[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 63

66ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ الـمُطلَقُ لِلوُجُوبِ

މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު އަމުރު ބޭނުން ކުރެވެނީ ވާޖިބުކަމަށް}

މި ޤަވާޢިދުގެ މުރާދު: މުޠުލަޤު އަމުރު (އެ އަމުރަކުން ވާޖިބުކަމުގެ މާނަ ދޫކޮށް، މަންދޫބުކަމުގެ މާނައަށް ނުވަތަ މުބާޙުކަމުގެ މާނައަށް ނުވަތަ އެހެން މާނައަކަށް ގެންގޮސްދޭ ޤަރީނާއެއް ނެތި ހުސްކޮށް އޮންނަ އަމުރު) ގެ ޞީޣާއަކީ، ޙަޤީޤީ މާނައިގައި ހަމައެކަނި ވާޖިބުކަމަށް ބޭނުންކުރެވޭ އެއްޗެކެވެ. ވާޖިބުކަން ނޫން އެހެން މާނައެއްގައި އަމުރު ބޭނުންކުރެވިއްޖެނަމަ، އެ ބޭނުންކުރެވިފައި އެ ވަނީ މަޖާޒީ ގޮތެއްގައެވެ. މިއީ، ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އަދި މިއީ، މާލިކާއި ޝާފިޢީގެ ވެސް ބަސްފުޅުކަމަށް ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވެފައި ވެއެވެ. އަދި މި ރައުޔު، ޙަނަފީންނަށާއި މާލިކީންނަށާއި ގިނަ ޝާފިޢީންނަށް ނިސްބަތްކުރެވިފައި ވެއެވެ. އަދި އަލްޖައްޞާޞާއި އަބުލްޙުސައިން އަލްބަޞަރީއާއި އަލްބާޖީއާއި އައްޝީރާޒީއާއި އިމާމުލްޙަރަމައިނިއާއި އިބްނުއްސަމްޢާނީއާއި އައްސަރަޚްސީއާއި އަލްޣަޒާލީއާއި އިބްނު ބުރުހާނާއި އަލްފަޚްރުއްރާޒީއާއި އިބްނު ޤުދާމާއާއި އިބްނުލްޙާޖިބާއި އަލްޤަރާފީއާއި އައްނަސަފީއާއި އިބްނުލްހުމާމުއާއި އިބްނު ޢަބްދިއްޝަކޫރު މި ރައުޔު އިޚްތިޔާރުކުރެއްވިއެވެ.

މިއާ ޚިލާފަށް، ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވަނީ ގިނަ މުޢުތަޒިލާއިންގެ ނުވަތަ ބައެއް މުޢުތަޒިލާއިންގެ ނަޒަރުގައި، މުޠުލަޤު އަމުރުގެ ޞީޣާއަކީ އޭގެ ޙަޤީޤީ މާނައިގައި މަންދޫބުކަމަށް އެކަނި ބޭނުންކުރެވޭ، އަދި އޭގެ އެހެން މާނަތަކުގައި މަޖާޒީ ގޮތެއްގައި ބޭނުންކުރެވޭ އެއްޗެއް ކަމުގައެވެ. އަދި މި ރައުޔު، ބައެއް މާލިކީންނަށާއި ބައެއް މުތަކައްލިމުންނަށް ނިސްބަތްކުރެވިފައި ވެއެވެ. އަދި އައްނަސަފީ ގިނަ އަޝްޢަރީންނަށް މި ރައުޔު ނިސްބަތްކުރައްވާފައި ވެއެވެ.

އަދި މިއާ ޚިލާފަށް، ބައެއް މުޢުތަޒިލާއިންނަށާއި ބައެއް މާލިކީންނަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައި ވަނީ، މުޠުލަޤު އަމުރުގެ ޞީޣާއަކީ އޭގެ ޙަޤީޤީ މާނައިގައި މުބާޙުކަމަށް އެކަނި ބޭނުންކުރެވޭ، އަދި އޭގެ އެހެން މާނަތަކުގައި މަޖާޒީ ގޮތެއްގައި ބޭނުންކުރެވޭ އެއްޗެއް ކަމުގައެވެ.

އަދި މިއާ ޚިލާފަށް، ޝާފިޢީގެ ފަރާތްޕުޅުން އައިސްފައިވާ، އަދި ޝީޢީންކުރެ އަލްމުރުތަޟާއަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައިވަނީ، މުޠުލަޤު އަމުރުގެ ޞީޣާއަކީ ލަފްޒު އިޝްތިރާކްވުމުގެ ބާބުގެ ދަށުން ވާޖިބުކަމަށާއި މަންދޫބުކަމަށް ބޭނުންކުރެވޭ އެއްޗެއް ކަމުގައެވެ.

އަދި މި ނޫން ރައުޔުތައް ވެސް މި މައްސަލައިގައި ވާރިދުވެފައި ވެއެވެ.

ދެން ފަހެ، އަމުރު ބޭނުންކުރެވޭ މާނަތަކުގެ ތެރޭގައި، ވާޖިބު ކުރުމުގެ މާނައާއި، މަންދޫބުކަމުގެ މާނައާއި، އަދަބުދިނުމުގެ މާނައާއި، އަޅުގަނޑުމެންނަށް އެންމެ އިތުބާރުހިފޭ އެންމެ ރައްކާތެރިކަން ބޮޑު ގޮތަށް އިރުޝާދުދިނުމުގެ މާނައާއި، މުބާޙުކަމުގެ މާނައާއި، އިޒުނަދިނުމުގެ މާނައާއި، އިންޒާރުގެ މާނައާއި، ނިޢުމަތްދެއްވުމުގެ މާނައާއި، މަޖުބޫރު ކުރުމުގެ މާނައާއި، ދަށްކޮށްލުމުގެ މާނައާއި، އިހާނަތްތެރިކޮށް ހިތުމުގެ މާނައާއި، ހަމަހަމަކުރުމުގެ މާނައާއި، އުއްމީދުކުރުމުގެ މާނައާއި، ދުޢާގެ މާނައާއި، ޚަބަރުގެ މާނައާއި އަދި މި ނޫން ވެސް އެތަކެއް މާނައެއް ހިމެނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَتِمُّواْ الْحَجَّ وَالْعُمْرَةَ لِلّهِ) (ސޫރަތުލްބަޤަރާ: 196 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމުރާ ފުރިހަމަ ކުރާށެވެ!] ފިޤުހުވެރިންކުރެ ޖަމާޢަތެއްގެ ބޭފުޅުން މި އާޔަތުގައި ޢުމުރާވުމަށް ކުރެވިފައިވާ އަމުރަކީ ވާޖިބުކަމުގެ މާނައިގައި އޮތް އަމުރެއްކަމަށް ވިދާޅުވެފައި ވެއެވެ. ސަބަބަކީ، ޙައްޖުވުމަށް އޮތް އަމުރުން ވެސް ވާޖިބުކަން ދޭހަވެފައި، ވާޖިބުކަމުގެ މާނަ ދޫކޮށް އެހެން މާނައަކަށް ގެންގޮސްދޭނޭ ޤަރީނާއެއް ނެތިފައި، އެއާ ގުޅުވައިގެން ޢުމުރާގެ ވާހަކަ ގެންނަވާފައިވުމުން، ޢުމުރާވުމަށް އޮތް އެ އަމުރަކީ ވެސް ވާޖިބުކަމުގެ މާނައިގައި އޮތް އަމުރެއް ކަމުގައި ވާނެކަމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =