[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (29)

ޝައިޠާނާގެ މައްޗަށް ނަޞްރު ހޯދުމަށް ބޭނުންކުރެވޭނެ އެންމެ މަތިވެރި އެކައްޗަކީ އާޔަތުލް ކުރުސިއެވެ. ޞަޙީޙުލް ބުޚާރީގައި އަބޫހުރައިރާގެ އަރިހުން ރިވާވެގެންއައިސްފައިވާ ޙަދީޘެއްގައިވެއެވެ.

ރަމަޟާންމަހުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކާއެއްޗެހި ބެލެހެއްޓުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންކަލޭގެފާނާއި ހަވާލުކުރެއްވިއެވެ. އެއްރެއަކު އެތަނަށް އައިސް ކާއެއްޗެހި ނަގަން މީހަކު ހުއްޓާ ފެނިވަޑައިގެން އޭނާ ހިފެހެއްޓެވުމަށްފަހު، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “ﷲ ގަންދީ ބުނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ކަލޭ ގެންދާނަމެވެ.” އެހެންނަމަވެސް، ތިމަންނައަކީ ދަރިންތިބި، ވަރަށް ބޮޑަށް މިއަށް ބޭނުންޖެހިފައިވާ ނިކަމެއްޗަކީމޭ، ތިމަންނާ ދޫކޮށްލާށޭ، ބުނުމުން ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ.

އަނެއްދުވަހުގެ ހެނދުނު، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ އަބޫހުރައިރާއެވެ. ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟”

ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ބޮޑު ނިކަމެއްޗަކީމޭ، އަދި ތިމަންނަގެ ދަރިންވެސް ތިބެއޭ ބުނެ އާދޭސްކުރީމާ ތިމަންކަލޭގެފާނު އޭނައަށް ރަޙުމްކުރައްވާ، އޭނާ ދޫކޮށްލެއްވީއެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭނާ އެހެދީ ދޮގެކެވެ. އަދިވެސް އޭނާ އަންނާނެއެވެ.”

އެކަލޭގެފާނު އެހެން ޙަދީޘްކުރެއްވުމުން، އޭނަ އަންނާނެކަން ތިމަންކަލޭގެފާނު ޔަޤީންކުރައްވާ ފާރައަށް ހުންނެވީމެވެ. އޭނާ އައިސް ކާއެއްޗެހި ނަގަން ފެށުމުން، އޭނާ ހިފެހެއްޓެވުމަށްފަހު ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ކަލޭ ގެންދާނަމެވެ.” އެހިނދު އޭނާ ތިމަންނަގެ ދަރިން ތިބެއެވެ. ތިމަންނައަކީ ބޮޑު ނިކަމެއްޗަކީމެވެ. އަދި ދެން ނާންނާނެކަމަށް ބުންޏެވެ. ދެން، އޭނައަށް ރަޙުމްކުރައްވައި ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ.

އެދުވަހުގެ ހެނދުނުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ އަބޫހުރައިރާއެވެ. ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟”

ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ބޮޑު ނިކަމެއްޗަކީމޭ، އަދި ތިމަންނަގެ ދަރިންވެސް ތިބެއޭ ބުނެ އާދޭސްކުރީމާ ތިމަންކަލޭގެފާނު އޭނައަށް ރަޙުމްކުރައްވާ އޭނާ ދޫކޮށްލެއްވީއެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭނާ އެހެދީ ދޮގެކެވެ. އަދިވެސް އަންނާނެއެވެ.”

ދެން ތިންވަނަރޭވެސް ފާރައަށް ހުންނެވުމަށްފަހު، އޭނަ އައިސް ކާއެއްޗެހި ނަގަން ފެށުމުން، ތިމަންކަލޭގެފާނު ވަޑައިގެން އޭނާ ހިފެހެއްޓެވުމަށްފަހު ވިދާޅުވީމެވެ. “ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ކަލޭ ގެންދާނަމެވެ. މިއީ ކަލޭ ދެން ނާންނާނެކަމުގައި ބުނެ މިތަނަށް އައިސް ކާއެއްޗެހި ނެގި ތިންވަނަ ރެއެވެ.”

އެކަލޭގެ ބުންޏެވެ. “ތިމަންނާ ދޫކޮށްލާށެވެ. ﷲ ތަޢާލާ، ކަލޭގެފާނަށް މަންފާކޮށްދެއްވަވާނޭ ކަލިމަތަކެއް ދަސްކޮށްދޭ ހުށީމެވެ.” ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “އެއީ ކޮންކަލިމަތަކެއް ހެއްޔެވެ؟” އެކަލޭގެ ބުންޏެވެ. “ކަލޭގެފާނު އަވަހާރަފުޅުލެއްޕެވުމަށްޓަކައި ދާންކޮޅަށް އަރައިވަޑައިގަންނަވާހިނދު، އާޔަތުލް ކުރުސި، (اللَّهُ لَا إلَهَ إلَّا هُوَ الْحَيُّ الْقَيُّومُ) އާޔަތް ފެށިގެން ނިމެންދެން ކިޔުއްވާށެވެ. ފަހެ، ހެނދުނު ވެއްޖެއުމަށްދާންދެން، ﷲގެ ޙަޟްރަތުން ކަލޭގެފާނު ރައްކާތެރިކޮށްދެއްވާނޭ ބޭކަލަކު ހުންނަވާނެއެވެ. އަދި އެރޭ ކަލޭގެފާނާއި އެއްވެސް ޝައިޠާނަކު ކައިރިނުވާނެއެވެ.” ދެންފަހެ ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ.

އަނެއްދުވަހުގެ ހެނދުނު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ އަބޫހުރައިރާއެވެ. ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟”

ތިމަންކަލޭގެފަނު ވިދާޅުވީމެވެ. “އޭ ﷲގެ ރަސޫލާއެވެ. ﷲ ތަޢާލާ، ތިމަންކަލޭގެފާނަށް މަންފާކޮށްދެއްވަވާނޭ ކަލިމަތަކެއް ދަސްކޮށްދޭނަމޭ، އޭނާ ބުނުމުން ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.” އެއީ ކޮންކަލިމަތަކެއް ހެއްޔެވެ؟”

ތިމަންކަލޭގެފާނު ދެންނެވީމެވެ. “ނިދަން ދާނަށް އަރާއިރު އާޔަތުލް ކުރުސި (اللَّهُ لَا إلَهَ إلَّا هُوَ الْحَيُّ الْقَيُّومُ) ކިޔުމަށް އޭނާ ބުންޏެވެ. އަދި އެ (އާޔަތް ކިޔަވައިފި) ރެއަކު، ހެނދުންވެއްޖެއުމަށް ދާންދެން ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނު ރައްކާތެރިކޮށްދެއްވާނޭ ބޭކަލަކު ހުންނަވާނޭ ކަމަށާއި، އެރެއަކު ޝައިޠާނާ ތިމަންކަލޭގެފާނާއި ކައިރި ނުވާނޭ ކަމުގައި އޭނާ ބުންޏެވެ.” – އަދި އެބޭކަލުންނީ ހެޔޮޢަމަލުތަކަށް ނުހަނު ދަހިވެތި ބޭކަލުންތަކެކެވެ. –

އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭނާ އެބުނީ ތެދެކެވެ. އޭނައަކީ ދޮގުވެރިއެއްކަމަކު މިފަހަރު އޭނާ ކަލޭގެފާނަށް ތެދުހަދައިފިއެވެ. ކަލޭގެފާނު ތިންރޭ ތިޔަ ވާހަކަދެއްކެވީ ކާކާކަން އެނގިލައްވާ ހެއްޔެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “ނޫނެކެވެ.” ޙަދީޘްކުރެއްވިއެވެ. “އެއީ ޝައިޠާނާއެވެ.”

=ނުނިމޭ=

____________________________

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް