[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ!

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ   وَعَلَى آلِهِ  وَأَصْحَابِهِ  وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟްލުވަންތަކަމުން، އެއިލާހުވަނީ އަޅުތަކުން އުޚްރަވީ ޙަޔާތުގެ ކާމިޔާބު ހޯދުމަށްޓަކައި، ހެޔޮކަންތައް އިތުރުކުރުމަށް، ހެޔޮކަމުގެ މޫސުންތަކެއް ލައްވާފައެވެ. ބާއްޖަވެރިންނަކީ އެމޫސުންތައް ބޭކާރުކޮށްނުލައި، އެންމެ އެދެވޭ ގޮތުގައި އޭގެ ބޭނުން ހިފާ މީހުންނެވެ. މިހާރު އަޅުގަނޑުމެންނާ ކުރިމަތިމިލަނީވެސް އެފަދަ މޫސުމެކެވެ. އާދެ، ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((أَفْضَلُ أَيَّامِ الدُّنْيَا أَيَّامُ الْعَشْرِ)) [رواه ابن حبان وصححه الألباني]

“ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ (ޙައްޖުމަހުގެ ފުރަތަމަ) 10 ދުވަހެވެ.”

އެހެންކަމުން މިދުވަސްތައް ގަންދެއްވައި ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައިވެއެވެ.

(وَالْفَجْرِ * وَلَيَالٍ عَشْرٍ) [الفجر : 1,2]

“ފަތިސް ގަންދެއްވަމެވެ * އަދި ދިހަ ރޭ ގަންދެއްވަމެވެ.”

ޙާފިޡް އިބްނު ޙަޖަރް ރަޙިމަހުﷲ ފަތުޙުލްބާރިގައި ވިދާޅުވެފައިވެއެވެ.

“އަހަރުގެ އެހެން ދުވަސްތަކުގެ މައްޗަށް، ޙައްޖުމަހުގެ ފުރަތަމަ 10ދުވަސް މާތްކުރެވުނު ސަބަބެއް ކަމުގައި ބެލެވެނީ ހުރިހާ ބޮޑެތި އަޅުކަންތަކެއް އެދުވަސްތަކުގައި ޖަމަޢަވުމެވެ. އެއީ ނަމާދާއި، ރޯދައާއި، ޙައްޖާއި، ޞަދަޤާތެވެ. މި ހުރިހާ ކަމެއް އެހެން އެއްވެސް ދުވަސްވަރެއްގައި ޖަމަޢަނުވާނެއެވެ.”

ޢަރަފާތްދުވަހާއި، ޢީދުދުވަސްވެސް ހިމެނިގެންވަނީ މިދިހަ ދުވަހުގެ ތެރޭގައެވެ. ޢަރަފާތްދުވަހާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((الْحَجُّ عَرَفَةُ)) [رواه النسائي و صححه الألباني]

 “ޙައްޖަކީ ޢަރަފާތެވެ.”

އަދި ޢީދު ދުވަހާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((إِنَّ أَعْظَمَ الأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ)) [رواه أبوداود و صححه الألباني]

“ހަމަކަށަވަރުން ﷲ ތަބާރަކަ ވަތަޢާލަގެ ޙަޟްރަތުގައި އެންމެ މަތިވެރި ދުވަހަކީ ނަޙުރުގެ  ދުވަހެވެ. (އެބަހީ: އަޟްޙާޢީދު ދުވަހެވެ.)

އެހެންކަމުން މިދުވަސްތަކުގައި ހެޔޮޢަމަލު ގިނަކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުއްމަތަށް ހިތްވަރުދެއްވައި ޙަދީޘްކުރައްވާފައިވެއެވެ.

((مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ. يَعْنِى أَيَّامَ الْعَشْرِ. قَالُوا يَا رَسُولَ اللَّهِ وَلاَ الْجِهَادُ فِى سَبِيلِ اللَّهِ قَالَ  وَلاَ الْجِهَادُ فِى سَبِيلِ اللَّهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ.)) [رواه أبوداود و صححه الألباني]

” އެދުވަސްތަކެއްގައި ކުރާ ހެޔޮޢަމަލުތައް ﷲގެ ޙަޟްރަތުގައި  އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ކަމުގައި ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް މެނުވީ ނުވެއެވެ. ޞަޙާބީން ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައަންނަ މީހާއެވެ.”

އަބޫ ޢުޘްމާން އައްނަހުދީ ވިދާޅުވިއެވެ.

“ސަލަފުންގެ ބޭކަލުން 3 ދިހައެއް މަތިވެރި ކުރައްވައެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައާއި، ޙައްޖުމަހުގެ ފުރަތަމަ ދިހައާއި، މުޙައްރަމްމަހުގެ ފުރަތަމަ ދިހައެވެ.”

މިދުވަސްތަކުގައި ކުރުން ސުންނަތްވެގެންވާ ބައެއް ކަންތައް

1-ޙައްޖާއި ޢުމުރާ ކުރުން.

މިއީ މި 10 ދުވަހުގައި ކުރުން އެންމެ ހެޔޮވެގެންވާ ޢަމަލެވެ. އެހެންކަމުން ކުޅަދާނަވެގެންވާ މީހާ، ޙައްޖާއި ޢުމުރާ ކުރުމަށް އަވަސްވެގަތުން ހުއްޓެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ)) [متفق عليه]

” އެއް ޢުމުރާއިން އަނެއް ޢުމުރާއާ ދެމެދު ކުރެވޭ (ކުދި) ފާފަތަކުގެ ކައްފާރާއެއް ކަމުގައި ޢުމުރާކުރުން ވެއެވެ. އަދި މަބްރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ.”

މަބުރޫރު ޙައްޖަކީ އެއްވެސް ޙަރާމްކަމެއް އެ ޙައްޖުތެރޭގައި ކޮށްފައިނުވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަސްކޮށްދެއްވި ގޮތައް ކޮށްފައިވާ ޙައްޖެވެ.

2-ރޯދަހިފުން.

ޞާލިޙު ޢަމަލުގެ ތެރޭގައި ރޯދަވެސް ހިމެނެއެވެ. އަދި ކިއެއްތޯއެވެ! ރޯދައަކީ އެންމެ މޮޅުއިތުރު، ޞާލިޙު ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ޤުދުސީ ޙަދީޘެއްގައި އައިސްފައިވެއެވެ.

((قَالَ اللَّهُ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ)) [متفق عليه]

“ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. އާދަމުގެ ދަރިން ކުރާ ހުރިހާ ޢަމަލެއް ވަނީ އެމީހުންނަށެވެ. ރޯދަފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެ ރޯދަވަނީ ތިމަން އިލާހަށެވެ. އަދި އެއަށް ޖަޒާދެއްވާނީ ތިމަން އިލާހީމެވެ.”

( ރޯދަ ފިޔަވައި، އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއްގައިވެސް ދެއްކުންތެރިކަމުން މިންވަރެއް އެކުލެވިފައި ވެދާނެއެވެ. އެހެންކަމުން އެ ޢަމަލުތައް އެމީހުންނަށް ނިސްބަތް ކުރެއްވީއެވެ. އަދި ރޯދަ ޝަރަފުވެރިކުރައްވައި ﷲ ތަޢާލާއަށް ނިސްބަތްކުރެއްވީއެވެ.)

މި ދުވަސްތަކުގެ ތެރެއިންވެސް، ޢަރަފާތްދުވަހު ރޯދަހިފުން ޚާއްޞަ ކުރައްވައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِى قَبْلَهُ وَالسَّنَةَ الَّتِى بَعْدَهُ)) [رواه مسلم]

“ޢަރަފާތްދުވަހު ރޯދަހިފައިފި މީހެއްގެ އިސްވެގޮސްފައިވާ އަހަރުގެ ފާފައާއި، ކުރިއަށްއޮތް އަހަރުގެ ފާފާ ފުއްސަވާނޭކަމަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ.”

ރޯދަހިފުން އޮތީ ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހެވެ. އެހެނީ ޙައްޖުމަހުގެ 10ވަނަ ދުވަހަކީ އަޟްޙާޢީދު ދުވަހެވެ. ޢީދުދުވަހު ރޯދަ ހިފުމަކީ ނަހީކުރެވިފައިވާ ކަމެކެވެ.

3-ނަމާދު ކުރުން

މިދުވަސްތަކުގައި ކުރުން މޮޅުއިތުރުވެގެންވާ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި، ގިނަގިނައިން ސުންނަތް ނަމާދުކުރުން ހިމެނެއެވެ. ޤުދުސީ ޙަދީޘެއްގައި އައިސްފައިވެއެވެ.

((وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ))[رواه البخاري]

“ތިމަން އިލާހުގެ އަޅާ، ސުންނަތްނަމާދުކޮށް، ތިމަން އިލާހަށް ކުއްތަންވުމުގައި ދެމިހުރެއްޖެހިނދު، ތިމަން އިލާހު އޭނާ ދެކެ ލޯބިވެވޮޑިގަންނަވަމެވެ.”

 4-ތަހްލީލާއި، ތަޙްމީދާއި، ތަކްބީރުކިޔައި ގިނަގިނައިން ޒިކުރުކުރުން

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد)) [رواه أحمد و صححه شعيب الأرنؤوط]

“މި ދިހަ ދުވަހަށްވުރެ ﷲގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑުވެގެންވާ، އަދި ހެޔޮ ޢަމަލުކުރުން އެއިލާހުގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހުލީލާއި، ތަކްބީރާއި، ތަޙްމީދު ކިޔުން ގިނަކުރާށެވެ.”

އަލްއިމާމުލް ބުޚާރީ ރަޙިމަހުﷲ ވިދާޅުވިއެވެ.

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާއާއި، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު، މި ދިހަދުވަހު ބާޒާރަށް ވަޑައިގެން ތަކުބީރު ކިޔުއްވައެވެ. އަދި އެ ދެބޭކަލުން ތަކުބީރު ކިޔުއްވާ އަޑުއިވުމުން، މީސްތަކުންވެސް ތަކުބީރު ކިޔައެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “ޢުމަރު ރަޟިޔަﷲ ޢަންހު މިނާގައި ހުންނަވާއިރު ތަކްބީރު ކިޔުއްވައެވެ. އެކަލޭގެފާނު ތަކްބީރު ކިޔުއްވާ އަޑުއިވުމުން މިސްކިތުގެ އަހުލުވެރިންވެސް ތަކުބީރު ކިޔައެވެ. އަދި ބާޒާރުތަކުގެ އަހުލުވެރިންވެސް ތަކުބީރު ކިޔައެވެ. އެހިނދުން މިނާ ތަކްބީރުގެ އަޑުން ގުގުމާލައެވެ.”

ތަކުބީރުކިޔުމުގައި ރާއްޖޭގެ ބައެއް އަހުލުވެރިން ޢަމަލު ކުރަމުންދާ ފަދައިން، އިމާމު މީހާ ނަގާކިޔައި، އޭނާގެ ފަހަތުން ހުރިހާ އެންމެން އެއް އަޑަކުން ކިޔުމެއް ނުވެއެވެ. ކޮންމެ މީހަކުވެސް އަމިއްލަ އަށް ތަކުބީރު ކިޔާނީއެވެ. މިގޮތަށް ކިޔާއިރު އެންމެންގެ އަޑު އެކުވުމަކުން މައްސަލައެއް ނުވެއެވެ.

ޞަދަޤާތްކުރުމާއި، ޤުރުއާންކިޔެވުމާއި، ބަލިމީހުނަނަށް ޒިޔާރަތްކުރުމާއި، ﷲގެ މަގުގައި ދަޢުވަތުދީ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުމާއި، އަދި މިފަދަ އެހެން ހެޔޮކަންތަކުގައިވިއަސް މި ދިހަދުވަހުގެ ގިނަ ވަގުތުތައް ހޭދަކުރުމަކީ އެންމެ އެދެވިގެންވާގޮތެވެ.