[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމެއްގެ ފަހަތުގައި ނަމާދުކުރާއިރު ކުށު ސަޖިދަ ޖަހަންޖެހޭ ޙާލަތްތައް

އިމާމެއްގެ ފަހަތުގައި ނަމާދުކުރަމުންދާއިރު ކުށު ސަޖިދަ ޖަހަން ވީތޯ ނުވަތަ ނޫންތޯ އޮޅުން އަރާގޮތްވެއެވެ. މިލިޔުމުގައި ވަރަށް ކުރު ގޮތަކަށް މިބަލަލާނީ މިޙާލަތްތަކުގައި ޢަމަލުކުރަންވީ ގޮތްތަކަށެވެ.

އިމާމުމީހާއާއެކީ ނަމާދުގެ ހުރިހާ ރަކުޢަތެއް އަދާކުރިމީހާއަށް އޮތީ އިމާމުމީހާ ކުށުސަޖިދަޖަހައިފިނަމަ އިމާމުމީހާއަށް އެކަމުގައި ތަބާވުމެވެ. ޙަދީޘް ބަސްފުޅުގައިވެއެވެ.

((إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ , فَلا تَخْتَلِفُوا عَلَيْهِ , فَإِذَا رَكَعَ فَارْكَعُوا , وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا لَكَ الْحَمْدُ , وَإِذَا سَجَدَ فَاسْجُدُوا )) [ رواه البخاري (722) ومسلم (414) ]

މާނައީ: “އީމާމަކު ކަނޑައެޅިފައިވަނީ އޭނާއަށް ތަބާވުމަށެވެ. ފަހެ އޭނާއަށް ޚިލާފުނުވާށެވެ. ފަހެ އޭނާ ރުކޫޢުކޮށްފިނަމަ ރުކޫޢުކުރާށެވެ. އަދި އޭނާ سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔުމުން، ތިޔަބައިމީހުން رَبَّنَا لَكَ الْحَمْدُ ކިޔާށެވެ. އަދި އޭނާ ސަޖިދަކުރުމުން ތިޔަބައިމީހުން ސަޖިދަކުރާށެވެ.”

ނަމަވެސް އެއްރަކުޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތް ފާއިތުވި މައުމޫމުމީހާ ދަންނައެވެ. އެފަދަ މީހަކު އެކި ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭނީ އެކި ގޮތަށެވެ.

ފުރަތަމަ ޙާލަތު: މައުމޫމު މީހާއަށް ރަކުޢަތެއް ނުވަތަ އެއަށްވުރެ އިތުރަށް ފާއިތުވެ، އިމާމުމީހާއަށް ކުށްކުރެވުނީ މައުމޫމީހާ ޖަމާޢަތުގައި ހުއްޓާ

– މިޙާލަތުގައި އިމާމުމީހާ ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަކޮށްފިނަމަ ނަމާދުން ރަކުޢަތެއް ފާއިތުވެފައިވާ މައުމޫމު މީހާވެސް އިމާމުމީހާއާއެކު ކުށުސަޖިދަކޮށް ދެން ތެދުވެ ފާއިތުވި ރަކުޢަތް ނުވަތަ ރަކުޢަތްތައް އަދާކުރުމަށްފަހު އަލުން ކުށު ސަޖިދަކުރާނީއެވެ. އެހެނީ އިމާމުމީހާއާއެކީ އޭނާ އެކުރި ފުރަތަމަ ސަޖިދަ އެކުރެވިފައިވަނީ މައުމޫމުމީހާގެ ނަމާދުގެ މެދުތެރެއިންނެވެ. ކުށުސަޖިދައިގެ އަޞްލު މަޤާމަކީ ނަމާދުގައި އެންމެ ފަހެވެ. އޭނާ ފުރަތަމަ ފަހަރު ކުށުސަޖިދަ އެކުރީ އިމާމުމީހާއާ ތަބާވުމުގެ ގޮތުންނެވެ.

– އަދި ސަލާމްދިނުމަށްފަހު އިމާމުމީހާ ކުށުސަޖިދަކުރިނަމަ ރަކުޢަތެއް ފާއިތުވި މައުމޫމުމީހާ އިމާމާއަށް ތަބާނުވެ ތެދުވެ ނަމާދު ފުރިހަމަކުރާނީއެވެ. ދެން ސަލާމްދިނުމަށްފަހު ކުށުސަޖިދަކުރުމަށްފަހު ދެން އަނެއްކާވެސް ސަލާމްދޭނީއެވެ.

ދެވަނަ ޙާލަތު: މައުމޫމު މީހާއަށް ރަކުޢަތެއް ނުވަތަ އެއަށްވުރެ އިތުރަށް ފާއިތުވެ، އިމާމުމީހާއަށް ކުށްކުރެވުނީ މައުމޫމީހާ ޖަމާޢަތުގައި ބައިވެރިވުމުގެ ކުރިން

– ސަލާމްދިނުމުގެ ކުރިން އިމާމުމީހާ ކުށުސަޖިދަކުރިނަމަ މައުމޫމުމީހާ އިމާމު މީހާއާ ތަބާވާނީއެވެ. ދެން އެއަށްފަހު ތެދުވެ ނަމާދުން ފާއިތުވި ރަކުޢަތްތައް ފުރިހަމަކޮށް ދެން އެއަށްފަހު ކުށުސަޖިދަކުރުން އޭނާގެ މައްޗަށް ލާޒިމެއްނޫނެވެ. އެހެނީ އިމާމުމީހާކުރި ކުށުގައި އޭނާއަށް ބައިވެރިވެވިފައި ނުވެއެވެ.

– ސަލާމްދިނުމަށްފަހު އިމާމުމީހާ ކުށުސަޖިދަކޮށްފިނަމަ ނަމާދުން ބައެއް ފާއިތުވި މައުމޫމުމީހާ އިމާމުމީހާއަށް އެކަމުގައި ތަބާވާކަށް ނުޖެހޭނެއެވެ. އަދި ނަމާދުން ފާއިތުވި ރަކުޢަތްތައް ފުރިހަމަކުރުމަށްފަހުވެސް މައުމޫމުމީހާ ކުށުސަޖިދަކުރަން ނުޖެހޭނެއެވެ. އެހެނީ ނަމާދުގައި ކުށްކުރެވިފައި އެވަނީ މައުމޫމުމީހާ ބައިވެރިވުމުގެ ކުރިންނެވެ.

އިމާމުމީހާއަށް ކުށްނުކުރެވި މައުމޫމުމީހާއަށް ކުށްކުރެވިއްޖެނަމަ ދަންނައެވެ. އެކަމުގައި ވަނީ ދެޙާލަތެކެވެ.

ފުރަތަމަ ޙާލަތު: އިމާމުމީހާއާއެކީ ހުރިހާ ރަކުޢަތެއްގައި ބައިވެރިވި މައުމޫމަކަށް ނަމާދުގައި ކުށެއްކުރެވުން

– މިޙާލަތުގައި سبحان ربي العظيم ފަދަ ޛިކުރެއް ކިޔުމަށް މައުމޫމުމީހާ ހަނދާންނެތިއްޖެނަމަ މައުމޫމުމީހާ ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ.

– ނަމަވެސް ހަނދާންނެތިގެން ފާތިޙާ ސޫރަތް ނުކިޔުންފަދަ ރަކުޢަތް ބާޠިލުވާފަދަ ކުށެއް ކުރެވިއްޖެނަމަ އިމާމުމީހާ ސަލާމްދިނުމުން ތެދުވެ އެބާޠިލުވީ ރަކުޢަތެއްކުރުމަށްފަހު ސަލާމްދީ އެއަށްފަހު ކުށުސަޖިދަކޮށްފައި އަނެއްކާވެސް ސަލާމްދޭނީއެވެ.

ދެވަނަ ޙާލަތު: ނަމާދުގެ ބައެއް ރަކުޢަތްތައް ފާއިތުވި މައުމޫމުމީހާއަށް ނަމާދުގައި ކުށެއްކުރެވުން

– އޭނާއަށް ކުށްކުރެވުނީ އިމާމުމީހާއާއެކީ ނަމާދުކުރަނިކޮށްކަމުގައި ވިޔަސް ނުވަތަ އިމާމުގެ ސަލާމަށްފަހުގައި ވިޔަސް މައުމޫމުމީހާ މިތަނުން ކޮންމެ ޙާލަތެއްގައިވެސް ކުށުސަޖިދަކުރާނީއެވެ.

_____________________________

ބައްލަވާ:  “رسالة في أحكام سجود السهو” للشيخ ابن عثيمين رحمه الله .

އިތުރު ތަފްސީލު