[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ -ނުވަވަނަ މަޖްލިސް

ރޯދައިގެ ޙިކުމަތްތައް

 

ޙަމްދުހުރީ ﷲ ތަޢާލާއަށެވެ. އެއިލާހީ ރޭތަކާއި ދުވަސްތައް ތަދުބީރުކުރައްވާ އިލާހެވެ. އަދި މައްސަރުތަކާއި އަހަރުތައް ދައުރުކުރައްވާ އިލާހެވެ. އަދި އެއިލާހީ އެންމެހާ ވެރިކަމެއް އެއިލާހަށްވާ މަތިވެރިވެވޮޑިގެންވާ އިލާހެވެ. މަތިވެރިކަމާއި އަބަދަށް ދިރިދެމިވޮޑިގެންވުމުގައި އެއްކައުވަންތަވެގެންވާ އިލާހެވެ. އެންމެހާ އުނި ކަންތައްތަކުންނާއި ޚަލްޤުތަކާއި ވައްތަރުވުމުން ހުސްޠާހިރުވެގެންވާ އިލާހެވެ. ލޭނާރުތަކުގެ އެތެރެއާއި ކަށިތަކުގެ ފުންމިން އެއިލާހު ދެނެވޮޑިގެންވެއެވެ. ވަންހަނާކަން ބޮޑު އަޑުތަކާއި ސިއްރުކަން ބޮޑު ވާހަކަތައް އެއިލާހު އައްސަވާވޮޑިގެންވެއެވެ. އެއިލާހީ ރަޙީމުވަންތަ، ނިޢުމަތްދެއްވުން ގިނަވެގެންވާ އިލާހެވެ. އަދި އެއިލާހީ، ހުރިހާ ކަމަކަށްމެ ކުޅަދުންވަންތަ، ބަދަލުހިއްޕެވުމުގައި ގަދަފަދަވެގެންވާ ރައްބެވެ. އަދި ހުރިހާކަމެއް ތަޤުދީރުކުރައްވާ އަދި އެކަންތައްތައް އެންމެ ފުރިހަމަވެގެންވާ ނިޡާމުން ހިންގަވައެވެ. އަދި ޝަރީޢަތް ޝަރުޢުކުރައްވާ، އެޝަރީޢަތް ފުރިހަމަވެގެންވާ ވަރުގަދަކުރެއްވުމަކުން ވަރުގަދަ ކުރެއްވިއެވެ. އަދި އެއިލާހުގެ ޤުދުރަތް ވަންތަކަމުން ވައިރޯޅިޖައްސަވައި ވިލާތައް ދަތުރު ކުރައްވައެވެ. އަދި އެއިލާހުގެ ޙިކުމަތާއި އެއިލާހުގެ ރަޙުމަތުން ރެއާއި ދުވާލު ތަކުރާރު ކުރައްވައެވެ. އެއިލާހުގެ މަތިވެރިވެގެންވާ ސިފަފުޅުތަކާއި ރިވެރިވެގެންވާ ނިޢުމަތްތައް މެދުވެރިކޮށް އެއިލާހަށް މިއަޅާ ޙަމްދު ކުރަމެވެ. އަދި ނިޢުމަތްތައް އިތުރުވުމަށް އެދޭމީހާ ޝުކުރުކުރާ ފަދައިން މިއަޅާ އެއިލާހަށް ޝުކުރުވެރި ވަމެވެ.

އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. ސިކުނޑިތަކާއި ޚިޔާލުތަކަށް އެއިލާހުގެ ހުރިހާކަމެއް ދެނެގަތުމަށް ނުކުޅެދިގެންވެއެވެ. އަދި މުޙައްމަދުގެފާނަކީ ﷲގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ ޚަލްޤުތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ފަރާތެވެ. އެކަލޭގެފާނުގެ މައްޗަށް ﷲތަޢާލާ ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީ، އަބޫބަކުރުގެފާނުގެ މައްޗަށް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަކޮޅު އިސްލާމްދީނަށް ވަދެވަޑައިގެންނެވި ބޭކަލެކެވެ. އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ، ޝައިޠާނާއަށް އެކަލޭގެފާނު ފެނުމުން އެޝައިޠާނާ ޖެހިލުންވާފަދަ ބޭކަލެކެވެ. އަދި ޢުޘްމާނުގެފާނުގެ މައްޗަށްވެސް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ މުދަލުން جيش العُسْرة (ދަތިކަމުގެ ލަޝްކަރު. އެބަހީ: ތަބޫކު ހަނގުރާމައިގެ) ލަޝްކަރު ތައްޔާރުކުރެއްވި ކަލޭގެފާނެވެ. އަދި ޢަލީގެފާނުގެ މައްޗަށްވެސް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ޢިލްމުގައި ކަނޑެއްފަދަ، ކެއްތެރިކަމުގައި ސިންގާއެއް ފަދަ ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި އަޞްޙާބުންނާއި ތާބިޢީންނާއި އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީހާބަޔަކަށް އަބަދަށްމެ، ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވީ ސަލާމުން ސަލާމްލައްވާށިއެވެ.

ﷲގެ އަޅުތަކުންނޭވެ! ދެނެގަންނާށެވެ. -ﷲ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާށިއެވެ.- ﷲތަޢާލާއީ ފުރިހަމަ ޙުކުމްފުޅުތަކާއި ޙިކުމަތުގެ ނިހާޔަތުލިބިވޮޑިގެންވާ އިލާހެވެ. އަދި އެއިލާހު ޚަލްޤު ކުރައްވާފައިވާ ޚަލްޤުތަކުގައްޔާއި އަދި އެއިލާހުގެ ޝަރުޢުގައި، ބޮޑުވެގެންވާ ޙިކުމަތްތަކެއްވެއެވެ. އެއިލާހީ އެއިލާހުގެ ޚަލްޤު ކުރެއްވުމާއި އެއިލާހުގެ ޝަރުޢު ކުރެއްވުގައި ޙިކްމަތްވަންތަ އިލާހެވެ. އެއިލާހުގެ އަޅުތަކުން ކުޅިވަރެއްގެ ގޮތުގައި އެއިލާހު ޚަލްޤު ނުކުރައްވަތެވެ. އަދި އެޚަލްޤުތައް ބޭކާރުގޮތެއްގައި ދޫކޮށް ނުލައްވައެވެ. އަދި އެބައިމީހުންނަށް ޝަރީޢަތްތައް ބޭކާރުގޮތެއްގައި އެއިލާހު ޝަރުޢު ނުކުރައްވައެވެ. އެހެނެއްކަމަކު، އެބައިމީހުން ޚަލްޤު ކުރެއްވީ ބޮޑުވެގެންވާ ކަމަކަށްޓަކައެވެ. އަދި ބޮޑުވެގެންވާ ކަމަކަށް އެބައިމީހުން ތައްޔާރު ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގު އެއިލާހު އެބައިމީހުންނަށް ބަޔާން ކޮށްދެއްވިއެވެ. އަދި އެއިލާހު އެބައިމީހުންނަށް ޝަރުޢުތައް ޝަރުޢު ކޮށްދެއްވިއެވެ. އެއީ އެބައިމީހުން އެޝަރުޢުތައް މެދުވެރިކޮށް އެބައިމީހުންގެ އީމާންކަން އިތުރުކުރުމަށެވެ. އަދި އެޝަރުޢުތައް މެދުވެރިކޮށް އެބައިމީހުންގެ އަޅުކަންތައްތައް ފުރިހަމަ ކުރުމަށްޓަކައެވެ. ބޮޑުވެގެންވާ ޙިކުމަތެއް ނުވާ ގޮތުގައި ﷲތަޢާލާ، އެއިލާހުގެ އަޅުތަކުންނަށް އެއްވެސް އަޅުކަމެއް ޝަރުޢު ނުކުރައްވައެވެ. އެނގެއްޖެ މީހަކަށް އެކަން އެނގޭ ހުއްޓެވެ. އަދި ނޭނގި ޖާހިލުވެއްޖެ މީހަކަށް އެކަން ނޭނގޭ ހުއްޓެވެ. އަދި އަޅުކަމެއްގެ ޙިކްމަތެއް އަހަރެމެންނަށް ނޭނގުން އެއީ، އެކަމުގައި ޙިކުމަތެއް ނުވާނެކަމުގެ ދަލީލެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ! އެއީ ﷲތަޢާލާގެ ޙިކުމަތްތައް ދެނެގަތުމުގައި އަހަރެމެން ނުކުޅެދިފައިވާ ކަމާއި، އަހަރެމެން ފަރުވާ ކުޑަކޮށްފައިވާ ކަމުގެ ދަލީލެކެވެ. (وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا) [الإسراء: 85 ] މާނައީ: “އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.”

އަދި ހަމަކަށަވަރުން ﷲތަޢާލާ އަޅުކަންތައް ޝަރުޢުކުރައްވާ މުޢާމަލާތްތައް ވަކި ނިޡާމެއްގައި ލެއްވީ، އެއިލާހުގެ އަޅުތަކުން އިމްތިހާނުކޮށް ގޮތްބެއްލެވުމަށް ޓަކައެވެ. އެއީ އެކަންތައްތައް މެދުވެރިކޮށް އެއިލާހަށް ކިޔަމަންތެރިކަމާ އެއްކޮށް އަޅުވެތިވަނީ ކޮންބައެއްތޯ އަދި އެމީހެއްގެ ހަވާނަފްސަށް އަޅުވެތިވަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ. އަދި މި ޝަރީޢަތްތަކާއި މިނިޡާމުތަކަށް، ހުޅުވިގެންވާ ހިތަކާއިގެން އަދި މަޑުމައިތިރި ނަފްސަކާއިގެން ބަލައިގެންފި މީހަކީ، އޭނާގެ ވެރިއިލާހަށް ކިޔަމަންތެރިކަމާއެކު އަޅުވެތި ވެއްޖެ މީހެކެވެ. އަދި އެމީހަކީ އެއިލާހުގެ ޝަރީޢަތަށް ރުހި، އޭނާގެ ހަވާ ނަފްސުގެ މައްޗަށް ﷲއަށް ކިޔަމަންތެރިކަން އިސްކުރި މީހެކެވެ. އަދި އަޅުކަންތައް ޤަބޫލުނުކޮށް، އަދި ﷲތަޢާލާ ކަނޑައަޅުއްވާފައިވާ ނިޡާމުތަކުގެ ތެރެއިން އޭނާ ރުހެ ގަޔާވެ އަދި އޭނާ ބޭނުންވާ ކަންކަންކަމަށް މެނުވި ތަބަޢަނުވާ މީހުންނީ، އޭނާގެ ހަވާ ނަފްސަށް އަޅުވެތިވާ މީހުންނެވެ. އަދި އޭނާއަކީ ﷲގެ ޝަރީޢަތަށް ރުޅިއަންނަ، އަދި އޭނާގެ ވެރިރައްބަށް ކިޔަމަންވުމުން މޫނު އަނބުރާލައިފި މީހެކެވެ. އަދި އޭނާ، އޭނާގެ ހަވާ ނަފްސު އެހެދީ ތަބަޢަވެވޭ އެއްޗެއްގެ ގޮތުގައެވެ. އަދި ތަބަޢަކުރުވާ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. އަދި އޭނާ ބޭނުންވީ، ﷲގެ ޝަރުޢަތަކީ އޭނާގެ އެދުންތަކަށް ތަބަޢަވެވޭ އެއްޗެއް ކަމުގައި ހަދާށެވެ. އެއީ އޭނާގެ ޢިލްމުގެ ކޮށިކަމާއި އަދި އޭނާގެ ޙިކުމަތުގެ މަދުކަމާއިވެސް އެކުގައެވެ. (وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَن فِيهِنَّ بَلْ أَتَيْنَاهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ) [المؤمنون: 71 ]. މާނައީ: “ޙައްޤު (ޤުރުއާން) އެއުރެންގެ އެދުންތަކަށް ތަބަޢަ ވީނަމަ، އުޑުތަކާއި، ބިމާއި، އެތާނގައިވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ. އަދި ކިއެއްތަ! ތިމަންއިލާހު އެއުރެންނަށް ހަނދާންކޮށްދެނިވި ޤުރުއާން ގެނެސްދެއްވީމެވެ. ފަހެ، އެއުރެންނީ އެ ޤުރުއާނަށް ފުރަގަސްދީ އެނބުރިގަންނަ ބަޔެކެވެ.”

އަދި އަޅުކަންތައްތައް ތަފާތު ވައްތަރުތަކަށް ލެއްވުމީ ﷲތަޢާލާގެ ޙިކުމަތްވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެއީ މީސްތަކުނެގެ ތެރެއިން (ފުރިހަމައަށް) ޤަބޫލުކޮށް ރުހޭމީހުން ފާޅުކުރައްވާ ޠާހިރު ކުރެއްވުމަށްޓަކައެވެ. (وَلِيُمَحِّصَ اللَّـهُ الَّذِينَ آمَنُوا) [آل عمران: 141[ މާނައީ: “އަދި، ﷲއަށް އީމާންވެއްޖެ މީސްތަކުން ޠާހީރު ކުރައްވައި، ސާފުކުރެއްވުމަށްޓަކައެވެ.” ފަހެ މީސްތަކުންގެ ތެރެއިން ބަޔަކު އަޅުކަންތަކުގެ ބައެއް ވައްތަރުތަކަށް ރުހި އެއަޅުކަންތަކެއްގެ މަތީ ދެމި ތިބެއެވެ. އަދި އަޅުކަންތަކުގެ ތެރެއިން އެހެން ވައްތަރުތަކަށް ނުރުހި އެކަމުގައި ފަރުވާ ކުޑަކޮށްފާނެއެވެ. ފަހެ ﷲތަޢާލާ އަޅުކަންތަކުގެ ތެރެއިން ބައެއް، ހަށިގަނޑާއި ގުޅުންހުރި އަޅުކަންތަކެއް ކަމުގައި ލެއްވިއެވެ. މިސާލަކަށް ނަމާދެވެ. އަދި އޭގެ ތެރޭގައި ނަފްސަށް ލޯބިކުރާ މުދަލާއި ގުޅުންހުރި އަޅުކަންތަކެއް ލެއްވިއެވެ. މިސާލަކަށް ޒަކާތެވެ. އަދި އޭގެ ތެރޭގައި ހަށިގަނޑާއި މުދަލާއި ގުޅުން ހުރި އަޅުކަންތަކެއް ލެއްވިއެވެ. މިސާލަކަށް ހައްޖާއި ޖިހާދެވެ. އަދި އޭގެ ތެރޭގައި އޭނާގެ ނަފްސަށް ލޯބި ކުރާ، އޭނާ އެދޭ ކަންތައްތަކަކުން މަނާވެ ހުރުމާއި ގުޅުންހުރި އަޅުކަންތަކެއް ވެއެވެ. މިސާލަކަށް ރޯދައެވެ. ފަހެ މިދެންނެވުނު ތަފާތު ވައްތަރުތަކުގެ އަޅުކަންތައް، އަޅާ ނުރުހުމެއްނެތި އަދި ފަރުވާ ކުޑަކުރުމެއްނެތި، އެއަޅުކަންތައް އަދާކުރުމަށް އެންގެވުނު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް، އެއަޅުކަންތައް އަދާކުރުމުގައި ވަރުބަލިވެ، (ހެޔޮ) ޢަމަލުކޮށް އަދި އޭނާ ލޯބި ކުރާތަކެތި ހޭދަކޮށް، އަދި އޭނާގެ ނަފްސު އެދިގޮވާ ކަންތައްތަކުން މަނާވެގަނެ، (މިދެންނެވުނު ކަންތައްތައް) އޭނާގެ ވެރި ރައްބަށް ކިޔަމަންތެރިވުމުގެ ގޮތުން އަދި އެއިލާހުގެ އަމުރުފުޅުތަކަށް އެންމެ ފުރިހަމައަށް ބޯލަނބައި، އެއިލާހުގެ ޝަރީޢަތަށް ރުހޭހާލު އެކަންތައްތަކުގެ މަތީ ޤާއިމުވެއްޖެނަމަ އެކަންވެގެންދާނީ، އޭނާގެ ވެރި ރައްބަށް އަޅުވެތި ވުމުގެ ފުރިހަމަކަމާ އަދި އެއިލާހަށް ކިޔަމަންތެރިވުމުގެ ފުރިހަމަކަމާ އަދި އޭނާ އެނާގެ ވެރި ރައްބަށްވާ ލޯތްބާ އަދި އޭނާ އެނާގެ ވެރިރައްބު މަތިވެރިކުރާކަން އަންގައިދޭ ދަލީލެއްކަމުގައެވެ. ފަހެ އެކަމުން އޭނާގެ ކިބައިގައި ޢާލަމްތަކުގެ ވެރި ﷲއަށް އަޅުވެރިވުމުގެ ސިފަ ޙާޞިލުވެގެންދެއެވެ.

މިކަންތައްތައް އެނގުމަށްފަހު ދަންނާށެވެ. އިސްލާމްދީނުގެ ފަރުޟުތަކުގެ ތެރެއިން ފަރުޟެއްކަމުގައި ލައްވާ އަދި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްކަމުގައި ލެއްވުނު، ރޯދާގައި ގިނަގުނަވެގެންވީ ޙިކުމަތްތަކެއް ވާނެކަން އެނގިގެންދެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ރޯދައަކީ، އެއަޅުކަމަކުން އަޅާ، އޭނާ އެދޭ އަދި އޭނާ ލޯބިކުރާ ކަންތައްތަކުގެ ތެރެއިން ކެއުމާއި ބުއިމާއި ޖިމާޢުވުން ދޫކޮށްލުމުން، އޭނާގެ ވެރިރައްބާ ކުންތަންކޮށްދެނިވި އަޅުކަމެއް ކަމުގައި ވުން ހިމެނެއެވެ. އެކަމުގެ ސަބަބުން އޭނާގެ ތެދުވެރި އީމާންކަމާއި، ﷲއަށް އެނާ އަޅުވެތިވާލެއް ފުރިހަމަކަމާއި، އަދި އެއިލާހަށް އޭނާވާ ލޯތްބެއްގެ ބޮޑުކަމާއި، އަދި އެއިލާހުގެ ޙަޟުރަތުގައުވާ ކަންތައްތަކަށް އޭނާ އުންމީދުކުރާކުރުން ފާޅުވެގެން ދެއެވެ. ފަހެ އިންސާނާ އޭނާ، ލޯބި ކުރާކަންތައްތައް، އެއަށްވުރެ މަތިވެރި ކަންތައްތަކަކަށްޓަކައި މެނުވީ ދޫނުކޮށްލައެވެ.

ރޯދައަށް ހުރެ އޭނާގެ ކިބައިގައިވާ ޝަހްވަތްތައް ދޫކޮށްލުމުން، ﷲ ތަޢާލާގެ ރުއްސެވުން ލިބިގެންދާކަން މުއުމިނު އަޅާއަށް އެނގުމުން، އޭނާ ﷲ ތަޢާލާގެ ރުއްސެވުން އޭނާގެ ހަވާ ނަފްސުގެ މައްޗަށް އިސްކުރެއެވެ. ފަހެ އެކަންކަން ދޫކޮށްލުމުގެ ޝައުޤުވެރިކަން އޭނާގެ ކިބައިގައި މާ ބޮޑެވެ. އެހެނީ އޭނާގެ ނަފްސަށް އަރާމާއި ލައްޒަތް ލިބިގެންދަނީ ﷲއަށްޓަކައި އެކަންތައްތައް ދޫކޮށްލުމުންނެވެ. އެހެންކަމުން ވަރަށްގިނަ މުއުމިނުން، ޢުޛުރަކާއި ނުލައި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަށް މަޖުބޫރު ކުރުމުގެ ގޮތުން ތަޅައި ނުވަތަ ބަންދުކުރުވުނު ކަމުގައި ވިއަސް ރޯދާ ދޫނުކޮށްލައެވެ. މިއީ ރޯދައިގެ ޙިކުމަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މަތިވެރިވެގެންވާ ޙިކުމަތެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ރޯދައަކީ ތަޤުވާވެރިވުމުގެ ސަބަބެއްކަމުގައިވުން ހިމެނެއެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. އެހެނީ ރޯދަވެރިއާއަށް އަމުރުވެވިގެންވަނީ ހެޔޮޢަމަލުތައް ކުރުމަށާއި ފާފަތަކުން ދުރުހެލިވުމަށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައިވާ ފަދައިންނެވެ. ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابه))[1] މާނައީ: ” ހަޑި ހުތުރު ބަސްބުނުމާ ނުބައި ޢަމަލުތައް ކުރުމުންނާއި ޖާހިލުކަމުން އެއްކިބާ ނުވާމީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ތަޢާލާ ބޭނުންވެވޮޑިގެން ނުވެއެވެ.” ރޯދަވެރިޔާ ރޯދައަށް ހުންނަ އިރުގައި ފާފައެއްކުރުމަށް ޤަޞްދުކުރާ ހިނދު، އޭނާ އެހުރީ ރޯދައަށްކަން ހަނދާންވެ އެކަމުން މަނާވެގަނެއެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަވެރިޔާއަށް، އޭނާއަށް މަލާމަތްކޮށް އެއްޗެހި ކިޔާމީހާއަށް ޖަވާބުގައި “إني امرؤ صائم”([2]) މާނައީ: “އަހަރެންނަކީ ރޯދަވެރިއަކީމެވެ.”، މިފަދައިން ބުނުމަށް އަމުރުކުރެއްވިއެވެ. އެއީ މަލާމަތްކޮށް އެއްޗެހި ކިޔުމުން ދުރުވެހުރުމަށް ރޯދަވެރިއާއަށް އަމުރުވެވިގެންވާކަން އޭނާއަށް އެންގުމަށްޓަކައެވެ. އަދި އޭނާހުރީ ރޯދައަށްކަން އޭނާގެ އަމިއްލަ ނަފްސަށްވެސް ހަނދާކޮށްދިނުމަށްޓަކައެވެ. ދެންފަހެ އޭނާ ބަދަލުގައި އެއްޗެހި ކިޔުމުން މަނާވެގަނެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ފިކުރު ކުރުމާއި ޛިކުރުކުރުމަށް ހިތް ހުސްވެގެން ދިޔުން ހިމެނިގެންވެއެވެ. އެހެނީ ޝަހުވަތްތަކަށް (ކެއުމާއި ބުއިމާއި ޖިމާޢުވުން) އަރައިގަތުމަކީ ޣާފިލުކަން ލާޒިމް ކުރުވަނި ކަމެކެވެ. ފަހަރެއްގައި ހިތް ހަރުވެ ޙައްޤު ނުފެނިވެސް ހިނގައިދާނެއެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކެއުން ބުއިން މަދު ކުރުމަށް އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( مَا مَلأَ آدَمِىٌّ وِعَاءً شَرًّا مِنْ بَطْنٍ بِحَسْبِ ابْنِ آدَمَ أُكُلاَتٌ يُقِمْنَ صُلْبَهُ فَإِنْ كَانَ لاَ مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ))[3] މާނައީ:”ބަނޑަށްވުރެ ނުބައި ކަންވާރެއް އާދަމު ދަރިޔާ ނުފުރައެވެ. އާދަމުގެދަރިއާއަށް އޭނާގެ މައިކަށި ކޮޅަށް ބަހައްޓާދޭނެ މަދު ސުވާކޮޅަކުން ފުދުނީހެވެ. ފަހެ، ކޮންމެހެން ނުކައިނުވެއްޖެނަމަ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށްކާށެވެ! އަދި ތިންބައިކުޅައެއްބަޔަށް ބޯށެވެ! އަދި ތިންބައިކުޅަ އެއްބައި ނޭވާލުމަށް ބަހަށްޓާށެވެ!” އަދިވެސް ޙަދީޘެއްގައި އައިސްފައިވެއެވެ. “ޙަންޡަލާ އައްސައްޔިދީ (އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަޙީ ލިޔުއްވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. ޙަންޡަލާ މުނާފިޤުވެއްޖެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތީ ކޮންކަމެއްތޯއެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންބޭކަލުން ކަލޭގެފާނުގެ އަރިހުގައި ވާއިރު، ކަލޭގެފާނު ތިމަންބޭކަލުންނަށް ނަރަކައާއި ސުވަރުގޭގެ ވާހަކަތައް ހަނދާންކޮށްދެއްވާހިނދު (ސުވަރުގެއާއި ނަރަކަ) ތިމަންބޭކަލުންނަށް ހަމަލޮލުން ފެންނަފަދައެވެ. ދެންފަހެ ތިމަންބޭކަލުން ކަލޭގެފާނުގެ އަރިހުން ނުކުމެ، އަނބި ދަރިންނާއި މަސައްކަތުގައި އުޅޭއިރު (އެކަންތަކުގެ ތެރެއިން) ގިނަ ކަންތައްތައް ހަނދާންނެތެއެވެ.” މިޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އެހެނެއްކަމަކު އޭ ޙަންޡަލާއެވެ. އެކަމަށްވެސް ވަގުތެކެތެވެ. އަދި މިކަމަށްވެސް ވަގުތެކެވެ.” މިފަދައިން ތިންފަހަރު ޙަދީޘް ކުރެއްވިއެވެ.[4] އަބޫ ސުލައިމާނުއްދާރުމީ ވިދާޅުވިއެވެ. “إنَّ النّفْسَ إذَا جَاعَتْ وَعَطَشَتْ صَفَا القَلْب وَرَقَّ، وَإذا شَبِعَتْ عَمِيَ القَلْب.”[5] މާނައީ: “ހަމަކަށަވަރުން ނަފްސު ބަނޑުހައިވެ ކަރުހިއްކާފައި ވާހިނދު، ހިތް ސާފުވެ ހިތް މަޑުމޮޅިވެގެން ދެއެވެ. އަދި ބަނޑު ފުރާލާހިނދު ހިތް ކަނުވެގެން ދެއެވެ.”

އަދި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: މުއްސަނދިމީހާ، ﷲތަޢާލާ އޭނާއަށް ދެއްވާފައިވާ މުއްސަނދިކަމުގެ ނިޢުމަތުގެ މަތިން ހަނދާންވުން ހިމެނެއެވެ. އޭނާއަށް ﷲ ތަޢާލާ ކެއުމާއި ބުއިމާއި ކައިވެނިކުރުމުގެ ނިޢުމަތް މިންނަތް ކުރައްވާފައިވާ ހިނދު، ޚަލްޤުތަކުގެ ތެރެއިން ވަރަށް ގިނަބަޔަކުވަނީ އެނިޢުމަތްތަކުން މަޙްރޫމުވެފައެވެ. ދެންފަހެ އޭނާ މިނިޢުމަތުގެ މައްޗަށް ﷲއަށް ޙަމްދުކޮށް، ލިބިފައިވާ ލުއިފަސޭހަކަމަށްޓަކައި އޭނާ ޝުކުރުވެރިވެއެވެ. އަދި އެކަމުގެ ސަބަބުން ފަހަރެއްގައި ބަނޑުހައި ހޫނުކަންމަތީ ރޭކުރާ އޭނާގެ ފަޤީރު އަޚާގެ މަތިން ހަނދާންވެ، އޭނާއަށް ޞަދަޤާތް ކުރުމާއި އޭނާގެ ޢައުރަ ނިވާކޮށްދިނުމާއި އަދި އޭނާގެ ބަނޑުހައި ހޫނުކަން ފިލުވައި ދިނުމުން ދީލަތިވެއެވެ. އެހެންކަމުން ވާރިދުވެފައިވެއެވެ. ((كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ))[6] މާނައީ: “މީސްތަކުންކުރެ އެންމެ ދީލަތީ ރަސޫލުﷲ صلى الله عليه وسلم އެވެ. އަދި އެކަލޭގެފާނުގެ އެންމެ  ދީލަތީ، ރަމަޟާން މަހު އެކަލޭގެފާނާ ޖިބުރީލުގެފާނު ބައްދަލުކުރައްވާ ހިނދެވެ. ރަމަޟާންމަހުގެ ކޮންމެ ރެއަކު ޖިބުރީލުގެފާނު އެކަލޭގެފާނާ ބައްދަލުކުރައްވައި، ކީރިތި ޤުރުއާން މުދާރަސާ ކުރައްވައެވެ.  ފަހެ،  ދީލަތިވުމުގައި، ޖެހޭ ވައިރޯޅިއަކަށްވުރެވެސް ރަސޫލުﷲ صلى الله عليه وسلم ގެ ހަލުވިކަން ބޮޑެވެ.”

އަދި ރޯދައިގެ ޙިކުމަތްތަގެ ތެރޭގައި: ނަފްސު ހިފެހެއްޓުމާއި ނަފްސުގެ މައްޗަށް ބާރުފޯރުވުމަށް ތަމްރީނުވެގެންދިޔުން ހިމެނިގެންވެއެވެ. އަދި އެނަފްސަށްވާ ހެޔޮކަންތައްތަކާއި ބާއްޖަވެރިކަމާދިމާއަށް އެނަފްސު ގެންދިއުމަށާ އަދި އެނަފްސު ކޮންޓްރޯލްކުރުމަށްޓަކައި އެނަފްސުގެ ލަގަނުގައި ހިފުމުގެ ބާރު ރޯދައިގެ ސަބަބުން ލިބެގެންދެއެވެ. އެހެނީ އަހަރެންގެ ރައްބު ރަޙުމަތް ލައްވައިފި މީހަކަށް މެނުވީ، ނަފްސު އަމުރުކުރާކަން ކަށަވަރީ ނުބައި ކަންކަމަށެވެ. ފަހެ މީހާ އޭނާގެ ނަފްސު އެނަފްސުގެ މައްޗަށް ދޫކޮށްލައިފިނަމަ އެނަފްސު އޭނާ ހަލާކުގެ ތެރެއަށް ވައްޓާލާހުއްޓެވެ. އަދި މީހާ އެނަފްސުގެ މައްޗަށް ވެރިވެގަނެ އެނަފްސުގެ މައްޗަށް ބާރު ހިނގުމުން، މަތީ ދަރަޖަތަކަށް އެނަފްސު ގެންދެވިދާނެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ނަފްސުގެ ބޮޑާކަމާއި ކިބުރުވެރިކަން ނެތިކޮށްލުން ހިމެނެއެވެ. އެކަމުގެ ސަބަބުން ޙައްޤަށް ބޯލަނބައި ނިކަމެތިވެ، އަދި ޚަލްޤުތަކުންނަށް ހިތްތިރިވެ މަޑުމޮޅިވެއެވެ. ފަހެ، ހަމަކަށަވަރުން ބަނޑު ފުރުމާއި ކަރުހިއްކުން ފިލުމާ އަދި އަންހެނުންނާ ބީހި ގުޅުމުގެ ސަބަބުން، ނަފްސު ބޮޑާވެގަނެ، ޚަލްޤުތަކުގެ މައްޗަށް ކިބުރުވެރިވެ، ޙައްޤުން ދުރުވުމަށް މަގުފަހި ކޮށްދެއެވެ. އެހެނީ ނަފްސު މިކަންތައްތަކަށް ބޭނުންވާހިނދު އެކަންތައް ހާޞިލްކުރުމުގައި މަޝްޣޫލުވެގަނެއެވެ. އަދި އެކަންތައް ޙާޞިލުވެއްޖެނަމަ، ނަފްސަށް ފެންނަނީ އެނަފްސުގެ ބޭނުންތައް ހޯދުމުގައި ކާމިޔާބު ވެއްޖެ ކަމުގައެވެ. ދެން އެކަމުގެ ސަބަބުން އެނަފްސަށް މަލާމާތްލިބިގެންވާ ނުރަނގަޅު އުފާވެރިކަމެއްލިބި އަދި ބޮޑާކަން އިހުސާސްވެއެވެ. އަދި އެކަމަކީ އެނަފްސު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ސަބަބުތަކެއްކަމުގައި ވެގެންދެއެވެ. ފަހެ ސަލާމަތްކަން ލިބިގެންވާ މީހާއީ، ﷲތަޢާލާ އެމީހަކު ސަލާމަތްކުރައްވާ ރައްކާތެރި ކުރެއްވި މީހެކެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ބަނޑުހައި ހޫނުކަމާއި ކަރު ހިއްކުމުގެ ސަބަބުން ލޭދައުރުވުން ދަތިވެ، އެކަމުގެ ސަބަބުން ޝައިޠާނާ ހަށިގަނޑުގެ ތެރޭ ދަތުރުކުރުން ދަތިވެގެންދިޔުން ހިމެނިގެންވެއެވެ. އެހެނީ ހަމަކަށަވަރުން ޝައިޠާނާ، އާދަމުގެ ދަރިޔާގެ ހަށިގަނޑުތެރޭ ލޭދަތުރުކުރާ ފަދައިން ދަތުރުކޮށް އުޅެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ބުޚާރީއާއި މުސްލިމުގައި ރިވާވެފައިވާ ފަދައިންނެވެ. ފަހެ ރޯދައިގެ ސަބަބުން ޝައިޠާނާގެ ވަސްވާސްތައް ހަމަހިމޭންވެގެން ދެއެވެ. ޝަހުވަތްތަކާއި ރުޅިވެރިކަމުގެ އަޘަރުތައް ފުނޑުފުޑުވެގެން ދެއެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  ((يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ)) ([7]) މާނައީ: “އޭޒުވާނުންނޭވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ކައިވެންޏެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނި ކުރާށެވެ. ފަހެ އެކަމަކީ ތިބާގެ ލޮލަށާއި ފަރުޖަށް ހުރި އެންމެ ރައްކާތެރި ގޮތެވެ. އަދި ހަމަކަށަވަރުން ކައިވެންޏެއް ކުރުމުގެ ކުޅަދާނަ ކަން ލިބިފައިނުވާ މީހާއަށް ވަނީ ރޯދަ ހިފުމެވެ. ފަހެ އެއީ އޭނާ އަށް ލިބިގެންދާނެ ރައްކާތެރިވާނެ ހަތިޔާރެކެވެ.” ފަހެ އެކަލޭގެފާނު އެވަނީ ކައިވެނީގެ ޝަހުވަތުން ރައްކާތެރިވާނެ ހަތިޔާރެއްކަމުގައި ރޯދަ ލައްވާފައެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ކެއުން މަދުކުރުމުގެ ސަބަބުންނާއި ހަޖަމްކުރާ ނިޒާމަށް ލިބޭ ރާހަތުގެ ސަބަބުންނާއި ހަށިގަނޑަށް ގެންލުންދެނިވި ބޭކާރު ބާވާތްތައް ހަށިގަނޑުގައި ހަރުލާ ހުރުމުން މާނާކޮށްދިނުމުގެ ސަބަބުން ޞިއްޙީގޮތުން ލިބިގެންދާ ފައިދާތައް ހިމެނިގެންވެއެވެ. ﷲތަޢާލާގެ ޙިކުމަތްވަންތަކަމުގެ ފުރިހަމަކަމާއި ޙިކުމަތުގެ ބޮޑުކަމާއެވެ! އަދި އެއިލާހުގެ ޝަރީޢަތުން މީސްތަކުން ކުރާ ފައިދާގެ ބޮޑުކަމާއެވެ!

اللهم فَقِّهْنَا في دينك، وألهمنا معرفة أسرار شريعتك، وأصلح لنا شؤون ديننا ودنيانا، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

[1] رَوَاهُ البُخَارِيّ

([2]) البخاري الصوم (1805) ، مسلم الصيام (1151) ، الترمذي الصوم (764) ، النسائي الصيام (2217) ، أبو داود الصوم (2363) ، ابن ماجه الصيام (1691) ، أحمد (2/273) ، مالك الصيام (689) .

[3] رواه أحمد والنسائي وابن ماجه والترمذي، وقال الترمذي : حديث حسن صحيح وصححه أيضا الحاكم .

[4] مسلم التوبة (2750) ، الترمذي صفة القيامة والرقائق والورع (2514) ، ابن ماجه الزهد (4239) ، أحمد (4/346) .

[5] الجوع لابي الدنيا (319) والزهد الكبير للبيهقي

[6] البخاري بدء الخلق (3048) ، مسلم الفضائل (2308) ، النسائي الصيام (2095) ، أحمد (1/363) .

([7]) البخاري النكاح (4779) ، مسلم النكاح (1400) ، الترمذي النكاح (1081) ، النسائي الصيام (2240) ، أبو داود النكاح (2046) ، ابن ماجه النكاح (1845) ، أحمد (1/378) ، الدارمي النكاح (2166) .