އިސްލާމީ ދަޢުވަތުގެ މަސައްކަތްކުރައްވާ ފަރާތްތަކަށް:
ތިމަސައްކަތުގައި ކުރިއަރާދާށެވެ. ކާމިޔާބުގެ އަހުލުވެރީންނަކީ ތިއީއެވެ.
މި މަޢުޟޫގެ ދަށުން މިގެނެސްދެނީ ﷲ އަށް ހިތްނިޔަތް ޚާލިޞްކޮށް، ރަސޫލާ صلى الله عليه وسلم ދެއްކެވި މަގުން، އިސްލާމީ ދަޢުވަތުގެ މަސައްކަތުގައި އެކިގޮތްގޮތުން ޝާމިލުވެ، އުޅުއްވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ މެސެޖެކެވެ. ހިތްވަރުދިނުމުގެ ބަސްކޮޅެކެވެ. ކުރިއަށްދިޔުމުގެ ރޫޙުއާލާކޮށް، އިތުރު ޖޯޝުގެނުވައިދޭފަދަ ޢިބާރާތްކޮޅެކެވެ.
އިސްލާމީ ދަޢުވަތުގެ މަސައްކަތްކޮށް، މިދީނުގެ ތަޢުލީމު ފެތުރުމަށް މަސައްކަތްކުރުމުގެ އަޖުރު މަތިވެރިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންވެފައިވެއެވެ. މޫރިތި ސުންނަތުގައި މިރޮނގުން އެތައް ހަދީޘެއް އައިސްފައިވެއެވެ.
ކަންމިހެންއޮތްއިރު، އެ ފެތުރޭ މަޢުލޫމާތަކީ ރަނގަޅު ޞައްޙަ މަޢުލޫމާތުތޯ ބެލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިތުބާރު ހިފޭ ރަނގަޅު ޢިލްމުވެރިންނާއި އެފަދަ ބޭފުޅުންގެ ވެބްސައިޓާއި ބްލޮގް އަދި ޢިލްމީ ދަރުސްތަކާއި ވަޢުޡު ނަސޭހަތް މީސްތަކުންނާއި ހަމައަށް ފޯރު ކޮށްދިނުމާއި ފެތުރުމަށް މަސައްކަތް ކުރުމަކީ ހެޔޮވެގެންވާ ޞަދަގާތެކެވެ. ދަރުމަ ގިނަގުނަވެގެންވާނެ ކަމެކެވެ.
ހެޔޮ ކަންކަމަށް ޢަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާމީހުންނަކީ ކާމިޔާބުގެ އަހުލުވެރިންކަމުގައި ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٠٤﴾
މާނައީ: “ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.”
[3:104]
ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ.
((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [صحيح مسلم, 133 – 1893]
މާނައީ: ”ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭފަދަ އަޖުރު ހުއްޓެވެ.”
މިސާލަކަށް ތިމާ ފޭސްބުކުގައި ޝެއަރކޮށްފައިވާ ޕޯސްޓެއްފެނި މީހަކު ދަމުނަމާދުކުރަންފަށައިފިނަމަ، ތިމާއަށް ދަމުނަމާދުކުރުމުގެ އަޖުރު ލިބެމުންދާނެއެވެ. ތިމާ މަރުވުމުން މި އަޖުރުތައް ލިބުން ތިބާއަށް ނުހުއްޓޭނެއެވެ. އަދި ކިއެއްތަ، ފައިދާހުރި ޢިލްމު ތިބާ ފަތުރާފައިވާނަމަ، އެކަމުގެ އަޖުރު ތިމާ މަރުވުމަށްފަހުވެސް ލިބެމުންދާނެއެވެ. އެކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ހަދީސްކުރައްވާފައިވެއެވެ.
((إِذَا مَاتَ الإنْسَانُ انْقَطَعَ عنه عَمَلُهُ إِلا مِنْ ثَلاثةٍ إلا من صَدَقَة جَارِيَة أوَعِلْم يُنْتَفَعُ بِهِ أوَوَلَد صَالِح يَدْعُو لَهُ)) [رواه مسلم/1631]
މާނައީ: ”އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް މެދުކެނޑިގެންދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތެއް (ފައިދާ ދެމިގެންވާ ޞަދަޤާތެއް) ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށްޓަކައި ހެޔޮދުޢާ ކުރާ ޞާލިޙް ދަރިއެއްގެ ފުށުން މެނުވީއެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ.
((لأَنْ يَهْدِيَ اللَّهُ بِكَ رَجُلًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ)) [رواه البخاري 3009]
މާނައީ: ”ހަމަކަށަވަރުން، ތިބާގެ ސަބަބުން އެންމެ މީހަކަށް ﷲ ތަޢާލާ ތެދުމަގު ދެއްކެވުންވެސް، ރަތް ޖަމަލުތަކެއް ލިބުމަށްވުރެވެސް ހެޔޮކަން ބޮޑެވެ.”
*ރަތް ޖަމަލަކީ އެޒަމާނުގެ އެންމެ އަގުހުރި މުދާތަކުގެ ތެރެއިން އެއްމުދަލެވެ.
ހެޔޮ ކަމަކަށް މަގުދެއްކުމުން ޘަވާބު ގިނަގުނަ ވާފަދައިން ނުބައި ކަމަކަށް މަގުދައްކައި އެހީވުމުން ފާފަވެސް އިތުރުވެއެވެ.
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ.
((وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ )). [صحيح مسلم، ج 5، ص 198].
މާނައީ: “އިސްލާމްދީނަށް ނިސްބަތްކޮށް ނުބައި ކަމެއް ފަށައިފި މީހަކަށް އެކަން ކުރުމުގެ ފާފައާއި އޭނާއަށް ފަހު އެކަން ކުރާ މީހުންގެ ފާފަ އެމީހުންނަށް އުނިވުމެއް ނެތި އޭނާއަށް ލިބޭނެއެވެ.”
______________________________________