔާތް ނެތި ފާޙިޝްކަންކަމަށް ހުޅުވިގެންދާ ދޮރުތަކެކެވެ. އަދި މުޖުތަމަޢުމުގެ މިހާރު ވީދިފައި އޮތް ފޭރަން އިތުރަށް ހަލާކުވެގެންދާނޭ ކަމެކެވެ.
ލަދުވެތިކަމުގައިވަނީ މުޅިންވެސް ހެޔޮކަމެވެ.[3] އަދި އެއީ އީމާންތެރިކަމުގެ ތެރެއިންވާކަމެކެވެ.[4] އަދި މީހެއްގެ ކިބައިގައި ލަދުވެތިކަމެއްނުވާނަމަ އެމީހަކު އުޅޭނީ އެމީހަކު ހިތުހުރި ގޮތަކަށެވެ.[5]
_______________________________________
[1] ބައްލަވާ: فتح الباري ( 10 / 435 )
[2] ބައްލަވާ: شرح السنن النسائي لعبدالعزيز الراجحي
[3] ބައްލަވާ: صحيح مسلم
[4] ބައްލަވާ: صحيح البخاري وصحيح مسلم
[5] ބައްލަވާ: صحيح البخاري