[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކައްވަޅުގެ ނިޢުމަތްތަކާއި ޢަޛާބު – 1

ކައްވަޅުގެ ނިޢުމަތްތަކާއި ޢަޛާބު ގެ މުރާދު: އެއީ ބަރުޒަޚުގެ ޙަޔާތުގައި ( އެބަހީ: މަރުވުމަށްފަހު އަލުން ދިރުއްވުމާއި ދެމެދުގައި) ލިބިގެންދާ ޢަޒާބާއި ނިޢުމަތްތަކެވެ.

ކައްވަޅުގެ ޢަޒާބު ނުވަތަ ނިޢުމަތްތަކަކީ ކައްވަޅުގައި ވަޅުލެވޭ މީހާއާއި ވަޅުނުލެވޭ މީހާއަށްވެސް ލިބިގެންދާނެ އެއްޗެކެވެ. އަލިފާނުން އަނދައިގެން ނުވަތަ މިނިކާ އެއްޗެއް ކާލުމުގެ ސަބަބުން މަރުވާ މީހާއަށްވެސް ބަރުޒަޚުގެ ނިޢުމަތްތައް ނުވަތަ ޢަޒާބުލިބެއެވެ. ކައްވަޅުގެ ޢަޒާބު ނުވަތަ ނިޢުމަތޭ ބުނެ މިތަނުގައި ޢަޒާބު ނުވަތަ ނިޢުމަތް ކައްވަޅަށް ނިސްބަތް ކުރެވިފައި އެވަނީ، ޣާލިބަށް ރިޢާޔަތް ކޮށްފައެވެ. އެބަހީ މަރުވާ ގިނަ މީހުންނަކީ ކައްވަޅުގައި ވަޅުވެލޭ ބަޔަކަށް ވާކަމަށްޓަކައެވެ.

ޢަޒާބު ކައްވަޅައް ނިސަބަތްވުމުގެ ސަބަބާއި ބެހޭގޮތުން އިބްނު ޙަޖަރު – ރަޙިމަހުﷲ – ވިދާޅުވެފައި ވެއެވެ. (( އަދި ( ބަރުޒަޚުގައި ދެވޭ ޢަޒާބު) ކައްވަޅަށް ނިސަބަތްކުރެވިފައި އެވަނީ، ގިނަ މީހުންނަށް ޢަޒާބު ދެވެނީ ކައްވަޅުގައި ވަނިކޮށް ކަމުގައި ވާތީއެވެ. އަދި މައްޔިތުންނަކީ ގިނަފަހަރު ވަޅުލެވޭ ބަޔަކަށް ވާތީއެވެ. އެހެނީ، ކާފަރުންނާއި އަދި ފާފަތަކަށް އަރައިގަންނަ މީހުންގެ ތެރެއިން މަރުވުމަށްފަހު ޢަޒާބުދެއްވުމަށް ﷲ ތަޢާލާ އިރާދަކުރެއްވި ބަޔަކަށް އެމީހުން ވަޅު ނުލެވުނު ކަމުގައި ވިޔަސް ޢަޒާބު ދެއްވާނެއެވެ. އެހެންނަމަވެސް ކައްވަޅުގެ ޢަޒާބުގެ ކަންތައްތަކަކީ ﷲ ތަޢާލާ އިރާދަކުރެއްވި މަޚްލޫޤަކަށް މެނުވީ އެހެން މަޚްލޫޤުންނަށް ޙިޖާބުވެ ވަންހަނާވެގެންވާ ކަންތައްތަކެކެވެ. ))

މި ދެންނެވި މާނައަށް ހެކި ލިބިދޭ ކަންތައްތަކުގެ ތެރޭގައި: ހަމަކަށްވަރުން އިންސާނާގެ ހަށިގަނޑު އަނދާ އަޅިޔަށްވުމަށްފަހުގައިވެސް އޭނާއަށް ޢަޒާބު ނުވަތަ ނިޢުމަތް ލިބިގެންދާކަން، އަބުހުރައިރާ ރަޞިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވާ މި ޙަދީސުން ދަލީލު ލިބެއެވެ. ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވިއެވެ. (( ނަފްގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ މީހަކު، އެމީހާގެ ގާތަށް މަރު އައި ހިނދު، އޭނާގެ ދަރިންގެ ގާތުގައި ބުންޏެވެ. އަހަރެން މަރުވުމުން އަހަރެން އަނދާލާށެވެ. އަދި އަޅިތައް ފުނޑުކޮށްލާ ވެއްޔައް ހަދާލުމަށްފަހު ވައިގެ ތެރެއަށް އުކާލާށެވެ. ދެން ފަހެ ﷲ ތަޢާލާ އަހަރެންގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާނަމަ، އެއްވެސް މީހަކަށް ދެއްވާފައި ނުވާފަދަ ޢަޒާބެއް އަހަންނަށް ދެއްވާނެތެވެ.

ދެން އެމީހާ މަރުވުމުން އޭނާގެ ދަރިން އޭނާގެ ވަޞިއްޔަތާއި އެއްގޮތައް ކަންތައް ކޮށްފިއެވެ. އަދި ﷲ ތަޢާލާ ބިމަށް އަމުރުކުރެއްވިއެވެ. ތިބާގެ ތެރޭގައިވާ އޭނާގެ ބައިތައް އެއްކުރާށެވެ. ދެންފަހެ ބިން އެގޮތައް ކަންތައް ކޮށްފިއެވެ. ދެން އެހާރުން އެމީހާ އަކީ ކޮޅަށް ހުރި ފުރިހަމަ މީހެކެވެ. އަދި އެމީހާއާ ސުވާލު ކުރެވުނެވެ.  ތިބާ ތިޔަކުރި ފަދައިން ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟

އެމީހާ ބުންޏެވެ: އިބައިލާހަށް ބިރުންނެވެ. ދެންފަހެ ﷲ ތަޢާލާ އެމީހާގެ ފާފަ ފުއްސަވައިފިއެވެ. ))

ފަހެ، ކައްވަޅުގެ ޢަޒާބާއި ކައްވަޅުގެ ނިޢުމަތްތަކަކީ ޙައްޤު އެއްޗެއްކަމާއި، އެކަންކަމަށް އިމާންވުމަކީ ވާޖިބުވެގެންވާ ކަމެއްކަމަށް، ޤުރުއާނާއި  ސުންނަތާއި އިޖްމާއުން ދަލީލުކޮށްދެއެވެ.

މިފަދަ ނައްޞު ތަކުގެ ގިނަކަމާއި ތަވާތުރުކަމުގެ ވާހަކަތައް އުއްމަތުގެ އިމާމުން ލިޔުއްވާފައިވެއެވެ.

އިބްނު ޢަބްދުލް ބައްރު – ރަޙިމަހުﷲ – ވިދާޅުވިއެވެ. (( ކައްވަޅުގެ ޢަޒާބާއި ބެހޭގޮތުން އައިސްފައިވާ ހުރިހާ އަޘަރުތައް އެއްވެސް ފޮތެއްގައި ޝާމިލުކޮށް އައިސްފައެއް ނުވެއެވެ. ))

އަދި އިބްނު ތައިމިއްޔާ – ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. (( ފަހެ، ކައްވަޅުގެ ޢަޒާބާއި ގުޅޭ ޙަދީސްތަކާއި މުންކަރު އަދި ނަކީރު އާއި ގުޅޭ ވާހަކަތަކަކީ ވަރަށް ގިނަ، އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން މުތަވާތިރުކޮށް އައިސްފައިވާ ޙަދީސްތަކެކެވެ. ))

އެންމެފުރަތަމަ: ޤުރުއާންގައި އައިސްފައިވާ ދަލީލުތައް:

ﷲ ތަޢާލާގެ ވަޙީބަސްފުޅު :(( وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ  – النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ)) سورة غافر ٤٥ – ٥٦

މާނަ: ” އަދި އެންމެ ނުބައި ޢަޒާބު، ފިރުޢައުނުގެ މީހުން ވަށައިލިއެވެ. އަދި އެއުރެން ހެނދުނާއި ހަވީރު ކައްވަޅުގައި އަލިފާނުގެ ޢަޒާބައް ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތް ޤާއިމުވާ ދުވަހުގައި މަލާއިކަތުންނަށް އަންގަވާނެތެވެ. ފިރުޢައުނުގެ މީހުން އެންމެ ގަދަފަދަވެގެންވާ ޢަޒާބުގެ ތެރެއަށް ނަރަކައަށް ވައްދަވާށެވެ! “

މި އާޔަތުގައި ﷲ ތަޢާލާ ޚަބަރު ދެއްވާފައި އެވަނީ، ފިރުޢައުނުގެ އާލުން ޤިޔާމަތް ޤާއިމުވުމުގެ ކުރިން ހެނުދުނާއި ހަވީރު އަލިފާނަށް ހުށަހެޅުއްވޭނެ ކަމަށެވެ. މިއިން އެނގެނީ އެމީހުން އަލިފާނަށް ހުށަހެޅުންވަނީ ބަރުޒަޚުގައި ވަނިކޮށް ކަމެވެ. އަދި އެއަށފަހު ޤިޔާމަތް ވުމުން އެމީހުންނަށް ގަދަފަދަ ޢަޒާބު އެމީހުންނަށް ލިބޮގެން ދާނެކަމެވެ.

ދެން މިތަނުގައި ޢަޒާބު ޞިފަކުރެއްވުމުގައި، ފުރަތަމަ ދެއްވާނެކަމަށް އައިސްފައިވާ ޢަޒާބަށް ވުރެ ޤިޔާމަތް ޤާއިމުުމުން ދެއްވާ ޢަޒާބު ވަރުގަދަކަން ބަޔާންކޮށް ދެއްވުމަށް ބޭނުންކޮށްފައިވާ އަޅާކިޔުމުގެ ލަފްޡު أَشَدَّ  ބޭނުން ކޮށްފައިވުމުން، ކައްވަޅުގައި ޢަޒާބު ދެއްވުމަށްފަހު، ދެން ( ޤިޔާމަތްދުވަހުން) ދެއްވާ ޢަޒާބަކީ ތަފާތު ޢަޒާބެއްކަން ދޭހަވެއެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި غُدُوًّا وَعَشِيًّا ބޭނުންކުރައްވާފައި ވަނީ ކޮންމެ ހެނދުނަކާއި ހަވީރެއްގައި ޤިޔާމަތް ޤާއިމުވަންދެން ޢަޒާބަށް ހުށަހެޅުއްވޭނެކަން ހާމަކޮށްދެއްވުމަށެވެ.

މި އާޔަތުގެ ތަފްސީރުގައި ޢަލްހުޛައިލު ބުން ޝަރަޙްބީލު ގެ ކިބައިން އިއިސްފައި ވެއެވެ. އެކެލޭގެފާނު ވިދާޅުވިއެވެ. (( ފިރުޢައުނުގެ އާލުންގެ ފުރާނަތައް (ބަރުޒަޚުގައި) ވާނީ ކަޅުކުލައިގެ ދޫނިތަކެއްގެ ބަނޑުތެރޭގައެވެ. އެ ދޫނިތައް ( ހެނދުނާއި ހަވީރު) ނަރަކައަށް ގޮސް އައިސް ހަދައެވެ. ( ފިރުޢައުނުގެ އާލުން) ބަރުޒަކުގައި ނަރަކައިގެ އަލިފާނަށް ހުށަހެޅުމަކީ އެއީއެވެ. ))

އަދި އައްސަދިއްޔު ވިދާޅުވިއެވެ. (( ތިމަންނައާ ހަމައަށް ފޯރާފައިވާގޮތުގައި، ފިރުޢައުނުގެ ޤައުމުގެ މީހުންގެ ފުރާނަތައް ވާނީ ކަޅުކުލައިގެ ދޫނިތަކެއްގެ ބަނޑުތެރޭގައެވެ. އަދި ހެނދުނާއި ހަވީރު ނަރަކައިގެ އަލިފާނަށް ހުށަހެޅެއެވެ. ޤިޔާމަތް ޤާއިމުވެއްޖައުމަށް ދާންދެން އެގޮތުގައި ވާނެއެވެ. ))

އަދި އިބްނު ޤުތައިބާ ވިދާޅުވިއެވެ. (( އަދި އެމީހުން މަރުވުމަށްފަހު ކޮންމެ ހެނދުނަކާއި ހަވީރެއްގައި ޤިޔާމަތް ޤާއިމުވުމުގެ ކުރިން ނަރަކައަށް ހުށަހެޅޭނެއެވެ. އަދި ޤިޔާމަތް ޤާއިމުވުމުން އެންމެ ގަދަފަދަވެގެންވާ ޢަޒާބަށް ނަރަކައަށް ވެއްދޭނެއެވެ. ))

މިތަނުގައި ނަރަކަށް ހުށަހެޅުއްވުމުގެ މުރާދަކީ : އެމީހުންގެ ފުރާނަތައް ނަރަކައަށް ހުށަހެޅުއްވުމެވެ. އެހާރުން އެމީހުންނަށް ނަރަކައިން އެމީހުންގެ މަންޒިލުތައް ފެންނާނެއެވެ. އެކަން ވެގެންދާނީ އެމީހުންނަށް ޢަޒާބެއްކަމުގައެވެ.

އަދި އަބޫ ޢަބްދުﷲ އަލްޤުރުޠުބީ ވިދާޅުވިއެވެ. (( މުޖާހިދު، ޢިކްރިމާ، މުޤާތިލު އަދި މުޙައްމަދު ބިން ކަޢުބާއި މި އެންމެ ބޭކަލުން ވިދާޅުވިއެވެ. މި އާޔަތުގެ ކުރީބައިން ދަލީލުކޮށްދެނީ ކައްވަޅުގެ ޢަޒާބު ދެއްވާނެކަމުގެ މައްޗަށެވެ. ފަހެ އާޔަތުގެ ފަހުބައިގައި އާޚިރަތުގެ ޢަޒާބާއި ބެހޭގޮތުން ވަޙީކުރައްވާފައިވާ ބަސްފުޅު ތިބާއަށް ނުފެނޭ ހެއްޔެވެ! ((  وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ))   غافر: ٥٦  މާނަ: ” އަދި ޤިޔާމަތް ޤާއިމުވާ ދުވަހުގައި މަލާއިކަތުންނަށް އަންގަވާނެތެވެ. ފިރުޢައުނުގެ މީހުން އެންމެ ގަދަފަދަވެގެންވާ ޢަޒާބުގެ ތެރެއަށް ނަރަކައަށް ވައްދަވާށެވެ!   ))

އަދި އިބްނު ކަޘީރު ވިދާޅުވެފައި ވެއެވެ. (( މި އާޔަތަކީ ބަރުޒަޚުގެ ޢަޒާބު ކައްވަޅުގައި ދެއްވާނެކަމަށް އަހުލުއްސުންނާގެ އަހުލުވެރިން ދަލީލު ނަންގަވާ އެންމެ ވަރުގަދަ މައިގަނޑު އާޔަތެވެ. ))


– ނުނިމޭ –

مصدر ” الإيمان بما بعد الموت ”  لفضيلة الشيخ أحمد محمد بن الصادق النجار