[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 66

69ވަނަ ޤަވާޢިދު (ޖުމްލަ 189): إِذَا وَرَدَ الأَمْرُ بِشَيْءٍ يَتَعَلَّقُ بِالـمَأْمُورِ وَكَانَ عِنْدَ الـمَـأْمُورِ وَازِعٌ يَـحْمِلُهُ عَلَى الإِتْيَانِ بِهِ فَلَا يُـحْمَلُ ذَلِكَ الأَمرُ عَلَى الوُجُوبِ

މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރުވެވޭ ފަރާތާ ގުޅޭ އެއްޗެއް ގެނެސްގަތުމަށް އަމުރު ވާރިދުވެއްޖެނަމަ، އަދި އަމުރުވެވޭ ފަރާތުގެ ކިބައިގައި އެ އެތި ގެނެސްގަތުމަށް ބާރުއަޅާ ކަމެއް ވާނަމަ، ވާޖިބުކަމުގެ މާނަ އެ އަމުރަކުން ނުނެގޭނެ}

މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދަކީ، އަމުރުގެ މުރާދު ވާޖިބުކަމުގެ މާނައިން އެހެން މާނައަކަށް އަނބުރައިލާ ޤަރީނާތަކުގެ ތެރެއިން ޤަރީނާއަކާ ގުޅޭ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، އަމުރުކުރައްވާ ފަރާތުން އަމުރުވެވޭ ފަރާތަށް އަމުރެއް ކުރައްވާފައި ވާއިރު، އެ އަމުރަކީ އަމުރުވެވޭ ފަރާތާ ގުޅުންހުރި ވަކި ކަމަކަށް ވެފައި، އެ އަމުރުވެވޭ ފަރާތަކީ އިންސާނަކަށް ވީތީ އޭނާގެ ޠަބީޢަތް ވެސް އެ ކަން ކުރުމަށް ބާރުއަޅާކަމުގައި ވާނަމަ، އެހެން ޢިބާރާތަކުންނަމަ އެ އަމުރު ކުރެވިފައި ނުވިޔަސް އޭނާއަކީ އިންސާނަކަށް ވީތީ އޭނާ އެ ކަން ކުރާނެ ކަމަށް ބޮޑަށް ބެލެވޭނަމަ، އެ އަމުރުން ވާޖިބުކަމުގެ މާނަ ދޭހަކޮށްދޭ ކަމަކަށް ނުބެލެވޭނެތެވެ. ސަބަބަކީ، ޝަރުޢީ ގޮތުން ބާރުއެޅޭ ބާރުއެޅުމަށްވުރެ، ޠަބީޢީ ގޮތުން ބާރުއެޅޭ ބާރުއެޅުން މާ ވަރުގަދަ ވާނެތީއެވެ. އެ ކަން އެނގެނީ، ފަހަރުގައި އިންސާނާ އޭނާގެ ހަވާނަފްސާއި ޝަހުވަތާ ހުރެ ޝަރުޢީ ޙުކުމްފުޅަކާ ޚިލާފުވެދާނެތީއެވެ. ހަވާނަފްސާއި ޝަހުވަތަށްވުރެ، ޠަބީޢީ އަދި އިންސާނީވަންތަކަމުގެ ގޮތުން ޙުކުމްފުޅަކާ ޚިލާފުވުމުގެ ފުރުސަތު މާ ބޮޑުތަން ވެސް ބޮޑު ވާނެއެވެ. އެހެންވެ، ޠަބީޢީ ގޮތުން ކަމެއް ކުރުމަށް ގޮވައިލެވޭނަމަ، އެ ކަން ކުރުމަށް ޝަރުޢުގައި ތަކުލީފު ޖެއްސެވުމަކަށް ބޭނުންޖެހިގެން ނުވާ ކަމަށް އުޞޫލީ ޢިލްމުވެރިންނާއި ފިޤުހު ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

ދެން ފަހެ، ޠަބީޢަތުގައި އެ ކަމެއް ކުރުމަށް އެޅިފައި ހުންނަ ބާރުއެޅުމަކީ، އަމުރު ވާޖިބުކަމުން މަންދޫބުކަމާއި މުބާޙުކަންފަދަ އެހެން ޙުކުމަކަށް އަނބުރައިލާނޭ ޤަރީނާއެކެވެ. އެހެނީ، ވާޖިބު ކުރެއްވުމުގެ މަޤްޞަދަކީ، އެ ކަމެއް ކުރުމަށް ބާރުއެޅުމާއި އެ ކަން ނުކޮށް ނުހުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އަމުރުވެވޭ ކަންތަކުގައި އެ ކަންތައް ގެނެސްގަތުމަށް އިސްވެ ދެންނެވުނުފަދަ ބާރުއެޅުމެއް އޮވެއްޖެނަމަ، އާންމު ގޮތެއްގައި އެއީ މައްސަލައެއް ނެތް ގޮތަކަށް އެ ކަން ގެނެސްގަތުމަށް ފުދޭނޭ ކަމެކެވެ.

އަދި ހަމައެހެންމެ، މި ތަނުގައި އިޝާރާތްކޮށްލުން މުހިއްމު އިތުރު ނުކުތާއެއް އެބަ އޮތެވެ. އެއީ، ގިނަ ޢިލްމުވެރިންގެ އަރިހުގައި އަމުރު އޭގެ އަޞްލު މާނައިން (އެބަހީ، ވާޖިބުކަމުން) އަނބުރައިލާ ޤަރީނާއަކީ، ނައްޞުން ނުވަތަ އިޖުމާޢުން ނުވަތަ ދަލާލަތުލްޙާލުން ނުވަތަ ދަލާލަތުއްސިޔާޤުން ދަލީލުކޮށްދޭ ޤަރީނާއަކަށް ވެސް ވެދާނެއެވެ. މިއާ ޚިލާފަށް، ޡާހިރީންގެ އަރިހުގައި، އެފަދަ ޤަރީނާއަކީ ހަމައެކަނި ނައްޞަކުން ނުވަތަ އިޖުމާޢަކުން ދަލީލުކޮށްދޭ ޤަރީނާއަކަށް ވާންޖެހޭނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُـم الْبَاءَةَ فَلْيَتَزَوَّجْ)) މާނައީ: [އޭ ޒުވާނުންގެ ޖަމާޢަތެވެ! ތިޔަބައިމީހުންކުރެ ކުޅަދާނަކަން ލިބިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ކައިވެނި ކުރާހުށިކަމެވެ!] ގިނަ ޢިލްމުވެރިންގެ ނަޒަރުގައި، މި ޙަދީޘްފުޅުގައި އެ ވާ އަމުރު، ވާޖިބުކަމުގެ މާނައިން މަންދޫބުކަމުގެ މާނައަށް ނުވަތަ މުބާޙުކަމުގެ މާނައަށް އެނބުރިގެން ދެއެވެ. ސަބަބަކީ، އަމުރުވެވިފައިވާ ކަމަކީ އަމުރުވެވޭ ފަރާތުން އެ ކަން ކުރުމަށް ނުވަތަ ގެނެސްގަތުމަށް ޠަބީޢީ ގޮތުން އަދި އިންސާނީވަންތަކަމުގެ ގޮތުން ބާރުއެޅިފައިވާ ކަމަކަށް ވާތީއެވެ. އެހެންކަމުން، މި ބާރުއެޅުމަށް ބިނާކޮށް، އެ އަމުރު ވާޖިބުކަމުގެ މާނައިން އެނބުރިގެން ދެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =