[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 62

65ވަނަ ޤަވާޢިދު (ޖުމްލަ 189): الـخَبَرُ يَقَعُ مَوْقِعَ الأَمْرِ وَالـنَّهْيِ

މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރާއި ނަހީ އޮންނަ ތަނުގައި ޚަބަރު އޮވޭ}

މި ޤަވާޢިދުގެ މުރާދު: އަމުރާއި ނަހީ ދޭހަކޮށްދޭ ޞަރީޙަ ޢިބާރާތްތަކެއް އަމުރާއި ނަހީއަށް ލިބިގެންވާ ފަދައިން، އަމުރާއި ނަހީގެ މާނައިގައި އަންނަ، ޚަބަރުގެ އުސްލޫބުތަކެއް ވެސް ހުރެއެވެ. އެ އުސްލޫބުތަކުގެ މާއްދާތަކުން (އެ ޢިބާރާތްތަކުގައި ލަފްޒުތައް އެކުލެވިފައިވާ އަޞްލު ކަލިމަތަކުން) އަމުރާއި ނަހީއަށް ދަލީލުކޮށްދެއެވެ. އެހެންނަމަވެސް، އެ ދޭއްޗަށް އެ އުސްލޫބުތަކުން ދަލީލުކޮށްދެނީ މަޖާޒީ ގޮތުންނެވެ. ޙަޤީޤީ ގޮތަކުންނެއް ނޫނެވެ.

މިއާ ޚިލާފަށް، އައްޒަރުކަޝީ ވިދާޅުވަނީ އަލްޤާޟީ އަބޫ ބަކުރާއި އައްސުހައިލީ މި ކަމަށް އިންކާރު ކުރައްވާ ކަމުގައެވެ. އެ ބޭފުޅުންގެ އަރިހުގައި، އަމުރުގެ މާނައިގައި ޚަބަރު ވާރިދެއް ނުވާނެ ކަމުގައެވެ. އެ ޚަބަރު ޚަބަރެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގައެވެ.

ދެން ފަހެ، ޚަބަރުގެ އުސްލޫބުން އަމުރާއި ނަހީއަށް ދަލީލުކޮށްދިނުމީ، ޢަރަބިބަހުގެ ބަލާޣާތްތެރި ތަޢުބީރުކުރުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ކަމެއް ކުރުމަށް އެދުން ނުވަތަ ކަމެއް ނުކޮށް ދޫކޮށްލުމަށް އެދުން ދަލީލުކޮށްދިނުމަށް ޚަބަރެއް އެކުލެވޭ ޖުމްލަ ބޭނުންކުރުމީ، އަމުރުގެ ޞީޣާއިން ނުވަތަ ނަހީގެ ޞީޣާއިން އެ ކަން ބަޔާންކުރުމުން ލިއްބައިދޭ ކަށަވަރުކަމަށްވުރެ އެ ކަމުގެ ކަށަވަރުކަން އިތުރުކޮށްދޭނޭ ކަމެކެވެ.

އަދި ޚަބަރުގެ ސިފައިގައި އަމުރާއި ނަހީ އަންނަނަމަ، އެ ޚަބަރުން ދަލީލުކޮށްދޭ ޙުކުމަކީ ޞަރީޙަ އަމުރާއި ނަހީގެ ޙުކުމްފަދަ ޙުކުމަކަށް ވާނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (كُتِبَ عَلَيْكُمُ الصِّيَامُ) (ސޫރަތުލްބަޤަރާ: 183 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެވިއްޖެއެވެ.] މި އާޔަތުގައި އެ ވަނީ، ރޯދަ ފަރުޟުކުރެވިއްޖެކަމުގެ ޚަބަރެވެ. އަދި ހަމަ މި އާޔަތުން، [ރޯދަ ހިފާށޭ] ބުނެ އަމުރުވެވުމުގެ މާނަ ވެސް، އެ ޚަބަރުގައި ބޭނުންކުރެވިފައިވާ [كُتِبَ] (ލިޔެވިއްޖެ) ލަފްޒުގެ މާއްދާއިން ލިއްބައިދެއެވެ.

އަދި މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (الْحَجُّ أَشْهُرٌ مَّعْلُومَاتٌ فَمَن فَرَضَ فِيهِنَّ الْحَجَّ فَلاَ رَفَثَ وَلاَ فُسُوقَ وَلاَ جِدَالَ فِي الْحَجِّ) (ސޫރަތުލްބަޤަރާ: 197 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި ޙައްޖު ފަރުޟުކޮށްގެންފި މީހާ (އެބަހީ: ޙައްޖުވުމަށް ޤަޞްދުކޮށް އިޙްރާމް ބަނދެފި މީހާ ދަންނާށެވެ!) ފަހެ ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއް ވެސް ނެތެވެ.] މި އާޔަތުގައި މިވަނީ ޙައްޖުވުމުގެ ތެރޭގައި ކަންތައްތަކެއް ކުރުން ޚަބަރެއްގެ ސިފައިގައި ނަހީކުރައްވާފައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =